Support Us

ފީފާ ވޯލްޑްކަޕް ޤަޠަރު- 2022ގެ ބައެއް އިހުސާސް

އިބުރަތާ އެތަކެއް ފިލާވަޅު ދުނިޔެ އަށް ލިބިދީފިޔޭ
ލިބުނު ފުރުސަތު ސައްތައިން ޤަޠަރުން ޔަގީން ކޮށްދީފިޔޭ

މުޅި ފަޒާ ގުގުމާލަމުން ދުނިޔޭގެ ހުރިހާ ކަންކޮޅުން
ކުޅިވަރުގެ އައި އީދަކަށް ވާދައިގެ ކުރިމަތި ލައިފިޔޭ

މޮޅުނަމާ އެކު ދެރަވެގެން އަދި ދެރަނަމާ އެކު މޮޅުވެގެން
މޮޅުވުމާ ދެރަވުމުގެ ރަހަތައް ތަޖުރިބާ ކޮށްދީފިޔޭ

ކުޅިވަރާ ނުގުޅޭ ޚިޔާލާ ވިސްނުމުގެ އުނދަގޫތަކުން
ކުޅިވަރަށް ކުރުވާ އަސަރު ހިތި މޭރުމަށް ގެނުވައިފިޔޭ

އުފަލުގައި ހައްދެއް ނެތިވެ އަނެކުންގެ ހުރުމަތް ކެނޑުމުގައި
ނަފުރަތާއި މަލާމަތާ ލިބިދާނެކަން ބުނެދީފިޔޭ

ވާދަޔާ އެކުވެރިކަމާ ކުޅިވަރުގެ ރޫހާ ވާޖިބާ
ހާދަހާ ފުރިހަމަ މިސާލެއް ސާބަހަށް ތަން ދީފިޔޭ

އިގުތިސާދީ ފޯރުމާ އޮތް އިޢުތިޤާދީ ރޫހުގައި
އިޖުތިމާއީ ބަދަހިކަން ދަރުސެއް އެތައް ލިބިދީފިޔޭ

އަސްލު އިންސާނީ ޠަބީޢަތް ސުލްހަވާ މަތިވެރި އުސޫލު
މަސްރަހުން ސީދާ ލޮލަށް ފެނި އަސަރުތައް ކުރުވައިފިޔޭ

ހަސަދަވެރި ހިތތްތަކުގެ ވޭނީ ޒަޚަމުތައް ދިލަ ގަދަވެގޮސް
އަސަރަކުން ހިތި މަސަލަހެއް ނެތި ފާރުތައް ފުން ކޮށްފިޔޭ

ދެކޮޅުވެރި ދޫތަކުގެ ވިހައިން ބޭރުކުރިހާ ޒަހަރުތައް
އެކޮޅުކޮލު ކޮށްލި ޝިފާއަކުން އާރޫހުތައް ދިރުވައިފިޔޭ

ފޮނިކަމާ ހިތިކަމުގެ ނޭވާ ނުފެތި ހަށްޓަށް ދިޔަފަހުން
މުނިއަވަސް ފިލުވާލަދިން އީދަށް ނިމުން ގެނުވައިފިޔޭ

ވޯލްޑްކަޕް އުފުލާލުމަށް ހުއްޓުނު މެސީ ޖާޒީމަތިން
ލޯބިވެތި އަޅުވާލި ބިޝްތުގެ މާނަ މާ ފުންކޮށްފިޔޭ

އޭގެ ރަމްޒީ ސިއްރުތައް ތަޙުލީލު ކުރެވޭ ވިސްނުމުން
އޭގެ އަގު ގިނަ ލައްކައިން މުޅި ދޭހުގައި އުފުލައިފިޔޭ

ވަންތަކަން ދަމަހައްޓަމުން އަދި އަސްލުތައް ހިފަހައްޓަމުން
ކަންތަކެއް ކޮށް އަޒުމުގައި މޮޅު ނަންތަކެއް ދިރުވައިފިޔޭ

ވޯލްޑްކަޕް ގައި ޤަޠަރު ވިހި ބާވީސް މިކުރި ތަމްސީލުގައި
ގޯލްޑް މެޑެލާ ލާބަޔާ ގައުމީ ނަފާ ފަހިކޮށްފިޔޭ

ހާމަކޮށްދިން މާނަތައް ފުން ލާމަސީލު މިސާލަކުން
ކާމިޔާބުގެ މީރު ފޮނިކަން ޤަޠަރު ހާސިލް ކޮށްފިޔޭ

ހިތްހިތަށް އުފަލާއި ދިރުމާ މޮޅިތަކާ ރިހުމާ ދެމުން
އިންތިހާ ފުން އަސަރުތައް މާޒީގެ ފޭރާން ލައިފިޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *