Support Us

ޢާލަމީ ވިޔަފާރި ވާކޮށްލުމުގެ ޤާބިލުކަން ޗައިނާއަށް ލިބިގެންވޭ: އީ.ޔޫ

ބައިނަލްއަޤްވާމީ ކާގޯގެ މައްޗަށާއި ޔޫރަޕްގެ ކަނޑުގެ ބޮޑެތި ބަނދަރުތަކުގެ މައްޗަށް ޗައިނާއިން ބާރުފޯރުވައިފައިވާ މިންވަރުގެ ސަބަބުން ޢާލަމީ ވިޔާފާރީގެ ނޭވާ ހާސްކޮށްލުމުގެ ޤާބިލުކަން ޗައިނާއަށް ލިބިފައިވާ ކަމަށް ޔޫރަޕްގެ އިއްތިޙާދުން ތައްޔާރުކުރި ދިރާސީ ކަރުދާހެއް ބުނެފިއެވެ. 

މި ކަރުދާސް ބުނާގޮތުގައި ތައިވާނުގެ މަސްއަލައިގައި ޗައިނާއާ ހުޅަނގާ ދެމެދުގައި އަރާރުމެއް ފެށިއްޖެނަމަ ޗައިނާއިން މި ވަސީލަތުގެ ބޭނުންކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ޗައިނާ ބުނާގޮތުގައި ތައިވާނަކީ ޗައިނާގެ މައި ބިމުގެ ބަޔެކެވެ. 

އިނގިރޭސިވިލާތުގެ ދަ ޓައިމްސް ދުވަހުނޫސް ބުނާގޮތުގައި މި ކަރުދާސް ތައްޔާރުކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ރަސްމީ ލިޔުންތަކުގެ މައްޗަށް ބަލައިގެންނެވެ. މި ދިރާސާ ބުނާގޮތުގައި "ޗައިނާގެ ކަނޑުގެ މަދަނީ އިދާރާ ޗައިނާއިން ދަނީ ވަރަށް ބާރަށް ޢަސްކަރީ ކުރަމުންނެވެ." 

މި ކަރުދާސް ތައްޔާރުކުރެއްވީ ބްރަސަލްސްގެ މިނިވަން ޔުނިވަރސިޓީ VUBގެ ޕްރޮފެސަރެއް ކަމުގައިވާ ޖޮނަތަން ހޮލްސްލާގެވެ. އޭނާ މި ކަރުދާހުގައި ވިދާޅުވެފައި ވެއެވެ. "ޔުކްރޭން ހަނގުރާމައިގެ ތާސީރަށްވުރެ  ޗައިނާގެ ސަބަބުން ޔޫރަޕްގެ އަމްނާއި ފާގަތިކަމުގައި ހެދިފައިވާ ސަލާމަތީ ބާގަނޑު މާބޮޑުވެފައި މާ ފުނެވެ. މި ބާގަނޑާމެދު ވިސްނައި ފިޔަވަޅުއެޅުމަކީ ޟަރޫރީ ކަމެކެވެ." 

ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން އާގުބޯޓުފަހަރާއި ކޮންޓޭނަރު ބޯޓުފަހަރު ބަންނަ ޤައުމެވެ.މި އުޅަނދުފަހަރުގެ 41% ބަންނަނީ ޗައިނާގެ CSSC ކުންފުނިންނެވެ. ޗައިނާގެ ޢަސްކަރީ ޢަޤީދާ ބުނާގޮތުގައި ޗައިނާގެ ދިދަ ނަގައިގެން ދަތުރުކުރާ އުޅަނދުތައް ވާން ޖެހޭނީ ސިފައިންނާއި ޓޭންކްފަދަ ޢަސްކަރީ ހަތިޔާރުތައް އުފުލުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދުތަކަކަށެވެ. ޖޮނަތަން ހޮލްސްލާގް ވިދާޅުވާގޮތުގައި ބަވަނަވުމާއި ހުޅުވައިލެވިފައިވާ ބައިނަލްއަޤްވާމީ ވިޔަފާރީގެ ސަބަބުން ޗައިނާއަށް ވަނީ އެ ޤައުމުގެ ސިޔާސީ ބާރާއި ޢަސްކަރީ ބާރު ފުޅައުކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެފައެވެ. ޔޫރަޕްގެ އިއްތިޙާދު ބުނާގޮތުގައި މިއީ ޗައިނާގެ ސިޔާސަތުގެ އަމާޒުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. އޭނާ ވިދާޅުވިއެވެ. "ޗައިނާގެ އިޤްތިޞާދީ ސިޔާސީ ޢަސްކަރީ އުންމީދުތަކަކީ ލާމެހި ގުޅިފައިވާ ކަންތައްތަކެކެވެ." 

މި ދިރާސާ ބުނާގޮތުގައި ޔޫރަޕްގެ ކަނޑުގެ ބާރުތައް ގުރުޑުވަމުންދާއިރު ޗައިނާގެ ކަނޑުގެ ބާރުތައް ދަނީ ތަރައްޤީވަމުން އިތުރަށް ހެދިބޮޑުވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ކަނޑުގެ ވިޔަފާރީގެ ތިންބައިކުޅަ އެއްބައި އޮތީ ޗައިނާގެ މިލްކިއްޔާތުގައެވެ. ދުނިޔޭގައި އޮތް ވިޔަފާރީގެ އެންމެ ފްލީޓު އޮތީ ޗައިނާގެ ބާރުގެ ދަށުގައެވެ. 

އޭނާ ތަފްޞީލުކޮށްދެއްވި ގޮތުގައި ދުނިޔޭގެ ހުރިހާ ކޮންޓޭނަރު ބޯޓުފަހަރުގެ 18% އާއި ސާފުނުކުރާ ތެޔޮ އުފުލާ ބޯޓުފަހަރުގެ 12% އާއި ޠަބީޢީ ދިޔާގޭސް ނަޤްލުކުރާ ބޯޓުފަހަރުގެ 13%  އޮތީ ޗައިނާ އަތުގައެވެ.

ޖޮނަތަން ހޮލްސްލާގް އޭނާގެ ދިރާސާގައި ވިދާޅުވެފައި ވެއެވެ. "ޗައިނާ ދެކޭގޮތުގައި އެ ޤައުމުގެ  ވަޠަނީ ބާރުގެ ބިނާއާއި އެ ޤައުމުގެ ވަޠަނީ އިޤްތިޞާދީ އަމަނުގެ ޙައިވިއްޔަތުގެ ބިންގަލެއް ކަމުގައި ޗައިނާގެ ކަނޑުގެ ބާރު ހަދަން ބޭނުންވާ ޤައުމެކެވެ." އޭނާ ވިދާޅުވި ގޮތުގައި ޗައިނާގެ ކަނޑުގެ އުޞޫލުތަކުގެ (އެސެޓްތަކުގެ) ބޮޑުބައިގެ ސީދާ ވެރިފަރާތަކީ ދައުލަތެވެ. 

ޖޮނަތަން ހޮލްސްލާގް ދަޢުވާކުރައްވާ ގޮތުގައި ރަޝިޔާގެ ހަކަތައަށްވުރެން ޗައިނާގެ އިޤްތިޞާދަށް ޔޫރަޕް ބަރޯސާވާލެއް މާ ބޮޑެވެ. އޭނާ މި  ދިރާސާގައި ޗައިނާއަށް ބަރޯސާވުން ކުޑަކޮށް ޗައިނާއަށް ސަމާލުވުމަށް ޔޫރަޕަށް ގޮވައިލައްވައިފައިވެއެވެ. 

ޗައިނާ ސަރުކާރުން ވަނީ އެ ޤައުމުގެ CSSC އާއި China Ocean Shipping Company އާއި China Merchants Group ކުންފުނި ފަދަ ބޮޑެތި ކުންފުނިތައް ބަންޑާރަކޮށްފައެވެ. 

ޖޮނަތަން ހޮލްސްލާގް ވިދާޅުވާގޮތުގައި ޗައިނާގެ ކަނޑުގެ ކޮންމެ އުޅަނދަކީ ހަނގުރާމަމަތީ އުޅަނދެކެވެ. މި އުޅަނދުތަކުގެ ފަޅުވެރީންގެ ތެރޭގައި ސިފައިންގެ އެތައް ބަޔަކު ހިމެނެއެވެ.

އަޅައިބެލުމުގެ ތާރީޚީ ނަޒަރަކުން ޖޮނަތަން ހޮލްސްލާގް ބައްލަވަމުން ވިދާޅުވިއެވެ. "ޗައިނާއިން އުފައްދާ ތަފާތު ބާވަތްތަކުގެ މުދަލަށް މިއަދު ހުޅަނގުވަނީ މަސްތުވެ ދެވިހިފައިފައެވެ. އިނގިރޭސި އިސްތިޢުމާރީ ބާރުން ޗައިނާގެ ރައްޔިތުން މަސްތުކުރުވަން އަފިހުން ބޭނުންކުރިކުރުން މިއަދު މި އޮތީ އަނެއް ފުށަށް ޖެހިފައެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *