ނޭޝަނަލް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑަށް ނުފެތޭ 22 ތަނެއް މިއަދު ބަންދުކޮށްފި އެވެ.
ކޮވިޑް19 ބާރު ސްޕީޑުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް، އާާމުންނަަށް ހިދުމަތްދޭ ތަންތަން އިނިސްޕެކްޓް ކުރުމަށް އެޗްޕީއޭ އިން ފަށައިފައިވާ މަސައްކަތުގެ ދަަށުން މިއަދު 135 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި އެ އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތިގެން މިއަދު ބަންދުކުރި 22 ތަނުގެ ތެރޭގައި ނުވަ ރެސްޓޯރެންޓަކާއި ހަތަރު ކެފޭއަކާއި ހަތަރު ފިހާރައަކާއި ހަތަރު ބޯކޮށާ ތަނަކާއި ސްޕާއަކާއި މާރުކޭޓެއް ހިމެނޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ
ކޮވިޑް19 ފެތުރެމުންދާ މިންވަރުު އިތުރުވަމުންދާ ނަމަ، ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް، ފިހާރަތަކާއި ކެފޭތައް ބަންދުކުރަން ޖެހިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދެވަނަ ލޮކްޑައުން އަކަށް ނުގޮސް، މިހާރު ދީފައިވާ ލުއިތަކާ އެކު ކުރިއަށް ދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް19 ފެތުރެން ފެށުމާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައި ދެ މަސް ދުވަހު ބޭއްވުމަށް ފަހުު މިދިޔަ މަހު ލުއިތަކެއް ދޭން ފެށި ފަހުން މިބަލި ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެެ ނަމަ އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް 170 މީހުން ޕޮޒިޓިވް ވެދާނެ ކަމަށް ނޭޝަަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހަދައިފައިވާ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. މުޅި މަހަށް ބަލާއިރު އެއީ 2373 ޕޮޒިޓިވް ކޭސް އެވެ.
މި އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު 153 ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިފައިވާއިރު މިއަދު މި ބައްޔަށް 215 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ފާއިތުވި 24 ގަޑިއިރު ތެރޭގައި ދެ މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ.



advertisment