މެއްސަކަށް ވެސް ފަހަރުގާ އެރިދާނެ އަހަކަށް އިއްޒަތީ
ވިއްސެމުން ކާޅެއް އުދުހިދޭ ބާޒުއައިނުގެ ކުރިމަތީ
ހީވެދާނޭ ބާޒުއައިނަށް ކާޅު މަގުދައްކާ ކަމަށް
ވީ ގޮތެއް މީ ނޫނެކޭ އައި އިއްތިފާގީ ގޮތް މަތީ
ފިނޑިއަކަށް ވެސް ފަހަރުގާ ޖެހިދާނެ ހުންގާނަށް އަރަން
އޮޑި ނުވާ ކިޔަމަން ގޮތުން ބިރުވެރިކަމާ އެކު ކަނޑުމަތީ
ރީތިފޭރާމުން ނިފާގީ ޒީނަތުން ވާ ބައިގަނޑެއް
ހީވެދާނޭ ކަމުވޮށީންނޭ ވީކަމަކު ހަޑި މަގުމަތީ
ހެޔޮލަފާ މިނިވަން ޢަޒީޒުން އެކަނިމާއެކަނިން ހިލޭ
ހެޔޮގޮތެއް ފެންނާނެ ނެތި ހުންނަން ޖެހޭ އެބަ ބިންމަތީ
މިފަދައިން ހުރި ކަންކަމަށް ވުރެ ހިތުގެ ލޭ ޒަހަރަށް ވަނީ
އުފަލުގާ މީދާ ނަށާތީއޭ ބުޅަލު ބުރިކަށި މަތީ
ބިން ފަސާދަވެ ހިތް ޚަރާބުވެ ޒިންދަގީ ގެއްލޭ މަގުން
ކަން ތިބާ ކޮށްފާ ސަބަބު ވާނޭތަ އަނެކާ ނަންމަތީ