Support Us

"ދިރިހުރި އެންމެފަހުގެ ޞަޙާބީ"

އުރުދުންގެ ސަހަރާގައި ހުންނަ މި ގަހުގެ ދަށުގައި ކީރިތި ރަސޫލާ ﷺ މީގެ 1400 އަހަރު ކުރިން އިށީނދެވަޑައިގެންނެވިއެވެ. ގަހުގެ ވަށައިގެންވާ ސަހަރާގެ ތެރެއަށް ބަލާލުމުން، އެއީ އެ ސަހަރާގެ މެދުގައި ހުރި ހަމައެކަނި ގަސްކަން ފާހަގަ ކުރެވޭނެއެވެ. އެ ގަސް، މިއަދާ ހިސާބަށް ދިރިހުރި ގޮތާ މެދު ސައިންސްވެރިންވެސް ވަނީ އަޖާއިބުވެފައެވެ. އެހެނީ އެތައް ކިލޯމީޓަރެއްގެ ދުރަށް ބަލާލުމުންވެސް އެނޫނީ ދިރުމެއް އަދި ފެހިކަމެއް، އެ ސަހަރާއަކުން ނުފެނެއެވެ.

ކީރިތި ރަސޫލާ ﷺ، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބާއެކު ސީރިޔާއަށް ދަތުރުކުރައްވަމުން އެ ގަސްދޮށުގައި މަޑުކުރެއްވިއެވެ. އޭރު އެކަލޭގެފާނު ޢުމުރުފުޅުން އެންމެ ނުވަ އަހަރުފުޅެވެ. އެދުވަސްވަރު އެ ހިސާބުގައި ހުރި ނަސާރާ ފައްޅިއެއްގައި އުޅުނު ބަހީރާއޭ ކިޔުނު ފާދިރީއަކަށް، އެންމެފަހުގެ ރަސޫލާ "އަލްބުޤަވިއްޔާ" އޭ ކިޔުނު، މި ގަސްދޮށަށް ފައިބާވަޑައިގެން މަޑުކުރައްވާނެ ކަމުގެ ޚަބަރު އޮތީ، އިހުގެ ފަށްފުށްތަކުން ލިބިފައެވެ. އެހެންކަމުން، ބަހީރާ، އެ ގަސްދޮށަށް ފައިބާ ހިޔާވަހިކަން ހޯދާ މީހުންނަށް އިންތިޒާރުކޮށް، އެއިން އެއްވެސް މީހެއްގެ ކިބައިން ނަބީކަމުގެ ޢަލާމާތެއް ފެނޭތޯ ބަލާހަދައެވެ. ނަމަވެސް އެއްވެސް މީހެއްގެ ކިބައިން އެފަދަ އެއްވެސް ނިޝާނެއް އެހާތަނަށް އޭނާއަށް ފެނިފައެއް ނުވެއެވެ.

އެދުވަހު، ގާފިލާއެއް އައިސް، އެ ގަހުން ހިޔާވަހިކަން ހޯދުމަށް އެ ގަސްދަށުގައި މަޑުކުރިއެވެ. ސަހަރާގެ ގަދަ ހޫނުން، ކީރިތި ރަސޫލާ ﷺ އަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ގަހުގެ ގޮފިތައް އެކަލޭގެފާނު އިންނެވި ދިމާލަށް ވަޔާއެކު ގެންދާތަން ފެނުމުން، އެއީ އެންމެފަހުގެ ރަސޫލާކަން، ބަހީރާއަށް ދެނެގަނެވުނެވެ. އަދި ހަމައެއާއެކު ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ހިޔާއެޅުއްވުމަށްޓަކައި މަތީގައި ވިލާގަނޑެއް އުފެދިފައިވާކަންވެސް ބަހީރާއަށް ފެނުނެވެ.

މިކަންކަން ފާހަގަ ކުރެވުމުން ބަހީރާ، އަބޫ ޠާލިބުގެފާނުގެ އަރިހަށް ގޮސް، އެކަލޭގެފާނުގެ ކޮއްކޯފުޅަކީ އެންމެފަހުގެ ނަބިއްޔާކަމާއި، އަދި އެކަލޭގެފާނަކީ މީސްތަކުންނަށާއި އަދި މުޅި އިންސާނިއްޔަތަށް ރަހުމަތާއި ތެދުމަގު ދައްކަވާނޭ ބޭކަލަކަށް ވާތީ، އެކަލޭގެފާނުގެ ޢަދާވާތްތެރިންގެ ކިބައިން، އެކަލޭގެފާނު ސަލާމަތްކުރައްވާ، ރަނގަޅަށް ބެލެހެއްޓުމަށްވެސް ވަސިއްޔަތް ކުރިއެވެ!

މި ގަހަކީ، الله ގެ ރަސޫލާ ﷺ އަށް ހިޔާވަހިކަން ދެއްވި ގަހަކަށް ވުމުން، މީސްތަކުން މި ގަހަށް ކިޔަނީ، މިއީ "ދިރިހުރި އެންމެފަހުގެ ޞަޙާބީ" ކަމުގައެވެ. ތެދެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި، އެކަލޭގެފާނާ ބައްދަލުވެ، ދިރިދުނިޔޭގައި ހުރި ހަމައެކަނި ދިރޭ އެއްޗަކީ މި ގަހެވެ. ސުބްޙާނަ الله!

* މައުލޫމާތު: މީސްމީޑިއާއިން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
23
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *