Support Us

މީސްމީޑިއާގެ ޒަމާނުގައި ދޫ ރައްކައުތެރިކުރުން

ދުލަކީ ކޮން އެއްޗެއް ތޯއެވެ؟ ﷲގެ މަތިވެރި ނިޢުމަތް ތަކުގެ ތެރެއިން ނިޢުމަތެކެވެ. އެއީ ކުޑަކުޑަ ޖިސްމެކެވެ. ނިކަމެތި ގުނަވަނެކެވެ. ނަމަވެސް އެއީ އޭގެ ކިޔަމަންތެރިކަމާއި ބަސް ނޭހުން ވަރަށް ބޮޑު ގުނަވަނެކެވެ. މީހެއްގެ އީމާންކަމާއި ކުފްރުވެރިކަން ފާޅުވެގެން ދަނީ އޭގެ ތެރެއިންނެވެ.

އޭގެ މައިދާން ވަރަށް ފުޅަލެވެ. އޭގެ އުދަރެސް ވަރަށް ތަނަވަހެވެ. އެއީ އިންސާނާގެ ހިތުގެ ތަރްޖަމާނެވެ. އިންސާނާގެ ފިކްރުތައް ފާޅުކޮށްދޭ އާލަތެވެ. އޭގެ ހެޔޮކަން ބޮޑެވެ. އޭގެ ނުބައިކަން ބިޔައެވެ. ހެޔޮބަސް ބުނުމަށާއި މުހުތާދުތައް ފުއްދުމަށާއި ޝަރްޢުގައި އަންގަވާފައިވާ ގޮތަށް ލަގަން އަޅުވައިގެން އޭތި ގެންގުޅެފިނަމަ އެއީ ކާމިޔާބުގެ ތަޅުދަނޑިއެވެ. އެކަމަކު އޭތި ޝައިޠާނާގެ އަތަށް ދޫކޮށްލައި އެއާމެދު އިހްމާލުވެއްޖެނަމަ އެއީ ނާމާންކަމާއި އަބާއްޖަވެރިކަމުގެ ބަނދަރެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((وَهَلْ يَكُبُّ النَّاسَ فِي نَارِ جَهَنَّمَ إِلا حَصَائِدُ أَلْسِنَتِهِمْ[1] މާނައީ: އެބައިމީހުންގެ ދުލުން ކަނޑައި ގޮވާމެއްގެ ސަބަބުން މެނުވީ އެބައިމީހުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވޭނެ ހެއްޔެވެ؟))

ކީރިތި ރަސޫލާ ﷺގެ އެހެން ޙަދީސެއްގައި ވެއެވެ. ((إِذَا أَصْبَحَ ابْنُ آدَمَ فَإِنَّ الْأَعْضَاءَ كُلَّهَا تُكَفِّرُ اللِّسَانَ فَتَقُولُ اتَّقِ اللَّهَ فِينَا فَإِنَّمَا نَحْنُ بِكَ فَإِنْ اسْتَقَمْتَ اسْتَقَمْنَا وَإِنْ اعْوَجَجْتَ اعْوَجَجْنَا [2] މާނައީ: ކޮންމެ ދުވަހަކަށް އާދަމުގެ ދަރިޔާ ހޭލުމުން އޭނާގެ ހުރިހާ ގުނަވަންތަކެއް ދުލަށް ކިޔަމަންގަނެ ބުނާނެތެވެ. އަހުރެމެންގެ ޙައްޤުގައި ތިބާ ﷲ ދެކެ ބިރުވެތި ވާށެވެ! ފަހެ ހަމަކަށަވަރުން އަހުރެމެންނަކީ ތިބާގެ ބަޔަކީމުއެވެ. ފަހެ ތިބާ ސީދާވެގަންފި ނަމަ އަހުރެމެން ސީދާ ވެދާނެއެވެ. ތިބާ ކަސިޔާރު ވެއްޖެނަމަ އަހުރެމެން ކަސިޔާރު ވެދާނެއެވެ.))

މި ބަސްފުޅުތަކުން ދުލުގެ މުހިއްމުކަމާއި ނުރައްކާތެރިކަން އެނގެއެވެ. މި ދޫ ރައްކައުތެރި ކުރުމަށް ޓަކައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނެއެވެ. ދުލަށް ރައްކައުތެރިވާން ޖެހޭ މިންވަރުގެ ބޮޑުކަން ހާމަކޮށްދެއްވަމުން އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. ((مَا عَلَى وَجْهِ الأَرْضِ شَيْءٌ أَحْوَجُ إِلَى طُولِ سِجْنٍ مِنْ لِسَانٍ[3] މާނައީ: ދުލަށް ވުރެ ގިނައިރު ހުރަގޭގައި ބަންދުކޮށްފައި ބާއްވަން ޖެހޭ އެހެން އެއްޗެއް  މި ބިންމައްޗަކު ނުވެއެވެ.))

ކަލިމައަކީ ތިބާގެ އަޅެކެވެ. އެކަމަކު އެ ކަލިމަ ތިބާގެ އަނގައިން ބޭރުވެއްޖެނަމަ ތިބާ އޭގެ އަޅަކަށް ވީއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ މާނައީ: ކުރާ عمل ތައް ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.))

ޔަޙްޔާ ބުނު މުޢާޛު ވިދާޅުވިއެވެ. "ހިތަކީ އޭގައި ހުރި އެއްޗެހި ކައްކާދޭ ތެއްޔެއްފަދަ އެއްޗެކެވެ. އަދި ދުލަކީ އެ ތެލީގެ އުނދުޅިއެވެ. ފަހެ މީހަކު ވާހަކަ ދައްކާއިރު ބަލާށެވެ! އޭނާގެ ދުލުން  ފޮނި އެއްޗެއްސާއި ހުތް އެއްޗެއްސާއި މީރު އެއްޗެއްސާއި ހިތި ހަބަރު އެއްޗެހި އަޅައިދޭނެއެވެ. އޭނާގެ ހިތުގެ ރަހަތައް އޭނާގެ ދުލުގެ އުނދުޅިން ތިބާއަށް އަޅައިދޭނެތެވެ."

ދުލަކީ ދެ މިޔަލީ ހަތިޔާރެކެވެ. އެއީ ހެޔޮކަމުގެ އާލަތެކެވެ. ކާމިޔާބީއަށް ވާޞިލުވުމަށް ލިބިފައިވާ ސަވާރީއެކެވެ. މިއާ ޚިލާފަށް އެއީ ނުބައިކަމުގެވެސް އާލަތެކެވެ. އެއީ ވިހަ ގަދަ ހަރުފައެކެވެ.

ތަފާތު މި ބަސްފުޅުތަކުން ދުލުގެ ނުރައްކާތެރިކަމުގެ ބޮޑުކަން އެނގިއްޖެއެވެ. މި ނުރައްކާތެރިކަމުން ސަލާމަތްވެވޭނީ ދޫ ހިމޭން ކުރުވައިގެންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَنْ صَمَتَ نَجَا[4]– ބަސްނުބުނެ ހަނުހުރި މީހާ ނަޖާވެއްޖެއެވެ.))

ހަނުހިމޭނުންލައިގެން ހުންނާންވީ ނުބައި ބަސްބުނުމާ ދުރުހެލިވުމަށް ޓަކައެވެ. ހެޔޮ ބަސް ބުނުމުގައި ދޫ ޙަރަކާތްތެރި ކުރުވާން ޖެހޭނެއެވެ. ތިބާއަށާއި އެހެން މީހުންނަށް ފައިދާކޮށް ދިނުމަށް ޓަކައި ދުލުގެ ބޭނުން ކުރާންވާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لا يَزالُ لسانُكَ رَطْبًا من ذِكْرِ اللهِ[5] -ﷲ ހަނދުމަކުރުމުން ތިބާގެ ދޫ ތެތްކަމުން ފިލައިދިޔަ ނުދާށެވެ!))

الله تعالى ވަޙީ ކުރެއްވިއެވެ. ((قَوْلٌ مَعْرُوفٌ وَمَغْفِرَةٌ خَيْرٌ مِنْ صَدَقَةٍ يَتْبَعُهَا أَذًى [6]– އެ صدقات އަކާ ގުޅިގެން އުނދަގުލެއް ދޭ صدقات އަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި عفو ކުރުން، ހެޔޮކަން މާބޮޑެވެ.)) ވީމާ، ދޫ ބޭނުންކުރާންވާނީ ހެވާއި ލާބައިގެ ދާއިރާގައެވެ. ތިބާއަށާއި ތިބާގެ މުޖްތަމަޢަށާއި ވަޠަނަށް ފައިދާކުރަނިވި ގޮތަކަށެވެ. ދޮގު ޚަބަރުތައް ފެތުރުމަށާއި ޔޯލަ ވާހަކަ ދެއްކުމަށް މި ދޫ ބޭނުންކޮށްގެން ނުވާނެއެވެ. މި ޒަމާނުގައި ބައެއް މީހުން އާދަވެފައިވާ ފަދައިން މީސްމީޑިއާއަށް ވަދެ އެހެން މީހުންނަށް މަލާމާތް ކުރުމަށާއި ނެތިމޮށުމަށާއި ފިތުނަފަސާދަ އުފެއްދުމަށް މި ހަތިޔާރު ބޭނުންކޮށްގެން  ނުވާނެއެވެ. އައްސަވާށެވެ! ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((و مَن كان يؤمِنُ باللهِ و اليَومِ الآخرِ فليقُل خَيرًا أو ليَصْمُتْ[7] -ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ފަހެ ހެޔޮ ބަހެއް މެނުވީ ނުބުނާށެވެ! ނުވަތަ ހަނު ހުންނާށެވެ!)) ކީރިތި ރަސޫލާ ﷺ މި އަމުރުކުރައްވަނީ ޙައްޤު ބަސް ބުނުމަށެވެ. ހެޔޮބަސް ބުނުމަށެވެ. އެކަމަށް ނުކުޅެދިގެންވާ މީހާ ހަނުހުރުމަށެވެ. ވައިބަރު އޮޅިއަށް ވަދެ ނުވަތަ ޓްވިޓަރު ޞަފްޙާއަށް ވަދެ މީހުންގެ މުޅަމަސް ނުކުރާށެވެ! މީހުންނަށް ފުރައްސާރަ ނުކުރާށެވެ!

ދުލުގެ ދާއިރާގައި ހެޔޮ ބަސްބުނުމުގެ މައިދާނަކީ ވަރަށް ތަނަވަސް މައިދާނެކެވެ.

އޭގެ ތެރޭގައި:

ހ- ﷲއަށް ޒިކުރުކުރުން މަތީގައި ދެމިހުރުން: މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْراً كَثِيراً وَسَبِّحُوهُ بُكْرَةً وَأَصِيلاً [8]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ!))

ށ- ހެޔޮކަންތަކަށް ގޮވައިލުމާއި މުންކަރާތްތައް ނަހީކުރުމާއި މީސްތަކުންގެ  ދެމެދުގެ ގުޅުންތައް އިޞްލާޙު ކުރުން. މާތް ﷲ ވަޙީކުރެއްވިއެވެ. ((لَا خَيْرَ فِي كَثِيرٍ مِنْ نَجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ وَمَنْ يَفْعَلْ ذَلِكَ ابْتِغَاءَ مَرْضَاةِ اللهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا[9] – صدقات އެއްކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި صلح އެއް އުފެއްދުމަށް أمر ކޮށްފި މީހަކު (ސިއްރުގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ. އަދި، اللَّه ރުހިވޮޑިގަތުން އެދިގެން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.)) މި ބަސްފުޅުން އެނގެނީ ފޯނުންނާއި ޗެޓުން ދައްކާ ވާހަކައަށް ރައްކައުތެރިވާން ޖެހޭނެ ކަމެވެ. އަނެކުންގެ އަބުރު ކަތިލުމަށާއި އަނެކުން ފަޟީޙަތް ކުރުމަށް އެރުވޭ މިސައިލަކަށް މީސްމީޑިއާ ފަދަ ޒަމާނީ ވަސީލަތްތައް ހަދައިގެން ނުވާނެއެވެ.))

ނ- ތިބާގެ ދީނަށާއި ތިބާގެ ޢިއްޒަތަށާއި ކަރާމަތަށާއި ތިބާއާ އަނެކުންނާ ދެމެދުގައިވާ ގުޅުންތަކަށް ބުރޫއަރާ ފަދަ ވާހަކަތައް ދެއްކުމާ ދުރުހެލިވުން . އަރަހުށި  މާތް ﷲ ވަޙީ ކުރެއްވިއެވެ. ((قُلْ إِنَّمَا حَرَّمَ رَبِّيَ الفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالإِثْمَ وَالبَغْيَ بِغَيْرِ الحَقِّ وَأَنْ تُشْرِكُوا بِاللهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَنْ تَقُولُوا عَلَى اللهِ مَا لَا تَعْلَمُونَ[10]– ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرام ކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حق އަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّة އެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّه އަށް شريك ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނުމެވެ.))

[1]  –  رواه الطبرانى وابن ماجه والترمذى وأحمد

[2]  – رواه الترمذى وحسنه الألبانى

[3]  – رواه الطبرى

[4]  – أخرجه الترمذي (٢٥٠١)، وأحمد (٦٤٨١)

[5]  – أخرجه الترمذي (٣٣٧٥) وابن ماجه (٣٧٩٣)، وأحمد (١٧٦٨٠)

[6]  – البقرة:263

[7]  – أخرجه البخاري (٦٠١٩)، ومسلم (٤٨) و ابن حبان (٥٥٩٧)، والطبراني (٤/١٢٤) (٣٨٧٣)، والحاكم (٧٧٨٣)

[8]  –  الأحزاب :  41-42

[9]  – النساء: 114

[10]  –  الأعراف : 33

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *