ނަޒަރުންއެދިން ތަޢާރަފު މަ ހުރީމެ އަޑުއަހާލަން
އަސަރުން އެ ތޫނު ދެލޮލުގެ ކަތިވާވަރެއް ބަލައިލަން
މަހިނޫރުގައި އުފަންވާ ގިނިކަނދު ގުނާލުމަށްވުރެ
މަހިތުން ފަސޭހަވާނޭ ތަރިތައް އުޑުން ގުނާލަން
ބޮސްދޭން ކަރުނަވަޅަށް އައި ޝަބުނަމް ތިކީގެ ހޫނުން
އެސްފިޔަތަކޭ އަނދާނީ ނޫޅޭށެ ލޯމަރާލަން
ދެލޮލުން ރުވާލި ތީރުގެ ތޫނުން ޤަތުލް ވުމަށްފަހު
ދިލަހުރި އެ ފާރުތަކުގައި މަލަމެއް ނެތޭ ޖަހާލަން
ދެހަނދާނަކުން ކުރާ ހާސް މެހިދާ މަޅިން ކަރަށްއައިސް
އެ ހަނދާންތަކުގެތެރަށް ނައިސް ކުޅަދާނަހޭ ނިދާލަން
އަންދާ ގިނިން މި ލޭގާ ވިންދާ ހިތާއި މޭގާ
ގެންދާ އެ ބާރު އޮއިގާ ޖެހުނޭ މިހިތް އޮޔާލާން
ނިޔަނެތި ދުލެއްގެ ލަހުޖާ އަތުރާގޮތުން ލަފުޒުތައް
މިޔަތޫނު ޚަންޖަރަށްވުރެ ޤާބިލް ހިތެއް ކަފާލަން