ހޫނަކުން މިލަނީ ރަބީޢުން ފަރިކުރާ ގުލްޒާރުތައް
ވޭނުގައި އެކަމުގެ ރޮނީ ގިސްލައި، އިވޭހެ ބަހާރުތައް
އެކިތަނުން އެކި އެތިކޮޅޭ ގުޅުމެއްގެނަމަ ފެންނާން އޮތީ
ކެކި އަރާ ވާދައިން މިއަދު ހަލަބޮލިވަނީއޭ ސަހަރުތައް
ހިލަވެ، ލޯތްބާ ރަހުމު ނެތި، ހިތްތައް ތަޣައްޔަރުވީފަހުން
ކިލަނބުވެއްޖޭ ކުލުނުވެރި ފެން ފޯރުކޮށްދިން އާރުތައް
އަޖުމަބެލިއިރު ޖޯކުތައްވެސް ހޫނު ބަހުޘަށް ފުރޮޅިގޮސް
ޢިޖުތިމާޢީ ދަނޑުތަކުން އުފުލިއްޖެޔޭ ހަތިޔާރުތައް
ދުނިޔެ ހޯދަން ރޭދުވާ ހޭލާ ތިބޭތީ ފާރަޔަށް
ނުނިޔަތާ ނީހައިގެ އަސަރުން، ވިހަވަނީއޭ ނަޒަރުތައް
ހޭލަމޭލަވެ އުދުހެވޭ މިނިވަން ވަރައިގައި، އެޅުވެނީ
ހީލަތާއެކު ފިކުރުތައް އަޅުވެތިކުރާ ޒަންޖީރުތައް
އުފެދެމުން އައި އޮއިވަރާއެކު ލެއްގި ތަހުޒީބީ ކުނިން
ނުފެނުނަސް އެ ޚަރާބު ކުރަނީ ކުލަ ރިވެތި ތަސްވީރުތައް