Support Us

ތެލުގެ ބާޒާރުގައި ޔުވާން  

ޗައިނާގެ ރައީސް ޝީ ޖިންޕިން މި ހުސްވި މަހު ސުޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ރައްދުއަޑު އަދިވެސް ހިނދިގެން ނުދެއެވެ. މި ދަތުރުފުޅުގައި ތިން ސަމިޓެއް ބޭއްވުނެވެ. ޗައިނާ- ސުޢޫދީ ސަމިޓަކާއި ޗައިނާ- ގަލްފު ސަމިޓަކާއި ޗައިނާ– ޢަރަބި ސަމިޓެކެވެ. މި ބައްދަލުކުރުންތަކުގެ ތެރޭގައި ހަކަތައާއި ބިނާރާއި ތަޢުލީމާއި ފަންނިއްޔަތާއި ވުނަކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. އަދި ސުޢޫދީ ޗައިނާ ގުޅުންތައް ޝާމިލު އެއްބާރުލުމަކަށް ބަދަލުވެގެން ދިޔައެވެ. އެއީ މިޞްރާއި އީރާނާއި އިމާރާތާއި ޖަޒާއިރާއެކު ޗައިނާއިން ހަދައިފައިވާ ޝާމިލު އެއްބާރުލުންތަކާ އެއް ބީދައިން ޤާއިމުކުރި އެއްބާރުލުމެކެވެ.

މި އެއްބާރުލުމުގެ ދަށުން އެ ދެ ޤައުމުގެ ޒަޢީމުން ދެ އަހަރުން ދެއަހަރުން ބައްދަލުކުރައްވާނެއެވެ. މި ކަމުގެ ސަބަބުން ގުޅުންތައް ހަރުދަނާކުރުމަށާއި ފުޅައުކުރުމަށް މަގުފަހިވެގެންދާނެއެވެ. ސުޢޫދީ– ޗައިނާ ސަމިޓްގައި ރިޔާޟުން ބްރިކްސް ޖަމާޢަތުގައި ބައިވެރިވާން އެދޭކަމާއި ޗައިނާގެ ކަމަރާއި މަގު މަޝްރޫޢުގައި ބައިވެރިވާން އެދޭކަން ވަނީ ހާމަކޮށްފައެވެ. ސުޢޫދީން ގެންގުޅޭ 2030ގެ މާރެހަށް ބޭޖިންގް ތާއީދު ކުރާކަމާއި އެއާ އެއްގޮތަށް ބޭޖިންގުން ރިޔާޟާއެކު ވިލަރެސް ކުރަމުންދާނެކަމަށް ރައީސް ޝީ ކަށަވެތިވެވަޑައިގެންފައި ވެއެވެ.

މި ދިޔަ ހަފުތާގައި އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްޒް ގައި ޑޮލަރުން ތެލުގެ އަގު އަދާކުރުމާއި މެދުއިރުމައްޗާ ހުރި ގުޅުމާބެހޭގޮތުން މަޒުމޫނެއް ޝާއިޢުކޮށްފައި ވެއެވެ. މި މަޒުމޫނު ބުނާގޮތުގައި 2023 ގައި މި ޙާލަތު އެހެން ގޮތަކަށް ފުރޮޅިގެން ހިނގައިދާނެއެވެ. އެއީ ޗައިނާއާ މެދުއިރުމައްޗާ ދެމެދުގައި ހަކަތައިގެ ޢާލަމީ އައު ނިޒާމެއް ބައްޓަން ވަމުންދާތީއެވެ. މި ނިޒާމަށް މި މަޒުމޫނުގައި ދީފައިވާ ނަމަކީ "ޕެޓްރޯޔުވާން އުފަންވުން" އެވެ. މީގެ މާނައަކީ ޑޮލަރުގެ ދައުރު ކުޑަކޮށްލުމަށް ޓަކައި ޢާލަމީ ހަކަތައިގެ ބާޒާރުގެ ބައްޓަމަށް ބަދަލު ގެނައުމެވެ. މި ކަން ކުރާނީ ބްރިކްސް ޖަމާޢަތުގެ ތެރެއިންލައިފައެވެ. ރަޝިޔާ ޔުކްރޭން ހަނގުރާމަޔާ އެކު އެމެރިކާއިން އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ އިޤްތިޞާދީ ނިޒާމާ ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޑޮލަރު ސިޔާސިކުރުމުގެ ސަބަބުން ބައެއް ޤައުމުތަކަށް ގެއްލުން ލިބެމުންދާތީ ޗައިނާއިން ބޭނުންވަނީ ތެލުގެ ވިޔަފާރީގައި ޗައިނާގެ ފައިސާ ބޭނުންކުރުން އިތުރު ކުރުމަށެވެ.ޗައިނާގެ ރައީސް އިޢުލާން ކުރައްވައިފައިވާ ގޮތުގައި މެދުއިރުމަތީގެ ޤައުމުތަކުން ތެޔޮ އެތެރެކުރުން އިތުރުކުރުމުގެ އިތުރަށް  ހަކަތައިގެ މައިދާންތަކުގައި އެއްބާރުލުން ވަރަށް ބޮޑަށް ފުޅައުކުރެވޭނެއެވެ. މީގެ މާނައަކީ އައު ސަރަޙައްދުތަކުން ތެޔޮ ހޯދުމަށާއި ތެޔޮ ސާފުކުރާ ކާރުޚާނާތައް ބިނާކުރުމާއި ޕެޓްރޯ ކީމާވީ އުފެއްދުންތަކާއި ޕްލާސްޓިކު އުފައްދާ ކާރުޚާނާތައް ޤާއިމު ކުރެވޭނެއެވެ.

މި މަޒުމޫނު ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާއާއި ގަލްފުގެ ޤައުމުތަކުގައި މި ފަދަ މަޝްރޫޢުތައް ވަނީ  މިހާރުވެސް ފެށިފައެވެ. ޗައިނާއިން އުންމީދު ކުރަނީ މިފަދަ މަޝްރޫޢުތަކަށް ޗައިނާ ފައިސާއިން އަގުދެއްކުމަށެވެ.

މި ނޫހުގެ މި ލިޔުން ބުނާގޮތުގައި މި ކަމުގެ އަސަރު ޢާލަމީ ހަކަތައިގެ ވިޔަފާރިއަށް ކުރާނެއެވެ. އޯޕެކް+ ގައި ހިމެނޭ ރަޝިޔާއާއި ވެނެޒުއޭލާއާއި އީރާނުން ޗައިނާ ގަންނަ ތެލަށް މިހާރުވެސް އަގު ދައްކަނީ ޗައިނާ ފައިސާއިންނެވެ.މިއީ ދުނިޔޭގެ ރިޒަރވްގެ 40% އެވެ. އަނެއް 40% ރިޒާރވް އޮތީ ގަލްފުގެ ޤައުމުތަކުގައެވެ. އަނެއް 20% ވެސް އޮތީ ރަޝިޔާއާއި ޗައިނާއާއެކު ގުޅުންތައް ރަނގަޅު ޤައުމުތަކެއްގައެވެ.

ތެލުގެ މައިދާނުގައި ބޮޑެތި ޤައުމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަކީ އައު ކަމެއްނޫނެވެ. ވިހިވަނަ ސައްތައިގެ ތެރޭގައި ތެލުގެ ތާރީޚުގައި ޖިޔޯސިޔާސީ އެތައް އަރާރުންތަކެއް ހިނގައިފައި ވެއެވެ. އެހެނަސް މިއަދުގެ ކޯޅުންތަކުގައި އައު ކަންތައްތަކެއް ހިނގަމުންދާތަން ފެނެއެވެ. މޫސުމަށް ކުރަމުންދާ ނުބައި އަސރާއި ޔުކްރޭން ހަނގުރާމައާ ގުޅުވައިގެން ރަޝިޔާއަށް ދަތިކުރުމަށް ޓަކައި ބޮޑެތި ބައެއް ޤައުމުތަކުން ތެލުގެ ޞިނާޢަތްތައް ހަވާސަކުރުމަށް މަސައްކަތްކުރަމުންދާތަން ފެނެއެވެ. މި ޤައުމުތަކުން ރަޝިޔާއިން ވިއްކާ ތެލަށް އަގެއް ކަޑައަޅަން ވެސް މަސައްކަތްކުރެއެވެ.

އެހެންކަމުން ތެލާބެހޭ ޞިނާޢަތުގެ ތާރީޚުގައި މިއީ އައު ފިޔަވައްސެކެވެ. މި ފަހަރު މި ފެންނަނީ  ތެލާބެހޭ ޞިނާޢަތްތައް ހަވާސާކުރުމަށް ޤާނޫނުތައް ހެދުމާއި ބޮޑެތި ޤައުމުތަކުގެ މެދުގައި ހިނގަމުންދާ ޢާލަމީ އަރާރުންތަކަށް ނުފޫޒު ފޯރުވުމަށް ޓަކައި ތެޔޮ އުފައްދާ ޤައުމުތަކަށް ފިއްތުންތައް ކުރިމަތިކުރުވަން މަސައްކަތް ކުރުމެވެ. މި ކަންތައްތައް ކުރަމުންދާއިރު  ތެލާބެހޭ ޤައުމުތަކުގެ ސަލާމަތީ އަދި އިސްތިރާތީޖީ މަޞްލަޙަތުތަކަށް ރިޢާޔަތް  ނުކުރާކަން ފާހަގަ ކުރެވެއެވެ. އަދި ތެލާ ބެހޭ ޞިނާޢަތްތައް ތަރައްޤީކުރުމުގައި އެ ޤައުމުތަކަށް އެހީނުވާ ތަނާއި އިޤްތިޞާދު– ތެޔޮ ޤަރާރުތައް ކަނޑައަޅައިއިރު ތެލާބެހޭ ޤައުމުތަކާ މަޝްވަރާނުކުރުން ވެސް ވެއެވެ.

ޗައިނާއަކީ ހަކަތަ އެންމެ ބޮޑަށް ބޭނުންކުރާ  އަދި ހަކަތަ އެންމެ ގިނައިން އެތެރެކުރާ ޤައުމުކަމުގައި ވާތީ ތެޔޮ ބޭރުކުރާ ޤައުމުތަކުން ސިޔާސަތު ކަނޑައަޅައިއިރު މި ޙަޤީޤަތްތަކަށް ރިޢާޔަތް ކުރާނެއެވެ. މި ސިޔާސަތު ކަނޑައަޅާއިރު މިއަދުގެ ދުނިޔެއަކީ ގިނަ ތަނޑިތަކެއް ހިމެނޭ ދުނިޔެއެއްކަން ބަލައިގަންނާނެއެވެ.ޗައިނާއާ ތެޔޮ ބޭރުކުރާ ޢަރަބި ޤައުމުތަކާ ދެމެދުގައިވާ ގުޅުންތައް މިއަދު ވަނީ ވަރަށް ބޮޑަށް ބަދަހިވެ ފުޅައުވެފައެވެ. ނުވަދިހައިގެ ދަހަރުތަކުން ފެށިގެން ގަލްފުން ބޭރު ކުރާ ތެލުގެ ބޮޑު މިންވަރެއްގެ މިސްރާބަކީ އިރުމައްޗެވެ. އިރުމަތީގައި އެންމެ އިސް ބަނދަރަކީ ޗައިނާއެވެ. މީގެ އިތުރަށް ހުރިހާ ޢަރަބި ޤައުމުތަކެއްގައި  ތެލާބެހޭ ޗައިނާގެ އެތައް ކުންފުނިތަކެއް ހުރިކަން  ފާހަގަ ކުރެވެއެވެ.

ކާނެގީ މަރްކަޒު ބުނާގޮތުގައި މެދުއިރުމަތީގައި ޗައިނާގެ ވުނަކުރުމުގެ އެންމެ ބޮޑު މައިދާނަކީ ސުޢޫދީ ޢަރަބިއްޔާއެވެ. އަދި 2021 ގައި ޗައިނާ ސުޢޫދީ ވިޔަފާރީގެ މިންވަރު ވަނީ 80 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. އަދި 2021ގައި ޗައިނާ ވަނީ ސުޢޫދީން 44 ބިލިއަން ޑޮލަރުގެ ތެޔޮ ގަނެފައެވެ.