ނަފުރަތުގެ ދުނިޔެ ހާވާ، ކަށްބިން ފުރޭނި އިރުވެސް
ޞަފުޙާތަކުން އެ މާޒީ، ނުފެނުނެ ރަޙުމްގެ ކުލަވެސް
އެކިބާވަތުން ޖަރީކޮށް، އޮޅުވާލުމުން ކަޅާ ހުދު
ވަކިވާކަށެއް ނެތޭ އަދު، މޫނެއް، އަތެއް، ލޮލެއްވެސް
ތަޤުދީރު ނޫންހެ ކަމަކީ، ބުނެދީބަލާ މޮޅެއް އޮތް
ތަޞްވީރަކުން ލިބޭނޭ، ހިނިތުންވެފައިވި ނަމަވެސް
ނަފުސެއްގެ މާނަ ބުނެދޭ، ތިން އަކުރަކުން އެ އުފެދޭ
ލަފުޒެއް އެއީ ރަޙުމް ވެސް، ލަފުޒެއް މިއީ ޒަޚަމް ވެސް
ޙާލަތުގެ ދޫ ހިމޭންވީ މާޒީގެ ވިންދަކުން ނަމަ
ދަޢުލަތުގެ ބޭނުމެއް ނެތް ، ނުލިބޭނެ ނީލަމުންވެސް
ކެތްމަދު އަޅުންގެ ސަފުގައި ތިބި މޫނުތައް ބަލާއިރު
ނެތް އަދު ވަފާތެރިން ވެސް ، މޮޅު ބޭފާތެރިން ވެސް
އިންސާނުނަށްވުރެން އޮޅު، ޙައިވާނުވެސް ދެބައި މޮޅު
އިންސާފު ނޭނގުނަސް ހެޔޮ، ދިރި އެބަ އުޅޭ މިތާވެސް