...

Support Us

ކީރިތި ގުރުއާނުގެ އާޔަތަކާއެކު ހިނދުކޮޅެއް

وعباد الرحمن الذين يمشون على الأرض هونا وإذا خاطبهم الجاهلون قالوا سلاما (އަދި، ރަހުމާނުވަންތަ މާތްކަލާނގެ (ތެދުވެރި) އަޅުންނަކީ ބިމުގައި، އެބަހީ، ދުނިޔޭގައި، މައިތިރިވެ (ކިބުރުވެރިކަމެއް ނެތި) ހިނގާއުޅޭ (ދިރިއުޅޭ) މީހުންނެވެ. ގޮތެއް ފޮތެއް ނެތް މީހުން އެމީހުންނާ މުޚާތަބުކޮށް ބަސްބުނެ ހަދައިފި ހިނދެއްގައި ރަހުމާނުވަންތަ މާތްކަލާނގެ އެފަދަ ތެދުވެރި އަޅުތަކުން ރައްކައުތެރިކަން ހޯދައި (ރައްދު ޖަވާބެއް) ނުދޭނެއެވެ. (ފުރުގާނު ސޫރަތުގެ 63ވަނަ އާޔަތް)

މިއާޔަތުގެ ފުރަތަަމަ މިފްތާހީ، އާދެ، އާޔަތުގެ މާނަ ހުޅުވާލަދޭ ލަފްޒަކީ 'އައްރަހުމާނެވެ’، އާދެ، ރަހުމާނުވަންތަ މާތްކަލާނގެއެވެ. ރަހުމާނުވަންތަ އުފެދިފައިވަނީ ރަހުމަތް މި ލަފްޒުންނެވެ. މާނައަކީ ހެޔޮކަމާއި އޯގާތެރިކަމެވެ. މި ސިފަފުޅަކީ މާތްކަލާނގެ ޒާތުފުޅާއި، އެކަލާނގެ ވޮޑިގެންވުމާ ގުޅޭ ސިފަފުޅެއް ކަމަށް ވުމުން، ރަހުމާނޭ ބުނެ އެކަމަށް އިޝާރަތްކުރެވެނީއެވެ. ރަހުމާނުވަންތަ ރަސްކަލާނގެ ވަނީ އެކަލާނގެ އަޅުތަކުން، އެކަލާނގެ ތެދުވެރި އަޅުތަކުންނާ ގުޅުވާލެވިފައެވެ. މާނައަކީ، ޖާހިލުން އެފަދަ އަޅުތަކުންނާ މުޚާތަބުކުރުުމުން، ހިތްތިރިކޮށް އެމީހުންނަށް ރައްދުނުދިނުމުން، އެމީހުންނަށް މާތްކަލާނގެ ރަހުމަތްލައްވާނޭ ކަމުގެ އިޝާރާތްވެވޭ ކަމެވެ. އަދި، އެފަދަ އަޅުތަކުންނާ ދޭތެރޭ ޖާހިލުން ކުރާކަމެއްގެ ހައްޖު ޖަޒާ އެމީހުންނާ ދެއްވާނޭކަމެވެ. އެހެންވެ، އެފަދަ އަޅުންނަކީ ރަހުމާނުވަންތަ މާތްކަލާނގެ އަޅުތަކުންނޭ ބުނޭ މާތްކަލާނގެއާ ގާތްކުރެވިފައިވަނީ ހިތް ނުރުހޭ ކަމެއް ޖާހިލެއްގެ ކިބައިން ދިމާވާ ހިނދު، ނަފްސު ހިލުނަނުދީ ހުރުމަށް ބާރުއެޅުމުގެ ގޮތުންވެސް މެއެވެ.

މިއާޔަތުގެ ދެވަނަ މިފްތާހީ ލަފްޒަކީ 'އަލްޖާހިލޫން' މި ލަފްޒޭ ބުނެވިދާނެއެވެ. އަރަބި ބަހުގައި ޖާހިލުގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ އާލިމު މި މާނައިގެ އިދިކޮޅެވެ. ނުދަންނަ މީހާ މިއެވެ. މި މާނައިގައި ޖާހިލުކަމަކީ ނުދަންނަ ކަމެވެ. ޖާހިލުގެ ދެވަނަ މާނައަކީ ހިލްމުވެރި، މި މާނައިގެ އިދިކޮޅެވެ. ހިލްމުގެ އެންމެ އަސާސީ މާނައަކީ ރުޅިމަޑު ކަމެވެ. ރުޅިއަންނަ ފަދަ ތިމާގެ ނަފްސު ހިލުވާލާ ކަހަލަ ކަންތައްތަކަށް ނަފްސު ހުށަހެޅުމުން، ގޯހެއް ހެދިޔަ ނުދީ ނަފްސު ކޮންޓުރޯލުކޮށް ހިފެހެއްޓުމެވެ.

ހިލްމުވެރިކަމުގެ އަސާސީ މި މާނައިން، ޚުލްގު ހެޔޮ، ނުވަތަ ރިވެރި އަޚުލާގެއްގެ ވެރި، މި މާނައިގައި ވެސް ހިލްމުވެރިކަން ބޭނުން ކުރެވެއެވެ. ނަފްސު ހިލުވާލާ ސަބަބުތައް މެދުވެރިވުމުން ނަފަސް ކޮންޓުރޯލު ކުރެވޭނީ ރިވެތި އަޚުލާގެއްގެ ވެރި މީހަކަށްވާތީއެވެ.

މުހައްމަދިއްޔަ އިސްލާމީ ދައުވަތް ފެށުމުގެ ސީދާ ކުރީގެ ދުވަސްތަކަށް ޖާހިލިއްޔަތުގެ ދުވަސްވަރޭ ކިޔެނީ ވެސް އެ ދުވަސްވަރަކީ ހިލްމުވެރިކަން ނެތް، އާދެ، އަޚުލާގީ ހަމަތަކެއް ނެތް، އާންމު ގޮތެއްގައި، ހިތުހުރި ގޮތަކަށްމީސްތަކުން އުޅުނު ދުވަސް ވަރެއްކަމަށް ވާތީއެވެ. އާދެ، ޖާހިލީ ޝާއިރު ޠަރަފާ ބުނެފައިވާ ގޮތުގައި އެ ދުވަސްވަރުގެ ދިރިއުޅުމުގެ މަގުސަދަކަށް ވެފައި އޮންނަނީ ތިން ކަމެކެވެ. ރާބުއިމާއި ޖިންސީ އުފާ ހާސިލުކުރުމާއި ހަނގުރާމަކުރުމެވެ.

ދިިވެހި ބަހުގައި ވެސް ހިލްމުވެރިކަން މި މާނައިގައި ބޭނުން ކުރެވެއެވެ. 'އިލްމާއި ހިލްމު' ލިބުމޭ ބުނެވޭ އިބާރާތުގައެވެ. އާދެ، އިލްމުވެރިކަމާއި ރީތި އަޚުލާގީ ސިފަތައް ވެސް ލިބިގެންވުމުގެ ވާހަކަ ބުނުމުގެ މާނައިގައެވެ. އާދެ އިލްމަކުން އެންމެ ފުރިހަމަ ގޮތުގައި ފައިދާކުރަނީ ހިލްމެއްވެސް ހުރެގެންނެވެ. ރީތި އަޚުލާގީ ސިފަތަކެއް ވެސް ލިބިގެންނެވެ.

ޖާހިލުގެ މި މާނައަށް ރިއާޔަތް ކުރުމުން މަތީގައިވާ އާޔަތުގެ މާނަ ވިސްނައިގަތުމަށް ފަސޭހަވެދެއެވެ. އާދެ، އެއްވެސް އަޚުލާގީ ރީތި ސިފައެއް ނެތް، ގޮތެއްފޮތެއް ނެތް މީހަކު އެއްޗެހި ކިޔައި، މީހަކާ ދިމާކޮށްފި ނަމަ، މާތްކަލާނގެއަށް އީމާންވާ ހެޔޮލަފާ މީހުންގެ ގޮތަކީ އެފަދަ މީސްމީހުންގެ ވާހަކަތަކަށް ރައްދު ނުދިނުމެވެ. މިސާލަކަށް އަންހެން ކުއްޖަކު މަގުމަތިން ހިނގާފައި ދަނިކޮށް، އޭނާއާ ދިމާކޮށް އެއްޗެއް ބުނެފިނަމަ، އެ ބުނާ ބުނުން އަންގައިދެނީ އެ މީހަކީ ޖާހިލެއް ކަމެވެ. އަޚުލާގީ ރިތި ސިފަ ލިބިގެންނުވާ މީހެއް ކަމެވެ. އެފަދަ ހާލަތެއްގައި އެންމެ ބުއްދިވެރި ގޮތަކީ އެއްވެސް ޖަވާބެއް ނުދީ، އެފަދަ މީހެއްގެ ކިބައިން ސަލާމަތްވެ، ރައްކާތެރިކަން ހޯދުމެވެ.

މި އާޔަތުން ލިބިގަނެވޭ ފައިދާގެ ތެރޭގައި އެކަކު އަނެކަކާ މުޚާތިބު ކުރުމުގައި ރިވެތި ގޮތްތައް ގެންގުޅުން ހިމެނެއެވެ. އެކަކު އަނެކަކަށް އިހުތިރާމުކުރުމާއެކު މުޚާތަބުކުރުމެވެ. މުތަހައްޟިރު (ސިވިލައިޒްޑް) ސިފައެއްގައެވެ. ބަހުސެއް ކުރެވުނަސް، މުނާޒަރާއެއް ކުރެވުނަސް، މިކަންކަން ކުރެވެން ޖެހެނީ ހަމަ މިސިފައިގައެވެ. މިކަންކަން ކުރާއިރު، އެކަންކަމުގެ އަދަބުތައް ހިފަހައްޓަންޖެހެއެވެ. އެކަކުއަނެކަކަށް އިހުތިރާމުކޮށް، ޒާތީގޮތުން އެއްކިބާވެހުރެ، ބަހުސްކުރެވޭ ނުވަތަ މުނާޒަރާ ކުރެވޭ ނުކުތާތަކަށް އަމާޒުކޮށް ބުނަންބޭނުންވާ އެއްޗެއް ބުނުމާއި، ފާޅުކުރެވޭ ހިޔާލަކީ، ވީވަރަކުން، ބިނާކުރުވަނިވި ހިޔާލަކަށް ހެދުމާއި، ސިކުނޑި ހުޅުވައިލައިގެންހުރެ ބަހުސްކޮށް، މުނާޒަރާ ކުރަންޖެހެއެވެ.

ޝައްކެތްނެތެވެ. އެކިއެކި މައްސަލަތަކާ ބެހޭގޮތުން ބަހުސްކޮށް ފާޑުކިޔަމުންދާއިރު، ބަހުސްކުރުމުގެ އާއްމު އަދަބުތައް ނުހިފެހެއްޓިއްޖެނަމަ، ފާޑުކިޔުމުގެ ބޭނުމަކަށް، މަގުސަދަކަށް، ވެފައި އޮންނާނީ، ހަމައެކަނި ކުށް ފާހަގަކުރުމާއި އަމިއްލަކޮޅަށް ޕޮއިންޓު ހޯދުންކަ މަށްވެގެން ހިނގައިދާނެއެވެ. ބަހުސްކުރުމުގައި އިދިކޮޅު ރައުޔުތަކަށް އިހުތިރާމު ނުކުރެވި ބަހުސްކުރުމުގެ އަދަބީ ހަމަތަކުން އެއްކިބާވެ، ޒާތީގޮތް ބޭނުންކުރެވޭނަމަ، މައްސަލައިގައި ޒުވާބުދިނުން (އާގިޔުމެންޓް) ފުރޮޅިގެންދާނީ ޒުވާބު (ކުވަރަލް) ކުރުމަކަށެވެ. އެއްވެސް އިލްމީ ފައިދާއެއް ނެތް، ބޭއަދަބީ ބޮޑު އަރާރުންގަނޑަކަށެވެ. މިކަން މިހެން ވިޔަނުދީ، ބަހުސުކުރުމުގައި ޖާހިލު ސިފަ ނުޖައްސައި ރިވެތި ގޮތުގައި އެކަންކަންކުރުން، އެއީ މި އާޔަތުން ލިބިގަނެވޭ މުހިއްމު ފިލާވަޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.