Support Us

ދިވެހިރާއްޖެ އިސްލާމް ކުރެއްވީ ކޮން ބޭކަލެއް؟

ދިވެހިރާއްޖޭގެ ރީތި ދޮންވެލީގެ ޖަޒީރާތަކާއި ނޫކުލައިގެ ހިތްގައިމު ކަނޑުފަޅުތަކާއި ދިވެހީންގެ ދިވެހިވަންތަކަމުގެ ފަހަތުގައި އޮތީ އެތައް ޒަމާންތަކެއް ވެފައިވާ މުއްސަނދި ސަޤާފަތާއި ފަޚުރުވެރި ތާރީޚެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ އެންމެ ޝައުޤުވެރި އެއްބަޔަކީ ދިވެހީން އިސްލާމްދީން ގަބޫލުކުރުމެވެ. މިއީ ދިވެހީން ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ބުދުދީން ދޫކޮށް، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީން ބަދަލުވި ގޮތެވެ. އެއީ މީލާދީން 12 ވަނަ ޤަރުނެވެ. ތާރީޚުގެ ޞަފުޙާތަކުން ފެންނަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހެވެ. މީލާދީން 1153ވަނަ އަހަރުގެ ޖުލައި މަހެވެ.

ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭފުޅަކާ މެދު ތާރީޚުގެ ޢިލްމުވެރިންނާއި ތާރީޚަށް ލޯބިކުރައްވާ ބޭފުޅުންގެ މެދުގައި ބަހުސް ކުރެވެއެވެ. ދިވެހިރާއްޖެ އިސްލާމްވީ ދުވަހެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ރަބީޢުލްއާޚިރު މަހުގެ ދެ ވަނަ ދުވަހެވެ. ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭފުޅެއް ކަމަށް ބަލަނީ އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީއެވެ. މި ނަންފުޅު "ރަސްމީ" ވެގެން އައިސްފައި ވަނީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (1949) ދިވެހި ދައުލަތް ހިންގެވި ދުވަސްވަރު، އޭރު ރާއްޖޭގައި ތިއްބެވި ޢަރަބި ތަޢުލީމުގެ ޢިލްމުވެރިންގެ މަޖިލީހެއްގެ އެހީތެރިކަމާއެކު ކުރެއްވި ދިރާސާއަކަށް ފަހުއެވެ.

ދިވެހިރާއްޖެ އިސްލާމް ކުރެއްވި ތާރީޚާއި އިސްލާމް ކުރެއްވި ބޭފުޅެއްގެ ނަންފުޅާ ބެހޭގޮތުން ކުރެވޭ ބަހުސްގައި ތާރީޚު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. އެ ބަހުސަކީ ދިވެހިރާއްޖެ އިސްލާމްކުރެއްވީ އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީތޯ ނުވަތަ އަބުއްރިކާބި ޔޫސުފުލް ތަބުރޭޒީތޯ އެވެ. މުޙައްމަދު އަމީނުގެ ރަޔުޢުއަށް ބައެއް ބޭފުޅުން ތާއީދުކުރައްވާއިރު އަނެއްބައި ބޭފުޅުންގެ ޚިޔާލު ތަފާތެވެ. ޚިޔާލު ތަފާތުވާ ބޭފުޅުން ވެސް ތާރީޚުން އެ ބޭފުޅުން ބުރަވެވަޑައިގަންނަވާ ގޮތަށް ހެކި ދައްކަވައެވެ. ތިރީގައި މި ވަނީ މި ބަހުސްގައި ބޭނުންކުރެވޭ ދިވެހިރާއްޖެ އިސްލާމްވީ ދުވަހާ ގުޅޭ މުހިންމު ތާރީޚުތައް ހިމެނޭ ބައެއް މަސްދަރުތަކެވެ.

1153 (548ހ.): ދިވެހިރާއްޖެ އިސްލާމްވުން

ދިވެހިރާއްޖޭގައި އޮތް ބުދުދީން ދޫކޮށް، ދިވެހީން އިސްލާމްވީ މީލާދީން 1153 (ހިޖުރައިން 548) ވަނަ އަހަރުގައެވެ. އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި ސިރީ ތްރިބުވަނަ އާދިއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅުކުރައްވައި ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށް އަމުރުކުރެއްވީއެވެ. މިގޮތަށް އަމުރުކުރެއްވީ ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅުގެ ދުވަހެއްގައެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖުލައިމަހުގެ ވެސް ކުރީކޮޅުގެ ދުވަހެކެވެ. ސިރީ ތްރިބުވަނަ އާދިއްތަ މަހާރަދުން އިސްލާމްވެވަޑައިގަތުމަށް ފަހު ޚިޔާރުކުރެއްވި ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ އެވެ. އެއީ ދިވެހީންގެ މެދުގައި މަޝްހޫރު ދަރުމަވަންތަ ރަސްގެފާނެވެ.

1338: ޝިހާބުއްދީން ރަދުން ބެހެއްޓެވި ފިލާ

ދިވެހިރާއްޖޭގެ ރަސްކަން މީލާދީން 1335 އިން 1341 އަށް ކުރެއްވި އައްސުލްޠާން އަޙްމަދު ޝިހާބުއްދީނުގެ ރަސްކަމުގައި ދަރުމަވަންތަ ރަސްގެފާނު ޢިމާރާތްކުރެއްވި ހުކުރު މިސްކިތް ބާވެގެން، އަލުން އެ މިސްކިތް ޢިމާރާތްކުރައްވައި، އެ މިސްކިތުގައި ތާރީޚީ ފިލައެއް ބެހެއްޓެވިއެވެ. މިސްކިތް ޢިމާރާތްކުރައްވައި ނިންމެވީ 1338 ވަނަ އަހަރުގެ ޖޫން (738 ޛުލްޙިއްޖާ) މަހުއެވެ. މި ފިލައަކީ ދިވެހިރާއްޖެ އިސްލާމްވި ހާދިސާއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތަކުގެ ތެރެއިން ފެންނަން އޮތް އެންމެ ގިނަ ދުވަސްވީ ތާރީޚީ މަސްދަރެވެ.

1343: އިބުނު ބަޠޫޠާ ރާއްޖެ ވަޑައިގެންނެވުން

މަޣުރިބުކަރަ (މޮރޮކޯ) ގެ ދަތުރުވެރިޔާ އިބުނު ބަޠޫޠާ ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ މީލާދީން 1343ވަނަ އަހަރު، ރެހެންދި ޚަދީޖާގެ ފުރަތަމަ ރަނިކަމުގެ ދުވަސްވަރުއެވެ. އިބުނު ބަޠޫޠާ ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ވެސް ކުރެއްވިއެވެ. ދިވެއްސަކާ ކައިވެނިފުޅު ވެސް ބައްލަވައިގެންނެވިއެވެ. އިބުނު ބަޠޫޠާ ދެވަނަ ފަހަރަށް ރާއްޖެއަށް ވަޑައިގަތީ މީލާދީން 1346ވަނަ އަހަރުއެވެ. އެ ދަތުރުފުޅު ކުރެއްވީ ތުއްޕުޅު ދަރިކަލުން ދެކެވަޑައިގަތުމަށެވެ. މި މަޢުލޫމާތު ލިބެނީ އިބުނު ބަޠޫޠާގެ 1304އިން 1377 ގެ ދަތުރުނަމާއެވެ. އިބުނު ބަޠޫޠާގެ ދަތުރުނާމާގައި އޮތީ ރާއްޖެ އިސްލާމްވީ މަޣްރިބް ކަރައިގެ އަބުލް ބަރަކާތުލް ބަރްބަރީގެ އަތްޕުޅުމައްޗަށް ކަމަށެވެ.

ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިވި ސަބަބާ ބެހޭގޮތުން ދިވެހީންގެ ތެރޭގައި ކިޔަމުން އައި ޖިންނިފުރޭތައިގެ ވާހަކަ ހިމެނޭ ފޯކުލޯރު ވެސް އިބުނު ބަޠޫޠާގެ ދަތުރުނާމާގައި ލިޔުއްވާފައި ވެއެވެ. އެ ވާހަކަ ގެންނަވާފައި ވަނީ އެ ވާހަކަ ކިޔައިދެއްވި ބޭފުޅުންނާ ހަވާލާ ދެއްވާފައެވެ.

1602: ޕިރާޑް ރާއްޖެ ވަޑައިގަތުން

ފަރަންސޭސިވިލާތުގެ ލިޔުންތެރިޔާ ޕިރާޑް ޑި ލަވާލް ދަތުރުކުރެއްވި ނައު ބެހިގެން 1602ވަނަ އަހަރު ގޮއިދޫ ފަރަށް އުރުނު ހާދިސާއާ ގުޅިގެން ދިވެހިރާއްޖޭގައި ހަތް އަހަރު ދުވަހު އޭނާ ހުންނެވިއެވެ. އެއީ އައްސުލްޠާން އިބްރާހީމް (ތިންވަނަ) ކަލާފާނު (1585-1609) ގެ ރަސްކަމުގެ ދުވަސްވަރެވެ. ޕިރާޑްގެ ދަތުރުނާމާގައި ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭފުޅަކާ ބެހޭ ގޮތުން އެ ދުވަސްވަރު ދިވެހީންގެ ފަރާތުން އަޑުއައްސަވާފައި ވާކަމަށް އޭނާ ލިޔުއްވާފައި ވެއެވެ. "އެބައިމީހުން ބުނާގޮތުގައި ދިވެހިރާއްޖޭގެ މީހުން އިސްލާމްދީނަށް ވެއްދީ މޮރޮކޯގެ ޢަރަބި ސައްޔާޙެކެވެ."

ޕިރާޑަށް މާލެ ވަޑައިގެންނެވުނުއިރު މާލޭގައި ހުރީ ޝިހާބުއްދީން ރަދުން ބިނާކުރެއްވި ހުކުރު މިސްކިތެވެ. އޭރު އެ މިސްކިތުގެ މުންނާރު ބިނާކޮށްފައި ހުރީ ހަތަރެސްކަނަށް ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

1657: އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ފިލާ

މާލޭ ހުކުރު މިސްކިތް މިހާރު ހުރި ގޮތަށް ހިރިގަލުން ޢިމާރާތްކުރައްވައި އެ މިސްކިތުގައި ޢަރަބި ބަހުން ލިޔުންތައް ލިޔުއްވައި ހެއްދެވީ މީލާދީން 1648އިން 1687އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 (އިސްކަންދަރު ރަސްގެފާނު)ގެ ރަސްކަމުގައި އެ ރަދުންގެ ޢަމުރުފުޅަށެވެ. މިސްކިތް އަލުން ބިނާކުރައްވަން ފެށްޓެވީ 21 ޖޫން 1656 (28 ޝަޢުބާން 1066) ގައެވެ. މިސްކިތުގައި ހުރި ހުރިހާ ލިޔުމެއް ލިޔެ ނިންމެވީ 18 އޮކްޓޫބަރު 1657 (10 މުޙައްރަމް 1068) ގައެވެ. މި ލިޔުންތަކުގެ ތެރޭގައި ދިވެހިރާއްޖެ އިސްލާމްކުރެއްވުމާ ބެހޭ ގޮތުން ލިޔުއްވާފައިވާ ފިލައެއް ހިމެނެއެވެ.

1705: އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ތާރީޚު

އަލްޤާޟީ ޙަސަން ތާޖުއްދީން (1661-1726) ދިވެހި ތާރީޚު ލިޔުއްވަން ފެށްޓެވީ އައްސުލްތާނު މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (1704-1721) ގެ އަމުރުފުޅަށެވެ. ތާޖުއްދީނު 1705 ވަނަ އަހަރު ހާތަނުގައި ލިޔުއްވަން ފެށްޓެވި "ތާރީޚު އިސްލާމި ދީބާމަޙަލް"ގައި ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭފުޅެއްގެ ނަންފުޅަކަށް އޮތީ އައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރީޒީއެވެ. ނަމަވެސް އެ ފޮތުގައިވާ ލިޔުންތަކުގެ ތެރެއިން ހުކުރު މިސްކިތުގައި ހުރި ފިލާގައި ހުރި ލިއުންކަމަށް އޮތް ލިޔުމުގައި އޮތީ އަބުލް ބަރަކާތު ޔޫސުފުއް ތަބްރީޒީއެވެ.

އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވަން ފެއްޓެވި މި ތާރީޚު ފޮތުގެ އަސްލު، މީލާދީން 1750އިން 1752އަށް ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ)ގެ ރަސްކަމުގައި މީލާދީން 1752ވަނަ އަހަރު މަލާބާރީން މާލެ އަރައި، އެތެރެކޮއިލު އަންދާލިއިރު ވަނީ އަނދައިގެން ގޮސްފައެވެ. ނަމަވެސް އެ ފޮތުގެ ނަކަލުތައް އެކިއެކި ބޭފުޅުންގެ އަތްޕުޅުގައި ހުއްޓެވެ. އެ ނަކަލުތަކުގައި ބައެއް ތަފާތުތައް ހުރިކަމަށް ތާރީޚު ދިރާސާކުރެއްވި އެކިއެކި ބޭފުޅުން ވިދާޅުވެފައި ވެއެވެ.

1954މ. (1374ހ.): ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުން

ދިވެހިރާއްޖެ އިސްލާމްވި ދުވަހެއްގެ ގޮތުގައި ފުރަތަމަ ފާހަގަކުރީ 1374ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެ ވަނަ ދުވަހެވެ. އެއީ 28 ނޮވެންބަރު 1954 އެވެ. އެއީ ރައީސް މުޙައްމަދު އަމީނުގެ ޖުމްހޫރީ ދައުރު ނިމި، އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަމެވެ. އެއަށް ފަހު، 1388ހ. (1968މ.)ވަނަ އަހަރުން ފެށިގެން މި ދުވަސް ފާހަގަކުރެއްވުން ސަރުކާރުން ހުއްޓަވައިލެއްވިއެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަސް އަލުން ފާހަގަކުރައްވަން ފެށްޓެވީ 2 ރަބީޢުލްއާޚިރު 1421 (04 ޖުލައި 2000) ގައެވެ. އެއީ 29 މުޙައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމަވައިގެންނެވެ.

ރާއްޖެ އިސްލާމްވި ދުވަހެއް ފާހަގަކުރެވެނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައެވެ.

މަޢުލޫމާތު:

ނަސީމާ މުޙައްމަދު. (2022). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. ހަތަރުވަނަ ޗާޕު. ދިވެހިބަހުގެ އެކެޑަމީ.

މުޙައްމަދު އަމީން. (1949). ތަންޤީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު. މާލެ.

މުޙައްމަދު ނާޖިޙް. (2020). ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފޯރުން 2.ވަންއޮންލައިން.ކޮމް.

މުޙައްމަދު ވަޙީދު ނަދުވީ. (ތނ). ރާއްޖެ އިސްލާމްވުން: އެބޭކަލަކީ ހަމަ އަބުއްރިކާބީ ޔޫސުފުއް ތަބްރީޒީތަ؟

އަލް ޤާޟީ ޙަސަން ތާޖުއްދީން. (2020). ތާރީޚު އިސްލާމި ދީބާ މަހަލް. ފުރަތަމަ ދިވެހި އިސްދާރު. ދިވެހިބަހުގެ އެކެޑަމީ.

ޢަބްދުލްމުޢީދު ޙަސަން. (ތނ). ދިވެހިރާއްޖެ އިސްލާމް ކުރެއްވީ ކޮން ބޭކަލެއް؟ މަހަރު 11. މުސައްނިފު.

 

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *