Support Us

ހަދީސަކާއި އޭގެ މާނަ

جاء في الحديث الشريف أن رجلاً سأل رسول الله صلى الله عليه وسلم عن موعد قيام الساعة فقال له رسول الله صلى الله عليه وسلم: (إذا ضيعت الأمانة فانتظر الساعة قال كيف إضاعتها يا رسول الله قال إذا أسند الأمر إلى غير أهله فانتظر الساعة) رواه البخاري.

މާތްވެގެންވާ ހަދީސެއްގައި އައިސްފައިވެއެވެ. ގިޔާމަތްވާނީ ކޮން އިރަކުންކަމާ ބެހޭ ގޮތުން ސަލާމާއި ސަލަވާތްލެއްވި މާތްރަސްކަލާނގެ ރަސޫލާއާ މީހަކު ސުއާލުކުރިއެވެ. ދެން ސަލާމާއި ސަލަވާތްލެއްވި މާތްރަސްކަލާނގެ ރަސޫލާ އޭނާއަށް ވިދާޅުވިއެވެ. "އަމާންތެރިކަން ގެެއްލިގެން ހިނގައްޖެ ނަމަ، ދެން، [ގިޔާމަތް ވުމުގެ] ވަގުތަށް އިންތިޒާރުކުރާށެވެ." ދެން، އެމީހާ ދެންނެވިއެވެ. މާތްރަސްކަލާނގެ ރަސޫލާއެވެ! އަމާނަތްތެރިކަން ގެއްލިގެންދާނީ ކިހިނަކުންތޯއެވެ؟ ވިދާޅުވިއެވެ. "[ގައުމުގެ] ކަންކަން އެކަންކަމުގެ އަހުލުވެރި ނޫން މީސްމީހުނާ މަތިކުރެވުމުން، ދެން، [ގިޔާމަތުގެ] ވަގުތަށް އިންތިިޒާރުކުރާށެވެ!" މި ހަދީސް ރިވާކުރެއްވީ އިމާމު ބުޚާރީއެވެ.

މި ހަދީސްގެ މައްޗަށް ނަޒަރު ހިންގާލަން ގަސްދުކުރާއިރު ބަލާލަން ޖެހެނީ ހަދީސްގައި އެކުލެވިގެންވާ ހިކުމަތުގެ މައްޗަށެވެ. އެ ގޮތުން ބަލާލާއިރު ދެކަމެއް ފާހަގަވެއެވެ. އަމާނަތްތެރިކަމުގެ މުހިއްމުކަމެވެ. ކަންކަމާ ހަވާލުކުރެވުމުން އަމާނަތްތެރިކަމާއެކު ހަވާލުކުރެވޭ ކަންކަންކުރުމެވެ. ތިމާ މަސްއޫލުވާން ޖެހޭ ކަންކަން ފުރިހަމަައަށް، އެންމެ ހެޔޮގޮތުގައި އަދާކުރުމެވެ. އާދެ، ތިމާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމެވެ.

ދެވަނައަށް ފާހަގަކުރެވެނީ ތިމާއަށް ހަވާލުކުރެވޭކަންކަން މަސްއޫލުވެރިކަމާއެކު ނުކުރެވި، ތިމާގެ މަސްއޫލިއްޔަތު އަދާނުކުރެވި، ތިމާގެ އަމާނަތްތެރިކަން ގެއްލިދިޔުމުން ވާގޮތެވެ. އާދެ، ކަންކަމުގެ މައްޗަށް ފަސާދަވެރިކަން އައިސް އަށަގަނެ، އެކަން ފެތުރުމެވެ. މިކަން ދިމާވާން މެދުވެރިވަނީ ކަންކަމާއި އެކަންކަމުގެ އަހުލުވެރިން މަތިނުކުރެވުމުންނެވެ. ކަންކަން ކުރުމުގެ ގާބިލުމީހުންނާއި ކަންކަން ހަވާލު ނުކުރެވުމުންނެވެ. ގައުމެއް މިސްރާބު ކަނޑައަޅަން ތިބެން ޖެހޭނީ އެ ކަންކަމަށް ކަމުވޮށިގެންވާ މީހުންނެވެ. އެފަދަ މަގާމުތަކުގައި ކަމުވޮށިގެންވާ މީހުން ނެތިއްޖެ ނަމަ، އަމާނާތް ރައްކާނުކުުރެވި، އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރެވޭގޮތް ވެއެވެ.

ދެން، ފާހަގަކޮށްލެވެނީ ކަމުވޮށިގެން ނުވާ މީހުންނާ ކަންކަން ހަވާލުކުރެވުމުން ލިބޭ ގެއްލުމެވެ. ހަދީސްގައި ބަޔާންކުރެވިފައިވާ ގޮތުން، މިފަދަ ޣައިރު މަސްއޫލުވެރި ގޮތެއްގައި ގައުމުގެ ކަންކަން ހިންގުން ޣައިރު ގާބިލު މީހުންނާ ހަވާލުކުރެވުމުން ގިޔާމަތްވުން ކައިރިވީ ކަމުގައެވެ. މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ މީގެ ލަފްޒީ މާނައަކަށްވާނީ އެލަފްޒުން ދޭހަވާ މާނައެވެ. ގިޔާމަތްވުން ކައިރިވުމެވެ. އާދެ، ދުނިޔެ ނިމުމަކަށް އައުން ކައިރިވެއްޖެ ކަމެވެ.

މި މާނައިގެ އިތުރުން އެހެން މާނައެއެއް ވެސް މި ހަދީސުން ލިބިގަނެވިދާނެއެވެ. ކަމުވޮށިގެންވާ މީހުން ކަންކަމާ މަތިކޮށް އެފަދަ މީސްމީހުންނާ ކަންކަން ހަވާލުނުކުރެވުމުން، އަމާނަތްތެރިކަން ގެއްލި، ތަނަށް ފަސާދަވެރިވުމުން ތަން ހަލާކުވެދިޔުން ގާތްވުމުގެ މާނައެވެ. މިއީ، ތިމާގެ އަމިއްލަ ވިސްނުން ބޭނުންކޮށްލުމުން، ކޮންމެ މީހަކަށް ވެސް ވިސްނޭނޭ ކަމެއްހެން ހީވެއެވެ.

މި ހަދީސްގައި އެކުލެވޭ ހިކުމަތުން ލިބޭ ފިލާވަޅަކީ ކޮބާހެއްޔެވެ؟ ކަންކަމަށް މީހުން އިސްކުރުމުގައި ޒިންމާދާރުވުމެވެ. މި ޒިންމާދާރުވުމަކީ ހަމަ އެކަނި ވެރިން ކުރަންޖެހޭ ކަމެއް ނޫނެވެ. މިއީ އެންމެންގެ ވެސް މަސްއޫލިއްޔަތެކެވެ. މިސާލަކަށް ވޯޓުލައި މީހުން ކަންކަމަށް އިންތިޚާބުކުރާއިރު އެކަން ކުރަން ޖެހޭނީ ޒިންމާދާރު ގޮތެއްގައެވެ. މިކަން ކުރެވޭނީ ވޯޓު ނުވިއްކައި، ތިމާގެ ގާތް ނުވަތަ ތިމާގެ ގަޔާވާ މީހާއަށް ނުބަލައި، ކަމުގެ ގާބިލުކަން ލިބިފައިވަނީ ކާކަށްތޯ ބަލައި، އެމީހަކު ހޯދައި، އެމީހަކަށް ވޯޓު ދިނުމުންނެވެ. އެފަދަ މީހުން ދެނެގަތުމަކީ ތިމާގެ ޒިންމާއެކެވެ.

މި މައްސަލާ ގުޅޭ އެހެން ވާހަކައެއް ވެސް ލިޔެލާނަމެވެ. އެވާހަކަ ނިސްބަތްވަނީ މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނަށެވެ.

سيدنا عمر رضي الله عنه، سأل أحد الولاة: ماذا تفعل إذا جاءك الناس بسارق أو ناهب؟ قال: أقطع يده، قال: إذاً فإذا جاءني من رعيتك من هو جائع أو عاطل، فسأقطع يدك، إن الله قد استخلفنا عن خلقه لنسد جوعتهم، ونستر عورتهم، ونوفر لهم حرفتهم؛ فإن وفيناهم ذلك تقاضيناهم شكرها، إن هذه الأيدي خلقت لتعمل، فإن لم تجد في الطاعة عملاً، وجدت في المعصية أعمالاً، فاشغلها في الطاعة قبل أن تشغلك في المعصية.

މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނު އެކަލޭގެފާނުންގެ ގަވަރުނަރެއް ކުރެން އެެއްސެވިއެވެ. "ކަލޭގެފާނު އަރިހަށް ވަގެއް ނުވަތަ ފޭރޭ މީހެއް ގެނެވިއްޖެ ނަމަ ކަންތައް ކުރައްވާނީ ކިހިނެއް ހެއްޔެވެ؟" ދެން އޭނާ ދެންނެވިއެވެ. "އެމީހެއްގެ އަތް ކަނޑާނަމެވެ." ދެން އުމަރުގެފާނު ވިދާޅުވިއެވެ. "އެހެންވެއްޖިއްޔާ، އަހުރެން ގާތަށް ކަލޭގެފާނު (ބަލަަހައްޓަން ޖެހިވަޑައިގަންނަވާ) ރައްޔިިތުންގެ މީހަކު ބަނޑުހައިވެގެން ނުވަތަ ކުރާނެ މަސައްކަތްތެެއް ނުލިބިގެން އަތުވެއްޖެ ނަމަ ކަލޭގެފާނުންގެ އަތްޕުޅު ކަނޑަން ޖެހޭނެތާއެވެ! ހަމަ ކަށަވަރުން، މާތްރަސްކަލާނގެ އަޅުތަކުންގެ ކަންތައްތައް ހިިންގުމަށްޓަކައި، އެމީހުންގެ މައްޗަށް އެކަލާނގެ އަހަރުމެން ވެރިކުރައްވައި މަތިކުރައްވައިފައިވަނީ އެމީހުންގެ ބަނޑުހައިހޫނުކަން ފިލުވުމަށާއި އެމީހުންގެ އުނުއޮރިޔާން ނިވާކުރުމަށާއި އެމީހުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައެވެ. މިިކަންކަން އެމީހުންނަށް ފުރިހަމަކޮށް ދެވިއްޖެ ނަމަ އެމީހުންނަށްޓަކައި އަހަރުމެން އަދާކުރަން ޖެހޭ ދަރަނި ފުރިހަމަ ކުރެވި އަހަރުމެންގެ ވާޖިބުއަދާކުރެވި، އެކަމުގެ ޝުކުރު ލިބިގަންނަމެވެ. މީސްތަކުންގެ އަތްތައް ޚަލްގުކުރެވި ހެދިފައިވަނީ މަސައްކަތް ކުރުމަށްޓަކައެވެ. ހެޔޮ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު އެ އަތްތަކަށް ނުލިބިއްޖެ ނަމަ، ނުބައި ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތުތައް އެ އަތްތައް ހޯދާނެއެވެ. އެހެންވީމާ ކަލޭގެފާނުގެ ވާޖިބަކަށް، މަސައްކަތްޕުޅަކަށް، ވާންޖެހޭނީ (މީސްތަކުންގެ) އަތްތައް ނުބައި ކަންކަމުގައި އަވަދިނެތި އުޅުމުގެ ކުރިން، އެ އަތްތައް ހެޔޮ ކަންކަމުގައި އަވަދިނެތި އުޅުމުގެ ގޮތް ހޯދައިދެއްވުމެވެ."

މަތީގައި ބަޔާން ކުރެވިދިޔާ މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނުންގެ ވާހަކަކޮޅުން، ވެރިންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ފާހަގަކޮށްދެވިފައިވެއެވެ. އެއީ ފަހަރެއްގައި ވެސް އަދަބުދެވި މީސްތަކުންގެ 'އަތް ކެނޑުމެއް' ނޫނެވެ. މީސްތަކުންނަށް، ހެޔޮ ގޮތުގައި ދިރިއުޅުމުގެ މަގުފަހިކޮށްދިނުމެވެ. އެމީހުންގެ އަސާސީ ބޭނުންތައް ފުއްދޭނޭ ގޮތްތައް ހޯދައިދިނުމެވެ. އެކަން ކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ހިިނގާލުމެވެ.

މި ވާހަކަކޮޅުގައި އިޝާރަތްކޮށްފައިވާ ގޮތުގައި، އުފެދުމުގައި، އެއްވެސް މީހަކީ ގޯސް ނުރަނގަޅު މީހެއްނޫނެވެ. އެމީހުންގެ އަސާސީ ބޭނުންތައް ހެޔޮގޮތުގައި ފުއްދޭނޭ މަގު އޮވެއްޖެ ނަމަ، ނުބައި ކަންކަމަށް އެމީހުން އަރައިގަތުން ވަރަށް ވެސް ދުރުވާނެއެވެ. އެހެންވެ، އުމަރުގެފާނު އިޝާރަތްކުރައްވަނީ މީސްތަކުން ވައްކަންކޮށް ފޭރި އުޅުން އާންމުވުން އަންގައިދެނީ ވެރިންނަށް އެމީހުންގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމެވެ. މީހުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ނުކުޅެދިފައިވާ ކަމެވެ. އެމީހުންނާ ހަވާލުކުރެވިފައިވާ އެމީހުންގެ އަމާނާތް ފުރިހަމައަށް އަދާ ނުކުރެވޭކަމެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ ކަންކަން ބެލެހެއްޓުން ހަވާލުކުރެވިފައިވާ މީހުންނަށް އެމީހުންގެ މަސްއޫލިއްޔަތު އަދާނުކުރެވި، އެކަކަށް ވެސް އެމީހެއްގެ އަސާސީ ބޭނުންތައް ފުއްދޭނޭ ގޮތެއް ނެތިއްޖެ ނަމަ، ވައްކަންކޮށް ފޭރޭ މީހުންގެ އަތްކެނޑުމަށް ވުރެ، ވެރިޔާގެ އަތްކެނޑުން އައުލާކަން ބޮޑުކަމެވެ.

އާދެ، މި ހުރިހާ ވާހަކައަކުން ވެސް، މަތީގައި ލިޔެވުނު ހަދީސުންނާއި އުމަރުގެފާނުންގެ ވާހަކަކޮޅުން ވެސް އެނގެނީ ކަންކަމަށް އިސްކުރެވެން ޖެހޭނީ އެކަންކަމުގެ މަސްއޫލިއްޔަތަކީ ކޮބައިކަމާއި އަދި އެކަން ޒިންމާދާރު ގޮތެއްގައި، އެންމެ ފުރިހަމައަށް، އަދާކުރެވޭނެ ފަދަ ގާބިލުކަން ހުރި މީސްމީހުންނެވެ. ތަނަށް ހަމަޖެހުމާއި ހަގީގީ ކުރިއެރުން ލިބެން އޮތީ މި ގޮތަށް ކަންތައް ކުރެވިގެން ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *