Support Us

ނަމާދުގެ އަދަބުތަކަށް ސަމާލުކަން ދޭންޖެހޭ!

ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިއްމު އެއް ރުކުނެވެ. ނަމާދަކީ ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި މި ދީނުގެ ތަނބެވެ. މި ތަނބު ޤާއިމުކޮށް ސާބިތުކޮށްގެން މެނުވީ ދީން ޤާއިމެއް ނުކުރެވޭނެއެވެ. ކީރިތި ރަސޫލާގެ އެންމެ ފަހު ވަޞިއްޔަތްޕުޅުތަކުގެ ތެރޭގައި ނަމާދަށް ރައްކައުތެރިވުން ވެއެވެ.

ޤިޔާމަތްދުވަހުން އިންސާނާއާ އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ އޭނާގެ ނަމާދާ ބެހޭގޮތުންނެވެ. އޭނާގެ ނަމާދުތައް ރަނގަޅުވެއްޖެނަމަ އޭނާގެ އެހެނިހެން ޢަމަލުތައް ރަނގަޅުވެގެން ދާނެތެވެ.

އެހެންކަމުން މާތްﷲއާއި އެކަލާނގެ ރަސޫލާ އަންގަވައިފައިވާ ގޮތަށް މި ނަމާދު އަދާކުރެވޭތޯ ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރާންވާނެއެވެ. ކީރިތި ރަސޫލާ  އަޅުގަނޑުމެންނަށް އަމުރު ކުރައްވަނީ ((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي – ތިމަންކަލޭގެފާނު ނަމާދުފުޅު ކުރައްވަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ!))

ނަމާދު ކުރުމުގައި ހިފަހައްޓާން ޖެހޭ އަދަބުތަކެއް ވެއެވެ. ޢިލްމުވެރީންގެ ދިރާސާތަކަށް ބަލާއިރު މި އަދަބުތަކުގެ ޚުލާޞާއަކީ:-

1- ޚުޝޫޢަތްތެރިކަމާއި ﷲއަށް ބިރުވެތިވުމާއި ތިމާގެ ނަފްސާއި ހިތް ﷲގެ ޙަޟްރަތަށް ކުއްތަން ކުރުވައިގެން ހުރެ ނަމާދު ކުރުން: މި ކަމުގެ ސަބަބުން ނަމާދު ކުރާމީހާގެ ހިތް އެހެން އެއްވެސް ކަމަކާއިގެން މަޝްޣޫލު ނުވާނެތެވެ. އޭނާގެ މުޅި ނަފްސާއި ފުރާނަ އަވަދިނެތިވާނީ ﷲގެ ޙަޟްރަތަށެވެ. ކަނާތަކަށް ވެސް އަދި ވާތަކަށް ވެސް އޭނާ ނޭނބުރޭނެތެވެ. ﷲ تعالى ވަޙީ ކުރެއްވިއެވެ. ((قَدْ أَفْلَحَ ٱلْمُؤْمِنُونَ ‎﴿١﴾‏ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ – مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ.އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.)) މަޑުމައިތިރިވުމުގެ މާނައަކީ ﷲ ޢައްޒަ ވަ ޖައްލަގެ މަތިވެރިކަމަށް ޓަކައި ނިކަމެތިވެ ކިޔަމަންތެރިވެ ބޯލެނބުމެވެ. އެމީހުންގެ ލޯތައް އެމީހުން ސަޖިދަކުރާ ތަން ފަހަނަޅައި ނުދާނެތެވެ.

2- ނަމާދަށް ޓަކައި ޒީނަތްތެރިވެ ނަލަހެދުން: އެންމެ ކުޑަ މިނުން އޭނާގެ ހަށިގަނޑާއި ފޭރާން ސާފު ޠާހިރު އެއްޗެއްސަށް ވާން ޖެހޭނެއެވެ. ނަމާދަށް ޓަކައި ޒީނަތްތެރިވުމަށް މާތްﷲ އަމުރު ކުރައްވައިފައި ވެއެވެ. ޒީނަތްތެރިވުމުގެ ތެރޭގައި ނަމާދަށް ދިޔުމުގެ ކުރިން ރީތި ހެދުންލުމާއި ހުވަދުލުން ވެއެވެ. ލޮނު ދާ ހިއްލާ މީހުންނާއި ކިހިފަތިން ނުބައި ވަސް ދުވާ މީހުން އެފަދަ ނުބައި ވަސްތައް ކަނޑުވައިލާ އެއްޗެއް ބޭނުންކުރާން ވާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَٰبَنِى ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ- އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!))

3- ނަމާދަށް ދިޔުމުގެ ކުރީން ދަތް އުނގުޅުން: ކީރިތި ރަސޫލާ  ޙަދީސް ކުރެއްވިއެވެ. ((لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِوَاكِ عِنْدَ كُلِّ صَلاةٍ- ތިމަންކަލޭގެފާނުގެ އުންމަތަށް ބުރަކަމެއް ކަމުގައި ނުވާނަމަ ތިމަންކަލޭގެފާނު އެބައިމީހުންނަށް ކޮންމެ ނަމާދަކަށް ދަތް އުނގުޅުމަށް އަމުރުފުޅު ކުރައްވީމުހެވެ.)) އެހެންކަމުން ކޮންމެ ނަމާދަކަށް ދަތް އުނގުޅުން ސުންނަތްވެގެން ވެއެވެ. ދަތްއުނގުޅުމުގެ ސަބަބުން އަނގައިން ދުވާ ނުބައި ވަސް ކެނޑިގެން ދާނެތީއެވެ. ނަމާދު ކުރާން ހުންނައިރު ކައިރީގައި ހުންނަ މީހާއަށް ނުބައިވަސް ދުވުމުގެ ސަބަބުން އުނދަގޫ ވެދާނެތީއެވެ. ސިނގިރެޓު ބޮއެފައިވާނަމަ ނުވަތަ ލޮނުމެދު ފިޔާފަދަ އަނގައިގެ ވަސް ތަޣައްޔުރުކޮށްފާނެ އެއްޗެއް ކައިފައިވާނަމަ ނަމާދަށް ދާންވާނީ ރަނގަޅަށް ދަތްއުނގުޅައި އެ ވަސް ފިލުވައިލައިގެންނެވެ.

4- ނަމާދަށް ދިޔުމުގެ ކުރިން ޤަޟާޙަޖަތްކޮށްގެން ދިޔުމާއި ތިމާއަށް ކުރާން ޖެހިފައިވާ ބޮޑެތި ކަންތައް ތައްކޮށްގެން ނަމާދަށް ދިޔުން: ކުޑަކަމު ނުވަތަ ބޮޑުކަމުދާން ޖެހިފައިވާ މީހާ ނަމާދު ކުރާއިރު ހުންނާނީ އެ ކަމުގައި މަޝްޣޫލުވެފައެވެ. ތިމާގެ ހިތް ނަމާދަށް ހުސްކޮށްލެވޭނީ ކުރާން ޖެހޭ މުހިއްމު އެހެނިހެން ކަންތައްތަކާ ދުރުހެލިވެވިގެންނެވެ. މާތްﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީސް ކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((لا صَلاةَ بحَضْرَةِ الطَّعامِ، وَلَا هُوَ يُدافِعُهُ الأخْبَثانِ – ކެއުން ތައްޔާރުކޮށްފައި ވާ ވަގުތެއްގައި އަދި ދެ ކަމުންކުރެ ކަމަކު ދާން ޖެހިފައި ވާ ޙާލަތެއްގައި ނަމާދެއް ނެތެވެ.)) މި ބަސްފުޅުގެ މުރާދަކީ ބަނޑުހައިވެފައިވާ ވަގުތެއްގައި ކާން ހަދައިފައި ހުރިނަމަ ފުރަތަމަ ކެއުމަށް އިސްކަންދޭށެވެ. ދެ ކަމުންކުރެ ކަމަކު ދާންޖެހިފައިވާނަމަ އެ ކަމެއް ފުރަތަމަ ކުރާށެވެ.

5- މަޑުމައިތިރިކަމާއި ހަމަހިމޭންކަން މަތީގައި ނަމާދު ކުރުމަށް ކުރިމަތިލުން: މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީސް ކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((إذَا أُقِيمَتِ الصَّلاةُ فَلَا تَأتُوهَا وَأنتُمْ تَسْعَوْنَ، وَأْتُوهَا وَأنْتُمْ تَمْشُونَ عَلَيْكمُ السَّكينةُ، فَمَا أَدْرَكْتُمْ فَصَلُّوا، وَمَا فاتَكُم فَاقْضُوا – ނަމާދަށް ގަމަތް ދެވިއްޖެނަމަ ފަހެ ތިޔަބައިމީހުން ދުވެފާ ނަމާދަށް ނުދާށެވެ. އެހެނަސް ހިނގައިފާ ހިމޭންކަންމަތީގައި ނަމާދަށް ދާށެވެ! ފަހެ ތިޔަބައިމީހުންނަށް އިމާމާގެ ނަމާދުން ލިބުނު ބައެއް އޭނާއާއެކު ކުރާށެވެ! އަދި ތިޔަބައިމީހުންނަށް އިމާމާގެ ނަމާދުން ފާއިތުވި ބައެއް ފުރިހަމަކުރާށެވެ!))

6- ނަމާދު ކުރާން ހުންނައިރު ފަރާތްފަރާތަށް ނޭބުރުން: ނަމާދު ކުރާން ހުންނައިރު ފަރާތްފަރާތަށް އެނބުރުމުގެ ނުބައިކަން ބަޔާންކޮށް ދެއްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((هُوَ اخْتِلَاسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلَاةِ العَبْدِ – އެއީ ޝައިޠާނާ އަޅާގެ ނަމާދުން ޖަހައިގަންނަ ޖަހައިގަތުމެކެވެ.)) އެހެންކަމުން ނަމާދު ކުރާއިރު މި ޝައިޠާނާއަށް އެތިކޮޅެއް ނުދީ އެ ނަމާދު ކުރެވޭތޯ މަސައްކަތް ކުރާންވާނެއެވެ. މި ޒަމާނުގައި ނަމާދު ކުރާން ހުއްޓާ ކޯލެއް އައުމުން އެއީކާކުތޯ ބަލައިލުންފަދަ ކަންކަމަކީ ރަސޫލާގެ މި ބަސްފުޅުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. ބައެއް މީހުން ނަމާދު ކުރާން ހުރެފައި ގަޑި ބަލައިލާތަން ވެސް ފެނެއެވެ. މިއީ ވެސް މި ގިންތީގެ ތެރެއަށް ވަންނާނެ ކަމެކެވެ. އެ ފަދަ ކޮންމެ ޢަމަލަކީ އޭނާ ﷲގެ ޙަޟްރަތާ އެއްކިބާކުރާނެ ކަމަކަށް ވާނެތީއެވެ.

7- ނަމާދު ކުރާން ހުންނައިރު ސަޖިދަ ޖަހާ ތަނަށް ބެލުމާ މައްޗަށް ނުބެލުން: ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ((ނަމާދުގައި އެބައިމީހުންގެ ލޯތައް އުޑާ ދިމާއަށް އުފުލައިގެން ތިބޭ މީހުންގެ ޙާލަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މި ގޮތަށް އެތައް ފަހަރަކު ވިދާޅުވުމަށްފަހު ޙަދީސް ކުރެއްވިއެވެ. އެކަމާ އެބައިމީހުން ދުރުހެލިވާ ހުށްޓެވެ. ނޫނީ އެބައިމީހުންގެ ފެނުން ގެންދަވައިފާނެތެވެ.)) ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ބަސްފުޅުން އެނގެނީ އެއީ މަކްރޫހަވެގެންވާ ކަމެއްކަމެވެ.

8- ނަމާދު ކުރާއިރު ކިޔަވާ އާޔަތްތަކާއި ކުރާ ޒިކްރުތަކުގެ މާނައާ މެދު ވިސްނައި ފިކުރުކުރުން: މިއީ ނަމާދުކުރާއިރު އެހެން ކަންކަމާ މަޝްޣޫލުވުމާ ދުރުހެލިވުމަށް ޓަކައި ވަރަށް މުހިއްމު ކަމެކެވެ. ނަމާދު ކުރާއިރު ޣާފިލުނުވެ ނަމާދު ކުރުމަށް ސަމާލުކަން ދިނުމަށް މާތް ﷲ އަމުރުކުރެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((فَوَيْلٌ لِّلْمُصَلِّينَ (4) الَّذِينَ هُمْ عَن صَلاتِهِمْ سَاهُونَ- ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.)) މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢައްމާރު ބުނި ޔާސިރުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((إنَّ الرَّجُلَ لَيَنصَرِفُ، وما كُتِبَ له إلّا عُشرُ صَلاتِه، تُسعُها، ثُمُنُها، سُبُعُها، سُدُسُها، خُمُسُها، رُبُعُها، ثُلُثُها، نِصفُها -ހަމަކަށަވަރުން މީހާ ނަމާދުކޮށް އަވަދިވެގެންދާއިރު އެ ނަމާދުން އޭނާއަށް އެ ނަމާދުގެ ސަވާބުން ފަހަރެއްގައި ދިހަ ބައިކުޅަ އެއްބައި، ނުވަ ބައިކުޅަ އެއްބައި، އަށް ބައިކުޅަ އެއްބައި، ހަތް ބައި ކުޅަ އެއްބައި، ހަ ބައިކުޅަ އެއްބައި، ފަސްބައިކުޅަ އެއް ބައި، ހަތަރު ބައި ކުޅަ އެއްބައި، ތިންބައި ކުޅަ އެއްބައި، ދެބައިކުޅަ އެއްބައި މެނުވީ ނުލިބި ހިނގައިދާނެއެވެ.))

9- ހަމަހިމޭންކަންމަތީ ހުރެ ނަމާދު އަދާކުރުމާއި ނަމާދުގެ ރުކުންތަކާއި ޙަރަކާތްތައް އަވަސްއަރުވާ ނުގަނެ ލަސްލަހުން ކުރުން: މާތް ﷲ ރުއްސުންލެއްވި ޢުޘްމާނުގެ ބިން ޢައްފާނުގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ޙަދީސްފުޅު ކުރެއްވިއަޑުއެއްސެވީމެވެ.((ما مِنَ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاةٌ مَكْتُوبَةٌ فيُحْسِنُ وُضُوءَها وخُشُوعَها ورُكُوعَها، إلّا كانَتْ كَفّارَةً لِما قَبْلَها مِنَ الذُّنُوبِ ما لَمْ يُؤْتِ كَبِيرَةً وذلكَ الدَّهْرَ كُلَّهُ – މުސްލިމަކު އޭނާގެ މައްޗަށް ފަރްޟު ކުރައްވައިފައިވާ ނަމާދު ވުޟޫއާއި ޚޫޝޫޢާއި ރުކޫޢުތައް ރިވެތިކޮށްގެން ކުރިނަމަ ބޮޑު ފާފައެއް ކަމުގައި ނުވާ އިސްވެދިޔަހާ ފާފަތައް އެކަމުގެ ސަބަބުން ފުއްސަވާ ދެއްވާނެތެވެ.))

10- ނަމާދު ކުރާއިރު ވީވަރަކުން ކިނބިހި އެޅުމާއި އާފުރުމާއި ކެއްސުންފަދަ ޢަމަލުތަކާ ދުރުހެލިވުމަށް މަސައްކަތް ކުރުން: މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((التَّثاؤبُ في الصَّلاةِ منَ الشَّيطانِ، فإذا تَثاوَبَ أحدُكُم فليَكْظِم ما استَطاعَ -ނަމާދުގައި އާފުރުމަކީ ޝައިޠާނާގެ ކަމެކެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު އާފުރިއްޖެނަމަ ވީވަރަކުން އެކަން ދިރުވައިލެވޭތޯ ބަލާށެވެ!))

11- ފުރަތަމަ ޖަމާޢަތުގައި ނަމާދު ކުރެވޭތޯ ބެލުމާއި ޢުޒްރަކާނުލައި ނަމާދު ފަސްނުކުރުން: އެހެނީ މިއީ މުއުމިނުންގެ ސިފައެއްނޫނެވެ. މުނާފިޤުން ސިފަކުރައްވައި އަރަހުށި މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلاَ يَأْتُونَ الصَّلاَةَ إِلاَّ وَهُمْ كُسَالَى وَلاَ يُنفِقُونَ إِلاَّ وَهُمْ كَارِهُونَ – އެއުރެން ކަންނެތްބަޔަކު ކަމުގައި ތިބެގެން މެނުވީ، ނަމާދަށް ނާދެތެވެ. އަދި ނުރުހިތިބި ބަޔަކު ކަމުގައިވާ حال ގައި މެނުވީ، ހޭދަނުމެކުރާނެތެވެ.)) އިތުރު ރަސޫލާގެ އެހެން ބަސްފުޅެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު رسول الله صلى الله عليه وسلم އާ ސުވާލު ކުރެއްވީމެވެ: އެންމެ މާތް ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގައި ކުރުމެވެ. ދެން ކޮން ކަމެއްތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. މައިންބަފައިންނަށް ކަމޭހިތުމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމެވެ.))

12- ކޮންމެ ފަރްޟު ނަމާދަކަށްފަހު އިސްތިޣްފާރު ކުރުމަށާއި ޒިކްރު ކުރުމަށާއި ދުޢާ ކުރުމަށް ޓަކައި ނަމާދު ކުރި ތަނެއްގައި އިރުކޮޅަކު އިށީނދެ އިނުން: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ވާރިދުވެގެން ވެއެވެ. رسول الله صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((ކޮންމެ ފަރްޟު ނަމާދަކަށްފަހު 33 ފަހަރު ތަސްބީޙަ ކިޔާ ، 33ފަހަރު ޙަމްދުކޮށް، 33 ފަހަރު ތަކްބީރު ކިޔުމަށްފަހު ސަތޭކަވަނަ ފަހަރު لا اله الا الله وحده لا شريك له ، له الملك وله الحمد ، وهو على كل شيء قدير ކީ މީހާގެ ފާފަތައް ފުއްސަވާ ދެއްވާނެތެވެ. އެއީ ކަނޑުގެ ފޮނުތައްހާ ގިނަ ފާފަ ކަމުގައި ވިޔަސްމެއެވެ. ))

13- ފަރްޟު ނަމާދާއެކު އެ ނަމާދުތަކަށް ކަނޑައެޅިފައިވާ ރަވާތިބު ސުންނަތްތައް ކުރުން: އެކަމުގެ ސަބަބުން ﷲގެ ޙަޟްރަތާ އިތުރަށް ކުއްތަންވެވޭނެތީއެވެ. ރަވާތިބު ސުންނަތުގެ ސަބަބުން ފަރްޟު ނަމާދު ސާފު ޠާހިރުވެގެން ދާނެތެވެ. ފަރްޟު ނަމާދުގައި ހެދޭ ކުށްތަކުން އުނިވެގެންދާ ސަވާބު ރަވާތިބު ސުންނަތުގެ ސަބަބުން ފުރިހަމަވެގެން ދާނެއެވެ. ކައު ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((ما من عبدٍ مسلمٍ يصلِّي للهِ تعالى في كلِّ يومٍ ثِنْتي عشرةَ ركعةً تطوُّعًا غيرَ فريضةٍ إلا بنى اللهُ تعالى له بيتًا في الجنَّةِ – މުސްލިމު އަޅަކު ﷲގެ ވަޖްހުފުޅަށް ޓަކައި މަޖްބޫރުކަމެއް ނެތި ކޮންމެ ދުވަހަކު 12 ރަކްޢަތް ކުރިނަމަ ﷲ ތަޢާލާ އޭނާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ނުދެއްވާ ދޫކޮށް ނުލައްވާނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *