Support Us

އިލާހުވަންތަ ފަރާތާ ބެހޭ ގޮތުން ބުނެފައިވާ ބުނުންކޮޅެއް

އިލާހުވަންތަ ފަރާތޭ ބުނެ މިތާ މި އިޝާރަތްކުރަނީ ކައުނާއި ކައުނުގައި ވާހާ އެއްޗެއް ހައްދަަވައި ބައްލަވާ ވޮޑިގެންވާ ފަރާތާއެވެ. އެ ފަރާތަށް ޚާއްސަ ނަންފުޅެއްގެ ގޮތުގައި އަޅުގަނޑުމެން މުސްލިމުން، އާންމު ގޮތެއްގައި ބޭނުންކުރަނީ 'ލަފްޒު އަލްޖަލާލާ’އެވެ. އާދެ، މާތްﷲއެވެ.

މާތްﷲއާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބުނުންކޮޅެއް ނަކަލުކޮށް ލިޔެލުމުގެ ކުރިން، ވަރަށް މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. އެއީ މާތްﷲގެ މަފްހޫމާ ބެހޭ ގޮތުންނެވެ. މާތްﷲ އޭ ބުނުމުން، އެ ލަފްޒު ދޭހަކޮށްދޭ މާނައާ ބެހޭ ގޮތުންނެވެ.

މާތްﷲގެ މަފްހޫމަކީ ހިތަށް ނަގައިންގަންނަން އެހާ ފަސޭހަ ނުވެދާނޭ މަފްހޫމެކެވެ. ސަބަބަކީ އެ މަފްހޫމު ހިމެނެނީ އެ އެއްޗެހީގެ ފުރިހަމަ ހަގީގަތް އެނގިގަތުމުން ބޭރުގައިވާ 'ޣައިބު’ގެ ދާއިރާގައި ކަމަށްވާތީއެވެ. އާދެ، 'ފޮރުވިފައިވާ' ދާއިރާގެ ތެރޭގައެވެ. ސުވަރުގެ ނަރަކަ، މަލާއިކަތުންނާއި ޖިންނީން ވެސް އެދާއިރާގެ ތެރޭގައި ހިމެނޭ ޣައިބުގެ ދާއިރާގެ ތެރޭގައެވެ. ޣައިބުގެ ނުވަތަ ފޮރުވިފައިވާ ދާއިރާއޭ ބުނެ އިޝާރަތްކުރަނީ، ދެންމެ އިޝާރަތްކޮށްލި ފަދައިން، އެ އެއްޗެއްގެ ވާހަކަ ބުނުމުން، އޭގެ ހަގީގަތް ހިތަށް ތަސައްވުރު ނުކުރެވޭ، އާދެ، ހިތުގައި ކުރަހާނުލެވޭ ދާއީރާއެވެ. ފޮތެކޭ ނުވަތަ މިވެނި ރަށެކޭ ބުނުމުން ފޮތާއި އެ ރަށް، ކުރިން އޭގެ މާނަ އެނގިފައިވާ ނަމަ، ހިތުގައި އެ އެއްޗެހީގެ ހަގީގަތް ކުރަހާލެވޭ ފަދަ ގޮތެއްގައެވެ.

މާތްﷲގެ މަފްހޫމު ޣައިބުގެ ދާއިރާއިގައި ހިމެނި، އެ މަފްހޫމުގެ އެންމެ ފަހުގެ ހަގީގަތް ހިތުގައި ކުރަހާލުމަށް އިންސާނާގެ ސިކުނޑި ކުޅަދާނެވެގެން ނުވިޔަސް، އެ މަފްހޫމުގެ ހަގީގަތުގެ ކޮންމެ ވެސް މިންވަރެއް އެނގިގަނެވިދާނެއެވެ. އެހެންވީމާ މީގެ މައްޗަށް، ފަނޑު ގޮތެއްގައި ނަމަވެސް، އަލިއަޅުވާލަން ގަސްދުކުރަމެވެ.

މާތްﷲގެ ހަގީގަތާ ބެހޭ ގޮތުން އެއްޗެއް ބުނާއިރު، އެންމެ ފުރަތަމަ ފާހަގަކޮށްލަން ޖެހެނީ އެކަލާނގެއީ އުފެދުމެއް ނެތި ވޮޑިގެންވާ ހަމައެކަނި ފަރާތްކަމެވެ. އެހެން އެއްވެސް އެއްޗަކަށް މި ސިފަ ލިބިގެން ނުވާކަމެވެ.

މިކަން، ވިސްނައިގަތުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ޖެެހެއެވެ. އަހަރުމެން އިންސާނުންގެ ސިކުނޑީގެ ވިސްނުން މަސައްކަތް ކުރަނީ ވަގުތާއި ޖަގަހައިގެ އޮނިގަނޑުގެ ތެރޭގައެވެ. އެހެންވެ، މި އޮނިގަނޑުން ބޭރުން ވިސްނުން ގެންގުޅުން ވަރަށް ވެސް އުނދަގޫވެއެވެ. ނަމަވެސް، ވަގުތާއި އަދި ޖަގަހައަކީ ވެސް ފެށުމެއްވާ އެއްޗެއްކަން ހަނދާންކުރަން ޖެހެއެވެ. ކައުނު ވެސް އަދި ކައުނުގައި ލެއްވުނު ކާއިނާތުތައް ވެސް ނެތްއިރެއް ދިޔަ ފަދައިން، ވަގުތާއި ޖަގަހަ ވެސް ނެތްއިރެއް ދިޔައެވެ. މިތާ ހަނދާން ކޮށްލަންވީ ވަގުތު ވެސް އަދި ޖަގަހަ ވެސް ނެތް އިރު ވެސް މާތްﷲ ވޮޑިގެންވީކަމެވެ. ވަަގުތާއި ޖަގަހަ ނެތް އިރެއް ހިތަށް ގެނެވިއްޖެ ނަމަ، މާތްﷲ ވޮޑިގެންވުމަށް ވަގުތެއް އަދި ޖަގަހައެއް ބޭނުން ނުވާކަން ހިތަށް ގެންނަން ފަސޭހަވާނެއެވެ. އަދި، މިކަން ހިތަށް ގެނެވިއްޖެ ނަމަ، ފެށުމެއް ނެތި މާތް ﷲ ވޮޑިގެންވުން ހިތަށް ގެނައުން ފަސޭހަވާނެއެވެ.

މި މައްސަލައާ ދޭތެރޭ ވިސްނައި، މާތްﷲގެ އެންމެ އިސް ދެ ސިފަފުޅު ކަމުގައިވާ އަލްއައްވަލު ވަލްއާޚިރު އަބަދުވެސް ފާހަގަކުރަން ޖެހެއެވެ. އާދެ، އެކަލާނގެއީ ފެށުމެއް ނެތި ވޮޑިގެންވާ އަދި ނިމުމެއްނެތި އަބަދަށް ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. މި އިން އެއްވެސް ސިފައަކީ އެހެން އެއްވެސް އެއްޗަކަށް ލިބިގެންވާ ސިފައެއް ނޫނެވެ. މިކަން ހިތުގައި ބިންވަޅުނަގައި ހަރުކޮށްލެވިއްޖެ ނަމަ، 'މާތްﷲ އުފެއްދެވީ ކާކުހޭ' ބުނެ ވަސްވާސްތަައް އުފެދޭ ގޮތެއް ނުވާނެއެވެ. ސަބަބަކީ އުފެދުމެއް އޮތް އެއްޗެއް ނަމަ، އެއީ ކަލަކަށް ނުވާނެއެވެ. ކަލެއްގެ ސިފަ ލިބެނީ އުފެދުމެއް ނެތި ވޮޑިގެން ވުމުންނެވެ. އެހެންވެ، މާތްﷲއީ އުފެދުމެއް ނެތި ވޮޑިގެންވާ، އަދި ނިމުމެއް ވެސް ނެތި އަބަދަށް ދެމިޮވޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ 'އަހަދު’އަށް، 'އެއްކައުވަންތަ' ފަރާތަކަށް ވަނީ އެހެންވެގެންނެވެ. އަދި އެކަލާނގެއާ އެއްގޮތްވާ އެކައްޗެއް ވެސް ނުވަނީ އެހެން ވެގެންނެވެ.

އާދެ، މާތްﷲގެ މި މުހިއްމު މަފްހޫމު ދެނެގަތުން ވަރަށް ވެސް މުހިއްމެވެ. އެކަލާނގެ ވޮޑިގެންވާ ކަމުގެ ހެކިތަކުގެ ވާހަކަ ދައްކާއިރުއާއި އަދި މިކަމާ އިދިކޮޅު ވާހަކަތަކުގެ މައްޗަށް ނަޒަރު ހިންގާލާއިރު ވެސް މެއެވެ. މި ވާހަކަތަކުގެ އިތުރު ތަފްސީލު ފަހުން ގެނެވޭނެއެވެ. މި ވަގުތު މާތްﷲއާ ބެހޭ ގޮތުން ބުނެފައިވާ ބައެއް ބުނުންތަކުގެ މައްޗަށް ނަޒަރު ހިންގާލާނަމެވެ.

  1. މުއުމިނާއަށް މުހިއްމުވާން ޖެހެނީ އޭނައާ އެއްކޮޅެއްގައި މާތްﷲ ވޮޑިގެން ވުމެއް ނޫނެވެ. ނަމަވެސް، މާތްﷲގެ ކޮޅުގައި އޭނަ ވުމެވެ. ސަބަބަކީ ހެއްޔެވެ؟ މާތްﷲއީ އަލްހައްގު ކަމުގައި ވުމެވެ. އާދެ، އެކަލާނގެއީ ޚިޔާލެއް ނޫނެވެ. ތެދު ހަގީގަތެކެވެ. މިހެން ކަމަށްވާ އިރު، މުއުމިނާ ބަލަން ޖެހޭނީ ހައްގުގެ ކޮޅުގައި ވުމެވެ.
  2. މާތްﷲ މައުރިފާކޮށް ދެނެގަތުމަށް މުއުމިނާއަށް ބޭނުންވަނީ ހަމަހިމޭންކަމެވެ. ހަމަހިމޭންކަމުގެ ތެރެއިން އޭނާގެ ނަފްސަށާއި އޭނާގެ ވަށައިގެންވާ އެއްޗިއްސަށް ބަލައި ވިސްނުމުގެ ނަޒަރު ހިންގުމެވެ. ގަސްގަހާގެހި ފަދައިންނެވެ. ހަނުހިމޭން ކަމުގެ ތެރޭގައި އެ ތަކެތި އުފެދި ބޮޑުވެއެވެ. ތަރިރު ހަނދު ފަދައިންނެވެ. ހަނުހިމޭންކަންމަތީ އެ އެއްޗެހި ހަރަކާތް ކުރެއެވެ. އެހެންވެ، މުއުމިނާގެ ރޫހުގައި އީމާންކަމުގެ ބީހިލުން ބީހިލުމަށްޓަކައި ހަމަހިމޭންކަން ބޭނުންވެއެވެ. މި ބުނި އެއްޗެހީގެ މައްޗަށް ނަޒަރު ހިންގައި އޭގެ ހަގީގަތް ދެނެގަތުމަށްޓަކައެވެ.
  3. ދުނިޔެއަށް އުފަންވާ ކޮންމެ ތުއްތު ކުއްޖަކު ބުނާ ވާހަކައަކީ ކޮބައިހެއްޔެވެ؟ އިންސާނާގެ އަމަލުތައް އިސްލާހުވުމުގެ އުއްމީދު އޮތްކަމުގެ މެސެޖު މާތްﷲ ދެއްވާކަމެވެ. ކޮންމެ ކުއްޖަކު ވެސް އުފަންވަނި ސާފު ފިތުރަތެއްގެ މަތީގައެވެ. އެ ސާފު ފިތުރަތް ހަލާކުކޮށްނުލައި، ހެޔޮ ގޮތުގައި އެކުއްޖާ ތަރުބިއްޔަތު ކުރެވިއްޖެ ނަމަ، މުޅިން އާ ސޯލިހު ޖީލެއް އުފެދެއެވެ.
  4. އިންސާނާ މާތްﷲއާ ދުރުވެ، އެކަލާނގެއާ ގުޅުން ކެނޑިއްޖެ ނަމަ، އޭނާ އެހެން އިންސާނުންނާ ވެސް ދުރުވެ، ގުޅުން ކެނޑެއެވެ. އިންސާނާ މާތްﷲއާ ދުރުވެއްޖެ ނަމަ، އޭނާގެ ހަމައެކަނި އަމާޒަކަށް ވަނީ އޭނާގެ އަމިއްލަ ނަފްސެވެ. ދެން، ހުރިހާ ހެވާއި ލާބައެއް ހަމައެކަނި އޭނައަށް ލިބުން އެދިގަނެވެއެވެ. އަދި، އެ ގޮތުން، އޭނާއަކީ އޭނާގެ އަމިއްލަ ނަފްސާއި އެ ނަފްސުގެ އެދުންތަކުގެ އަޅަކަށް ވެދެއެވެ. މިހެންވުމުން، އެހެން އެއްވެސް މީހެއްގެ ފައިދާއަކަށް، މަސްލަހަތަކަށް ބެލުމުގެ ޖާގައެއް، ފުރުސަތެއް އޭނާއަކަށް ލިބިގެން ނުވެއެވެ.
  5. އިންސާނާގެ ރޫހަށް، އުޑު ދެފަޅިއަށް ފަޅާލައި މާތްﷲގެ ވަޖުހުފުޅުގެ ނޫރު، އެ ރޫހަށް ފޯރާ ގޮތް ހަދާލުމުގެ އެކަށޭނަކަން ލިބިގެން ވެއެވެ. ބޭނުންވަނީ އޭނާގެ ނަފްސާއި ޖިހާދުކޮށް ނަފްސުގެ ނުރަނގަޅު ސިފަތައް ނެތިކުރުމުގެ މަސައްކަތް ފެށުމެވެ.
  6. އަހަރުމެން މުސްލިމުންގެ ގަބޫލުކުރުމަކީ އަހަރުމެން އެންމެންނަކީ ވެސް މާތްﷲގެ އަޅުންކަމެވެ. އެކަލާނގެ ޚާދިމުން ކަމެވެ. އެކަލާނގެ ބިމުގައި އަހަރުމެން ލެއްވިފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އެކަކު އަނެކަކަށް ޚިދުމަތްކުރުމަށެވެ. އަހަރުމެން މުސްލިމުންގެ އަމާޒުފަތްގަނޑަކީ، އަމިއްލަ ނަފްސު އިސްލާހުކޮށް، ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް އެކުލެވޭ މުޖުތަމައެއް އުފައްދާލުމެވެ. މާތްﷲއަށް އަޅުވެތިވެ، އެކަލާނގެއަށް އަޅުކަންކުރުމުގެ މަގުސަދު ހާސިލުކުރެވޭނީ މި އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވެވިގެންނެވެ.
  7. ފަރަންސޭސި ފިލޯސަފަރެއް ކަމުގައިވާ ވޯލްޓައަރ ބުނެފައި އޮވެއެވެ. "މާތްﷲ ވޮޑިގެން ނުވާ ނަމަ، މާތްﷲ އުފައްދަން ވެސް ޖެހެއެވެ." މީގެ މާނައަކީ ކޮބައިހެއްޔެވެ؟ ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ހަމައާއި ނަހަމަ، މިކަން ކަމަށް، މައުޟޫއީ ސިފައެއްގައި، ހަގީގީ މާނައެއް ލިބެނީ ކަލަކު ވޮޑިގެންވުމުންނެވެ. ކަލަކު ވޮޑިގެންނުވާ ނަމަ، މިކަންކަން އަމިއްލައަށް ކަނޑައަޅާލެވިގެން ދެއެވެ. އަދި، އެއްދުވަހު އެއި ނުރަނގަޅު ކަންކަމުގައި ބެލެވޭ ކަންކަން އަނެއް ދުވަހު ރަނގަޅު ކުރެވެއެވެ. ހަމައެހެންމެ، ބާރުގަދަ ބަޔަކު، މީހުން މެރުމަކީ ވެސް އެންމެ ރަނގަޅު ކަމެކޭ ބުނެފި ނަމަ، އެކަން ވެސް ރަނގަޅުވެދެއެވެ.

ހަމަ މި މާނައިގައި ރަޝިޔާގެ ފަލްސަފީ ލިޔުންތެރިއެއް ކަމުގައިވާ ޑޯސްޓޮވެސްކީ ބުނެފައި އޮވެއެވެ. މާތްﷲ ވޮޑިގެންނުވާ ނަމަ، ހުރިހާ ކަމެއް ވެސް ހުއްދަވީއެވެ. މީގެ ހަގީގަތް ހޯދުމަށްޓަކައި މާ ދުރަށް ދާކަށް ނުޖެހެއެވެ. ރާއްޖޭގައި ވެސް، ހުރިހާ ކަމެއް ހުއްދަ ކުރަން ބޭނުން މީސްމީހުން، ކަލަކު ވޮޑިގެންވާ ކަމަށް، ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި އިންކާރު ކުރާތަން ފެނެއެވެ. ކޮންމެއަކަސް ޑޯސްޓޮވެސްކީގެ އެ ބަހުގެ މުރާދަކީ ކޮބައިހެއްޔެވެ؟ އާދެ، ހަރުދަނާ އަޚުލާގީ ހަމަތަކެއް ކަނޑައަޅާލެވެނީ އެ ހަމަތަކުގެ އަސްލު މަތިވެރި އިލާހީ ފަރާތަކާ ގުޅުވައިގެން ކަމެވެ. މި ސިލްސިލާގެ ދެން އަންނަ ބައެއްގައި މިކަމުގެ އިތުރު ތަފްސީލު ގެނެސްދެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *