Support Us

ގުރުއާނީ އާޔަތަކާއެކު ހިނދުކޮޅެއް: ހައްގު ގޮތުގައި ﷲ "ވަޒަން"ކުރުން

މިއަދު އެއާޔަތުގެ ހިޔަލުގައި އިނދެލަން ގަސްދުކުރާ އާޔަތަކީ އަންޢާމު ސޫރަތުގެ 91 ވަނަ އާޔަތެވެ. އެންމެ ފުރަތަމަ އެއާޔަތާއި އެއާޔަތުގެ މާނަ ކިޔާލަމާ ހެއްޔެވެ؟

وما قدروا الله حق قدره – އެމީހުން، ހައްގުގޮތުގައި، ﷲ 'ވަޒަނެއް' ނުކުރެއެވެ.

އެބަހީ، ﷲ މައުރިފާކޮށް، ދެނެގަނެ، އެކަލާނގެއީ ކޮބައި ކަމާއި އެކަލާނގެ ކުޅަދުންވަންތަކަމާ މެދު، ވިސްނާފިކުރުކޮށް އެކަލާނގެއާ ބެހޭ ތެދު، ހަގީގީ ތަސައްވުރެއް ހިތަށް ނަގައި، އެކަލާނގެ ހަގީގަތާ ބެހޭ ތަގުދީރެއް، އެބަހީ، އެކަލާނގެއީ، މަތިވެރިކަމާއި ކުޅަދުންވަންތަކަމުގެ ކިހާ ވަރެއްގެ އިލާހެއްކަމުގައި ވިސްނި، އެކަލާނގެ ވަޒަންކޮށް، ހައްގު ގަދަރެއް، އިހުތިރާމެއް، އެކަލާނގެއަށް، އެމީހުން ނުދެއެވެ.

إذ قالوا ما أنزل الله على بشر من شيء، އެއްވެސް އިންސާނެއްގެ މައްޗަށް، އެކަލާނގެ، އެއްވެސް އެއްޗެއް، (އެބަހީ، ސަމާވީ ފޮތެއް،) ބާވާނުލައްވައޭ ބުނާއިރުއެވެ.

قل من أنزل الكتاب الذي جاء به موسى ކަލޭގެފާނު (އެބަހީ މުހައްމަދުގެފާނު، އެމީހުންނަށް) ވިދާޅުވާށެވެ. މޫސާގެފާނު އެ ފޮތަކާއިގެން ވަޑައިގެންނެވި ފޮތް، ބާވާލެއްވީ ކާކު ހެއްޔެވެ؟

نورا وهدى للناس މީސްތަކުންނަށް، (އެބަހީ އެމީހުންގެ ހިތްތަކަށް، އީމާންކަމުގެ) އަލިކަން ގެނެސް، (އެމީހުންނަށް ދިރިއުޅުމުގެ، ފަރުދީ އަދި މުޖުތަމައީ، ހެޔޮ) މަގު ދެއްކެވުމަށްޓަކައެވެ.

تجعلونه قراطيس (ސަމާވީ އެ ވަހީ ބަސްފުޅަކީ، އެ ވަހީ ބަސްފުޅަށް، އަމަލުކޮށް އެއަށް ދޭން ޖެހޭ ހައްގު ގަދަރު ނުދީ، ހުސް) ފަތްފުށްތަކެއް ކަމުގައި ބަލައިގެން ކަލޭމެން އުޅެއެވެ.

تبدونها وتخفون كثيرا (ބައެއް ފަހަރު، ތިމާމެންގެ މައްޗަށް ވަހީ ބަސްފުޅު ބާވާލެއްވުނޭ ބުނެ، ބޮޑާވެ، ފަޚުރުވެރި ވުމުގެ ގޮތުން) ކަލޭމެން އެ ފަތްފުށްތައް (މީސްތަކުންނަށް) ދައްކައި (ކިޔައި) އުޅެތެވެ. އަދި، ވަރަށް ގިނައިން، (އެ ވަހީގެ ބަސްފުޅަށް، އަމަލުނުކޮށް، އެ ވަހީބަސްފުޅު) ވަންހަނާކޮށް، ފޮރުވައިގެން ކަލޭމެން އުޅޭ ވެސް މެއެވެ.

وعلمتم ما لم تعلموا أنتم وآباءكم، (މޫސާގެފާނަށް ބާވާލެއްވުނު މި ވަހީ ބަސްފުޅާ ބެހޭ ގޮތުން، އެބަހީ އޭގެ ތަފްސީރަކީ ކޮބައިކަމާ ބެހޭ ގޮތުން) ކަލޭމެންނާއި ކަލޭމެންގެ ކާބަފައިން ނުދަންނަ އެތައް ކަމެއް ކަލޭމެންނަށް ދަސްކޮށްދެވިފައި ވެއެވެ. (މިހެން، ކަން އޮތް އިރު ވެސް، އެއްވެސް ވަހީ ބަސްފުޅެއް، މާތްކަލާނގެ، އެއްވެސް އިންސާނެއްގެ މައްޗަށް ބާވާ ނުލައްވަޔޭ ކަލޭމެންނަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟)

قل الله، ކަލޭގެފާނު (އެބަހީ މުހައްމަދުގެފާނު) ވިދާޅުވާށެވެ! (މޫސާގެފާނަށް ބާވާލެއްވުނު ފޮތް ވެސް ބާވާލެއްވީ ހަމަ) ﷲއެވެ.

وذرهم في خوضهم يلعبون ދެން، އެމީހުން އެދައްކަމުންދާ (ބުއްދީގެ ހަމަތަކާ ޚިލާފު، ބޭކާރު ވާހަކަތައް) ދައްކަން ދޫކޮށްލައްވާށެވެ. (އެމީހުންގެ މަގުސަދަކީ ހައްގު ހޯދުންކަމުގައި ނުވާއިރު، އެމީހުންގެ ވާހަކަތަކަށް ރައްދުދެއްވަން ނޫޅުއްވާށެވެ!)

މިއާޔަތުގެ ޖުމްލަ މާނައަށް، ކުރުގޮތެއްގައި ބަލާލުމަށް ފަހު، ދެކަމެއް ފާހަގަކޮށްލަން ބޭނުމެވެ. ފުރަތަމަ ކަމަކީ، وما قدروا الله حق قدره (ހައްގުގޮތުގައި، މާތްﷲގެ އަގު އެމީހުން ވަޒަނެއް ނުކުރެއެވެ.) މި އިބާރާތުގެ މައްޗަށް ބަލައިލުމެވެ. ދެވަނަ ކަމަކީ މިއާޔަތުން ފެންނަ، ބަހުސްކުރުމާއި ހުއްޖަތްދެއްކުމުގެ ވާހަކައެވެ. އަދި، މިކަމުން، މިއަދު އަޅުގަނޑުމެންގެ ލިބެން އޮތް ފިލާވަޅަކީ ކޮބައިކަމެވެ.

އާޔަތުގެ ޖުމްލަ މާނަ، ތަރުޖަމާއިން، ކޮންމެވެސް ވަރަކަށް ނަމަވެސް ފަހުމުވާނޭ ކަމަށް އުއްމީދުކުރަމެވެ. އާޔަތުގެ ދާޚިލީ ސިޔާގަށް ބަލާލާއިރު، މިއާޔަތުގެ ވާހަކަކޮޅު ކީރިތި ރަސޫލާ ﷺގެ ދުވަސްވަރު، އަރަބިކަރައިގައި، ޚާއްސަ ގޮތެއްގައި، ހިޖާޒުކަރައިގައި އުޅުނު ޔަހޫދީންނާ ގުޅޭކަމަށް ފެނެއެވެ. ސަލާމްލެއްވި މޫސާގެފާނުގެ ވާހަކަ ނަންގަނެވިފައިވުމާއި އަދި، އެކަލޭގެފާނުގެ މައްޗަށް ބާވާލެއްވުނު ތައުރާތަށް، ނުސީދާ ގޮތެއްގައި، އިޝާރަތްކުރެވިފައިވާތީއެވެ.

އާޔާތުގެ މާނައިގައި ވަނީ، މިފަދަ ބައެއް ޔަހޫދީންނާ ނުވަތަ، އެމީހުންގެ ފަރާތުން މައުލޫމާތު ހޯދައިގެން އައިސް އުޅުނު އިސްލާމީ ދައުވަތާއި އިދިކޮޅު މައްކާގެ ގުރައިންޝުންނާއި ކީރިތި ރަސޫލާއާ ކުރެވުނު ބަހުސުގެ ވާހަކައެވެ. ކީރިތި ގުރުއާނަކީ ސަމާވީ ފޮތެއް ނޫންކަން ބަޔާންކޮށްދިނުމުގެ ހެއްކެއްގެ ގޮތުގައި، މި މީސްމީހުން ބުނީ، ދުވަހެއްގައި ވެސް، އިންސާނެއްގެ މައްޗަށް، މާތްﷲ ވަހީ ބަސްފުޅެއް ބާވާނުލައްވާ ކަމެވެ. ދެން، މިކަމުގެ ޖަވާބުގައި، ދެ ކަމެއް މިއާޔަތުގައި ފާހަގަކުރެވިފައިވެއެވެ. ފުރަތަމަ ކަމަކީ، މިފަދަ އިންކާރުކުރުން ބިނާވާ އަސްލު ސަބަބެވެ. ﷲއީ ކޮބައިކަން ވަޒަން ނުކުރެވުމެވެ. މީގެ ތަފްސީލު، އެކަމާ ބެހޭ އިބާރާތުގެ މައްޗަށް އަލިއަޅުވާލާއިރު ގެނެވޭނެއެވެ. ދެވަނަ ކަމަކީ، ޔަހޫދީންގެ ދީނީ ތާރީޚެވެ. ސަލާމްލެއްވި މޫސާގެފާނަކީ ރަސޫލު ބޭކަލެއްކަމާއި އަދި އެކަލޭގެފާނުންގެ މައްޗަށް ތައުރާތު ބާވާލެއްވުނުކަން، ޔަހޫދީން ގަބޫލުކުރާކަމެވެ. އަދި، މިކަމަކީ އެ ދުވަސްވަރުގެ އަރަބީން ވެސް، ބަލައިގަތް ކަމެއް ކަމެވެ. މިކަމުގެ ހެއްކަކީ، ޔަހޫދީންނާއި ނަސާރާއިންނަށް އިހުތިރާމުކުރުމުގެ ގޮތުން، މިދެބައި މީހުންނާ މުޚާތަބުކޮށް، 'އަހުލު ކިތާބީންނޭ' (ސަމާވީ ފޮތެއް ލިބިގެންވީ ބަޔެކޭ) އަރަބީން ކިޔައި އުޅުނުކަމެވެ. އަދި، މި އިބާރަތް ބޭނުންކޮށްގެން، ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި ވެސް، މި ދެ ބައި މީހުންނާ ވެސް މުޚާތަބުކުރެވިފައި ވެއެވެ. އެހެންވެ، ކީރިތި ގުރުއާނަކީ ސަމާވީ ފޮތެއް ނޫންކަމުގެ ދައުވާ އެމީހުން ކުރުމުން، ސަލާމްލެއްވި މޫސާގެފާނަށް ތައުރާތު ބާވާލެއްވުނުކަން ބުނެ، އެމީހުންގެ ވާހަކަތަކަށް ރައްދު ދެވުނެވެ. އަދި، މިފަދައިން، އެހާ ޖެހުލުން ކުޑަ ގޮތެއްގައި، ދިމާއަށް ފެންނަން އޮތް ކަމަކަށް އިންކާރުކުރީ، ކުރީގައިވެސް ބުނިފަދައިން، މާތްﷲ ވަޒަން ނުކުރެވުމުންނެވެ. އަދި، މީގެ އިތުރުން، އެމީހުންގެ މައްޗަށް، އެބަހީ ޔަހޫދީންގެ މައްޗަށް، ބާވާލެއްވުނު ފޮތުގެ ހަގީގީ ބޭނުން ގެއްލިފައި އޮތުމުން ވެސް މެއެވެ. މިއާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިން، އެ ފޮތް ބޭނުން ކުރެވެނީ 'ގަހަނާ’އެއްގެ ގޮތުގައެވެ. ތިމާމެންގެ ޚާއްސަކަން ދައްކައި، އެހެން މީހުންގެ މައްޗަށް ބޮޑާވެގަނެ، ފަޚުރުވެރިވުމަށްޓަކައެވެ. ތިމަންމެންނީ މާތްކަލާނގެ ޚާއްސަކުރައްވާފައިވާ ބައެއްކަމުގެ ހެއްކެއްގެ ގޮތުގައި މީސްތަކުންނަށް ދެއްކުމަށްޓަކައެވެ. އެ ފޮތުގައިވާ އިލާހީ ތެދުމަގަށް އަމަލުކުރުމަކަށް ނޫނެވެ.

މި ފަޚުރުވެރިވުމުގެ ގޮތަކީ ހަމަ އެކަނި ޔަހޫދީންގެ ގޮތެއް ނޫނެވެ. އަދު ބައެއް މުސްލިމުންގެ ކިބައިން ވެސް މި ގޮތް ފެނެއެވެ. އާދެ، ކީރިތި ގުރުއާނުގައި، އެ ގޮތަށް ކަންތައް ނުކުރުމަށް، މުސްލިމުންނަށް ނަސޭހަތްތެރިވި ގޮތް، އެމީހުންގެ ކިބައިން މިއަދު ފެނެއެވެ. ކީރިތި ގުރުއާން އަދު އޮތީ 'ގަހަނާއަކަށް' ވެފައެވެ. އޭގައި އަތް ކާއްތައި ބަރަކާތް ހޯދޭ ފޮތެއްގެ ގޮތުގައެވެ. ރީތި ރާގުތަކަށް، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ގޮތެއްގައި، ކިޔޭ މިޔުޒިކީ ލަވައެއް ފަދަ އެއްޗެއްގެ ގޮތުގައެވެ. އެއިން އާޔަތްތައް ހޮވައި، އެކިއެކި މާއްދީ ބޭނުންތައް ހާސިލުކުރުމަށްޓަކައި ކިޔޭ ޖާދުލެއް ފަދަ އެއްޗެއްގެ ގޮތުގައެވެ. މިވެނި ކަމެއް ހާސިލުކޮށްލަން މިވެނި އާޔަތެއް ކިޔަވާލަންވީއެވެ. މިވެނި، ބައްޔަކުން ޝިފާ ލިބިގަންނަން، ރުގުޔާއޭ ކިޔައި، ފެންކިޔަވައި، އަދި، އެފެން ބޮޑު އަގުގައި، ފައްސަތޭކަ ރުފިޔާއަށާއި އެއްހާސް ރުފިޔާއަށް ވިއްކަންވީއެވެ. އާދެ، މިއާޔަތުގައި– އަންއާމު ސޫރަތުގެ 91 އާޔަތުގައި– تبدونها– 'އެ ފާޅުކުރަނީ، މީގެ މުރާދަކީ އެއިގެ ބޭނުންކުރަނީ، އެއިން ފައިދާލިބިގަންނަނީ، މިފަދަ ގޮތެއްގައިކަމެވެ. ކީރިތި ގުރުއާނުގެ ހަގީގީ ބޭނުމެއް ނުހިފައެވެ. ތިމާގެ ފަރުދީ އިސްލާހަށް މަސައްކަތްކޮށް، ހެޔޮލަފާ މީހަކަށްވެ، ރޫހާނީ ގޮތުން ކުރިއެރުން ލިބިގަތުމަށް އެހީވެދީ، އަދި، ތިމާމެންގެ މުޖުތަމައުގައި ހަމަހަމަކާމާއި އަދުލު އިންސާފު ގާއިމުކުރުމުގެ ގޮތުން، އެހީ ހޯދުމަށްޓަކައި ކިޔައި ބަލައި ދިރާސާކުރާ ފޮތެއް ކަމުގައި ކީރިތި ގުރުއާނު އަދުގައި ނުވެއެވެ. ނަމަވެސް، މިހެން ކަންތައް އޮތް އިރުވެސް، އަޅުގަނޑުމެން މުސްލިމުން ވެސް، މިއަދު، ގަބޫލުކުރަނީ، އަޅުގަނޑުމެންނަކީ މާތްﷲ ޚާއްސަކުރެއްވި ބައެއްކަމުގައެވެ. އަޅުގަނޑުމެން ކޮންމެ ގޮތަކަށް އުޅުނު ކަމުގައި ވިޔަސް، އަޅުގަނޑުމެންވާނީ އާޚިރުގައި ސުވަރުގެ ވަންތަވެރިން ކަމުގައެވެ. އާދެ، ޔަހޫދީން ވެސް ގަބޫލުކުރި ފަދައިންނެވެ. وقالوا لن تمسنا النار إلا أيام معدودات، (އެމީހުން ބުނެތެވެ. (އަތުގެ އިނގިލިތަކުން) ގުނާލެވޭ (ފަދަ މަދު) ދުވަސްކޮޅަކަށް މެނުވީ، ނަރަކައިގެ އަލިފާނެއް އަހަރުމެންގެ ގަޔަކު ނުޖެހޭނެއެވެ، (އަދި، އާޚިރުގައި އަހަރުމެންނަށް އޮތީ ސުވަރުގެ ނޫން އެހެން ތަނެއް ނޫނެވެ!)

ކޮންމެއަކަސް، ޔަހޫދީންނާއި އިސްލާމީ ދައުވަތާ އިދިކޮޅު ގުރައިޝުންނަށް، އެމީހުންގެ ވާހަކައަށް ރައްދު ދިނުމަށް ފަހު، އެމީހުންގެ ވާހަކަތަކަކީ ހަމަ ޖެހޭ ވާހަކަތަކަކަށް ނުވުމުން، އަދި އެމީހުންގެ ވާހަކައިގެ މަގުސަދަކީ ހައްގު ހޯދުން ނޫންކަމަށް ވުމުން، އެވާހަކަތަކާ އަޅާލައްވައި، އެއަށް ރައްދުދެއްވުމުގައި އެކަލޭގެފާނުގެ ވަގުތު ބޭކާރު ނުކުރެއްވުމަށް މިއާޔަތުގައި އިރުޝާދު ދެވިފައި ވެއެވެ.

އާދެ، ދެން އޮތީ وما قدروا الله حق قدره (ހައްގުގޮތުގައި، އެމީހުން، މާތްﷲ ވަޒަނެއް ނުކުރެއެވެ.) މިއިބާރާތުގެ މައްޗަށް ބަލާލުމެވެ. މި އިބާރަތުގައި ހިމެނޭ މިފްތާހީ ލަފްޒަކީ 'قدر' (ވަޒަންކުރުން) މިއެވެ. ވަޒަންކުރުމަކީ ކޮބައި ހެއްޔެވެ؟ ލަފްޒީ މާނައަކީ މިނައިލުމެވެ. ނުވަތަ ކިރައިލުމެވެ. އެއްޗެއްގެ ބޮޑު ކުޑަ، ނުވަތަ މަދު ގިނަ، މިން ދެނެގަތުމަށްޓަކައެވެ. މިކަން އެނގުމުން އެއެއްޗެއްގެ ވަޒަންކުރެވެއެވެ. އެއީ ކިހާ ވަރެއްގެ އެއްޗެއްކަން އެނގެއެވެ.

ދެން 'ގަދަރުކުރުން' ނުވަތަ 'ވަޒަންކުރުން' މިލަފްޒުގެ މިނަންގަތް ހިއްސީ މާނައިގެ އިތުރުން، އޭގެ މައުނަވީ މާނައަށް ބަލާލަމާ ހެއްޔެވެ؟ މިސާލަކަށް މީހެއް ވަޒަންކުރުމެވެ. މި މަގާމުގައި، 'މައިންޑު ޔޯ ލޭންގުއޭޖެ’ގެ ސިލްސިލާގެ މަންޒަރެއްގެ މަތިން ހަނދާން ވެއެވެ. އެ ސިލްސިލާ ބަލާފައިވާ މީހުންނަށް، މިމަންޒަރު ހަނދާންވާނެ ކަމަށް ހީކުރަމެވެ. އެ ސިލްސިލާގެ މި މަންޒަރު ގުޅެނީ، އިސްކޫލަކަށް ކުއީން ޒިޔާރަތްކުރުމާއެވެ. އެ ދުވަހު ކުއީންއާ ވައްތަރު މީހަކު އެ އިސްކޫލަށް ދިޔައެވެ. މީނައާއި ފުރަތަމަ ބައްދަލުވަނީ އިސްކޫލުގެ މަސައްކަތު މީހާ ސިޑްއާއެވެ. ސިޑްއަށް ހީވީ މި މީހަކީ ކުއީން ކަމަށެވެ. ނަމަވެސް، އެކަން، ރޭކާލާން ކުޑަ އިރު ކޮޅެއް ނެގިއެވެ. ދެން، އެއީ ކުއީންކަމަށް ބަލައި، ސިޑް އުޅުނު ގޮތް ހިތަށް ގެންނާށެވެ. 'ކުއީން’އަށް 'ގަދަރު' ދެވި، ކުއީންގެ ވަޒަންކުރުން މި މަންޒަރުން ފެނިގެން ދެއެވެ. މި މަންޒަރުގެ ވާހަކަ މި ލިޔެލީ 'ވަޒަން’ކުރުމުގެ މައުނަވީ ސިފަ ހިތަށް ގެނައުމުގެ ބޭނުމުގައެވެ.

އާންމު ގޮތެއްގައި، އަޅުގަޑުމުން، މީހުން ވަޒަންކުރަނީ ނުވަތަ މިހާރުގެ ބައެއް ޒުވާނުންގެ ބަހުރުވައިން ނަމަ މީހުން 'ސައިޒުކޮށް' ބަލާލަނީ އެ މީހަކާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް އެނގޭ އެއްޗެއްގެ މައްޗަށް ބުރަވެ ތިބެއެވެ. މިސާލަކަށް މިވެނި މީހަކީ މިވެނި ފަންނެއްގައި މޮޅު މީހެއްކަމަށް އެނގިފައި އޮތް ނަމަ، އޭނާގެ ފަންނުގައި އޭނާ މޮޅުވާނެކަން ގަބޫލުކޮށް، އެގޮތުގެ މަތިން އޭނާ 'ވަޒަންކޮށް' މިނެ، އޭނާއަށް އިހުތިރާމާއި ގަދަރުދެވެއެވެ. މިސާލަކަށް، އައިންސްޓައިން އާއި ސްޓީވަން ހޯކިންގް ފަދަ އިލްމުވެރިންނެވެ. ނޫނީ ޕެލޭއާއި މެރަޑޯނާ ނުވަތަ ފެޑަރާއާއި ނަޑާލު ފަދަ ފުޓުބޯޅައިގެ ނޫނީ ޓެނިހުގެ މޮޅެތި ކުޅުންތެރިންނެވެ.

މީގެ އިތުރުން، ބައެއް ފަހަރު، މީހަކާ ބެހެ ގޮތުން އެމީހެއްގެ ހިތުގައި އޮންނަ ތަސައްވުރެއްގެ މައްޗަށް ބުރަވެހުރެ އެމިހާ ވަޒަންކުރެއެވެ. މިސާލަކަށް ޓީޗަރެކެވެ. ތިމާގެ ނަޒަރުގައި ޓީޗަރުންނަކީ ކުޑަކުދިން މައިތިރިކުރެވޭތޯ އުޅޭ ބައެއްކަން ހިތަށް ވަދެ، އެމީހުންގެ ވިސްނުމާއި ފިކުރުކުރުމާއި އަދި، އެމީހުންގެ އެހެންވެސް އިލްމީ ހުނަރެއް ހުރެދާނެ ކަމާ މެދު، ބަލާނުލެއްވިއްޖެ ނަމަ، ޓީޗަރެއް ވަޒަން ކުރާނީ ޓީޗަރުންނާ މެދު އޭނާގެ ހިތުގެ ތަސައްވުރު އޮތް ގޮތުގެ މައްޗަށް ބަލާފައެވެ.

މި ނަންގަތް ދެ ގޮތުގެ އިތުރުން ވެސް، ބައެއް ފަހަރު، ނޭނގި ނަމަވެސް، ތިމާމެންގެ އަމިއްލަ ނަފްސުގެ މައްޗަށް ބަލާފައި ވެސް މީހާގެ އަގު ވަޒަންކުރެއެވެ. މިސާލަކަށް ކުޑަކުޑަ ރަށެއްގައި ބޮޑުވި ކުދިބަޔެކެވެ. ބޮޑުވެގެން އެކި މީސްމީހުން އެކި ދިމަދިމާއަށް ދިޔައީއެވެ. އެއްބަޔަކު މަސައްކަތުގެ ތެރެއަށެވެ. މަސްވެރިކަމާއި އެކިއެކި ވަޒީފާތަކަށާއި ވިޔަފާރީގެ މައިދާނަށެވެ. އަނެއް ބަޔަކު ކިޔަވާށެވެ. މީގެ ތެރެއިން ވަޒީފާގެ މައިދާނަށް ނިކުތް މީހާއާއި ކިޔަވަން ދިޔަ މީހާ އެތަކެއް އަހަރުތަކެއް ފަހުން ބައްދަލުވެއެވެ. އަދި، އެ ބައްދަލުވުމުގައި، ވަޒީފާއަށް ނިކުތް މީހާ، ކިޔަވަން ދިޔަ މީހާ ވަޒަން ކޮށްލަނީ އޭނާގެ އަމިއްލަ ނަފްސުގެ ބުރަދަނުންނެވެ. ކިޔަވަން ދިޔަ މީހާގެ އަދުގެ ވިސްނުމާއި ފިކުރާއި އަދި އޭނާގެ އަދުގެ ހާލަތަށް ބެލުމެއް ނެތި، ތިމާގެ ކިބައިގައި އެކަންކަން ހުރި ނެތް ގޮތުގެ މައްޗަށް ބަލައެވެ.

މިދެންނެވި ގޮތުގެ މަތިން މީހުން ވަޒަން ކުރެވޭއިރު، ބައެއް ފަހަރު ރަނގަޅު ގޮތުގައި އެކަން ކުރެވެއެވެ. އެމީހުންގެ ހަގީގަތް ރަނގަޅަށް އެނގިފައިވުމުންނެވެ. މަތީގައި ބަޔާންކުރި މިސާލުތަކަށް ބަލާލާއިރު، އައިންސްޓައިންއާއި ހޯކިންގުގެ މިސާލެވެ. އަދި، ޕެލޭއާއި މެރަޑޯނާއާއި ފެޑަރާއާއި ނަދާލުގެ މިސާލެވެ. އަދި ބައެއް ފަހަރު، އެމީހުންގެ ހަގީގަތް ރަނގަޅަށް ނޭނގުމުގެ ސަބަބުން އެމީހުން ވަޒަން ކުރަން ނޭނގޭ ގޮތް ވެއެވެ. ފަހުގެ ދެ މިސާލު ފަދައިންނެވެ.

ކޮންމެ އަކަސް، މަތީގައި އެވާ އާޔަތުގައި އޮތީ މައްކާގެ ގުރައިޝުންނާއި އަރަބިކަރައިގެ ޔަހޫދީން، މާތްﷲ އެއްވެސް ވަހީބަސްފުޅެއް ބާވާ ނުލައްވައޭ ބުނާއިރު، އެ ބުނުން އަންގައިދެނީ، ދެންމެ މިބަޔާންކުރި ފަހުގެ ދެ މިސާލު ފަދައިން، މާތްﷲ ވަޒަންކުރުމުގައި އެމީހުންނަށް އެކަން ރަނގަޅަށް ނުކުރެވޭ ކަމެވެ. އެކަލާނގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން އެކަށީގެންވާ އެންމެ ކުޑަމިނަށް ވެސް އަންދާޒާ ނުކުރެވޭ ކަމެވެ. ހަތް އުޑުގެ މަތިން ވަހީ ބަސްފުޅު އަތުވެދާނެކަން ތަސައްވުރުކޮށްލަން އެމީހުންނަށް އުނދަގޫވާކަމެވެ. ކައުނާއި ކައުނުގައި ލެއްވިގެންވާހައި އެއްޗެއް އުފެއްދެވިފަރާތެއް އޮވެދާނެކަމުގެ ދައުވާކުރާއިރު ވެސް، އެ ފަރާތުގެ ކުޅަދުންވަންތަކަން، އެމީހުންގެ ދުނިޔަވީ އަމިއްލަ އެދުންތަކަށް ހުރަސްއެޅޭ ކަމަކަށް ވެދާނެކަމަށް ބަލައި، އެ ކުޅަދުންވަންތަ ކަމުގެ މިންވަރު ހިތަށް ނުގެނެވެނީއެވެ.

މަތީގައިވާ އަންއާމު ސޫރަތުގެ 91 ވަނަ އާޔަތް ފަދަ އެހެން ދެ އާޔަތެއް ވެސް ކީރިތި ގުރުއާނުގައި ވާރިދުވެފައި ވެއެވެ. މީގެ ތެރެއިން ފުރަތަމަ އާޔަތަކީ ހައްޖު ސޫރަތުގެ 74ވަނަ އާޔަތެވެ. وما قدروا الله حق قدره، إن الله لقوي عزيز، (އެމީހުންނަށް ހައްގު ގޮތުގައި، މާތްﷲ ވަޒަން ނުކުރެވެއެވެ. އެކަލާނގެއީ ގަދަފަދަ، ބާރުވެރި ރަސްކަލާނގެއެވެ.) އަނެއް އާޔަތަކީ ޒުމަރު ސޫރަތުގެ 67 ވަނަ އާޔަތެވެ. وما قدروا الله حق قدره، والأرض جميعا قبضته يوم القيامة والسماوات مطويات بيمينه (ހައްގު ގޮތުގައި، އެމީހުން ﷲ ވަޒަން ނުކުރެއެވެ. ގިޔާމަތް ދުވަހުން، ދުނިޔެ، އެއްކޮށްވާހުށީ އެކަލާނގެ ކުޅަދުންވަންތަކަމުގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އެކަލާނގެ ގުދުރަތުގެ ކަނާތްޕުޅުން (ކަރުދާސް ގަނޑެއްހެން) އުޑުތައް ފަތްފަތްޖަހާލެވޭނެއެވެ.) މިދެ އާޔަތުގައި، އީމާންނުވާ މީހުންނަށް، ހައްގު ގޮތުގައި މާތްކަލާގެ ވަޒަން ނުކުރެވޭ ވާހަކަ ބަޔާންކުރުމަށް ފަހު، އެކަލާނގެ ރަސްކަންފުޅު 'ވަޒަންކޮށްލުމުގެ' ގޮތުން ހިތުގައި ސޫރައެއް ކުރަހާލަދީފައި ވެއެވެ. ފުރަތަމަ އާޔަތުގައި އެކަލާނގެއީ ގަދަފަދަ، ބާރުވެރި ރަސްކަލާނގެ ކަމުގައި ބަޔާންކުރެވިފައި ވެއެވެ. މާނައަކީ އުފެއްދުމާއި ނެތިކުރުމުގެ ކުޅަދާނަކަމާއި ބާރު އެކަލާނގެއަށް ލިބިވޮޑިގެންވުމެވެ. އަދި، ދެވަނަ އާޔާތުގައި މީގެ ހިއްސީ ތަސައްވުރެއް ކުރަހާލަދެއެވެ. އާދެ، ދުނިޔެއެއްކޮށް މީހެއްގެ މުށަށް ލެވޭ ސޫރައާއި އުޑުތައް، ކައުނު، އެބަހީ ދުނިޔޭގެ އިތުރުން އުޑާއި އަދި އުޑުގައި ލެއްވިގެންވީ ކައުކަބުތަކާއި ތަރިތައް، މިހުރިހާ އެއްޗެއްމެ މީހެއްގެ އަތުން ފަތްފަތްޖަހާލެވޭ ސޫރަ ހިތަށް ގެނެސްދީފައެވެ. މާތްﷲއީ މިފަދަ ކުޅަދުންވަންތަ ރަސްކަލާނގެކަން އިންސާނާގެ ހިތަށް ނެގިއްޖެ ނަމަ، އެކަލާނގެ ރަސްކަންފުޅު ވަޒަންކުރެވޭނެއެވެ. އަދި، އެކަލާނގެ މައުރިފާކުރެވި، ދެނެގަނެވި، އެކަލާނގެއަށް ދޭންޖެހޭ ހައްގު ގަދަރާއި އިހުތިރާމުދެވޭނެއެވެ. އަދި، މިގޮތުގައި މާތްކަލާނގެ ވަޒަންކުރެވުމުން، އަންއާމު ސޫރަތުގައި އިސްލާމީ ދައުވަތާ ދެކޮޅުވެގަނެ، ކީރިތި ގުރުއާނުގެ މަސްދަރަކީ މާތްﷲ ނޫންކަމާއި އަދި އެކަލާނގެ އެއްވެސް އިންސާނަކަށް ވަހީ ބަސްފުޅު ބާވާ ނުލައްވާ ވާހަކަ ނުބުނާނެއެވެ. އަދި، ކިޔެއް ހެއްޔެވެ؟ އެކަން ތެދުކޮށް ގަބޫލުކުރުން ފަސޭހަވާނެއެވެ. އަބޫބަކުރުގެފާނު އަރިހުގައި، އިސްރާއުއާއި މިއުރާޖުގެ ވާހަކަތައް ތެދުކުރައްވައި ގަބޫލުފުޅުކުރައްވަންތޯ، މައްކާގެ މުޝިރިކުން ދެންނެވި ހިނދު، އެކަލޭގެފާނު ވިދާޅުވި ބަސްފުޅުން ދޭހަވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވީ ކީކޭތޯ ކަމަށް ހެއްޔެވެ؟ އެ ވާހަކަ މުހައްމަދުގެފާނު ވިދާޅުވިކަމަށް ވަންޏާ އެކަން ތިމަންކަލޭގެފާނު ގަބޫލުފުޅުކުރައްވަމުއެވެ. ތިމަންކަލޭގެފާނު މިހުރީ އަދި، ތިޔަށް ވުރެވެސް ބޮޑުކަމެއްގެ ވާހަކަ ގަބޫލުފުޅު ކުރައްވައިގެންނެވެ. އެކަލޭގެފާނުގެ މައްޗަށް ހަތްއުޑުގެ މަތިން ވަހީ ބާވާލެއްވޭ ކަން ވެސް ގަބޫލުކުރައްވައިގެންނެވެ. މުޝްރިކުންނަށް އަބޫބަކުރުގެފާނު ވިދާޅުވި ބަސްފުޅަކީ މިއެވެ. އާދެ، މާތްﷲ ހައްގު ގޮތުގައި ވަޒަން ކުރެވުމުގެ ނަތީޖާއެވެ.

މިއިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ މާތްﷲ މައުރިފާކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރުން މުހިއްމުކަމެވެ. މިކަމާ ބޭހޭ ގޮތުން، އެއްކޮޅަށާއި އިދިކޮޅަށް ލިޔެވިފައިވާ ލިޔުންތައް ބަލައި، ތިމާގެ އަމިއްލަ ވިސްނުމާއި ބުއްދި – ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު ކަނޑައަޅާލުމުގެ ބާރު – ބޭނުންކޮށްގެން މިމަސައްކަތް ކުރިއަށް ގެންދަންވީއެވެ. މިކަމާބެހޭ ބައެއް ލިޔުންތަކުގެ ވާހަކަ މީގެ ތަންކޮޅެއް ކުރީގައި ލިޔުނު ލިޔުމެއްގައި ބަޔާންކުރެވިފައިވާނެއެވެ.

ދެން އޮތް ފިލާވަޅަކި، ބަހުސްކުރުމުގެ ހެޔޮ މަގަކީ ކޮބައިކަން ބުނެދިނުމެވެ. ބަހުސްކުރުމުގެ މަގުސަދަކަށް ވާންޖެހޭނީ ހައްގު ހޯދުމެވެ. ތިމާގެ ގޮތް ރަނގަޅުކުރުމެއް ނޫނެވެ. ހައްގު ހޯދުމުގެ މަސައްކަތް ބިނާވާން ޖެހޭނީ ހެކީގެ މައްޗަށެވެ. ތިމާގެ ހަވާ ނަފްސުގެ މައްޗަކަށް ނޫނެވެ. މިއަދުގެ މައުޟޫއު އެއާޔަތެއްގެ މައްޗަށް ބިނާވާ އާޔަތް، އަންއާމު ސޫރަތުގެ 91 ވަނަ އާޔަތް، މިއާއަތުގައި، ބަހުސްކުރެވިފައިވަނީ ކޮން ކަމެއްގެ ހެއްޔެވެ؟ މާތްކަލާނގެ ވަހީ ބަސްފުޅު ބާވާލެއްވިތޯ ނުވަތަ ނޫންތޯ ކަމުގެ މައްޗަށެވެ. އެކަމަށް އިންކާރު ކުރި މީހުންގެ ހެއްކަކީ އެއްވެސް އިންސާނަކަށް މާތްﷲ ވަހީ ބަސްފުޅު ބާވާ ނުލައްވާ ކަމުގެ ދައުވާއެވެ. ނަމަވެސް، ވަރަށް ފަސޭހައިން މިއީ ބާތިލު ދައުވާއެއްކަން، ހެކީގެ މައްޗަށް ބިނާކޮށް، ދެއްކުނެވެ. އެކަން އިންކާރުކުރި މީހުން ގަބޫލުކުރާ ސަމާވީ ފޮތެއްކަމުގައިވާ ތައުރާތަށް އިޝާރަތްކޮށެވެ.

މީގެ އިތުރުން، އެމީހުންގެ މި ވާހަކަ ދެއްކުމަކީ ފަހަރެއްގައިވެސް ހައްގު ހޯދަން އުޅުން ނޫންކަން ވެސް، މިއާޔަތުން، އެނގިގެން ދިޔައެވެ. އެފޮތަކީ ބާވާލެއްވުނު ފޮތެއްކަން ތިމާމެން ގަބޫލުކުރާ ފޮތެއް ތިމާމެންގެ އަތުގައި އޮތް އިރު ވެސް، ވަހީ ބަސްފުޅު ދުވަހެއްގައިވެސް ބާވާލެއްވުނު ކަމަށް އިންކާރުކުރީ ކީއްވެ ހެއްޔެވެ؟ އެކަމުގެ އެއް ސަބަބަކީ މާތްﷲ ރަސްކަންފުޅު ވަޒަން ނުކުރެވުމެވެ. އެކަލާނގެއީ ވަކި ބަޔެއްގެ، އެބަހީ، ހަމައެކަނި ޔަހޫދީންނަށް ޚާއްސަ ގޮތެއްގައި ބައްލަވާ ވޮޑިގެންވާ ވަންހަވީ، ގަބަލީ، އިލާހެއްކަމަށް ގަބޫލުކުރެވުމެވެ. ހުރިހާ ކަމަކަށް ކުޅަދުންވަންތަ، އަދުލުވެރި، އެންމެނާ މެދު ވެސް ހަމަހަމަކަމާއެކު ކަންތައް ކުރައްވާ ކަލާނގެ ކަމުގެ ތަސައްވުރު ނުކުރެވުމެވެ. އަދި، އެމީހުންގެ ބަހުސުގެ މަގުސަދަކީ ހައްގު ހޯދުން ނޫންކަމަށް ވުމުން، އެމީހުންގެ ވާހަކަތަކަކީ ބޭކާރު، އެއިން އެއްވެސް ފައިދާއެއް ނުކުރާނޭ ވާހަކަތަކެއް ކަމަށް ނިންމައި، އެމީހުންގެ އެފަދަ ވާހަކަތަކާ އަޅާނުލެއްވުމަށް، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް މިއާޔަތުގައި އިރުޝާދުދެވިފައި ވެއެވެ.

ދެން އެންމެ ފަހުގެ ނުކުތާއެވެ! އަޅުގަނޑުމެންގެ ތެރޭގައި ވެސް ކަންކަމާ މެދު ބަހުސުކުރުމުގައި، ގިނަ ފަހަރަށް، ފެންނަނީ، ހައްގު ގޮތަކީ ކޮބައިކަން އަމާޒަކަށް ހަދައި، ހެކީގެ އަލީގައި ބަހުސު ކުރެވޭ ތަނެއް ނޫނެވެ. އަޅުގަނޑުމެންގެ މީހާގެ ވާހަކަ، އޭނާގެ ވާހަކައަކީ މުޅިން ދޮގުކަމުގައި ވިޔަސް، އެވާހަކަ ދިފާއުކޮށް ވާހަކަ ދެއްކޭ ތަނެވެ. މިކަން ބަދަލުވާން ވެއްޖެއެވެ. މިއާޔަތުގައި ނުސީދާ ގޮތެއްގައި ބުނެދެވިފައިވާ ފަދައިން، ބަހުސްކުރަންވާނީ ހައްގު ހޯދުމުގެ މަގުސަދުގައެވެ. ހެކީގެ މައްޗަށް ބުރަވެ ތިބެއެވެ. އެއްވެސް ޒާތީ، ނުވަތަ ވަންހަވީ، ގަބަލީ، ތައައްސުބުން އެއްކިބާވެ ތިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *