Support Us

ޔާސިރު ރާއްޖެ އެތެރެވެފައި ވަނީ 2014 ވަނަ އަހަރު ކަމަށް އިިމިގްރޭޝަނުންް ބުނޭ -ފޮޓޯ: ސޯޝަލް މީޑިއާ

ޔާސިރަކީ އަލްގައިދާގެ އިސް ފަރާތެއް، ބަންދުގައި ހުންނަން ޖެހުނީ އެއްބާރުލުން ނުދިނުމުން: ނޫސް ބަޔާން

ބަަންދުގައި ހުއްޓައި އިއްޔެ މަރުވި ޔަމަން މީހާ އަކީ އަލްގައިދާގެ އިސް މީހެއް ކަމަށާއި އިމިގްރޭޝަންގެ ބަަންދުގައި ހުރީ އޭނާ ރާއްޖެއިން ފުރައިގެން ދިއުމަށް އިންކާރުކޮށް، އެއްބާރުލުން ނުދިނުމުން ކަމަށް ބުނެ، އޭނާ މަރުވި ފަހުން ވަރަށް ތަފްސީލީ ބަޔާނެއް ސަރުކާރުގެ ތިން މުވައްސަސާއެއް ގުޅިގެން ރޭ ދަންވަރު ނެރެފި އެވެ.

ބަންދުގައި ހުއްޓައި ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަަރުވި އުމުރުން 44 އަހަރުގެ ޔާސިރު ޔަހުޔާ ސާލިހު މުޢީތާ ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް އިން ރޭ ދަންވަރުގެ ވަގުތެއްގައި ނެރުނު ގުޅިފައިވާ ނޫސްބަޔާނުގައި ބުނީ، ޔާސިރަކީ އަލްގައިދާގެ ޓެރަރިސްޓް ޖަމާއަތުގެ އިސް ފަރާތެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޖަމާއަތުން ހިންގާ އެކިއެކި ޓެރަރިސްޓް ހަރާކާތްތައް ރާވާ ވިލަރެސްކުރުމުގެ އިތުރުން ފުލުހުން ތަހުގީގުކޮށްފައިވާ ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ ދިވެހިންނާ އޭނާއާ ގުޅުން ބަދަހިކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ ޓެރަރިޒަމްގެ މައްސަލަތަކުގައި ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ތަފާތު ފަހަރުމަތިން ބަންދުކޮށްފައިވާ މީހެއް ކަމަށާއި އެކި ގައުމުތަކުގެ ސައްހަ ނޫން ޑޮކިއުމަންޓްގައި އޭނާާ އެއް ގައުުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ ކަމަށް ވެސް ގުޅިފައިވާ ނޫސްބަޔާނުގައިވެ އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުގެ ދަށުން އޭނާއަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ، އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރާ، އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްްޓް ތަމްރީންތައް ފުރިހަމަކޮށްފައިވާ މީހެއް،" ގުޅިފައިވާ ނޫސްބަޔާނުގައިވެ އެވެ.

އިމިގްރޭޝަން ގާނޫނާ ހިލާފްވާ ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގައި ޔާސިރު ބަހައްޓާފައި ހުރީ އޭނާ ރާއްޖެއިން ފުރުވާލެވެންދެން ކަމަށާއި އެގޮތުން ޔާސިރު ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ޔަމަން ސަރުކާރުން ހޯދުމަށް އެކި ފަހަރުމަތިން މަސައްކަތް ކޮށްފައިވީ ނަމަވެސް އެއިން ކޮންމެ ފަހަަރަކު ވެސް އެ ޑޮކިއުމަންޓް ހެދުމަށް ޔާސިރުގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާ ކަމަށް ވެސް ގުޅިފައިވާ ނޫސްބަޔާނުގައިވެ އެވެ.

"ޔާސިރުގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ، "އިންވޮލަންޓަރަލީ" ޔާސިރު ރާއްޖެެއިން ފުރުވާލުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާާޒް މެދުވެރިކޮށް ޔަމަން ސަރުކާރުގައި އެދިފައިވާނެ. ޔާސިރު ރާއްޖެއިން ފޮނުވާލުމަށް އެކިފަހަރު މަތިން މަސައްކަތް ކުރެވުނު ނަމަވެސް އޭނާ ރާއްޖެއިން ފުރުވާލެެވިފައި ނުވަނީ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހެދުމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން،" ގުޅިފައިވާ ނޫސްބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުން ބުނީީ ޔާސިރުގެ ވިސާ ބާތިލްކުރީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން، އޭނާ ރާއްޖޭގައި ހުރެއްޖެ ނަމަ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެތީ ކަމަށެވެ.

ދިވެއްސަކާ އިނދިިގެން ދަރިއަކު ވެސް ހުންނަ ޔާސިރު ރާއްޖެ އެތެރެވެފައި ވަނީ 2014 ވަނަ އަހަރު ކަމަށް އިިމިގްރޭޝަނުންް ބުނެ އެވެ. އަދި އޭނާގެ މައްޗަށް ޓެރަރިޒަމަށް ޝައްކުރެވޭތީ އެ މުއްދަތުގެ ތެރޭގައި ފުލުހުން އޭނާގެ ހަރަކާތްތައް ބަލަމުން ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ޑިޓެންޝަންގައި ބަހައްޓާފައި ވަނިކޮށް މީގެ ކުރިން ވެސް ބަޑުހައިހޫނުކަމުގެ ހަޅުތާލުކޮށްގެން އެޑްމިޓްކޮށް ޔާސިރަށް ފަރުވާދީފައިވާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އަދި އޭނާއާ ބެހޭ ތަފްސީލީ މައުލޫމާތު އެކިފަހަރު މަތިން ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޔާސިރު ބަންދުކޮށްފައި ހުރި މުއްދަތުގެ ތެރޭގައި ވެސް އޭނާއާ މެދު އަމަލްކޮށްފައި ވަނީ ސަލާމަތީ ގޮތުން ކަށަވަރުކުރަންެެޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، އޭނާގެ އިންސާނީ ހައްގުތަަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް ކަމަށް ވެސް ގުޅިފައިވާ ނޫސްބަޔާނުގައިވެ އެވެ.

އެގޮތުން އޭނާގެ ދިވެހި އާއިލާއާ ބައްދަލުކުރުމުގަ އާއި ކެއިންބުއިމާއި އޭނާ ހުރުުމުގެ ކަންކަން ހަމަޖެއްސުމުގައި ވެސް ހާއްސަ އުސޫލެއްގެ ދަށުން ލުއި ގޮތްތަކެއް ހަަޖައްސާދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ މުއްދަތުގައި އޭނާއާ ގުޅޭ މައުލޫމާތު ޔަމަންގެ ސަރުކާރަަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހިއްސާކޮށްފައިވާ ކަމަށްވެސް ގުޅިފައިވާ ނޫސްބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުން ވަނީ ޔާސިރުގެ ވިސާ ބާތިލް ކުރުމުގެ އެއް މަސް ދުވަސް ކުރިން އޭނާ އިމިގްރޭޝަނަށް ހާޒިރުކޮށް، ރާއްޖެއިން ފުރައިގެން ދިއުމަށް އަންގައިފަ އެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާތީ އޭގެ ފަހުން ވެސް ތިން ފަހަރެއްގެ މަތިން އޭނާ ރާއްޖެއިން ފުރައިގެން ދިއުމަށް އެނގުމަށްފަހު 02 މާޗް 2017 ގައި ކަމަށް ކަމަށް އިިގްރޭޝަނުން މައުލޫމާތު ދީފައިވެ އެވެ.

އިއްޔެ މަރުވި ޔާސިރުގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ ގަލޮޅު މޯޗަރީ އަށް ލައިފަ އެވެ. ޔާސިރުގެ ހަށިގަނޑު މޯޗަރީއަށް ލީ، އޭނާގެ އާއިލާ ކައިރިއަށް ޔަމަނަށް ގެންދަން ކަމެއް ނުވަތަ، ޔަމަންގެ ކަމާ ބެހޭ ފަރާތްތަކުން ވަކި އެއްޗެއް އަންގަންދެން ކަމެއް އަދި ސާފެއްނުވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *