Support Us

ވިނަރެސް އެޕްލިކޭޝަންތަކުގެ ހުރިހާ މުޢާމަލާތެއް ހިންގާނީ "މައި ހުޅުމާލެ" ޕޯޓަލުން: އެޗް.ޑީ.ސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢު އިން ފުލެޓް ގަތުމަށް ފޯމް ހުށަހެޅި ފަރާތްތަކާއެކު ހުރިހާ މުޢާމަލާތެއް ހިންގާނީ "މައި ހުޅުމާލެ" ޕޯޓަލުން ކަމަށް އެޗް.ޑީ.ސީން ބުނެފިއެވެ.

"އެޗް.ޑީ.ސީން ވިނަރެސް އާ ގުޅޭ ހުރިހާ މަޢުލޫމާތެއް ވެސް ކުރިއަށް ގެންދާނީ ޕޯޓަލް މެދުވެރިކޮށްކަން ފާހަގަކުރަމެވެ. އަދި އެއްވެސް ލިންކެއް އަދި ފައިސާގެ މުޢާމަލާތެއް ފޯނުން ގުޅައިގެން ނުހިންގާނެއެވެ. ނަމަވެސް މައިހުޅުމާލެ ޕޯޓަލް އިން ވިނަރެސް އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުވާކަމުގެ ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް އާންމުންނަށް ލިބިގެންދާނެއެވެ. އަދި ވިނަރެސްއާ ބެހޭގޮތުން އިތުރު މަޢުލޫމާތެއް ހިއްސާ ކުރާނަމަ ގުޅާނީ މި ކޯޕަރޭޝަންގެ ނަންބަރު 3353535 އިން އެކަނި ކަމުގައި ވެސް ދަންނަވަމެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ. "މި ދުވަސްވަރަކީ އޮޅުވާލައިގެން ސްކޭމްތައް އާއްމުވެފައިވާ ދުވަސްވަރަކަށް ވެފައި، މި ފަދަ މަސައްކަތްތަކަށް ބޭނުން ކުރާ މަޢުލޫމާތުގެ ހައްސާސް ކަމުން، މި ހުރިހާ ކަމަކަށް ވެސް އެންމެހާ ބޭފުޅުން ވެސް ސަމާލުވުމަށް އިޢުތިމާސް ކުރަމެވެ."

އެޗް.ޑީ.ސީން ބުނީ ވިނަރެސް ފްލެޓްތަކުގެ ފައިނޭންޝަލް އިވެލުއޭޝަންއަށް ހޮވިފައިވާ ފަރާތްތަކަށް ބޭނުންވާ އިތުރު ލިޔެކިއުން ހުށަހެޅުމަށާއި މިކަމާ ބެހޭ މަޢުލޫމާތު ދިނުމަށް ބާއްވަން ހަމަޖެހިފައިވާ އޯޕަން ޑޭ މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

"އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ވޯޓާސްއެޖްގައެވެ. އަދި ވަކިން ކޮންމެ ފަރާތަކަށްވެސް އެޕޮއިންޓްމަންޓް ގަޑިއެއް ކަނޑައެޅިފައިވާ އިރު، މިކަމާ ބެހޭ ހުރިހާ މަޢުލޫމާތެއް ވެސް ހިއްސާ ކުރެވިގެން ދާނީ މިކަމަށް ހާއްސަކޮށްފައިވާ މައި ހުޅުމާލޭ ހައުސިންގ ޕޯޓަލް މެދުވެރިކޮށެވެ."