ހީލަތުގެ އައްޑަނައީ ރެކެން އަޅުވާ ނިޤާބެއް ލޯމަތީ
ދީލަތިކަމާއެކު މޫސުމީ އުފުލާ ޝިޢާރެއް ދޫމަތީ
ހެއްކާ ދަލީލާ ފޮރުވަމުން، ޤާނޫނުތައް އޮޅުވައިލަމުން
ރައްކާވެގެންދާން ބާތަކެއް ހަދައޭ ފިލާތިބެ އަރިމަތީ
ރާވަން ނުބައި ރޭވުންތަކާ މަކަރުގެ ރޮދިން މަޅިތައްޖަހާ
ނޭވައިނުލައި ދެކޮޅަށް ދުވޭ ލަވަމުން ކަތުން ކަންކަންމަތީ
ގުނިގެން ނުދާނެތަ ފާފައަށް، އަނެކާގެ ކަތިލައިގެން ނަފުސު
މިނިމަސް ކަމެއް ނޭނގޭ ކެވޭ އަތުރައިލެވޭ ސުފުރާމަތީ
މިކިޔާ ނުޒާތުގެ މީސްތަކުން، އާ ކޮޅުމަތީގައި ނޭނގުނަސް
ދެކުލައިން ދެ ފާޑަށް ފެނިދެޔޭ ހަނދުވަރު ބަދަލުވާ ފޮއިމަތީ
މިދޮގެއްތަ؟ ފަސްބައި ކަޅު ބޮލާކީނަށްވުރެން ވެސް ކަޅުވެފައި
ހުދު ބޯކިރަށް ވާނޭ ފަހުން މިވެރިން ޒަމާނުގެ ކުރިމަތީ