...

Support Us

ފިރިހެނުން އަންހެނުންނަށް ހެދިގެން އުޅުން މިއީ ހުއްދަ ކަމެއްތަ؟

ފިރިހެނުން އަންހެނުންނަށް ހެދިގެން އުޅުމުގެ ވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ އަލިއަޅުވާލަންޖެހޭ ވާހަކައަކީ ދެ ޖިންސުގެ ވާހަކައެވެ. ދެ ޖިންސު ހައްދަވާފައި ވުމުގެ ސަބަބަކީ ކޮބައިތޯއެވެ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى ‏ أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ‏ فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ‎(سورة القيامة 36 – 39) މާނައީ: "ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެ ކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟ އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟ ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ. ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ."

މި އާޔަތުން ދޭހަވާ ގޮތުގައި އެކަލާނގެ ދެ ޖިންސު ހައްދަވާފައި ވެއެވެ. ދެ ޖިންސު ހެއްދެވުމުގެ މާނައަކީ ތަފާތުވެގެންވާ ދެ ޖިންސަށް ވުމެވެ. އެ ދެ ޖިންސަކީ މުޅިން އެއްގޮތް ދެ ޖިންސެއް ނަމަ، ދެ ޖިންސުގެ ގޮތުގައި ލެއްވުމުގެ މާނައެއް ނެތީހެވެ. ދެ ޖިންސު ލެއްވުމުގެ މާނައަކީ، އަދާކުރާ އިންސާނީ އަދި ބަޔޮލޮޖިކަލް މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ގޮތުން ތަފާތުވުމެވެ. މި ތަފާތަކީ، އެއް ޖިންސު އަނެއް ޖިންސަށްވުރެ މާތްވުމާއި މޮޅުވުމުގެ ތަފާތެއް ނޫނެވެ.

އިސްލާމްދީނުގައި ދެ ޖިންސުންކުރެ ޖިންސެއް އަނެއް ޖިންސަށްވުރެ މާތްކުރައްވާފައެއް ނުވެއެވެ. މީސްތަކުންގެ މެދުގައި އެކަކު އަނެކަކަށްވުރެ މަތިވެރިވުމާއި މާތްވުމުގެ މިންގަނޑަކީ ތަޤްވާވެރިކަމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ ‎﴿سورة الحجرات 13﴾‏ މާނައީ: އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ."

އަންހެން ޖިންސާއި ފިރިހެން ޖިންސު، އެއްބަޔަކު އަނެއް ބަޔަކުގެ ފަރާތަށް ލެނބި ލޯބިވުމަކީ ޠަބީޢީ އަދި ފިޠުރީ ކަމެކެވެ. މިގޮތުން ކާވެނި ޝަރުޢުކުރައްވާފައިވަނީ މި ދެ ޖިންސުގެ ދެމެދުގެ ގުޅުންތައް ޝަރުޢީ ހަމަތަކުގެ މިންގަނޑުގެ ތެރޭގައި ބެހެއްޓުމަށްޓަކައެވެ. އަދި ޙަރާމް ގުޅުންތަކާ ދުރުހެލިވުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ‎(سورة الروم 21) މާނައީ: ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

މިހާރަކަށް އައިސް ވަރަށް ގިނައިން މީހުން ކޮށްއުޅޭ ސުވާލެކެވެ. ފިރިހެނުން އަންހެނުންނަށް ހެދިގެން އުޅުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ އިސްލާމްދީނުގައި އެކަމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އޭގެ ޖަވާބު ވަރަށް ޞަރީޙައެވެ. އެހާމެ ސާފެވެ.

މާތް ﷲ ފިރިހެން ޖިންސުގެ ކިބައިގައި ލައްވާފައިވާ މިޒާޖާއި ޠަބީޢީ ސިފަތައް އަންހެން ޖިންސާ ތަފާތެވެ. އިސްލާމްދީނުގައި ވަނީ ފިރިހެނުން އަންހެނުންނަށް ހެދިގެން އުޅުމާއި އަންހެނުން ފިރިހެނުންނަށް ހެދިގެން އުޅުން ނަހީކުރައްވައިފައެވެ. މަނާކުރައްވައިފައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސްގެ ކިބައިން ރިވާވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "لَعَنَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ المُتَشَبِّهِينَ مِنَ الرِّجَالِ بالنِّسَاءِ، والمُتَشَبِّهَاتِ مِنَ النِّسَاءِ بالرِّجَالِ" (رواه البخاري) މާނައީ: "ފިރިހެނުންގެ ތެރެއިން އަންހެނުންނަށް ހެދިގެން އުޅޭ މީހުންނަށާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނަށް ހެދިގެން އުޅޭ މީހުންނަށް ކީރިތި ރަސޫލާ ﷺ ލަޢުނަތް ލެއްވިއެވެ." ލަޢުނަތް ލެއްވުމުގެ މާނައަކީ، ﷲ ގެ ރަޙުމަތުން މަޙުރޫމް ކުރައްވައި ފައްސައިލެއްވުމެވެ. އެފަދަ މީހުން މުސްލިމުންގެ ގޯތިގެދޮރުގައި މަސްހުނިވެގެން އުޅުން ވެސް މަނާކުރައްވައިފައި ވެއެވެ. عن عبد الله بن عباس قال، "لَعَنَ النبيُّ صَلَّى اللهُ عليه وسلَّمَ المُخَنَّثِينَ مِنَ الرِّجَالِ، والمُتَرَجِّلَاتِ مِنَ النِّسَاءِ، وقَالَ: أخْرِجُوهُمْ مِن بُيُوتِكُمْ قَالَ: فأخْرَجَ النبيُّ صَلَّى اللهُ عليه وسلَّمَ فُلَانًا، وأَخْرَجَ عُمَرُ فُلَانًا" (رواه البخاري) މާނައީ: "ޢަބްދުﷲ ބިން ޢައްބާސްގެ ކިބައިން ރިވާވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އަންހެންދުޅާވެގެން އުޅޭ ފިރިހެނުންނަށް ކީރިތި ރަސޫލާ ﷺ ލަޢުނަތްލެއްވިއެވެ. އަދި ފިރިހެންދުޅާވެގެން އުޅޭ އަންހެނުންނަށް ވެސް ލަޢުނަތްލެއްވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގޯތިގެދޮރުން އެއުރެން ނެރެލާށެވެ." މިގޮތުން ކީރިތި ރަސޫލާ އެވެނި މީހަކު އެކަލޭގެފާނުގެ ގެކޮޅުން ނެރެލެއްވިއެވެ. އަދި ޢުމަރުގެފާނު ވެސް އެވެނި މީހަކު އެކަލޭގެފާނުގެ ގެއިން ނެރެލެއްވިއެވެ." މިގޮތަށް މަސްހުނިވެގެން އުޅުން މަނާކުރައްވާފައިވުމުގެ މައިގަނޑު ސަބަބަކީ، ފިރިހެނުންގެ އަންހެންދުޅާކަމާއި، އަންހެނުންގެ ފިރިހެންދުޅާކަމުގެ ސިފައިން، ބޮޑެތިވަމުން އަންނަ ކުދިން ރައްކާތެރިކުރުމެވެ. އެހެނީ ފިރިހެނުން އަންހެނުންނަށް ހެދިގެން އުޅުމާއި، އަންހެނުން ފިރިހެނުންނަށް ހެދިގެން އުޅުމަކީ، ސަލާމަތުންވާ އިންސާނުންގެ ފިޠުރަތާ ޚިލާފު، ހަޑިމުޑުދާރު ޢަމަލަކަށް ވާތީއެވެ. މިފަދަ ސިފަތަކަށް ވާރުތަކޮށްފާނޭ ހުރިހާ ކަމެއް ވެސް ނަހީ ކުރެއްވިއެވެ. މިގޮތުން ފިރިހެނުން އަންހެން ހެދުންލައިގެން އުޅުމާއި، އަންހެނުން ފިރިހެން ހެދުން ލައިގެން އުޅުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވިއެވެ. "لعنَ رسولُ اللَّهِ صلى الله عليه وسلم الرَّجلَ يلبسُ لبسةَ المرأةِ والمرأةَ تلبسُ لبسةَ الرَّجل" (رواه أبوداود بإسناد صحيح) މާނައީ: "އަންހެން ހެދުން އަޅައިގެން އުޅޭ ފިރިހެނުންނަށާއި، ފިރިހެން ހެދުން އަޅައިގެން އުޅޭ އަންހެނުންނަށް ކީރިތި ރަސޫލާ ﷺ ލަޢުނަތް ލެއްވިއެވެ. އަންހެނުން ވާހަކަ ދައްކާ ގޮތާއި ރާގާއި އަޑުގެ ތުއިކަމާއި މިފަދަ ނިސްވާނީ ސިފަތައް، ފިރިހެނުން ލިބިގަނެގެން އުޅުމަކީ ވެސް ހުއްދަކަމެއް ނޫނެވެ. އެހެނީ އިސްލާމް ދީން އެދެނީ، ފިރިހެން ޖިންސު، ފިރިހެން ޖިންސުގެ ގޮތުގައި ފިސާރި ފިރިހެން ބަޔަކަށް ވެގެން އުޅުމެވެ. އަންހެން ޖިންސު، އަންހެން ޖިންސުގެ ގޮތުގައި ފިސާރި އަންހެން ވެގެން އުޅުމެވެ. އެއް ޖިންސު، އަނެއް ޖިންސުގެ ސިފަތައް ކޮޕީކުރުމެއް ނެތިއެވެ. ހަމަ އެފަދައިން، އަންހެނުންނަށް ޚާއްޞަ ގަހަނާއާއި ޒޭވަރު ފަދަ ތަކެތި ފިރިހެނުން ޒީނަތުގެ ގޮތުން ބޭނުންކުރުމަކީ ވެސް މަނާވެގެންވާ ކަމެކެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "حُرِّمَ لباسُ الحريرِ والذهبِ على ذكور أمتي وأُحِلَّ لإناثِهِم" (رواه الترمذي بإسناد حسن). މާނައީ: "ފަށުއި ފޭރާންލުމާއި ރަނުގެ ގަހަނާ އެޅުން ތިމަން ކަލޭގެފާނުގެ އުއްމަތުގެ ފިރިހެނުންނަށް ޙަރާމްވެގެން ވެއެވެ. އަދި އެތަކެތި ތިމަން ކަލޭގެފާނުގެ އުއްމަތުގެ އަންހެނުންގެ މައްޗަށް ޙަލާލުވެގެން ވެއެވެ."

ފިރިހެނުންނަކީ، އެއުރެންގެ މިޒާޖާއި ޠަބީޢަތުގެ ގޮތުން އަންހެނުންނާ ތަފާތު ބަޔެކެވެ. އަދި އަންހެނުންނަކީ އެއުރެންގެ މިޒާޖާއި ޠަބީޢަތުގެ ގޮތުން ފިރިހެނުންނާ ތަފާތު ބަޔެކެވެ. މި ތަފާތު ދެ ޖިންސު، އެއް ޖިންސު އަނެއް ޖިންސާ އެއްގޮތްވެގަނެގެން އުޅުން އެއީ ފިޠުރަތާ ޚިލާފު ކަމެކެވެ. އިސްލާމްދީނަކީ ފިޠުރަތުގެ ދީނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *