Support Us

2023 ގައި ތެލާއި ހަކަތައިގެ އަގު ދާނީ މައްޗަށްބާ؟

ދާރިސުންނާއި މުޙައްލިލުން ސިފަކުރައްވާ ގޮތުގައި 2022އަކީ "ހަކަތައިގެ" އަހަރެވެ. މި އަހަރުގެ ފެބްރުވަރީގައި ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފެށި "ޢަސްކަރީ ޚާއްޞަ ޙަމަލާ" ގެ ސަބަބުން ތެލާއި ގޭހުގެ ފައިލް ވަނީ ހުރިހާ ޤައުމުތަކެއްގައި ވެސް އެންމެ އިސްކަންދޭ ފައިލަށް ބަދަލުވެފައެވެ. ތެލުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން ދުނިޔެ ވަނީ ބުރަ ޒުރޫފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިހެންވެ ހުޅަނގުން ތުހްމަތުކުރާ ގޮތުގައި މިއީ  ރަޝިޔާއިން ޔޫރަޕާ ދެކޮޅަށް ކުރަމުންދާ "ހަކަތައިގެ ހަނގުރާމަ"އެކެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެލާއި ގޭސް ބޭރުކުރާ ޤައުމުކަމުގައި ރަޝިޔާ ވާތީ އަދި ރަޝިޔާގެ ތެލަށާއި ގޭހަށް ޔޫރަޕަށް ބަރޯސާވާން ޖެހިފައިވާތީ  ޔުކްރޭން ހަނގުރާމައިގެ ހަވާސަރުތައް ޔޫރަޕަށް ކުރަމުންދަނީ އެމީހުންނަށް ތަޙައްމުލުކުރާން ދަތިވާ މިންވަރަކަށެވެ.

ދުނިޔެ 2022 އަށް އަލްވަދާޢު ކިޔަމުންދަނީ އިޤްތިޞާދީ ވޭންތަކަކާއެކުގައެވެ. ހަކަތައިގެ އަގު އުފުލުމުގެ ސަބަބުންނެވެ. ސުވާލަކީ 2023ގައި ވެސް ތެލުގެ އަގު އިތުރަށް މައްޗަށް ދާނެ ހެއްޔެވެ؟

ކާރިސީ ޙާލަތެއް

ދާރިސުން ވިދާޅުވާ ގޮތުގައި ދުނިޔެ ތެލަށް ބޭނުންވާ މިންވަރު ކަނޑައަޅައިދޭނީ ތިން ބަހާއަކުންނެވެ. އެއީ ދުނިޔޭގެ އިޤްތިޞާދާ ކުރިމަތިވެފައިވާ  ގުރުޑުވުމުގެ ދަރަޖައާއި ކޮރޯނާ ވަބާ ޗައިނާގައި އަލުން ފެތުރެން ފެށުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދުގެ ދައުރާ ކުރިމަތިވެދާނެ ހަވާސަރުތަކާއި ޔުކްރޭން ހަނގުރާމަ ކުރިއަށްދާގޮތުގެ ސަބަބުން ރަޝިޔާއިން އުފައްދާ ހަކަތައަށް އަތުވެދާނެ ބަދަލުތަކެވެ. މި ހަނގުރާމަ ނިމުމަކާ ހަމައަށް ހިނގައިދާނެ ކަމުގެ ކޮންމެ ލިސާނަކީ ތެލުގެ އަގަށް ހެޔޮ ބަދަލެއް އަތުވެދާނެކަމުގެ ފެހި ސިގްނަލެކެވެ.

ހަކަތައާބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ ބުނާގޮތުގައި 2023 ވަނަ އަހަރު ތެލުގެ އަގު ދާނީ މައްޗަށެވެ. ޔޫރަޕްގެ އިއްތިޙާދުގެ އިޤްތިޞާދުގެ ދުވެއްޔަށާއި ޗައިނާގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި މަޑުވިޔަސް ދުވާލަކަށް ބޭނުންވާ ތެލުގެ މިންވަރު 102 މިލިއަން ފީފާއަށް އިތުރުވެގެންދާނެއެވެ. މި އޭޖެންސީ ބުނާގޮތުގައި 2022 ވަނައަހަރާ އަޅައިބަލާއިރު 2023 ވަނަ އަހަރު ދުވާލަކު އިތުރަށް 1.7 މިލިއަން ފީފާގެ ތެޔޮ ބޭނުންވާނެއެވެ.

އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްޒް ދުވަހު ނޫސް ބުނާގޮތުގައި ރަޝިޔާގެ ތެޔޮ ޔޫރަޕުން ނުގަންނާތީ އިތުރުވާ ބައި ޗައިނާއާއި އިންޑިޔާއިން ނުގަންނަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ރަޝިޔާއިން އުފައްދާ ތެލާއި ގޭސް މަދުކޮށްލާނެއެވެ. މިފަދަ ފިޔަވަޅެއް ރަޝިޔާއިން އަޅައިފިނަމަ ތެލުގެ ބާޒާރަށް ވަރަށް ބޮޑު "ސިހުމެއް" ލިބިގެންދާނެއެވެ.

މި ނޫސް ބުނާގޮތުގައި ދުނިޔޭގެ ބާޒާރުގައި އެއްޗެހީގެ އަގު ކަނޑައަޅައި އެންމެ މުހިންމު ބަހާއަކަށް ވާނީ ކަޅުރަނެވެ. ނުވަތަ ތެލެވެ. މި ނޫސް ބުނާގޮތުގައި 2023ގެ ފަހު ކާލުގައި ތެލަށް ބޭނުންވާ މިންވަރު މައްޗަށް ދިޔުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ބާޒާރަށް ވަރަށް ބޮޑު ގަޑުބަޑުތަކެއް އަންނާނެއެވެ.

މި ހުރިހާ ކަމެއް ވެސް އިޝާރަތް ކުރަނީ މި އަންނަ އަހަރު ތެލުގެ އަގަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ. އަދި ތެލުގެ އަގު ނުވެސް ވެއްޓޭނެކަމެވެ.

ގޭހުގެ ޙާލަތު

ހޮލެންޑްގެ މާލީ ޖަމާޢަތް (އައި އެން ޖީ)ގެ ރިޕޯޓެއް ބުނާގޮތުގައި 2022ގައި ވަނީ ދިޔާ ގޭހާ ބެހޭ އެތައް އައު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައެވެ. ސޮއިކުރެވިފައިވާ އައު އެއްބަސްވުންތަކުގެ މިންވަރަކީ އަހަރަކު 80 މިލިއަން ޓަނުގެ ގޭސްކަމަށް އައިއެންޖީން ބުނެއެވެ. މީގެތެރެއިން 75% އަކީ އެމެރިކާއިން ބޭރުކުރާ ގޭސްތަކެކެވެ. މިކަމާހެދި ޖަރްމަނާއި ފަރަންސޭސިވިލާތުން އެމެރިކާއާ ދެކޮޅަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މި ދެ ޤައުމުން ފާޑުކިޔާފާޑުކިޔުންތައް ބުނާގޮތުގައި މިއިން އެނގެނީ އެމެރިކާއަށް ފައިދާލިބޭގޮތަށް ބާޒާރަށް ނުފޫޒު ފޯރުވަމުންދާ ކަމެވެ.

މި ޖަމާޢާތުން ބުނާގޮތުގައި 2023ގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ޢަދަދު މަދުވާނެކަމަށް ލަފާކުރެވެއެވެ. ގޭހަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ބައްރަކީ ޔޫރަޕްކަމަށް މި ޖަމާޢަތުގެ ރިޕޯޓު ބުނެއެވެ.

އަގު މައްޗަށް ދިޔުން

ދާރިސުން ވިދާޅުވާ ގޮތުގައި ތެލާއި ގޭހާއި ބޯޓުދެއްޔާއި ކަރަންޓްގެ އަގު ދާނީ މައްޗަށެވެ. އެއްވެސް ޙާލެއްގައި އަގު ދަށަކަށް ނުދާނެއެވެ. ފަހަރެއްގައި މިހާރުގެ އަގުގައި އަގު ދެމިއޮވެދާނެއެވެ.