ހިތް ރުހޭ މީހާ އުރައިގެން، ދެން ތިބީން ނިކަމެތިކުރާން
ސިއްރުތައް ބޭޒާރުކުރަނީތޯއެ ބަދުނާމެއްކުރާން
މިތުރުވެރި ހިތްތަކުގެ ގުޅުމަަށް ލޯއަޅަންފެށި ސަބަބުތައް
ފިތުނައަށްތޯ ތަންދެނީ ސުލްޙައިގެ އުދަރެސް ބަނަކުރާން
ކުލުނުވެރި މި ވެށީގެ ޒާތާ ނުރުހިގެންބާ ދުރުތިބީން
ފުލުފުލުން ދަޢުވާގެ އަޑު އުފުލަން ފެށީ ކުށްވެރިކުރާން
ދޮރުމަތިން ކުރިކެނޑި ގޮތެއްނެތް އަނގަތަކަށްތޯ މިއަދުވެސް
ފޮރުވެގެން ތިބެ ކާންދެނީ ނަފުސުގެ އެދުންތައް ދަހިކުރާން
ބިންމަތީގައި ބަނޑުޖަހައި ފިރުކޭ އުސޫލު ކޮޅަށްޖަހާ
މިންނަތީ އެއްވެސް އަތެއް ނެތްބާ އެއަށް ހޭހަންކުރާން
ޙައްޤުތައް ހޯދަންހެ ތިޔަ ނުކުތީ ވަކާލާތުގެ ބިމަށް
ހައްދުތައް ޙުކުމާއި ދުރުކޮށް މިތަނުގައި ހުޅު ރޯކުރާން
ހެކިތަކަށް ހެކިދޭ ދަލީލާ އަސްލުތައް ފެންނަން އޮތަސް
ވަކި ދުލެއް ޙަރަކާތްކުރީމާހެއްޔެ ވީ ގޮތްދޫކުރާން