Support Us

ލޯބިވާ ބައްޕައަށް، ކުޑަ ދަރިފުޅުގެ ފަރާތުން އާދޭހާއެކު…

ބައްޕާއެވެ. އަހަރެންގެ ބައްޕާއެވެ. މި ނިކަމެތި ދަރިފުޅަށް ކުރެވުނު ކުށަކީ ކޮބައިހެއްޔެވެ؟ ބައްޕަގެ ލޯބި މި ދަރިފުޅަށް ނުދެވޭއިރު ބައްޕައަށް ދެން ދެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟

ބައްޕާއެވެ. މިއަދު މިދަރިފުޅު އުޅެމުން މިދާ ހާލު އިޙްސާސްވެސް ނުކުރެވޭނެއެވެ. ހާދަހައި ހިތްދަތިވެއެވެ. މި ދަރިފުޅުގެ ކުޑަކުޑަ ހިތަށް ކުރާ އަސަރު ބުނެދޭންވެސް ނޭނގެއެވެ. މި ދަރިފުޅު ހިތްދަތި މިހާލުގައި އުޅޭއިރު ބައްޕަ ބައްޕަގެ ދުނިޔޭގައި އުޅޭ އުފާވެރި މަންޒަރު ފެނެއެވެ. މި ދަރިފުޅަށް ބޭނުންވާ އެތައް އެއްޗެއް ނުލިބި ހުންނަން ޖެހެއެވެ. އެތައް ކަމަކުން މަޙްރޫމްވެފައި މިވަނީ ބައްޕަގެ އިޙްމާލުން ނޫން ހެއްޔެވެ؟ ބައްޕާއެވެ. އެހެން ކުދިންގެ ބައްޕައިން އެކުދިންނާ މެދު އެ އުޅޭ ގޮތް ފެނިފައި ވަރަށް އަސަރު ކުރެއެވެ.

މި ދަރިފުޅުގެ އުފާތަކަށް ބައްޕަ ނުވިސްނާކަން އެނގެއެވެ. މި ދަރިފުޅުގެ ހިތުގައި ޖެހި ކުރާ ހިތާމަ ތަސައްވަރުވެސް ނުކޮށްލެވޭނެއެވެ. ބައްޕަގެ އާއިލާ ހިތްހަމަޖައްސައިދެވެއެވެ. ދޮންމަންމަ އާއި ބައްޕަގެ ދޮންދަރިފުޅުގެ ހިތްއުފާކޮށްދެވެއެވެ. ބައްޕައަށް ރައްޓެހިންނާ އެކު ކޮފީތަކަށް އެރެއެވެ. ފަހުގެ ސައިކަަލާއި އަގުބޮޑެތި ފޯނާއި އެއްޗިހި ގަނެވެއެވެ. ބައްޕައަށް މި ދަރިފުޅަށް ކަމެއް ކޮށްދޭން ވެއްޖެނަމަ އެއީ ބޮޑު ކަމެކެވެ. އަތުގައި ރުފިޔާއެއްވެސް ނުހުރެއެވެ.

ބައްޕާއެވެ. މަންމަގެ ހާލަތު މި ދަރިފުޅަށްވުރެ ބޮޑަށް އެނގޭނީ ބައްޕައަށް ނޫންހެއްޔެވެ؟ މަންމަ އަކީ ވަޒީފާއެއް އަދާކުރާ މީހެއްނޫނެވެ. މަންމަގެ އާއިލާއަކީވެސް މާ ފުދުންތެރި ބައެއް ނޫނެވެ. މަންމަގެ އާއިލާއިން އަހަރެންގެ ބައްޕަ ނަގަންޖެހޭ އެތައް ޒިންމާއެއް ނަގައެވެ. ބައްޕާއެވެ. ބައްޕަ އަދާކުރަންޖެހޭ ޒިންމާތައް މަންމަ އަދާކުރަނީ އެ މަންމަގެ ހުރިހާ އުފަލެއް މި ދަރިފުޅަށްޓަކައި ޤުރުބާން ކޮށްފައެވެ.

އެ ނިކަމެތި މަންމަ ބާ ހެދުން ލުމަށްފަހު މި ދަރިފުޅަށް އާ ހެދުން ހޯދައިދެއެވެ. މީހަކު ދޭ ބިސްކޯދެއްގެ މިންވަރުވެސް އެ މަންމަގެ އަރުތެރެއިން މި ދަރިފުޅަށް ނުދީ ނުދިރެއެވެ. އެ މަންމަ ވިސްނައެވެ. މި ދަރިފުޅުގެ ހިތުގައި ޖެހިދާނެތީއެވެ. މި ދަރިފުޅު ކިތަންމެ ކުޑަޔަސް އެ މަންމަ ވިސްނާ ފިކުރުކުރާކަން އެނގެއެވެ. މި ދަރިފުޅުގެ ނިކަމެތިކަމާ މެދު އެ މަންމަ ހިތުގައި ހިނގާ ޖަޒްބާތުތައް އެ މޫނުން ދެކެމެވެ. އެ ފަކީރުގެ ދެ ލޮލުން އޮހޮރާ ކަރުނަ ފެނެއެވެ. މި ދަރިފުޅުގެ ބައްޕަ ހުރެ އެ ބައްޕަގެ އޯޤާތެރިކަމާއި އަޅާލުންތަކުން މަޙްރޫމް ކޮށްފައިވާތީއެވެ.

ބައްޕާއެވެ. އަހަރެންގެ މި ހިތަށް ވަރަށް އަސަރު ކުރެއެވެ. ބައްޕައަށް އަހަރެމެން މި އުޅޭ ނިކަމެތި، ބިކަ ހާލު އިޙްސާސް ނުކުރެވޭތީއެވެ. މިއަދު މި ދަރިފުޅުވަނީ އެތައް އެއްޗަކަށް ބޭނުންޖެހިފައެވެ. އެތައް ކަމަކަށް ބޭނުންޖެހިފައެވެ. މި ދަރިފުޅުގެ ބައްޕައަކީ ދަރިންނަށް ކަންކަން ކޮށްދެވޭނެހައި ޤާބިލުކަމާއި ފޯރުންތެރިކަން ހުރެ އެ ކަންކަމުން ދަރިފުޅު މަޙްރޫމް ކޮށްފައިވާ މީހެކެވެ.

ބައްޕާއެވެ. މަޙްޝަރު ދުވަހުން ބައްޕައާ ސުވާލު ނުވެވޭނެ ކަމަށް ހީނުކުރާށެވެ. ދަރިފުޅުގެ ހައްޤުތައް އަދާކޮށްދިނިންތޯއެވެ. ބައްޕަގެ މި ދަރިފުޅަށް އިލްމު އުނގަންނައިދޭން ބައްޕަ ކުރަނީ ކޮންކަމެއްތޯއެވެ. ބައްޕަގެ މި ދަރިފުޅަށް ޤުރްއާން އަކުރެއް އުނގަންނައިދޭން ބައްޕައަށް ކުރެވުނީ ކޮންކަމެއްތޯއެވެ. ކުޑަމިނުން މި ދަރިފުޅު ހުރީ ހައިހޫނު ކަންމަތީތޯވެސް ތިޔަ ބައްޕައަށް ބަލައިނުލެވެއެވެ. މި ދަރިފުޅު ދުނިޔޭގައި ހުރިތޯވެސް ބަލައިނުލައެވެ. މި ދަރިފުޅުގެ ހާލު ﷲސުބްޙާނަހޫ ވަޠާއާލާ ދެކެ ދެނެވޮޑިގެންވެއެވެ. މި ހިތަށްކުރާ އަސަރާއި ކުރާހިތާމަ އެކަލާނގެ ބައްލަވައިވޮޑިގެން ވެއެވެ. ބައްޕަ ބައްޕަގެ މުދަލާއި ފައިސާއިން ކުރާ ހުރިހާ ކަމެއް އެފަރާތަށް ސިއްރެއް ނުކުރެވޭނެއެވެ. މި ދަރިފުޅު ވަރަށް ކެތްކުރަމެވެ. ﷲގެ އިރާދަފުޅާއި ރަހުމަތްފުޅުން މި ނިކަމެތި އިންސާނާއަށް ކުރިމަތިކުރުވާ ކޮންމެ ކަމަކަަށް ކެތްކުރަމެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *