Support Us

ފިރުޢައުނުގެ ހަށިގަނޑު މިހާރު ކޮބާ؟

ފިރުޢައުނުގެ ނަމުން މަޝްހޫރުވެފައި ވަނީ ސަލާމް ލެއްވި މޫސާގެފާނުގެ ޒަމާނުގައި މިޞްރުގައި އުޅުއްވި ރަސްގެފާނެވެ. ފިރުޢައުނުންނަކީ ކުރީ ޒަމާނެއްގައި މިޞްރުގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންނަށް ދެވިފައި އޮންނަ ލަޤަބެކެވެ. ސަލާމްލެއްވި މޫސާގެފާނުގެ ޒަމާނުގައި އުޅުއްވި ފިރުޢައުނުގެ ވާހަކަ އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ޤުރުއާނުންނެވެ. އެއީ ފަސާދަކުރުމުގައި އަރާހުރި މީހެކެވެ.

ކީރިތި ޤުރުއާނުގެ 10 ވަނަ ސޫރަތް ކަމުގައިވާ ޔޫނުސް ސޫރަތުގެ 90 ވަނަ އާޔަތާއި 91 ވަނަ އާޔަތާއި 92 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވަނީ ފިރުޢައުނު ޣަރަޤުކުރެއްވި ވާހަކައާއި އޭނާގެ ހަށިގަނޑު ސަލާމަތްކުރެއްވި ވާހަކައާއި ފިރުޢައުނުގެ ހަށިގަނޑު ސަލާމަތްކުރެއްވި ސަބަބެވެ. ފިރުޢައުނުގެ މަރުވުމަށްފަހު ވެސް އޭނާގެ ހަށިގަނޑު ސަލާމަތް ކުރައްވާފައިވަނީ ފަހުން ދުނިޔެއަށް އަންނަ މީހުންނަށް ޢިބުރަތެއްގެ ގޮތުގައެވެ. އެ އާޔަތްތަކުގެ މާނައިގައި ވެއެވެ.

"ކަނޑުހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ އިސްރާއީލުގެ ދަރިން ގެންދެވީމެވެ. ފަހެ، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ދެކޮޅުވެރިކަމާއި، ޢަދާވާތްތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ ފިރުޢައުނު ޣަރަޤު ވީހިނދު އޭނާ ބުންޏެވެ. އިސްރާއީލްގެ ދަރިން އީމާންވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން އީމާން ވެއްޖައީމެވެ. އަދި އަހުރެން ވަނީ މުސްލިމުންގެ ތެރެއިންނެވެ.(90)

(އެވަގުތު ފިރުޢައުނަށް އެންގެވިއެވެ. ކަލޭ ތިޔަ އީމާންވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ. (91)

ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަބަޔަކަށް، ޢިބުރަތެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ ޤުދުރަތްތެރިކަމުގެ މައްޗަށް ދަލީލު ކުރާ ހެކިތަކާމެދު) ޣާފިލު ވެގެންކަން ކަށަވަރެވެ. (92)

ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފިރުޢައުނަކީ 1898 ވަނަ އަހަރު މިޞްރުގެ 'ކިންގްސް އޮފް ވެލީ' އިން ފެނުނު ފިރުޢައުނު ރަމްސެސް ދެވަނަ ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ. މިހާރު ވަނީ ސައިންޓިފިކް ހެކިތަކާއެކު އެކަން ސައިންސްވެރިންނާއި ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ގަބޫލުކުރައްވާފައެވެ.

މަޝްހޫރު ސައިންޓިސްޓް ޑރ. މޯރީ ބުކާއިލްގެ ބެލުމުގެ ދަށުމުން ފިރުޢައުނުގެ ހަށިގަނޑު ދިރާސާ ކުރުމަށް 1975 ވަނަ އަހަރު ފްރާންސަށް ފޮނުވިއެވެ. އެތައް ގަޑިއިރެއް ވަންދެން ކުރެވުނު މި ތަހުލީލުތަކުން ފިރުޢައުނުގެ ހަށިގަނޑުން ލޮނު ވަނީ ފެނިފައެވެ. އަދި އޭނާ މަރުވީ ކަނޑުގައި ޣަރަޤުވެގެން ކަމަށް މި ތަހުލީލުތައް ކުރެއްވި ޑރ. މޯރީ ބުކާއިލް ކަށަވަރުކޮށް ދެއްވިއެވެ. މިއީ 1400 އަހަރު ކުރިން ކީރިތި ޤުރުއާނުގަައި އަންގަވާފައިވާ ވާހަކައެއްކަން އެނގިވަޑައިގަތުމުން އެ ސައިންސްވެރިޔާ ވަނީ އިސްލާމްވެ ވަޑައިގެންފައެވެ.

ފިރުޢައުނުގެ ހަށިގަނޑު މިހާރު ރައްކާކޮށްފައިވަނީ މިޞްރުގެ ޤާހިރާގައި ހުންނަ ރޯޔަލް މަމީސް އޮފް އިޖިޕްޓްގެ ނަމުން މަޝްހޫރު ވެފައިވާ މިއުޒިއަމްގައެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރު ވަނީ ފިރުޢައުނު އެކި އުމުރުފުރައިގައި ހުންނާނެ ގޮތުގެ ކުރެހުންތައް ވެސް ކުރަހާފައެވެ.

ކީރިތި ޤުރުއާން ބާވާލެއްވުނު ދުވަސްވަރު ފިރުޢައުނުގެ ހަށިގަނޑު އޮތީ ކޮންތާކުކަމެއް ނޭނގެއެވެ. އެނގޭކަމަކީ ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އޭނާގެ ހަށިގަނޑު ސަލާމަތްތެރިކަމާއެކު ކޮންމެ ވެސް ތަނެއްގައި އެ ކަލާނގެ ލައްވާފައިވާނެކަމެވެ. އެއީ ފާއިތުވި އިސްލާމީ ޖީލުތަކުގެ އީމާނެވެ. އެ ހަށިގަނޑު އިންސާނުންނަށް ފެނިގެން މި ދިޔައީ ސައިންސްގެ އަލީގައި އެކަން ކަށަވަރުކުރެވޭ ފަދަ ޒަމާނެއްގައެވެ. އަދި ކީރިތި ޤުރުއާނުގައިވާ އެ ވާހަކަ މުޅި އިންސާނިއްތަށް ފާޅުވެ އެނގި ހާމަވެގެންދާ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ އެންމެ ފަހި ޒަމާނެއްގައެވެ. އޭނާގެ ހަށިގަނޑު ހަމަލޮލުން ބަލަން އެ ފުރުސަތު ވެސް އެބައޮތެވެ. ފޮޓޯއާއި ވީޑިއޯއިން މުޅި ދުނިޔެއަށް އޭނާގެ ހަށިގަނޑު އޮތީ ފެންނާށެވެ.

ފިރުޢައުނަކީ ކާކުކަން މުޅި އިންސާނިއްޔަތަށް އެނގިއްޖެއެވެ. އޭނާގެ ހަށިގަނޑު އެ އޮތީ ފެންނާށެވެ. އެކަމުން އަޅުގަނޑުމެންނަށް ޢިބުރަތް ހާސިލު ކުރެވޭތޯއެވެ. އަދިވެސް މީސްތަކުންގެ ތެރެއިން ގިނަ މީހުން ވެފައި މިވަނީ އެ ކަލާނގެ ބާވާލެއްވި އާޔަތްތަކާމެދުގައި ނުވަތަ އެ ކަލާނގެ ޤުދުރަތްތެރިކަމުގެ މައްޗަށް ދަލީލު ކުރާ ހެކިތަކާމެދުގައި ޣާފިލު ވެގެންވާ ބައެއްކަމުގައެވެ.

މަސްދަރު: ޖެފް މެކްގިލް

* މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *