ޢީދު ހަދިޔާ ކޮނޑުއަޅައިގެން އިރު ފެނުން ތޮޅިލައިފިޔޭ
ވާދަވެރި ހިތް ސާފު ކޮށްލައި މިލަ ހިތުން ފޮހެލައިފިޔޭ
ރޯދިބަރަކާތް އިތުރުކޮށްދޭ ފަތިހަކުން އަލިކޮށް ފަޒާ
ދޯދިތައް އައިސް ހަސަދަވެރިހިތް ސާފުކޮށް ދޮވެލައިފިޔޭ
ފާލަމުން މިޙަޔާތް ހުރަސްކޮށް ބަރުޒަޚަށްދާ މަގުމަތިން
ޢާލަމީ ކުޑަ ލޮޅުމަކުން އައި ގިނަ ދަރެސްތައް ދީފިޔޭ
އެދި ތިމާމެން ދުނިޔެދައްކާ ރީތި ހުވަފެންތައް ދެކެން
ނިދިޖެހޭ ގޮތްވީކަމަކު ގިނަ ލޯތަކެއް ހުޅުވައިފިޔޭ
ގަސްތުކޮށްގެން ހިތްނިޔަތްހުރި މަންޒިލަށް ފައިބީހުމުން
މަސްތުގައިއޮތް ހިތުގެޝަޙުވަތު މާފުނަށް ވަޅުލައިފިޔޭ
މަންޒަރުން ކަނުބަނދެވި ލޯތައް ފައި އެޅުނު މިޞްރާބަކުން
މަންޒިލަށް މަގުޗާޓު ދާންއޮތް ރޮނގުއަޅާ ދައްކައިފިޔޭ