"ބުއްދިވެރި މީހުން ސިޔާސީ ކުޅިގަނޑެއް މަކަރުން ކުޅޭނެ"
ބުއްދި ނެތް މޮޔައިން ނަގައިގެން ވެރިކަމަށްވެސް އިސްކުރާނެ
ބުއްދި ބޭނުންކޮށް އަރިހުގައި ތިބެ ނެގުނު ޗާންސެއް ނަގާނެ
"ނަން އެކަނި ވެރިޔެއްގެ އޮތުމުން އެފަދަ މޮޔައިންނަށް ފުދޭނެ"
ކަން ހިނގާ ނުހިނގާ ގޮތެއް ހޯދާކަށެއް ބޭނުން ނުވާނެ
ކަން ކުރަން އެއުޅޭ ބަޔަކު ޤައުމާ ވަޠަން ވިއްކާލަ ފާނެ
ވެރިކަމުގެ ޤާބިލުކަމެއް ނެތް ކޮންމެ ވެރިޔަކު ހީކުރާނެ،
ވެރިކަމުގެ މޮޅުކަން ކިޔައިދޭ ބަޔަކު ކިޔަމުން އަތްޖަހާނެ،
ވެރިކަމުގެ ތެރެއިން އެފަދަ "ޗޯރުން" ދަމައި ކައި ހުސްކުރާނެ
"ޅޮސް އުނދޯއްޔަށް ލައި ވަށައިގެން ތިބެ، ނަށާފާ ލަވަ ކިޔާނެ"
ކޮސްގޮވާ ވެރިޔެއް ކަމަށް އެނގުމުން އެފުރުޞަތު ވެސްބަލާނެ
ގޮސް އެތަން މިތަނުން ނަގައި ލޯނާ، އެހިީން ވައްކަން ކުރާނެ
ވެރިޔަކަށް ހުރި މޮޔަ އަކަށް، ދޮން ކަޅު ހިލައި އަންގާ ނުލާނެ
ގެރިބަކައްޓަށްވެސް މި ޙުއްބުލް ވަޠަނު ހަމަ ވިއްކާލަފާނެ
އެކި ވަގުންނަށް ބައި އަޅައި، ޤައުމުގެ ޚަޒާނާނާ ހުސްކުރާނެ
ދުނިޔެއާ ދުނިޔޭގެ އާޖުފާޖު ނުދަންނަ ވެރިޔެއްކަން އެނގޭނެ
ކުޅިގަނޑެެއް ބޭނުންގޮތަށް ކުޅެވޭނެކަން ކަށަވަރު ކުރާނެ،
ދުނިޔެއިންވެސް ދެމުނު އެއްޗެއް، ހަމަ ދަމައި ކައި، ހުސްކުރާނެ
މައްޔިތަކު ވެރިކަމު ހޮވާފައި ފަސް ކަފުންކޮށް ބޭއްވިދާނެ،
ރައްޔިތުން ވިސްނުމުގެ ބޭނުން ނުކުރިނަމަ މިގޮތަށް ވެދާނެ
ރައްޔިތުން ދެލޮލުން ކަރުނަ ހިފިހުންނަ ދުވަހެއް ހަމަ ނުދާނެ
