ހަނދުމަތައް ގޮސް ބީހެނީ ދުވަހެއްގެ ދިރިހުރި ހިއްސުގައި
ހަނދުމަވޭ އަހަރެންގެ ހުއްޓޭ ޖިފުޓިއެއް އިހުސާސުގައި
އިއްޔެ މިބުނާ ޖިފުޓި އެއަކީ މާތަކުގެ ގުލްޒާރެކޭ
ވިއްޔެ ވީރާނާ ބަލަންތިބެ ވީ އެ ބޮޑު އިހުމާލުގައި
ރޫޅިގެން ގޮސް ވެއްޓި ދިޔައީ އުފުލިފައިވާ އިސްކޮޅުން
ރޫޙު ދިރި އޮތް ފިނި ފުރާޅޭ އިޢުތިޤާދީ ހިޔަލުގައި
އަދު ނެތިއްޖޭ ބިތްތަކުން މުއްސަނދި ކަމާ ކެރިފޯރުމާ
އެޖިފުޓީ ގައި ހަމަހިމޭން އޮތް އިޖުތިމާއީ ނިވަލުގައި
އަދު ނެތޭ ދިރުމެއް އެ ބިމުގައި ފެންނަނީ ސަހަރާއެކޭ
ބަދަލުވީ ގޮތް ދެކެބަލާށޭ ހިތްތަކަށް އައި ބަދަލުގައި
އަދު އެ ހުސްބިން ފެނިލުމުން ކުރެވޭ ސުވާލު ހިތާހިތާ
އަޅެ މިއީ އަހަރެންގެ އިންހޭ އެދުހު ލިބިއޮތް މިލްކުގައި
ގެއްލި ދިޔުމަށް ވުރެ ނުބައި އަސަރެއް މަށަށް ކުރަނީ މިއަދު
ގެއްލި ދިޔަ ޖިފުޓީގެ ވާހަކަ ދެއްކުމޭ ޖެހި ޅަދަށުގައި
އާވި އަދިވެސް އެބަ ފެނޭ އެނދި ޖިފުޓިގަނޑު ހުރި ބިމުތެރޭން
ކާކުހޭ ދެކެނީ އަރާ ދިލަ ހިތް އަނދާ އަލިފާނުގައި