...

Support Us

ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު: އަވަހާރަވީއިރު ދޫކުރެއްވި މުދަލުގެ އަގު އަރަނީ އެންމެ 17 ދީނާރަށް!

ޢުމަރު ބިން ޢަބްދުލްޢަޒީޒަކީ އުމަވީ ދައުލަތުގެ ޚަލީފާ ޢަބްދުލް މަލިކު (685-705) ގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ޢަބްދުލްޢަޒީޒުގެ ދަރިކަލެކެވެ. އަދި އެއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން ޚައްޠާބަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. އިސްލާމީ ތާރީޚުގައި ނަން އަރާހުރި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ތަޤްވާވެރި، ޢަދުލްވެރި ވެރިއެކެވެ. ހަދީސްތައް ޖަމާކުރުމަށް ރަސްމީކޮށް ޢަމުރުކުރައްވައި ޢިލްމަށް ހިތްވަރު ދެއްވި ޢިލުމްވެރިއެކެވެ. ބައެއް ތާރީޚު ޢިލްމުވެރިން އެމަނިކުފާނުގެ ޢަދުލުވެރިކަމާއި ޢިލްމީ ޤާބިލުކަމާއި އިންސާފުވެރި ޙުކުމަތަކާއި ހިންގެވި ސާފު ރީތި ވެރިކަމަށް ރިޢާޔަތްކުރައްވައި އެމަނިކުފާނު ގުނަނީ ޚުލަފާއުއްރާޝިދީންގެ ތެރޭގައެވެ.

ޒުވާން ދުވަސްވަރާއި ކައިވެނިފުޅު

ޢުމަރު ބިން ޢަބްދުލްޢަޒީޒް ޒުވާން ދުވަސްވަރު ހޭދަކުރެއްވީ ޢިލްމު އުނގެނިވަޑައިގަތުމުގައެވެ. އެމަނިކުފާނުވީ ޢިލްމުވެރި، ތަޤްވާވެރި ޒުވާނަކަށެވެ. އެމަނިކުފާނުގެ ބޮޑުބޭބޭފުޅު ޚަލީފާ ޢަބްދުލް މަލިކް ޚަލީފާގެ އުފަން ދަރިންނަށްވުރެ ޢުމަރު ބިން ޢަބްދުއްޢަޒީޒުގެ މައްޗަށް ވަރަށް ބޮޑު ލޯތްބަކާއި އިޙްތިރާމެއް ކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރިކަމާއި ތަޤްވާވެރިކަމާއި ރިވެތި އަޚްލާޤުގެ ސަބަބުންނެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ބައްޕާފުޅު އަވަހާރަވުމުން ބޮޑު ބޭބޭފުޅު ޚަލީފާ ޢަބްދުލްމަލިކު އެންމެ ލޯބިވާ އަންހެން ދަރިކަނބަލުން ފާތިމާއާ ކައިވެނިކޮށްދެއްވިއެވެ.

އަމީރާ ފާތިމާއަކީ އުމަވީ ޚާންދާނުގެ ބޭފުޅަކަށްވާތީ ރަނާއި ރިހީގެ އަގު ބޮޑު ގަހަނާތައް އެކަމަނާއަށް ލިބިވަޑައިގެންފައި ހުއްޓެވެ. ނަމަވެސް ފިރިކަލުން ވިދާޅުވީ އެ ހުރިހާ އެއްޗެއް ބައިތުލްމާލަށް ލެއްވުމަށެވެ. އެ ކަމަނާއަށް ދެއްވި އިޚްތިޔާރަކީ އެ ތަކެއްޗާއި އެމަނިކުފާނާ ތެރެއިން ކޮންމެ ވެސް އެއް ކޮޅެއް އިޚްތިޔާރު ކުރެއްވުމެވެ. އެ ކަމަނާ އިޚްތިޔާރު ކުރެއްވީ ޞާލިޙު ތަޤްވާވެރި ފިރިކަލުންނެވެ.

ގަވަރުނަރުކަން

ޚަލީފާ ޢަބްދުލްމަލިކަށްފަހު ޚަލީފާކަން ލިބިވަޑައިގަތީ ވަލީދު ބިން ޢަބްދުލްމަލިކު (705–715) އަށެވެ. ވަލީދުގެ ޚަލީފާކަމުގައި މަދީނާގެ ގަވަރުނަރަކަށް ޢުމަރު ބިން ޢަބްދުލްޢަޒީޒް އައްޔަން ކުރެއްވިއެވެ. ފަހުން މައްކާއާއި ޠަޢީފަށް ގަވަރުނަރުކަން ފުޅާވެގެން ދިޔައެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ގަވަރުނަރުކަމުގައި މަސްޖިދިލް ނަބަވީ އަލުން ބިނާކުރައްވައި، ތަނަވަސް ކުރެއްވިއެވެ. އަދި އޭރު އޮތް ސިޔާސީ ފިތުނަވެރިކަމާއި ދީނީ ޚިލާފުތަކާ ހުރެ ވެރިކަމުގެ ފަރާތުން އެ ސަރަޙައްދަށް ފޮނުއްވާލި ބޭފުޅުންނަށް ޢުމަރު ބިން ޢަބްދުލްޢަޒީޒްވީ ރައްކާތެރިކަމާއި ހިމާޔަތްތެރިކަން ދެއްވި ޢަދުލްވެރި ވެރިއަކަށެވެ. އެކަމުގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި ނުތަނަވަސްކަމުގައި ގަވަރުނަރުކަމުން އިސްތިޢުފާ ދެއްވިއެވެ. އޭގެފަހުން ހުންނެވީ ޚަލީފާއަށް ލަފާއަރުވާ މުޝީރެއްގެ ގޮތުގައެވެ. ޚަލީފާ ވަލީދު ބިން ޢަބްދުލްމަލިކް އަވަހާރަވުމުން ޚަލީފާ ކަމަށް އިސްވެވަޑައިގަތީ ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކް (715-717) އެވެ. ޚަލީފާ ސުލައިމާނަކީ ޢުމަރު ބިން ޢަބްދުލްޢަޒީޒަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރެއްވި ބޭފުޅެކެވެ.

ޚަލީފާކަން

އުމަވީ ދައުލަތުގެ ޚަލީފާކަން ޢުމަރު ބިން ޢަބްދުލް ޢަޒީޒަށް ލިބިވަޑައިގަތީ ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކު އަވަހާރަވުމުގެ ކުރިން ލިޔުއްވާފައިވާ ވަޞިއްޔަތުގެ ފަތްކޮޅަކާ ގުޅިގެންނެވެ. އެ ފަތްކޮޅު ލިޔުއްވީ އުމަވީންގެ ދަރުބާރުގެ ނުފޫޒުގަދަ ދީނީ ޝަޚްޞިއްޔަތެއް ކަމުގައިވާ ރާޖާ ބިން ޙައިވާ އަލްކިންދީ އެރުވި ލަފާފުޅާއެކުގައެވެ. މައިގަނޑު ސަބަބަކީ ޚަލީފާގެ ބައްޕާފުޅު ޢަބްދުލްމަލިކުގެ ހިތްޕުޅުގައި ޢުމަރު ބިން ޢަބްދުލްޢަޒީޒަށް ދެއްވާފައި އޮތް އާދަޔާ ޚިލާފު ލޯތްބާއި އިޙުތިރާމެވެ. ޚަލީފާ ސުލައިމާނުގެ ވަސިއްޔަތުގެ ފަތްކޮޅުގައި އޮތީ އެމަނިކުފާނަށްފަހު ޢުމަރު ބިން ޢަބުލްޢަޒީޒަށް ޚަލީފާކަން ހަވާލުކުރުމަށާއި އެމަނިކުފާނަށްފަހު އޭރު ހުންނެވި ވަލީއަހުދު ޔަޒީދު ބިން ޢަބްދުލްމަލިކަށް ޚަލީފާކަން ލިބިވަޑައިގަންނަވާ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށެވެ. ޢުމަރު ބިން ޢަބްދުޢަޒީޒަށް ޚަލީފާކަން ލިބިވަޑައިގަތީ ގާތްގަނޑަކަށް އުމުރުފުޅުން 36 އަހަރުގައެވެ.

ޚަލީފާކަމުގެ ޒިންމާ އެމަނިކުފާނާ މަތިކުރެއްވުމުން ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އޭ ރައްޔިތުންނޭ! ޚިލާފަތުގެ މަސްއޫލިއްޔަތުތައް އަޅުގަނޑުގެ މައްޗަށް އުފުލާފައިވަނީ އަޅުގަނޑުގެ އެދުމެއް އަދި ތިޔަބޭފުޅުންގެ ރުހުމެއް ނެތިއެވެ. ޚަލީފާއަކަށް އެހެން މީހަކު ހޮވަން އިޚްތިޔާރު ކޮށްފިނަމަ ވަގުތުން އެއްފަރާތަކަށް ޖެހި، ތިޔަ ބޭފުޅުންގެ ނިންމުމަށް ތާއީދުކުރާނަމެވެ." މި ވާހަކަފުޅަށްފަހު ޚަލީފާކަމަށް ޢުމަރު ބިން ޢަބްދުލްޢަޒީޒް އިންތިޚާބު ކުރެވުނީ އިއްތިފާޤުންނެވެ.

ޢުމަރު ބިން ޢަބްލްޢަޒީޒުގެ ޚަލީފާކަމުގައި އިސްލާހީ ބޮޑެތި ބަދަލުތަކެއް ވެރިކަމުގެ ނިޒާމަށް ގެންނެވިއެވެ. މުސްލިމުންގެ ތެރެއިން ޢަރަބިންނާއި މަވާލީ (ޢަރަބި ނޫން މުސްލިމުން) ގެ މެދުގައި ހަމަހަމަކަން ގާއިމު ކުރެއްވިއެވެ. މުސްލިމް ސިފައިންގެ ތެރޭގައި ތިބި ޢަރަބި ނޫން މުސްލިމު ސިފައިންނަށް ވެސް ޢަރަބި ސިފައިންނެކޭ އެއްގޮތަށް ޣަނީމާއާއި ބިންތަކާއި މުސާރަ އެއްވަރު ކުރެއްވިއެވެ. އަރަތްބަކަށް ވީތީ ކުރީގައި ލިބިދީފައިވާ އިމްތިޔާޒުތައް ނައްތާލައްވައި ދައުލަތުގެ މާލީ ނިޒާމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނެވިއެވެ.

ޢުމަވީ ޚިލާފަތާއެކު މުސްލިމުންގެ ހަތަރު ވަނަ ޚަލީފާ ޢަލީގެފާނަށް ދެމުންދިޔަ ލައުނަތްދިނުމުގެ އާދަކާދަ ހުއްޓުވާލެއްވިއެވެ. ޚިލާފަތު ފެތުރިފައިވާ ސަރަޙައްދުތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ނަޒާހަތްތެރިކަމާއި ޢަދުލްވެރި ވެރިން އައްޔަން ކުރެއްވިއެވެ. ﷲގެ މަގުގައި ކުރެވޭ ޖިހާދުތަކަށްވުރެ ބޮޑަށް ޣަނީމާއަށް ޓަކައި ކުރެވޭ ހަނގުރާމަތަކެއްކަމަށް ދެކެވަޑައިގެން އިސްލާމީ ލަޝްކަރުތަކުން އޭރު ބައެއް ތަންތަން ފަތަޙަކުރުމަށް ކުރަމުންދިޔަ ހަނގުރާމަތައް ހުއްޓުވިއެވެ. ނަމަވެސް ދީނަށް ދައުވަތު ދެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. ޗައިނާއާއި ޓިބެޓަށް ސަފީރުން ފޮނުއްވައި ދީނަށް ދައުވަތު ދެއްވިއެވެ. ފާރިސްކަރައާއި މިޞްރުގެ އާބާދީގެ ބޮޑު ބައެއްގައި އިސްލާމީ ޢަޤީދާ ބިންވަޅު ނެންގެވިއެވެ. ސްޕެއިންގެ ނަޞާރާ ރަސްކަމުގެ ބާރުގެ ދަށުން އެތައް ސަރަޙައްދެއް ފަތަޙަކުރެއްވިއެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ޚަލީފާކަމުގެ ކުރު މުއްދަތުގައި މުސްލިމުންގެ މެދުގައި އޮތް ފިތުނަވެރިކަން ކުޑަކުރައްވައި، ބިދުޢަތައް އުވާލައްވައި، ސުންނަތް ދިރުއްވިއެވެ.

ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ޚަލީފާކަމުގައި ކުރީގެ އުމަވީންގެ ވެރިކަމުގައި ނުސީދާކޮށް ހިނގާފައިވާ ކަންތައްތައް ސިދާ ކުރެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެމަނިކުފާނުގެ ބޮޑު ދައިތައިން ވެސް ވަޑައިގެން ބައްދަލުކުރައްވައި އެކަންކަމުގެ ނުރައްކާތަކުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެހެން ނަމަވެސް ޚަލީފާ ޤަބޫލުކުރެއްވީ ގޯހުން ހިނގާފައިވާ ކަންތައްތައް އެނގިވަޑައިގެން ހުންނަވައި ދޫކޮށްލެވުމަކީ ރަނގަޅުގޮތެއް ނޫންކަމަށެވެ. ރެއާއި ދުވާލު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން މަތީ ދެމި ހުންނެވިއެވެ. ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރެއްވިއެވެ. ރޭއަޅުކަން ކުރިއަށް ގެންދެވިއެވެ. ރައްޔިތެއްގެ ޙައްޤަށް އުނިކަމެއް އަތުވެދާނެ ކަމެއް ކުރެއްވިދާނެތީ އަބަދުވެސް ބިރުފުޅުގެން ވަޑައިގަތެވެ. އަދި އެކަމާމެދު ކަންބޮޑުވެވަޑައިގެން ކީރިތިކުރައްވާ ހެއްދެވިއެވެ.

އަވަހާރަވުން

ޢުމަރު ބިން ޢަބްދުލްއަޒީޒް އަވަހާރަވީ ގާތްގަނޑަކަށް 30 މަސް ދުވަހު ޚަލީފާއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށްފަހު މީލާދީން 720 ވަނަ އަހަރުއެވެ. ޒުވާން ޢުމުރުފުޅެއްގައި އަވަހާރަވީ ޚާދިމަކު ވިހައެއް ދިނުމުންނެވެ. އަވަހާރަވެވަޑައިގަތުމުގެ ކުރިން އެކަން އެނގިވަޑައިގެން އެ ވިހަލީ ޚާދިމު މީހާ ގެންނަވައި ވިހަލީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އޭނާ އެކަން ކުރީ ބަނީ އުމައްޔާއިން އެއްހާސް ދީނާރު ދީ، މިނިވަންވާނެ ކަމަށް ބުނުމުން ކަމަށް ދެންނެވިއެވެ. އެ ހިނދު އެ އެއްހާސް ދީނާރު މުސްލިމުންގެ ބައިތުލް މާލަށް ލެއްވުމަށް އަމުރުކުރައްވައި، ﷲއަށް ޓަކައި އޭނާ މިނިވަންކޮށްދެވިއެވެ.

ޢުމަރު ބިން ޢަބްދުލްޢަޒީޒް އަވަހާރަވީއިރު ދޫކުރެއްވި މުދަލުގެ އަގު އަރަނީ 17 ދީނާރަށެވެ. އެކަލޭގެފާނު ކަފުންކުރެއްވުމަށް އެތަނުން ފަސް ދީނާރު ޚަރަދުވިއެވެ. އަދި އެކަލޭގެފާނު ފަސްދާނުލެވުނު ބިންކޮޅުގަތުމަށް ދެ ދިނާރު ޚަރަދުވިއެވެ. އަދި ބާކީ އޮތް 10 ދީނާރު އެކަލޭގެފާނުގެ 11 ބޭފުޅުންނަށް ބެއްސެވީއެވެ. ކޮންމެ ބޭފުޅަކަށް ޖެހިވަޑައިގަތީ 19 ދިރުހަމެވެ.

ޢުމަރު ބިން ޢަބްދުޢަޒީޒް އުފަންވެ ވަޑައިގަތީ އޭރު އޮތް މުސްލިމުންގެ މުއްސަނދި ވެރިކަމުގެ ޚާންދާނަށެވެ. ކައިވެނި ކުރެއްވީ ވެސް ވެރިކަމުގެ ޚާންދާނުގެ ޢިއްޒަތްތެރި ބޭފުޅަކާއެވެ. ސަރުކާރުގެ ވަޒީފާއެއްގެ ގޮތުގައި ގަވަރުނަރު ކަމުގެ ޒިންމާ އެތައް އަހަރަކު އުފުއްލެވިއެވެ. ޚަލީފާކަމުގައި ދައުލަތުގެ ބައިތުލްމާލަށް ރައްކާތެރިވެވަޑައިގަތެވެ. މަޤާމުގެ އުޖޫރައެއްގެ ގޮތުގައި ލިބިވަޑައިގެން ނެވި އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއްގައި ޖެހިވަޑައެއް ނުގަތެވެ. މިއީ ކޮންފަދަ ނަޒާހަތްތެރި ލީޑަރެއްތޯއެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ޢުމަރު ބިން ޢަބްދުލްޢަޒީޒަށް ހެޔޮ ރަޙުމަތްލައްވާށިއެވެ.

ހަވާލާ:

ނަޒީރު އަޙްމަދު (ތނ) ޢުމަރު ބިން ޢަބްދުލްޢަޒީޒް: މުސްލިމް ގްރީޓް ލީޑަރ. ހިސްޓްރީ އޮފް އިސްލާމް.ކޮމް

ބްރެޓޭނިކާ.ކޮމް. ޢުމަރު ދޭއް. އުމަވީ ޚަލީފާ

ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ. ލީޑަރޝިޕް އެންޑް ހިސްޓްރީ މޭކިންގ: ލެސަންސް ފްރޮމް ޢުމަރު ބިން ޢަބްދުލްޢަޒީޒް

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.