Support Us

އާރބަން ޔޫތު ޕްރޮގްރާމްގެ 10 ބައިވެރިންނަށް ލިއުން ހަވާލުކޮށްފި

ބޯޓިންގް ދާއިރާއިން ޒުވާނުން ބިނާކުރުމަށް އެޗްޑީސީއާއި އެމްއައިޓީޑީސީ ގުޅިގެން ހިންގާ އާރބަން ޔޫތު ޕްރޮގްރާމްގެ 10 ސްލޮޓެއް ހުޅުވާލުމަށްފަހު 10 މީހަކަށް އޮފާ ލެޓާ ހަވާލުކޮށްފިއެވެ.

ހަރުދަނާ އަދި ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ހިންގާ މި ޕްރޮގްރާމް ފުރިހަމަކުރުމުން ދުނިޔޭގެ ކޮންމެތާކުވެސް މޮޓޯބޯޓު އޮޕަރޭޓްކުރެވޭ ރޯޔަލް ޔޮޓިން އެސޯސިއޭޝަންގެ ލައިސެންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި ތައުލީމީ ދާއިރާއިން އެންމެ މަތީ ފެންވަރަކަށް ގްރޭޑް 10 ނިންމާފައިވާންޖެހެއެވެ. އަދި ބައިވެރިވާ ފަރާތަކީ ފަރިތަކަމާއެކު އިނގިރޭސިން ވާހަކަ ދެއްކޭނެ މީހެއް ކަމުގައި ވާންޖެހެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ވޯޓަރ ސްޕޯޓްސްއިން ތަޖުރިބާ ލިބިފައިވާ މީހަކަށް އިސްކަން ވަނީ ދީފައެވެ.

"މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ދެދުވަހުގެ ތިއެރެޓިކަލް ޓްރެއިނިންގއެއް ދެވިގެންދާނެއެވެ. އަދި ރާއްޖެއިން ބޭރުގައި 10 ހަފްތާގެ ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ގަލްފް ގައުމެއްގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. އަދި މިއީ ރާއްޖޭގެ މާހައުލާ ގުޅޭ، އަދި އެޗް.ޑީ.ސީގެ ކުރިއަށް ރޭވިފައި ހުރި ބޮޑެތި މަޝްރޫޢުތަކުން އުފެދޭނެ ވަޒީފާތަކަށް ހުނަރުވެރިން ތަމްރީން ކުރުމަށް ކުރެވިގެންދާ މަސައްކަތެކެވެ." އެޗްޑީސީން ބުނެއެވެ.