Support Us

ކުރު ސޫރަތްތަކުގައި ކީރިތި ރަސޫލާ ޝަރަފުވެރި ކުރައްވައިފައިވާ ގޮތްތަކަށް ނަޒަރެއް

ކީރިތި ޤުރްއާނަކީ މުޢުޖިޒާތެކެވެ. މީގެ ފަނަރަ ސައްތަ އަހަރު ކުރީން މާތް ﷲ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި ބާވައިލެއްވި މި ފޮތުގެ އަޖައިބުތަކަކީ ނިމުމެއްނެތް އަޖައިބުތަކެކެވެ. ތަފްސީރު ފޮތްތަކުގައި މި މުޢުޖިޒާތްތަކާއި އަޖައިބުތަކުގެ ވާހަކަ އައިސްފައި ވެއެވެ.

އަލްއިމާމު ފަޚްރުއް ރާޒީގެ ތަފްސީރު ފޮތް "مفاتيح الغيْب"ގައި ކުރު ސޫރަތްތަކާ ބެހޭގޮތުން ލިޔުއްވައިފައިވާ އެ ސޫރަތްތަކުގެ ޢަޖައިބުތަކަށް ނަޒަރެއް ހިންގައިލަމާ ހިނގާށެވެ! އޭރުން މި ސޫރަތްތަކުގައި ކީރިތި ރަސޫލާ ﷺ އަށްނމާތް ﷲ ދެއްވައިފައިވާ ޝަރަފާއި ޤަދަރުގެ ކޮންމެވެސް މިންވަރެއް އެނގިގެންދާނެތެވެ. އެކަލޭގެފާނު ދެކެ ލޯބިވާން ޖެހެނީ ކީއްވެގެންކަން އެނގޭނެތެވެ.

  •  سورة الضحى ގައި ކީރިތި ރަސޫލާ ﷺ ގެ ނަބީކަމާ ބެހޭގޮތުން ތިން ކަމެއް މާތް ﷲ ފާހަގަކުރައްވައިފައި ވެއެވެ. އެ ތިން ކަމަކީ ((مَا وَدَّعَكَ رَبُّكَ وَمَا قَلَى. وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَى. وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى– މާނައީ: ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެ ވޮޑިއެއް ނުގަންނަވަތެވެ.އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ.)) މި ސޫރަތް ނިމެނީ ކައު ރަސޫލާގެ ދުނިޔަވީ ޙާލަތުތަކުގެ ތެރެއިން ތިން ޙާލަތެއްގެ ބަޔާނާއެކުގައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((أَلَمْ يَجِدْكَ يَتِيمًا فَآوَى. وَوَجَدَكَ ضَالًّا فَهَدَى. وَوَجَدَكَ عَائِلًا فَأَغْنَى– މާނައީ: ކަލޭގެފާނު ޔަތީމަކު ކަމުގައި ވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި ކަލޭގެފާނު ޙައިރާންވެ ވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. އަދި ފަޤީރަކު ކަމުގައި ކަލޭގެފާނު ވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.))
  • سورةالشرح ގައި މާތް ﷲ ކައު ރަސޫލާއަށް ތިން ޝަރަފެއް ދެއްވައިފައި ވެއެވެ. އެއީ (ހ) އެކަލޭގެފާނުގެ ހިތްޕުޅު ތަނަވަސްކޮށް ދެއްވުމާއި (ށ) އެކަލޭގެފާނު އުފުއްލަވާ ބުރަ ލުއިކޮށްދެއްވުމާއި (ނ) އެ ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވުމެވެ.
  • سورة التين ގައި ވެސް މާތް ﷲ ކީރިތި ރަސޫލާއަށް ތިން ޝަރަފެއް ދެއްވައިފައި ވެއެވެ. އެއީ (ހ) އެ ކަލޭގެފާނު އުފަން ރަށް މައްކާ ގަންދެއްވާ ބަސްވަޙީ ކުރެއްވުމާއި (ށ) އީމާންކަމުގެ ސަބަބުން އެކަލޭގެފާނުގެ އުންމަތް ނަރަކައިން މިންޖުކޮށްދެއްވުމާއި (ނ) ﷲގެ ދިންނެވުމާއި ސަވާބަށް ފޯރުކޮށް ދެއްވުމެވެ.
  • سورة العلق ގައި ތިން ކަމަކުން ކީރިތި ރަސޫލާ ﷺ ޝަރަފުވެރިކޮށްދެއްވައިފައި ވެއެވެ. އެއީ ކިޔެވުން: (ހ) اقْرَأْ بِاسْمِ رَبِّكَ- ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! (ށ) އެކަލޭގެފާނުގެ ހަތުރުވެރިޔާ ބަލިކުރެއްވުން: ﴿فَلْيَدْعُ نَادِيَهُ سَنَدْعُ الزَّبَانِيَة- ފަހެ، އޭނާޔާއެކު ޖަލްސާކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ! ނިކަންހުރެ ތިމަންރަސްކަލާނގެ ޒަބާނީ މަލާއިކަތުންނަށް ގޮވައިލައްވާހުށީމެވެ. (ނ) ﷲގެ ޙަޟްރަތާ ރަސޫލާ ކުއްތަން ކުރައްވާ ޚާޢްޞަ ކުރެއްވުން: ((واسجد وَاقْتَرِب – އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި اللَّه ގެ حضرة އަށް ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!))
  • سورة القدر ގައި މާތްﷲ ވަނީ ލައިލަތުލް ޤަދްރި ވިލޭރެއިން ކައު ރަސޫލާއާއި އެކަލޭގެފާނު އުންމަތް ޝަރަފުވެރި ކުރައްވައިފައެވެ. އެ ރޭގައި ޚާއްޞަ މާތް ތިން ކަމެއް ވެއެވެ. އެއީ (ހ) އެ ރޭގައި ކުރެވޭ އަޅުކަންތައް އެހެން އެއް ހާސް ރޭގައި ކުރެވޭ އަޅުކަމުގެ ސަވާބށްވުރެ ބޮޑުވުމާއި (ށ) އެ ރޭ ޖިބްރީލުގެފާނާއި މަލާއިކަތް ބޭކަލުން ބިމަށް ފައިބައިވަޑައިގެންނެވުމާއި (ނ) އެ ރޭ ފަތިސްވާންދެން އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެއް ކަމުގައި ލެއްވުން ވެއެވެ.
  • سورة البيّنة ގައި މާތްﷲ ކައު ރަސޫލާ ޝަރަފުވެރިކުރައްވައިފައި ވަނީ އެކަލޭގެފާނުގެ އުންމަތަށް ކުރެއްވި ސަނާގެ ބަސްފުޅުތަކުންނެވެ. މި ބަސްފުޅުގައި ތިންކަމެއް ވެއެވެ. އެއީ (ހ) އެ އުންމަތް خير البريّة- އެންމެ ހެޔޮމީހުން– ކަމުގައި ލެއްވުމާއި (ށ) އެމީހުންނަށް މާތްﷲ އާޚިރަތް ދުވަހުގައި ދެއްވާނެ ޖަޒާއަކީ ސުވަރުގެ ވެއްދެވުންކަމުގައި ލެއްވުމާއި (ނ) އެމީހުންނާމެދު ﷲ ރުހިވޮޑިގަންނަވާކަން އެންގެވުމެވެ.
  • سورة الزلزلة ގައި މާތް ﷲ ތިން ކަމަކުން ކައު ރަސޫލާ ޝަރަފުވެރި ކުރައްވައިފައި ވެއެވެ. އެއީ (ހ) އެކަލޭގެފާނުގެ އުންމަތް މާތްﷲ އަށް ކިޔަމަންގަންފައިވާ ކަމުގެ ޚަބަރު ބިމަށް ދެއްވުމާއި (ށ) އެބައިމީހުންގެ ޢަމަލުތައް އެބައިމީހުންނަށް ދެއްކެވުމާއި (ނ) އެ  ޢަމަލުތަކުން ޒައްރެއްގެ މިންވަރު ވިޔަސް އުނި ނުކުރައްވާ ޖަޒާ ދެއްވާނެ ކަމެވެ.
  • سورة العاديات ގައި ކީރިތި ރަސޫލާ ﷺ ޝަރަފުވެރި ކުރައްވައިފައިވަނީ މުޖާހިދުން ބޭނުންކުރާ އަސްތައް ގަންދެއްވާ ބަސް ވަޙީ ކުރެއްވުމުންނެވެ. މި އަސްތައް ތިން ސިފައަކުން ސިފަކުރައްވައިފައި ވެއެވެ. އެއީ (ހ) ހަރުކޮށް ދުވުމާއި (ށ) ފިޔަވަޅުތަކުން އަލިފާން ކަނޑަމުން ދުވުމާއި (ނ) ފަތިހުގެ ވަގުތުގައި ޙަމަލާ ދިނުމެވެ.
  • سورة القارعة ގައި މާތް ﷲ ކައު ރަސޫލާ ޝަރަފުވެރި ކުރައްވައިފައި ވަނީ (ހ) އެކަލޭގެފާނުގެ އުންމަތުގެ މީޒާނުގެ ބަރުކަމުންނާއި (ށ) އެބައިމީހުން ރުހިގެންވާ ދިރިއުޅުމެއްގައި (އެބަހީ: ސުވަރުގޭގައި) ލެއްވުމާއި (ނ) އެބައިމީހުންގެ ދުޝްމަނުން އަނދައަނދާ ހުންނަ ނަރަކައެއްގައި ވާތަން ދެއްކެވުމުންނެވެ.
  • سورة التكاثر ގައި ކީރިތި ރަސޫލާ ޝަރަފުވެރިކުރައްވައިފައި ވަނީ އެކަލޭގެފާނަށް ފުރަގަސްދިން މީހުންނަށް ދެއްވި ތިން އިންޒާރަކުންނެވެ. އެއީ (ހ) އެބައިމީހުންނަށް ޖަޙީމު ދެއްކެވުމާއި (ށ) يقين ކަމުގެ ދުށުމުން، އެބައިމީހުންނަށް ނަރަކަ ދެއްކެވުމާއި (ނ) ދުނިޔޭގައި އެބައިމީހުންނަށް ލިބުނު ނިޢުމަތްތަކާމެދު ސުވާލު ކުރެއްވުމެވެ.
  • سورة العصرގައި ކައު ރަސޫލާ ޝަރަފުވެރި ކުރައްވައިފައި ވަނީ ތިން ކަމަކާ ހެދި އެކަލޭގެފާނުގެ އުންމަތަށް ތާރީފު ކުރެއްވުމުންނެވެ. އެއީ (ހ) އީމާންކަމާއި (ށ) ޞާލިޙު ޢަމަލާއި (ނ) އެއްބަޔަކު އަނެއް ބަޔަކަށް ޙައްޤަށާއި ކެތްތެރިކަމަށް ވަސިއްޔަތްކޮށް ނަސޭޙަތްތެރިވާތީއެވެ.
  • سورة الهمزة ގައި ކައު ރަސޫލާ ޝަރަފުވެރި ކުރައްވައިފައި ވަނީ އެކަލޭގެފާނުގެ ދުޝްމަނުންނަށް މާތްﷲ ދެއްވި ތިން އިންޒާރަކުންނެވެ. އެއީ (ހ) އެބައިމީހުންނަށް ދުނިޔެއިން ފައިދާ ނުކުރާނެކަމުގެ އިންޒާރާއި (ށ) ޤިޔާމަތް ދުވަހުން އެބައިމީހުން ޙުޠަމާއަށް (ފުނޑުފުޑުކޮށްލަނިވި ނަރަކައަށް) އެއްލައިލެވޭނެކަމުގެ އިންޒާރާއި (ނ) އެ ދުވަހުން އެބައިމީހުން އެ ނަރަކައިގައި ތަޅުލައްވާނެކަމުގެ އިންޒާރެވެ.
  • سورة الفيل ގައި މާތް ﷲ ކައު ރަސޫލާ ޝަރަފުވެރި ކުރައްވައިފައިވަނީ އެކަލޭގެފާނުގެ ދުޝްމަނުންގެ ނުބައި ރޭވުންތައް ތިންކަމަކުން ބަލި ކުރައްވާ ރައްދު ކުރެއްވުމުންނެވެ. އެއީ (ހ) އެބައިމީހުންގެ މަކަރާއި ޙީލަތް ގެއްލުމެއްގެ ތެރޭގައި ލެއްވުމާއި (ށ) އަދި އެކަލާނގެ އެބައިމިހުން ހަލާކު ކުރެއްވުމަށް ޓަކައި އެބައިމީހުންނަށް ޙަމަލާދިނުމަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވުމާއި (ނ) ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެބައިމީހުން ލެއްވުމެވެ.
  • سورة قريش ގައި މާތް ﷲ ކައު ރަސޫލާ ޝަރަފުވެރި ކޮށްދެއްވައިފައިވަނީ އެކަލޭގެފާނުގެ ކާބަފައިންނަށް ދެއްވި ތިން ނިޢުމަތަކުންނެވެ. އެއީ (ހ) އެކަލޭގެފާނުގެ ޤައުމު އެކުވެރިކުރެއްވުމާއި (ށ) އެ ބައިމީހުންނަށް ކާބޯތަކެތި ތަނަވަސްކޮށް ދެއްވުމާއި (ނ) އެބައިމީހުންނަށް އެބައިމީހުންގެ ވަޠަނުގައި ރައްކައުތެރިކުރެއްވުމެވެ.
  • سورة الماعون ގައި މާތް ﷲ ކައު ރަސޫލާ ޝަރަފުވެރި ކުރައްވައިފައިވަނީ އެކަލޭގެފާނުގެ ދުޝްމަނުންނަށް މަލާމާތް ރައްދުކުރައްވައިގެންނެވެ. މި ބަސްފުޅުތައް ތިން ގޮތަކަށް އައިސްފައި ވެއެވެ. އެއީ (ހ) އެމީހުންގެ އަޚްލާޤުގެ ނުބައިކަން ހާމަކުރެއްވުން. މާތްﷲ ވަޙީ ކުރެއްވިއެވެ. ((فَذَٰلِكَ الَّذِي يَدُعُّ الْيَتِيم، وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ- ފަހެ، އެއީ يتيم ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ. އަދި مسكين ންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.)) (ށ) އެމީހުން ﷲ މަތިވެރިކުރުމާ ދުރުހެލިވުން . މާތްﷲގެ ބަސްފުޅަކީ ((فَوَيْلٌ لِلْمُصَلِّينَ.الَّذِينَ هُمْ عَنْ صَلاتِهِمْ سَاهُونَ. الَّذِينَ هُمْ يُرَاءُونَ- ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.)) (ނ) އެމީހުންގެ ފުށުން އެހެން މީހުންނަށް ފައިދާއެއް ނުލިބުން. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَيَمْنَعُونَ الْمَاعُونَ- އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށް ނުދީ، މަނާކުރާ މީހުންނެވެ.))
  • سورة الكوثر ގައި މާތްﷲ ކައު ރަސޫލާ ގިނަގުނަ އެތައް ހެޔޮ ކަމަކުން މަތިވެރި ކުރައްވާ ޝަރަފުވެރި ކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّا أَعْطَيْنَاكَ الْكَوْثَرَ- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގުނަވެގެންވާ ހެޔޮކަން ކަލޭގެފާނަށް ދެއްވީމެވެ.)) މިއިން ކޮންމެ ހެޔޮ ކަމަކީ ދުނިޔޭގައިވާ އެއްވެސް އެއްޗަކާ ނުބައްދަލު ހެޔޮ ކަމެކެވެ. މިހެންވެ މާތް ﷲ ކީރިތި ރަސޫލާއަށް އަމުރު ކުރައްވަނީ އެކަލާނގެއަށް އަޅުކަން ކުރެއްވުމަށެވެ. ނަފްސީ ގޮތުންނެވެ. ((فَصَلِّ لِرَبِّكَ- ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ!)) އަދި މުދަލުންނެވެ. ((وَانْحَرْ– އަދި ކަލޭގެފާނު ޤުރްބާން ކުރައްވާށެވެ!﴾ އަދި އިރްޝާދު ދެއްވައިގެންނެވެ.
  • سورة الكافرون ގައި އައިސްފައި ވަނީ މި އިރްޝާދުގެ ވާހަކައެވެ. މި ސޫރަތް ފަށްޓަވައިފައިވާ އާޔަތުގައި ވަޙީކުރެއްވިއެވެ. ((قُلْ يَا أَيُّهَا الْكَافِرُونَ. لَا أَعْبُدُ مَا تَعْبُدُونَ- ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ! ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.)) ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އަލްކާފިރޫން ސޫރަތަކީ އަލްކައުޘަރު ސޫރަތް ފުރިހަމަކޮށްދޭ ބައެވެ. ނުވަތަ އެއީ އޭގެ ފަހަތުން އައި އެ ސޫރަތުގެ އަޞްލެވެ. އަލްކައުޘަރު ސޫރަތަށް ފަހު މާތް ﷲ އަންގަވަނީ ދުނިޔޭގެ އަހްލުވެރީން މުޅީން ދޫކޮށް ލެއްވުމަށެވެ. މި ކަން އަންގަވާ ވަޙީ ކުރެއްވިއެވެ. ((قُلْ يَا أَيُّهَا الْكَافِرُونَ. لَا أَعْبُدُ مَا تَعْبُدُونَ …إلخ)) އެމީހުންގެ ދީން ބާޠިލުކުރެއްވިއެވެ. މިއީ އެކަލޭގެފާނަށް ނަޞްރު ބޭނުންފުޅުވާ ކަމެކެވެ. އަލްކާފިރޫން ސޫރަތަށް ފަހު އައްނަޞްރު ސޫރަތް އައީ މިހެންވެގެންނެވެ.
  • سورة النصر އާ ބެހޭގޮތުން މުފައްސިރުން ވިދާޅުވިއެވެ. މާތް ﷲ ސޫރަތުލް ކައުޘަރުގައްޔާއި ސޫރަތުލް ކާފިރޫނުގައި ވަޙީ ކުރެއްވި ބަސްފުޅުތަކުގެ މުރާދަކީ "ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގިނަގުނަ ހެޔޮ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވަޢުދުވެ ވޮޑިގަތީމެވެ. އަދި މި ވަޢުދުތައް ފުއްދަވައިދެއްވީމެވެ. އެބައިމީހުންގެ ދީން ބާޠިލު ކުރެއްވުމަށް ކަލޭގެފާނަށް އެންގެވީމެވެ. އަދި އެބައިމީހުން އަޅުކަން ކުރާ އެއްޗެއްސާ ދުރުހެލިވަޑައިގަތުމަށް އެންގެވީމެވެ. ތިމަންރަސްކަލާނގެ އަމުރުފުޅުތަކަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގަތުމުން ތިމަންރަސްކަލާނގެ ވަޢުދުވެ ވޮޑިގަތް ގޮތަށް ކަލޭގެފާނަށް ނަޞްރާއި ފަތަޙަ ދެއްވީމެވެ. ކަލޭގެފާނަށް ތަބާވާ މީހުން ގިނަކުރެއްވީމެވެ. މީސްތަކުން ފައުޖު ފައުޖަށް ﷲގެ ދީނަށް ވެއްދެވީމެވެ.
  • ﷲގެ ދަޢުވަތާއި ޝަރީޢަތް ފުރިހަމަވުމުން ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިންސާނާގެ ހިތާއި ނަފްސުގެ ޙާލަތު ބަޔާންކޮށްދެއްވިއެވެ. އެއީ ދުނިޔޭގެ އެދުންތަކަށް އެކަނި އެދޭ މީހެއްނަމަ އޭނާއަށް އޮތީ ނިކަމެތިކަމާއި ގެއްލުމެވެ. سورة المسد ގެ މުރާދަކީ މިއީ ކަމަށް މުފައްސިރުން ވިދާޅުވެއެވެ. އަބޫ ލަހަބާއި އޭނާގެ އަންހެނުންގެ ތަޞްވީރަކީ މި ޙާލަތު ބަޔާންކޮށްދޭ ބިރުވެރި މަންޒަރެކެވެ. މިއާ ޚިލާފަށް އާޚިރަތަށް އެދޭ މީހަކީ މަތިވެރި ޝަޚްޞިއްޔަތެކެވެ.
  • ﷲ سبحانه ކީރިތި ޤުރްއާނުގެ އެންމެ ފަހު ތިން ސޫރަތް ޝަރަފުވެރި ކުރައްވައިފައި ވަނީ އެކަލާނގެ ސިފަފުޅުތަކުންނެވެ. އެއީ سورة الإخلاص އެވެ.
  • ދެން ސޫރަތުލް ފަލަޤީގައި މަޚްލޫޤާތުންގެ ދަރަޖަތައް ބަޔާން ކުރެއްވިއެވެ.
  • އެއަށްފަހު ސޫރަތުއް ނާސީގައި އިންސާނާގެ ނަފްސުގެ ތަފާތު ދަރަޖަތައް ބަޔާން ކުރެއްވިއެވެ. ﷲގެ މި ކަންޒުތަކާއި ސިއްރުތައް ދެނެގަތުމުގެ ވިސްނުން ދެއްވި ޚާލިޤުގެ މަތިވެރިކަމާއެވެ! އެކަލޭގެ ޒާތުފުޅުގެ އަރަހުށިވަންތަކަމާއި ގަދަކީރިތިކަމާއެވެ! މާތް ﷲ ޤުރްއާނުން ބާވައިލެއްވި ކޮންމެ އާޔަތަކީ ކޮންމެ ޒިކުރަކީ އިންސާނާގެ ނަފްސަށާއި ހިތަށް ލިބިގެންވާ ޝިފާއެކެވެ. އެކަލާނގެ ބަސްފުޅުގެ ތެދުކަމާއެވެ! ((وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا- الإسراء: 82– ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި ޝިފާކަމުގައި ވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *