Support Us

اللهގެ ރަޙްމަތްފުޅު

މިއޮއް ބޮޑު ދުނިޔެއަށް ﷲ ހެއްދެވި ކޮންމެ އެއްޗެއްވެސް
މިއޮއް އެންމެން އެއަށް ބޭނުންނުވާނޭ ނެތް އެކައްޗެއްވެސް

އެނގޭ ﷲ ކުޅަދުންވަންތަކަން ވިސްނައި އުޅޭ ބަޔަކަށް
ނެތޭ ބާޠިލް ގޮތެއްގައި ދުނިޔެއަށް ހެއްދެވި އެކައްޗެއްވެސް

އެއިން ބޭނުން ފުދޭނޭ ކޮންމެވެސް ކަމަކަށް ނުވާ އެއްޗެއް
އެއީ ބޭކާރު އެއްޗެއްކަން އެނގޭކަށް ނެތް އެކައްޗެއްވެސް

ކަނޑާއި ފަޅާއި ޖައްވާ އަދި ފަޒާގައިވާ އެތައް އެއްޗެއް
ނަގައިގެން ބޭނުމެއް ނުފުދޭ ނެތޭ ދެންހަމަ އެކައްޗެއްވެސް

އެތައް ބާވަތުގެ ޖަނަވާރާ އެތައް ސޫފާއި ސޫފިތަކާ
އެތައް ކަމަކަށް އެއަށް ބޭނުން ނުވާނޭ ނެތް އެކައްޗެއްވެސް

އެހާގިނަ ގަސްގަހާ ގެއްސާ އެހާގިނަ ވެޔޮ ވެލާ ވެއްޔާ
އެހާ ގިނަޔަސް އެއިންބޭނުން ނުކުރެވޭނެތް އެކައްޗެއްވެސް

ވަރަށްގިނަ މަސްމަހާ މެއްސާ ވަރަށް ގިނަ ދޫނިސޫފިތަކާ
ވަރަށް ގިނަޔަސް އެއިން ބޭނުން ނުފުދިދާ ނެތް އެކައްޗެއްވެސް

އެއީ ހިލަޔާއި ފަރުބަދަޔާ ގަލާ ވެއްޔާ ކިސަޑު ނަމަވެސް
އެއިން އެކި ކަންކަމަށް ބޭނުން ނުކުރެވޭ ނެތް އެކައްޗެއްވެސް

އެތައް ބާވަތުގެ މޭވާޔާ އެތައް ބާވަތުގެ ރަހަ ރަހަޔާ
އެތައް ފައިދާ އެއިން ނުލިބޭ! ބުނާކަށް ނެތް އެކައްޗެއްވެސް

އަދަދު ނުއެވޭ އެތައް އެއްޗެއް ކަނޑާއި ފަޅާއި، އެއްގަމުގައި
އަދަދު ގިނަޔަސް އެއިން ބޭނުން ނުފުއްދޭ ނެތް އެކައްޗެއްވެސް

އިލާހީ ޙިކްމަތާ ރަޙްމަތްފުޅުން ހުރިހާ ކަމެއް ހިނގަނީ
ޚިލާފެއް ނެތް މިއާ މެދުގައި ބުނާކަށް ނެތް އެކައްޗެއްވެސް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *