Support Us

ޢަދުލު އިންސާފު… މާތް ރަސޫލާގެ ޝަރީޢަތް- 1

ހުރަހެއް ނުލައްވާ

އެއް ދުވަހަކު ރުޅިގަދަވެފައި ހުރި ރަށްފުށުގެ އަރަތްބަކު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައެވެ. އޭނާއަށް (އަދިވެސް) ދެއްވުމަށް ދެންނެވިއެވެ. އޭނާ އަދަބު ކުޑަކޮށްލައިފާ ދެންނެވިއެވެ. ((އޭ މުޙައްމަދުގެފާނޭވެ! ޢަދްލުވެރިވެ ވަޑައިގަންނަވާށެވެ!))

ރަށްފުށުގެ މި އަރަބި މީހާ އެއްވެސް ޖެހިލުމެއްނެތި ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައިސް މި ފަދައިން ދަންނަވަން ކެރުނުކެރުމުން ތަޞްވީރުވެގެން ދަނީ އެކަލޭގެފާނުގެ އިންސާފުވެރިކަމެވެ.

ކީރިތި ރަސޫލާ ﷺ އެކަލޭގެފާނާ މީސްތަކުންނާ ދެމެދުގައި ބޯޑާކަމާއި ފޮނިކަމާއި ހައިބަތާއި ޖަބަރޫތުގެ ފާރެއް ބިނާކުރައްވައިފައިވާނަމަ އެ އަރަބި މީހާއަށް ކީރިތި ރަސޫލާ ﷺގެ އަރިހަށް ޖެހިލުމެއް ނެތި އަންނާން ކެރޭނެ ހެއްޔެވެ؟ މި ފަދަ އަދަބުކުޑަ ގޮތަކަށް ރަސޫލާއަށް މުޚާޠަބު ކުރާން ކެރޭނެހެއްޔެވެ؟

ކީރިތި ރަސޫލާ ﷺ ވަނީ ހުރިހާ ބާވަތެއްގެ އިމްތިޔާޒީ މަލަތައް ނައްތައިލައްވައިފައެވެ. އެކަލޭގެފާނާ މީސްތަކުންނާ ދެމެދުގައި އެއްވެސް ހުރަހެއް ނެތެވެ.

އެއްދުވަހަކު އެކަލޭގެފާނުގެ އަރިހަށް އައި ބީރަށްޓެއްސަކު އެކަލޭގެފާނުގެ ހައިބަތާއި ޤަދަރުގެ މަތިވެރިކަން އިޙްސާސް ކުރެވިގެން އެކަލޭގެފާނުގެ އަރިހަށް އަންނާން ނުކެރި ދުރުގައި މަޑުކޮށްލިއެވެ. މި މަންޒަރު ކީރިތި ރަސޫލާ ﷺ އަށް ފެނިވަޑައިގެން ހިނދު އޭނާގެ ގާތަށް ވަޑައިގެން އޭނާގެ ކޮނޑުގައި އޯގާވެރިކަމާއެކު އަތްޕުޅުން ފިރުމާލައްވައިފައި ޙަދީސް ކުރެއްވިއެވެ. ((هَوِّنْ عَلَيْكَ فَإِنِّي لَسْتُ بِمَلِكٍ، إِنَّمَا أَنَا ابْنُ اِمْرَأَةٍ مِنْ قُرَيْش كَانَتْ تَأْكُل القديد[1]– ބިރުގަނެ ހާސްނުވާށެވެ! ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ރަސްކަލަކީމުއެއް ނޫނެވެ. އެހެނަސް ތިމަންކަލޭގެފާނަކީ ހިކި މަސް ކައި އުޅުނު ޤުރައިޝީ އަންހެނެއްގެ ދަރިއަކީމުއެވެ.))

އިމްތިޔާޒެއް ނެތް

އާދެ! މިއީ ކީރިތި ރަސޫލާ ﷺ ގެ ޢަދްލުވެރިކަމާއި އިންސާފުވެރިކަމުގެ ޙަޤީޤީ މަފްހޫމު ދެނެގަތުމުގެ ފެށުމެވެ.

އާދެ! މި ހިސާބުން އެކަލޭގެފާނާއި މީސްތަކުންނާ ދެމެދުގައި އެއްވެސް އިމްތިޔާޒެއް ނެތްކަން ހާމަވެގެން ހިނގައްޖެއެވެ.

މާތްﷲ އެކަލޭގެފާނު ރަސޫލެއް ކަމުގައި ހޮއްވަވާ އިޚްތިޔާރު ކުރެއްވިއެވެ. އެކަލޭގެފާނަށް އަޚްލާޤީގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ރޫޙީ ގޮތުން  ކުރިބޯށްޓާ ހަމައަށް ވާޞިލުވެވެޑައިގެންނެވޭނެ އެންމެހައި  މަގުތައް ފަހިކޮށް ދެއްވިއެވެ. މި އުންމަތުގެ އުސްތާޒު ކަމުގައި ލެއްވިއެވެ. މި އުންމަތުގެ އިސްވާރު ކަމުގައި ހެއްދެވިއެވެ. މާތްﷲ އެކަލޭގެފާނު ހޮއްވަވާ ކިޔަމަންގަނެވޭ އިމާމެއް ކަމުގައި ޢައްޔަން ކުރެއްވިއެވެ.

މާތްﷲ މުޙައްމަދު ނަބިއްޔާއަށް ފަހިކޮށްދެއްވި މި ހުރިހާ ޚާއްޞަ ސިފަތަކާ އެކުގައި ވެސް އެކަލޭގެފާނު ދިރިއުޅުއްވީ ހުރިހާ އިމްތިޔާޒުތަކެއް ދުރަށް ލައްވައިގެންނެވެ. އެއިން އެއްވެސް އިމްތިޔާޒެއް ޤަބޫލުފުޅު ނުކުރައްވައެވެ.

އެކަލޭގެފާނު މީސްތަކުންނަށް އަބަދު ވެސް އިއްވަވާ ބަސްފުޅަކީ ((إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ [2]– ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުން ކަހަލަ އާދަމުގެދަރިޔަކު ކަމުގައެވެ.))

އެކަލޭގެފާނު ބަޔާންކޮށްދެއްވައިފައި ވަނީ އެހެން މީހުންނަށްވުރެ އިމްތިޔާޒުވެގެން މޮޅުވެގެން އުޅުމަކީ އަނިޔާވެރިކަމާއި ލާއަޚްލާޤީ މަލަތަކުން މަލައެއް ކަމެވެ. އެހެން މީހުންނަށްވުރެ ތިމާއަށް ޚާޢްޞަ މަޤާމެއް ލިބިގެންވާ ކަމަށް ދަޢުވާކުރާ މީހަކީ އޭނާއާށް ޙައްޤުވެގެންނުވާ ސިފައެއް އޭނާގެ ހަށިގަނޑަށް މަހައި ފައްތައިގެން އުޅޭ މީހެކެވެ. އެފަދަ މީހަކީ ގޮތްދޫނުކުރުމާއި ދޮގުވެރި ހެއްލުންތެރިކަމުގައި އަޅުވެތިވެފައިވާ މީހެކެވެ. އެއީ އޭނާގެ ނަފްސުގެ މައްޗަށް އޭނާގެ ހަވާނަފްސު ގަދަވެގަންފައިވާ މީހެކެވެ. އެއީ އެކަމުގެ ސަބަބުން އޭނާގެ މައްޗަށް ނުބައި ޢަމަލުތައް ވެރިވެގަންފައިވާ މީހެކެވެ. އެހެން މީހުންނަށްވުރެ ތިމާ މޮޅުކަމުގެ އިޙްސާސްތައް ތިމާގެ މައްޗަށް ވެރިގަތުމުގެ ސަބަބުން އޭނާއަކީ ބޮޑާކަމާއި ފޮނިކަމާއި ކިބްރުވެރިކަމުގެ ވެށްޓެއްގައި ދައުރުކުރާ މީހެކެވެ.

އިންސާނެއް ކަމުގައިވާ ކައު މުޙައްމަދުގެފާނަށް މި ކަން ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެކަލޭގެފާނުގެ ޠަބީޢަތުގައި ޢަދްލުވެރިކަމުގެ ލޯބިނޫން އެހެން އެއްޗެއް ނުވެއެވެ. އެއީ މާތްކަމަކަށް ވާތީ އަދި އެއީ ޟަރޫރަތަކަށް ވާތީ އެ މަގަށް ތަބާވެވަޑައިގަތެވެ.

މިހެންވެ ކައު ރަސޫލާގެ ނަފްސު ވަނީ ބޮޑާކަމާއި ކިބްރުވެރިކަމުގެ އެންމެހައި ޝުޢޫރުތަކުން ޠާހިރު ކުރެއްވިފައެވެ.

ރަސޫލެއްގެ  ހައިސިއްޔަތުންނާއި ލަޝްކަރުގެ ވެރިޔާގެ ހައިސިއްޔަތުން އެކަލޭގެފާނުގެ ސުލޫކަކީ އިމްތިޔާޒުތަކާ ދެކޮޅު ހެއްދެވުމެވެ.

މުސްލިމުންނަށް އުޙުދު ހަނގުރާމައާ ކުރިމަތިލާން ޖެހުމުން އެކަލޭގެފާނުގެ އަޞްޙާބުން ވަޑައިގެން ދެންނެވިއެވެ. "ދުޝްމަނުން ތިބީ އަޅުގަނޑުމެންނާ ދިމާއަށް އައުމުގެ މަގުމަތީގައެވެ. އެމީހުން ބޭނުންވަނީ އަޅުގަނޑުމެންގެ ދުވަސްދުއްވާލާށެވެ!"

އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ހަނގުރާމަ ކުރުމަށް ޓަކައި ނުނުކުތުމަށެވެ."

އެހެނަސް އެބޭކަލުން ދެންނެވިއެވެ. "އަޅުގަނޑުމެންނަށް ފެންނަނީ ނުކުމެ ހަނގުރާމަ ކުރާށެވެ."

އެބޭކަލުންނަށް އިރުކޮޅަކު މަޑުކޮށްލެއްވުމަށް ކީރިތި ރަސޫލާ ﷺ ވިދާޅުވެފައި އެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އިރުކޮޅެއް ފަހުން އެ ކަލޭގެފާނު އެބޭކަލުންގެ ތެރެއަށް ނުކުމެވަޑައިގަތީ ހަނގުރާމައިގެ ހެދުންކޮޅު ތުރުކުރައްވައިގެންނެވެ. އެއީ އެބޭކަލުންގެ ރައުޔަށް އިޙްތިރާމު ކުރެއްވުމަށް ޓަކައެވެ. އެބޭކަލުންގެ ޙައްޤަށް ޤަދަރުކުރެއްވުމަށް ޓަކައެވެ.

އެއް ދުވަހަކު ބަދަވީއަކު އޭނާގެ ހަރުކަށިގޮތުގައި ދެންނެވިއެވެ. "އޭ މުޙައްމަދުގެފާނެވެ! މިއީ ﷲގެ މުދާ ހެއްޔެވެ؟ ނުވަތަ ކަލޭގެފާނުގެ ބަފައިކަލުންގެ މުދާ ހެއްޔެވެ؟"

އެހިނދު މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިނުލް ޚައްޠާބު  އެކަލޭގެފާނުގެ ކަނޑިކޮޅު އުރައިން ދަމައިގަންނަވާ ތެދުވެވަޑައިގެންނެވިއެވެ. ކައު ރަސޫލާގެ ޙަޟްރަތުގައި އޭނާ އަދަބު ކުޑަކޮށް އެކަލޭގެފާނާ މުޚާޠަބު ކުރީތީއެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޢުމަރުގެފާނަށް އިށީނދެވަޑައިގަތުމަށް އަމުރުފުޅު ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

"އޭ ޢުމަރުގެފާނޭވެ! ޙައްޤު ވެރިޔާއަށް ބަސްބުނުމުގެ ޙައްޤު ލިބިގެންވެއެވެ."

އެކުވެރިއެއްގެ ގޮތުން ބަލާއިރުގައި ވެސް އެކަލޭގެފާނުގެ ސުލޫކުން އެއްވެސް އިމްތިޔާޒީ ކަމެއް ފެނިފައެއް ނެތެވެ. އެކަލޭގެފާނުގެ ބައެއް ދަތުރުފުޅުތަކުގައި އެކަލޭގެފާނުގެ ޞަޙާބީން ކެއުން ތައްޔާރު ކުރެއްވުމަށް ޓަކައި އެބޭކަލުންގެ މެދުގައި މަސައްކަތްތައް ބައްސަވާލައްވާ ހިނދު ކީރިތި ރަސޫލާ ﷺ އިސްވެ ވިދާޅުވެއެވެ.

"ތިމަންކަލޭގެފާނު ދަރު ހޯއްދަވާ ހުށީމެވެ."

އެހިނދު އަޞްޙާބުން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން ކަލޭގެފާނަށް ފުދިގެންވެއެވެ."

އެހިނދު އެބޭކަލުންނަށް ޖަވާބު ދެއްވަމުން ވިދާޅުވެއެވެ. "އެ ކަމުގައި ތިޔަބޭކަލުން ތިމަންކަލޭގެފާނަށް ފުދިގެންވާކަން އެނގިވަޑައިގަންނަވައެވެ. އެހެނަސް ތިމަންކަލޭގެފާނު ތިޔަބޭކަލުންގެ މައްޗަށް އެއްވެސް ކަމެއްގައި ޚާއްޞަވެވަޑައިގަތުމަށް ނަފްރަތު ކުރައްވަމެވެ."

ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ނަފްސު މީހުންނާ އެކަހެރި ނުކުރައްވައެވެ. ބޮޑާވެ އަނެއް ފަރާތަށް މޫނުފުޅު އަނބުރާ ނުލައްވައެވެ. އަބަދުވެސް އުޅުއްވަނީ މީހުންގެ ޝުޢޫރުތަކާ އެކުގައެވެ. އެމީހުންގެ އިޙްސާސްތަކަށް އިޙްތިރާމު ކުރައްވައިގެންނެވެ.

މި މަޒްމޫނު ފެށި ހިސާބަށް އަދި އެއްފަހަރު އެނބުރި ދަމާހިނގާށެވެ! ރަށްފުށުގެ ޢަރަބިކަލޭގެ ރަސޫލާއަށް ދެންނެވިއެވެ. "އޭ މުޙައްމަދުގެފާނޭވެ! އިންސާފުވެރިވެ ވަޑައިގަންނަވާށެވެ!"

އެ ހިނދު ކީރިތި ރަސޫލާ ﷺ ހިނިވަރުނަކުރައްވައިފައި ވިދާޅުވިއެވެ. "ތިބާއަށް ހަލާކު ހުށްޓެވެ! ތިމަންކަލޭގެފާނު އިންސާފުވެރިވެ ވަޑައިނުގަންނަވާނަމަ އިންސާފުވެރި ވާނީ ފަހެ ކާކު ހެއްޔެވެ؟"

ކީރިތި ރަސޫލާ ﷺ މިބަސްފުޅު ވިދާޅުވީ އެކަލޭގެފާނު ބޮޑާކަމަކުންނޫނެވެ. އެކަލޭގެފާނު ފޮނިކަމަކުންނޫނެވެ. އެހެނެއް ކަމަކު އެކަލޭގެފާނު މި ބަސްފުޅު ވިދާޅުވީ މީސްތަކުންނަށް ހަނދާންކޮށް ދެއްވުމަށް ޓަކައެވެ. މީސްތަކުންނަށް އެމީހުންގެ ޙައްޤުތަކުގެ މަތީން ހަނދާންކޮށް ދެއްވާން ވެގެންނެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން އެންމެތަކުންނަށް ޙައްޤުތައް ލިބޭނެކަން ކަށަވަރުކޮށް ދެއްވުމަށް ޓަކައެވެ.

މުޙައްމަދުގެފާނުގެ ކިބައިން ފުރިހަމައަށް އިންސާފު ނުލިބުނުނަމަ އިންސާފު ލިބޭނީ ދެން ފަހެ ކާކުގެ ކިބައިން ހެއްޔެވެ؟

(ނުނިމޭ)

[1]  – صححه الألباني في "الصحيحة" (1876) ، وصحيح الجامع الصغير" (7052)

[2]  –  فصلت : 6

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *