Support Us

އުފައްދާ ތެޔޮ އިތުރު ނުކުރުމަށް އޯޕެކް+ އިން ނިންމައިފި 

އޯޕެކް+ އިން އުފައްދާ ތެލުގެ މިންވަރު އިތުރު ވެސް އަދި އުނިވެސް ނުކޮށް މިހާރުގެ މިންވަރުގައި ދެމެހެއްޓުމަށް އިއްޔެ ނިންމައިފިއެވެ.

މި ދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު އޯޕެކް+ ގެ ޤައުމުތަކުން ނިންމައިފައި ވަނީ ނޮވެންބަރު މަހުން ފެށިގެން އެ ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރުން ދުވާލަކު ދެ މިލިއަން ފީފާ ތެޔޮ މަދު ކުރުމަށެވެ. އޯޕެކް+ އިން މި ގޮތަށް ނިންމީ އެމެރިކާއިން މިކަމާ ދެކޮޅު ހަދަމުން ދަނިކޮށްނެވެ.

އޯޕެކް+ގެ މެންބަރުން ދާދިވަރުކޮށް ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި އެ ޖަމާޢަތުގައި ނިންމުމުގައި ހިފަހައްޓާނެކަން ކަށަވަރުކޮށްދީފައި ވެއެވެ. ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލުތައް ދިރާސާކުރުމަށް ޓަކައި މި ޖަމާޢަތުގެ ވަޒީރުންގެ ބައްދަލުވުން ދެ މަހުން ދެ މަހުން ބާއްވާނެކަން ވެސް މި ބަޔާނުގައި ކަށަވަރުކޮށްދީފައި ވެއެވެ.

އެހެނަސް ބޭނުންވެއްޖެނަމަ އިތުރު ބައްދަލުވުންތައް ބޭއްވިދާނެކަމަށް ވެސް މި ބަޔާން ބުންޏެވެ.

އޯޕެކް+ އިން މި ބަޔާން ނެރުނީ ރަޝިޔާއިން ވިއްކާ ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށްވުރެ މަތި ނުކުރެވޭނެ ކަމަށް ހަތް ދައުލަތުގެ ޖަމާޢަތުންނާއި އޮސްޓްރޭލިޔާއިން ނިންމުމުންނެވެ. މޮސްކޯއިން މި ޤަރާރު ކުށްވެރިކޮށް ބުނި ގޮތުގައި އެ ޤައުމުން ބޭނުންވާ އަގަކަށް ނޫނީ އެ ޤައުމުން ތެލެއް ނުވިއްކާނެއެވެ.

މި މަސއްލައާ ބެހޭގޮތުން ޖަޒާއިރުގެ ތެލާބެހޭ ވަޒީރު މުޙައްމަދު ޢިރްޤާބު ވިދާޅުވިއެވެ. "އަހުރެމެން އޯޕެކް+ އިން މި ގޮތަށް ނިންމީ ބައިނަލްއަޤްވާމީ ތެލުގެ ބާޒާރަށް ހަމަޖެހުމާއި ތަވާޒުނު ގެނައުމަށް ޓަކައެވެ. އެއީ އޮކްޓޯބަރު ފަހެއްގައި ވިއެނާގައި އަހުރެމެން އިއްތިފާޤުވެފައިވާ ކަމެކެވެ."

ޢިރްޤާބު ވިދާޅުވިއެވެ. "އަހުރެމެން މި ތިބީ ހޭލައެވެ. ބައިނަލްއަޤްވާމީ ބާޒާރުގެ އަސާސިއްޔާތުތަކަށް އަންނަމުންދާ ބަދަލުތަކަށް އަހުރެމެން އިޖާބަދޭނަމެވެ."

އޭނާ ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ އިޤްތިސާދު ކުރިއެރުން ހުއްޓިފައިވުމާއި ، ޗައިނާގެ އިޤްތިޞާދުގެ ހެދިބޮޑުވުމަށް އައިސްފައިވާ ގުރުޑުކަމާއި ލާދަ މައްޗަށް ދިޔުމާއި އެމެރިކާގެ ޑޮލަރު ވަރުގަދަވުންފަދަ ކަންތައްތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ތެލުގެ ބާޒާރަށް ދަނީ ނުބައި އަސަރުތައް ފޯރަމުންނެވެ. މި ކަންކަމުގެ ސަބަބުން ތެލަށް ބޭނުންވާ މިންވަރަށް ވެސް ދަނީ ހަވާސަރުތައް ފޯރަމުންނެވެ.