Support Us

ޕެލޭ- ލޯތްބާއި ލޯތްބާއި ލޯތްބާއި، އަބަދަށްޓަކައި

ފުޓްބޯޅައިގެ ތެރެއިން ދުނިޔޭގެ ލޯބި ހޯދައި، ފަގީރު، ނިކަމެތި އެތައް ބަޔަކު ދެކެމުންދިޔަ ހުވަފެންތަކާއި އުންމީދުތައް ވެސް ހަގީގަތަކަށް ހެދިދާނެކަން ގަބޫލުކޮށްދީ، އިހުތިރާމާއެކު ދުނިޔޭގެ ފުޓްބޯޅައިގެ "ރަސްގެފާނު" ދުނިޔެއާ ވަކިވެއްޖެއެވެ. ބުރެޒިލުގެ ތަރި ޕެލޭ، ދުނިޔެއާ އަލްވަދާޢުކީ އޭނާގެ ޖާދޫގައި ގިނަބަޔަކު ޖައްސާފައެވެ. ފުޓްބޯޅައިގެ ފޯރި މުޅި ދުނިޔެއަށް ފަތުރާފައެވެ. ދުނިޔޭގައި ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހަކީ ޕެލޭ ދަންނަ މީހެކެވެ. އޭނާގެ ފުރިހަމަ ނަމަކީ "އެޑްސަން އަރަންޓެސް ޑި ނަސިމެންޓޯ" އެވެ. އެކަމަކު ދުނިޔެ ދަންނަ ނަމަކީ ޕެލޭއެވެ.

ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކެއް ދިގު މުއްދަތަކަށް ޕެލޭ އަތުގައި އޮތެވެ. އަދިވެސް ބައެއް ރިކޯޑުތައް އެހެން މީހަކަށް މުގުރައެއް ނުލެވެއެވެ. އެ ބޮޑު ކާމިޔާބުތަކުގެ ސިއްރަކީ އޭނާގެ ކުޅިވަރުގެ އަޚުލާޤެވެ. ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ވެސް އުޅުމާއި ގުޅުން ބެހެއްޓިގޮތެވެ.

އޭނާގެ މެސެޖު ރީތިވެފައި ސާފެވެ. "ލޯތްބާއި، ލޯތްބާއި، ލޯތްބާއި، އަބަދަށް ޓަކައި" އެވެ. މި މެސެޖު ވެގެންދާނީ އަންނަން އޮތް ޖީލުތަކުގެ ތަރިކައަކަށެވެ. ފަނޑުނުވާނެ އެއްޗަކީ ލޯތްބެވެ. ލޯތްބެއް އަބަދަށްޓަކައި ލިބުމަށްވުރެ ބޮޑު އުފަލެއް ނެތެވެ.

ޕެލޭއަކީ ބުރެޒިލުގެ ފަގީރު އާއިލާއަކަށް 23 އޮކްޓޯބަރު 1940 ގައި އުފަންވި ކަޅު ނަސްލުގެ ކުއްޖެކެވެ. ބޫޓެއް ގަނެދޭނެ ފަދަވެސް ނެތް މައިންބަފައިންނަށް ޓަކައި އޭނާގެ ދިރިއުޅުމުގެ ހަޔާތް ބިނާކުރީ ފުޓްބޯޅައިންނެވެ. ވޯލްކަޕް ތިން ތަށި ބުރެޒިލުން އުފުލާލީ ޕެލޭއާއެކުގައެވެ. ޕެލޭގެ މޮޅު ކޮއްޓުމާއި ނެއްޓުން މައިތިރިކުރަން އިދިކޮޅު ކުޅުންތެރިންނަށް އޮންނަނީ އޭނާ ވައްޓާލުމެވެ. އެކަމުގެ ސަބަބުން ބޮޑެތި އަނިޔާތައް ވިއެވެ. އެކަމަކު ނަފްސުގެ މައްޗަށް ބާރުފޯރުވިއެވެ. ފަރުވާ ހޯދައި ރަނގަޅުވެގެން އަލުން ދަނޑަށް ނުކުމެއެވެ. ރުޅި ގަދަވެ ހަމައިން ނެއްޓިގެނެއް ނޫޅެއެވެ. ބަލިވީމަ ވެސް ރުއީއެވެ. މޮޅުވީމާ ވެސް ރުއީއެވެ. ތަފާތަކީ ހިތާމައާއި އުފަލުގައި ހުރި ތަފާތެވެ.

ނަސްލީ ތަފާތުކުރުން ބޮޑު ޒަމާނެއްގައި ނަސްލަކީ މައްސަލައެއް ނޫންކަމުގެ ތަސައްވުރެއް އުފައްދައިދީ ހުރިހާ ނަސްލެއްގެ މީހުންގެ ހިތްތަކުން ވެސް ޕެލޭ ލޯބި ހޯދިއެވެ. ފުޓްބޯޅައިގައި އެރި ތަރި އަބަދަށް ވިދަވިދާ މީހުންގެ ހިތްތަކުގައި ހުއްޓެވެ. އެހެން ބައެއް ތަރި ފަހުން އެރިއެވެ. އެކަމަކު މާ އަވަހަށް އޮއްސުނު އިރުވެސް ޕެލޭ ތަރީގެ އަލި ފަނޑެއް ނުވިއެވެ. ޑިސެންބަރު 30، 2022 ގައި އުމުރުން 82 އަހަރުގައި ޕެލޭ ދުނިޔެ ދޫކުރުމުން އެންމެން ލޯތްބާއި އިހުތިރާމާއެކު އޭނާގެ ވާހަކަ ދައްކަނީ އެހެންވެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *