ބާޠިލުގެ ހަޑި އުސޫލުތަކޭ ރަންވަމުން ދަނީ
ބާގައިގެ ގޮތްތަކޭ ނުބަޔަސް ހެޔޮވަމުން ދަނީ
ހައްގާއި ތެދުބަހަށް ލިބި ހުތުރާ މަލާމަތާ
ހައްދެއް ނުވާ އެ ރައްދޭ ބޯޑަށް އެ ނެރެލަނީ
ނަގުދާއި ބާރު އާރާ ބާޒާރު އުފުލިލައި
ނަފުސޭ ޟަޢީފު އަގުގައި ނީލަން ކިޔާލަނީ
ތައުޙީދު ދިއްލި ހުޅުކޮޅު ނިއްވާނަމޭ ހިތާ
ތައުހީނުގައި ފުމޭ އަނގައޭ ގިނަވަމުން ދަނީ
ނުފުށުންވެ ހެޔޮ ހަލާލާ ރަނގަޅާއި ރީތިގޮތް
ކުފުރުގެ އަރާށަ ބުރިކަށި މަގު ހުޅުވެމުންދަނީ
ފަތުރަތު އެ ޢީސަ އާއި މުޙަންމަދު ދެމެދުގެ އައި
ކަތުނޭ ހަނދާންވެ ދެލޮލުން ކަރުނޭ މި ނީރަނީ
ހައިރާންވެ ހިތް ހިތާ މިކުރާ ބޮޑު ސުވާލަކީ
މައިވަންތަލޯބި ކީއްވެތަ ނޯށުން މި ރޮއްވަނީ