Support Us

ޢަދުލު އިންސާފު… މާތް ރަސޫލާގެ ޝަރީޢަތް- 6

އަމިއްލަ ނަފްސަށް އަނިޔާވެރިވުން

ބައެއް މީހުން ހީކުރާ ގޮތުގައި އޭނާގެ އަމިއްލަ ނަފްސަކީ އޭނާގެ ޙައްޤެކެވެ. އެހެން ކަމުން އޭނާގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުމަކީ އަނިޔާއެއް ނޫނެވެ. މީހެއްގެ ގައިގައި ޖެހުމާއި ތިމާ އަމިއްލައަށް ތިމާގެ ގައިގައި ޖެހުމާ ތަފާތެވެ.

ކީރިތި ރަސޫލާ ﷺ ބަޔާންކޮށް ދެއްވާ ގޮތުގައިި ކޮންމެ މީހަކީ ﷲގެ ޚަލްޤެކެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އަހުރެމެން ހެއްދެވީ އަހުރެމެންގެ ހަށިގަނޑުގެ ބައިތަކާ ކުޅޭކަށް ނޫނެވެ. މާތް ﷲ އަހުރެމެންގެ ހަށިގަނޑުގައި ހައްދަވައިފައިވާ ކޮންމެ ގުނަވަނެއް ހައްދަވައިފައި ވަނީ ވަކި ވަޒީފާއެއް އަދާކުރާށެވެ. އެއިން ގުނަވަނަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިއްޖެނަމަ އެ މަސައްކަތް ކުރާނެ އެހެން ގުވަނެއް ނުހުންނާނެއެވެ. މާތް ﷲ ދެއްވި ނިޢުމަތަކަށް ވާތީ މި ނިޢުމަތަށް ރައްކައުތެރިވާން ޖެހޭނެއެވެ. މިހެންވެ ބަލިވުމުން ބޭސްފަރުވާ ކުރުމަށް އަމުރު ކުރެއްވިއެވެ.

ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާ ގޮތުގައި އިންސާނާއަކީ ﷲގެ އަޅެކެވެ. އެހެނަސް އެއީ މިނިވަން އަޅެކެވެ. އޭނާއަށް އިޚްތިޔާރު ދެއްވައިފައި ވެއެވެ. އޭނާ ބޭނުން ޢަޤީދާއެއް އިޚްތިޔާރު ކުރާންވީއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ[1]– ފަހެ، ބޭނުންމީހަކު إيمان ވާށެވެ! އަދި ބޭނުންމީހަކު كافر ވާށެވެ!))

ﷲ ތަޢާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ [2]– އަދި ފާފަވެރި އެއްވެސް نفس އެއް އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން رجوع ވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.))

ތިބާގެ ޙަޔާތަކީ ތިބާގެ މިލްކެއް ނޫނެވެ. ތިބާގެ ހަށިގަނޑަކީ ތިބާގެ ޙައްޤެއްނޫނެވެ. ތިބާއަށް މި ހަށިގަނޑާ ކުޅެވޭނީ އެ ބިނާކުރުމަށެވެ. ފަނާކުރުމަށް ޓަކައި މި ހަށިގަނޑަކާ ނުކުޅެވޭނެއެވެ.

މާތް ﷲ މި ހަށިގަނޑުގައި ޚަޒާނާ ކުރައްވައިފައިވަނީ ކޮންފަދަ މުއްސަނދި ކަމެއްކަމެއް ތިބާއަކަށް އަދި އެހެން ފަރާތަކަށް ވެސް ނޭނގެއެވެ. ތިބާގެ މައިކަށިން ނެރުއްވާނީ ކޮންފަދަ ވިސްނުން ތޫނު ޢަބްޤަރީއެއް ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ.

މާތް ﷲ ބައެއް މީހުންގެ ފުށުން ޢާލިމުންނާއި މުޞްލިޙުންނާއި ފަންނާނުން ކުރިމަގުގައި އުފައްދަވާނެކަން އެމީހުންނަކަށް ނޭނގޭނެއެވެ. އެ ފަދަ މައިންބަފައިންނާ ކުރިމަތިވާ މާޔޫސްކަމަކާ ހެދި އަމިއްލަ ޙަޔާތް ނައްތައިލައިފިނަމަ އެ ކަން ވާނީ ކޮންފަދަ އަނިޔާވެރި ކަމަކަށް ހެއްޔެވެ؟ އެމީހުންގެ ޙަޔާތަށާއި މީސްތަކުންނަށް އެވީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟

މިހެންވެ އިސްލާމްދީނުގައި އަމިއްލައަށް މަރުވުން މަނާކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا[3]– އަދި، ތިޔަބައިމީހުންގެ އަމިއްލަ نفسތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.))

ކީރިތި ރަސޫލާ ﷺގެ ބަސްފުޅުތައް އަހާލަމާ ހިނގާށެވެ! އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((مَن تَرَدّى مِن جَبَلٍ فقَتَل نفسَه، فهو في نارِ جَهَنَّمَ يَتَرَدّى فيها خالِدًا مَخَلَّدًا فيها أبدًا، ومَن تَحَسّى سُمًّا فقَتَل نفسَه فَسُمُّه في يدِه يَتَحَسّاهُ في نارِ جَهَنَّمَ خالِدًا مُخَلَّدًا فيها أبدًا، ومَن قَتَل نفسَه بِحديدةٍ، فحدِيدَتُه في يَدِه يَتَوَجَّأُ بها في نارِ جَهَنَّمَ خالِدًا مُخَلَّدًا فيها أبدًا[4]– ފަރުބަދައެއް މަތީން ފުންމައިލައިގެން އޭނާގެ ނަފްސު މަރައިލި މީހާ ފަހެ ނަރަކައިގެ އަލިފާނުގެ ތެރޭގައި ފުންމަފުންމާ ތާއަބަދަށް ދިރި ދެމިހުންނާނެތެވެ. އަދި ވިހައެއް ބޮއެގެން އޭނާގެ ނަފްސު މަރައިލި މީހާ ފަހެ އޭނާގެ އަތުގައި އެ ވިހަ ހުރެ އެއިން ބޮއެބޮއެ ނަރަކައިގެ އަލިފާނުގައި ތާއަބަދަށް ދިރިދެމި ހުންނާނެތެވެ. ދަގަނޑު ބުރިއަކުން އޭނާގެ ނަފްސު މަރައިލި މީހާ ފަހެ އޭނާގެ އަތުގައި އެ ދަގަނޑުބުރި އޮވެ އޭނާގެ ގަޔަށް އެ ހަރަހަރާ ތާއަބަދަށް ދިރިދެމި ހުންނާނެތެވެ.))

ކިހާ ބިރުވެރި ކަމެއްހެއްޔެވެ! އެމީހަކު އަމިއްލައަށް މަރުވި ގޮތަކަށް އެ މީހަކަށް ނަރަކައިގައި ޢަޒާބު ދެއްވާނެތެވެ.

މީހަކު އޭނާގެ ނަފްސު މަރައިލުން އަނިޔާއަކަށް ވާ ފަދައިން އޭނާގެ ނަފްސު ނުބައި ޢަމަލުތަކަށް ދޫކޮށްލައި ނުވަތަ ހާސާކޮށްލައި ހިރާސަށް ހުށައެޅުމަކީ ވެސް ހަމަ އަނިޔާއެވެ. މިހެންވެ ކީރިތި ރަސޫލާ ﷺ އިންސާނާއަށް ކުށްފާފަތަކާ ދުރުހެލިވުމަށް ގޮވައިލެއްވިއެވެ. އޯގާވެރި ބައްޕައެއް ފަދައިން އެކަލޭގެފާނު އުންމަތަށް ގޮވައިލައްވަމުން ގެންދެވީ ކުށްފާފަތަކާ ދުރުހެލިވުމަށެވެ. ހެޔޮ ކަންތައްތައް ކުރުމަށް ގޮވައިލައްވަމުންނެވެ.

އެކަލޭގެފާނު ގޮވައިލައްވަނީ ﷲގެ ޙަޟްރަތަށް އަވަހަށް ދިޔުމަށެވެ. ކުށެއް ހަމަ ކުރެވޭ އިރަށް ތައުބާވުމަށެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތައުބާވާށެވެ! އެކަލާނގެ ޙަޟްރަތުން ފާފަ ފުއްސަވާ ދެއްވުމަށް އެދޭށެވެ! ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަ ފަހަރު ތައުބާވެ ވަޑައިގަންނަވަމުއެވެ.))

މަތިވެރި މާތް ޢަމަލުތަކުގެ ރިވެތި ތަޞްވީރެއް ކުރައްސަވާ ދެއްވަމުން ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ.

1- ތިބާއަށް ﷲ ފެންނަ ފަދައިން ތިބާ ﷲއަށް އަޅުކަން ކުރާށެވެ! ތިބާއަށް ﷲ ނުފެނުނަސް ﷲ ތިބާ ދެކެވޮޑިގަންނަވާނެތެވެ.

2- ((اِتَّقِ اللهَ حَيْثُمَا كُنتَ، وأتْبِعِ السَّيئةَ الحسنةَ تمحُها، وخالقِ النّاسَ بخُلُقٍ حسَنٍ [5]– ތިބާ ވާ ކޮންމެ ތަނެއްގައި ތިބާ ﷲއަށް ތަޤްވާވެރިވާށެވެ! ތިބާއަށް ކުރެވޭ ކޮންމެ ނުބައިކަމަކާ ވިދިގެން ހެޔޮކަމެއް ކުރާށެވެ. އޭރުން އެ ނުބައިކަމެއް ފުހެވިގެން ހިނގައިދާނެތެވެ. އަދި މީސްތަކުންނަށް ރިވެތި އަޚްލާޤުން މުޢާމަލާތު ކުރާށެވެ.))

3- ނަރަކަ ފުރިގެން ވަނީ ކުރަން އެދޭ ކަންތައްތަކުންނެވެ. ސުވަރުގެ ފުރިގެން ވަނީ ކުރަން ނޭދޭ ކަންތައްތަކުންނެވެ.

4- ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((كُلُّ أُمَّتي يَدْخُلُونَ الجَنَّةَ إلّا مَن أبى، قالوا: يا رَسُولَ اللهِ، ومَن يَأْبى؟ قالَ: مَن أطاعَنِي دَخَلَ الجَنَّةَ، ومَن عَصانِي فقَدْ أبى[6]– ތިމަންކަލޭގެފާނުގެ އުންމަތުގެ އެންމެން ސުވަރުގެ ވަންނާނެތެވެ. ދެކޮޅު ހެދި މީހަކު މެނުވީއެވެ. އެބައިމީހުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއޭވެ! ދެކޮޅު ހަދާނީ ކާކުތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންގަތް މީހަކު ސުވަރުގެ ވަންނާނެއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވި މީހާ ހަމަކަށަވަރުން ދެކޮޅުހަދައިފިއެވެ.))

މި ހުރިހާ ބަސްފުޅުތަކެއްގެ ވެސް އަމާޒަކީ މީސްތަކުންގެ މެދުގައި ޢަދްލުއިންސާފާއި ސުލްޙަމަސަލަސްކަން ޤާއިމު ކުރެއްވުމެވެ.

އެކަލޭގެފާނު ދީނަކީ ކޮބައިކަން މުލައްޚަޞްކޮށް ދެއްވާ ޙަދީސް ކުރެއްވިއެވެ. ((إنّ الدينَ النصيحةُ [7]– ހަމަކަށަވަރުން ދީނަކީ ނަސޭހަތެވެ.))

(ނިމުނީ)

 

[1]  – الكهف : 29

[2]  – الزمر : 7

[3]  – النساء : 29

[4] – أخرجه البخاري (٥٧٧٨)، ومسلم (١٠٩)، والترمذي (٢٠٤٤) واللفظ له، والنسائي (١٩٦٥)، وأحمد (٧٤٤٨)

[5]  – أخرجه الترمذي (١٩٨٧)، وأحمد (٢١٣٩٢)

[6]  – صحيح البخاري ٧٢٨٠

[7]  – أخرجه مسلم (٥٥)، وأبو داود (٤٩٤٤)، والنسائي (٤١٩٧)، وأحمد (١٦٩٤٥)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *