Support Us

ސުން ޒޫ އާއި ޚާލިދު ބިން ވަލީދުގެ އިސްތިރާޖީތައް

ސުން ޒޫއަކީ ޗައިނާއަށް އުފަން ހަނގުރާމައިގެ އިސްތިރާޖީ މާހިރެކެވެ. އޭނާގެ "ދި އާރޓް އޮފް ދަ ވޯރ" އަކީ މި ޒަމާނުގައި ވެސް ހަނގުރާމައިގެ ފަންނު ކިޔަވައިދިނުމާއި ދިރާސާކުރުމުގައި ބޭނުންކުރާ މުހިންމު މަސްދަރަކެވެ. ޚާލިދު ބިން ވަލީދަކީ މީލާދީން ހަތްވަނަ ޤަރުނުގައި އުޅުއްވި ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސަހާބީ ބޭކަލެކެވެ. ހަނގުރާމައަށް ކުޅަދާނަ ފަހުލަވާނެކެވެ. ވަރުގަދަ މޮޅު ކޮމާންޑަރެކެވެ. އެތައް ހަނގުރާމައަކުން ނަޞްރާއި ކާމިޔާބު ހޯއްދަވާފައިވާ ފާތިޙެކެވެ. ޚާލިދު ބިން ވަލީދަކީ "ސައިފުﷲ" (ﷲގެ ކަނޑިކޮޅު)ގެ ލަހަބު ލިބިވަޑައިގެންފައިވާ ހަނގުރާމައިގެ ވަރުގަދަ ޤާއިދެކެވެ.

އުހުދު ހަނގުރާމަ

ޚާލިދު ބިން ވަލީދު އިސްލާމްވެވަޑައިގަތުމުގެ ކުރިން އުހުދުގައި މުސްލިމުންނާއި މުޝްރިކުން ކުރި މަޝްހޫރު އުހުދު ހަނގުރާމައިގެ ކުރީކޮޅު މުސްލިމުންނަށް ކާމިޔާބު ލިބިފައިވަނިކޮށް ޚާލިދުގެފާނުގެ އިސްތިރާޖީ ކުއްލި ނިންމެވުމަކާއެކު ދެއްވި ވަރުގަދަ ހަމަލާގައި މުސްލިމުންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިލާން ޖެހުނެވެ. މުސްލިމުން އެ ހަނގުރާމައިގައި ބަލިކުރެއްވި ފަހުލަވާނަކީ ޚާލިދުގެފާނެވެ.

ޚާލިދުގެފާނު އިސްލާމް ވެވަޑައިގެންނެވުމަފަހު އިސްވެ ހުންނަވައި އެތައްއެތައް ހަނގުރާމައަކުން މުސްލިމުންނަށް ކާމިޔާބާއި ނަޞްރު ހޯއްދަވައިދެއްވިއެވެ. ޚާލިދުގެފާނަކީ ހަނގުރާމައިގައި ބަލިވެދާނެފަދަ އެތައް ހާލަތެއް ކާމިޔާބީއަށް ބަދަލުކޮށްދެއްވި އަސްކަރީ ސްޓްރެޓެޖިސްޓެކެވެ.

އުހުދު ހަނގުރާމައަކީ ޚާލިދުގެފާނުގެ އިސްތިރާޖީތައް އެންމެ ފުރަތަމަ ފެނިގެންދިޔަ ހަނގުރާމައެވެ. އުހުދު ހަނގުރާމައިގައި ކީރިތި ރަސޫލާ މުޙައްމަދު ﷺ ވަނީ އެއްވެސް ހާލަތެއްގައި އެ މީހުންގެ މަގާމު ދޫކޮށް ނުލުމަށް ޚާއްޞަ އިރުޝާދުތަކަކާއެކު ދުނިދަނޑިވެރިންގެ ޖަމާޢަތެއް ފަރުބަދަމައްޗަށް ފޮނުއްވާފައެވެ. މުސްލިމް ލަޝްކަރުގެ ފަހަތަށް ރައްކާތެރިކަން ދިނުމަށްޓަކައި ފަރުބަދަ މައްޗަށް ފޮނުއްވި ދުނިދަނޑިވެރިން ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ އަމުރުފުޅާ ޚިލާފަށް އެ މަގާމު ދޫކޮށްލީ ހަނގުރާމައިން މުސްލިމުންނަށް ނަޞްރު ލިބުނީ ކަމަށް ހިތައި ޣަނީމާ މުދާ އެއްކުރުމަށެވެ.

ޚާލިދުގެފާނަށް އެތަން ފެނިވަޑައިގެން ހާލަތުގެ ފައިދާ ނެންގެވީއެވެ. މައްކާގެ ހަނގުރާމަވެރިންގެ ބަޔަކާއެކު ވަޑައިގެން ފަރުބަދަ ވަށައިގެން ލީޑްކޮށް މުސްލިމް ލަޝްކަރަށް ފަހަތުން ހަމަލާ ދެއްވިއެވެ. އެ ހަމަލާގެ ސަބަބުން މުސްލިމުންނަށް ވަރަށް ބޮޑު ގެއްލުމެއްވިއެވެ.

ސުން ޒޫގެ ދި އާރޓް އޮފް ވޯރގައި ލަފާދެނީ ހަނގުރާމައިގައި އުސް ބިމެއް ނަގައިގެން ދުޝްމަނުންނަށް ތިރި މަޤާމަކުން ހަމަލާދޭން ދޫކޮށްލުމަށެވެ. އުސްތަނެއްގައި ތިބެގެން ހަމަލާ ދިނުމަކީ ގިނަ ޓެކްޓިކަލް ސަބަބުތަކަކާ ހުރެ ފަސޭހަ ކަމެކެވެ.

މުއުތާ ހަނގުރާމަ

ޚާލިދު ބިން ވަލީދު އިސްލާމްވެޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ހަނގުރާމައަކީ މަޝްހޫރު މުއުތާ ހަނގުރާމައެވެ. ޚާލުދުގެފާނުގެ އިސްތިރާޖީ ޙިކުމަތްތެރިކަމާއި ހަނގުރާމައިގެ ލީޑަރޝިޕް އެ ހަނގުރާމައިގައި ދައްކުވައިދެއްވިއެވެ. އެއީ މުސްލިމުންނަށް ލިބިގެންދިޔަ މޮޅު ސްޓްރެޓެޖިސްޓެއް ކަމާއި އަސްކަރީ ކުޅަދާނަ ފަހުލަވާނެއްކަމާއި ހަރުދަނާ ކަމާއެކު ގޮތް ނިންމަވާ ކޮމާންޑަރެއްކަން ސާބިތުކޮށް ދެއްވިއެވެ.

ޢަރަބި ޖަޒީރާގެ އުތުރު ބޯޑަރުގައި ކުރި މި ހަނގުރާމައަކީ މުސްލިމުންނާއި ބައިޒަންޓައިން ސިފައިންނާ ކުރިމަތިލި ފުރަތަމަ ފަހަރެވެ. މި ހަނގުރާމައިގެ ނުރައްކާތެރި ޠަބީޢަތުގެ ސަބަބުން، އެއް ބޭފުޅަކަށްފަހު އަނެއް ބޭފުޅަކު އިސްވާ ގޮތަށް ތިން ކޮމާންޑަރުން ކީރިތި ރަސޫލާ އިޚްތިޔާރު ކުރައްވައި އައްޔަން ކުރެއްވިއެވެ. ޒައިދު ބިން ހާރިސަތާއި، ޖަޢުފަރު ބިން އަބީ ޠާލިބާއި، ޢަބްދުﷲ ބިން ރަވާހާއެވެ.

މުއުތާ ހަނގުރާމަ ހިނގަން މެދުވެރިވި ސަބަބަކީ، ބުސްރާގެ ރަސްގެފާނަށް، ކީރިތި ރަސޫލާ ފޮނުއްވި ފަތްކޮޅު ރައްދުކޮށްދެއްވަން ފޮނުއްވި ޞަޙާބީ އަލް ހާރިސް ބިން ޢުމައިރު އަލްއަޒްލީ ޝަހީދުކޮށްލައި ހަނގުރާމަ އިޢުލާންކުރުމެވެ.

ބައިޒަންޓައިންގެ ލަޝްކަރަކީ މުސްލިމުންގެ ލަޝްކަރާ އަޅާބަލާއިރު ޢަދަދުގެ ގޮތުން މާ ބޮޑު ބިޔަ ލަޝްކަރެކެވެ. އެހެން ނަމަވެސް މުސްލިމުންގެ ލަޝްކަރުން ނިންމީ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކުރުމަށެވެ. ހަނގުރާމައަށް ކީރިތި ރަސޫލާ އައްޔަން ކުރެއްވި ތިން ކޮމާންޑަރުން ވެސް ޝަހީދުވީއެވެ. އެއް ބޭފުޅަކު ޝަހީދުވުމުން އަނެއް ބޭފުޅަކު ކޮމާންޑް ނެންގެވިއެވެ. ތިން ކޮމާންޑަރުން ޝަހީދުވެ ވަޑައިގަތުމުން އިސްލާމީ ލަޝްކަރުގެ ދިދަ ބިންމައްޗަށް ވެއްޓުމާއެކު ތަބީތު ބިން ޢަރުޤަމް ދިދަ ނެންގެވިއެވެ. ޚާލިދު ބިން ވަލީދަކީ ހަނގުރާމައިގައި އަރާހުރި ހުނަރުވެރި ބޭފުޅަކަށްވާތީ އެ ކަލޭގެފާނާ ދިދަ ހަވާލުކުރެއްވިއެވެ. ލަޝްކަރުގެ ކޮމާންޑަރުކަމާ ހަވާލުވެވަޑައި ގަތުމަށް ޚާލިދުގެފާނު ފުރަތަމަ ދެކޮޅުހެއްދެވިއެވެ. ޚާލިދުގެފާނު ޤަބޫލުފުޅު ކުރެއްވި ގޮތުގައި އެކަލޭގެފާނަށްވުރެ ދީނަށް ޚިދުމަތްކުރައްވާތާ ގިނަ ދުވަސްވީ ޝަރަފުވެރި ބޭފުޅުން ތިއްބަވަނިކޮށް އެ ޒިންމާ އުފުއްލެވުމަކީ ރަނގަޅުގޮތެއް ނޫނެވެ. އެކަމަކު އެހެން ބޭފުޅުން ބާރުއެޅުއްވުމުން އެންމެ ފަހުން ލަޝްކަރާ ހަވާލުވެވަޑައިގެންނެވީއެވެ.

ބައިޒަންޓައިންގެ ސިފައިންގެ އަދަދު ގިނަކަމުން މުސްލިމުންގެ ލަޝްކަރުވަނީ ވަށައިގެން ބެދިފައެވެ. ފަހަތަށް ޖެހެވޭނެ ގޮތެއް ވެސް ޙަޤީޤަތުގައި ނެތެވެ. ކީރިތި ރަސޫލާ އައްޔަން ކުރެއްވި ތިން ކޮމާންޑަރުން ވެސް ޝަހީދުވެ މުސްލިމް ލަޝްކަރަށް ވަނީ ވަރަށް ބޮޑު ހިތްދަތިކަމަކާއި މާޔޫސްކަމެއް ވެރިވެފައެވެ. ޖިހާދުކޮށް ޝަހީދުވެގެން ދިއުން ނޫންގޮތެއް ނެތްކަހަލައެވެ. އެހެން ނަމަވެސް ޚާލިދުގެފާނުގެ އިސްތިރާޖީ ވިސްނުންފުޅާއެކު ލަޝްކަރައިގެން ސަލާމަތްވެވަޑައިގަތެވެ.

ޚާލިދު ބިން ވަލީދު މުސްލިމް ލަޝްކަރުގެ ކަނާތްފަރާތާއި ވާތްފަރާތް، އެއް ފަރާތް އަނެއް ފަރާތަށް ބަދަލުކުރެއްވިއެވެ. އަދި ފަހަތާއި ކުރި ބަދަލުކުރެއްވިއެވެ. އެގޮތަށް ހެއްދެވުމުން ދުޝްމަނުންނަށް ހީވީ މުސްލިމުންގެ ލަޝްކަރާ އާ ފަހުލަވާނުންތަކެއް (ރެއިންފޯސްމަންޓެއް) ގުޅިއްޖެކަމަށެވެ. ދުޝްމަނުންގެ ހިތްތަކަށް ބިރުވެރިކަން ވެރިވި ވަގުތު، އެވަގުތުގެ ބޭނުން ހިއްޕަވައި ދުޝްމަނުންގެ ސަފުތަކުގެ ތެރެއިން މަގެއް ފޫއަޅުވާލައްވައި މުސްލިމުންގެ ލަޝްކަރައިގެން ސަލާމަތުން ނިކުމެވަޑައިގަތެވެ.

ސުންޒޫ ބުނެފައިވެއެވެ. "ދުޝްމިނުންނަށްވުރެ ޢަދަދު މަދުނަމަ، ފަހަތަށް ޖެހުމުގެ ޤާބިލުކަން ހުންނަންޖެހޭނެއެވެ. އަދި ހުރިހާ ގޮތަކުން ވެސް ދުޝްމިނުންނަށްވުރެ ބަލިކަށިނަމަ، އޭނާއާ ކުރިމަތިނުލައި، ރެކުމުގެ ޤާބިލުކަން ހުންނަންޖެހޭނެއެވެ. އެހެނީ ބޮޑު ލަޝްކަރެއްގެ ކުރިމަތީގައި ކުޑަ ލަޝްކަރެއް ނެތިވެދާނެކަން ޔަގީނެވެ."

މުސައިލިމާ ދެކޮޅަށް ކުރި ހަނގުރާމަ

ކީރިތި ރަސޫލާ މުޙައްމަދު ﷺ އަވަހާރަވުމަށްފަހު މުސްލިމުންގެ ޚަލީފާއަކަށް އިންތިޚާބުވީ އަބޫބަކުރުގެފާނެވެ. އެކަލޭގެފާނުގެ ދުވަސްވަރު މުރުތަދުވި މީހުންނާއި ނަބީކަމުގެ ދޮގު ދަޢުވާކުރި ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ނިންމެވިއެވެ. މިގޮތުން އަބޫބަކުރުގެފާނު މުސްލިމުންގެ ލަޝްކަރު އެގާރަ ޑިވިޜަނަކަށް ބަހާލައްވައި ކޮންމެ ޑިވިޜަނަކަށް ކޮމާންޑަރެއް އައްޔަންކުރެއްވިއެވެ. އެއިން އެއް ޑިވިޜަންގެ ކޮމާންޑަރުކަމަށް ޚާލިދު ބިން ވަލީދު އައްޔަންކުރެއްވިއެވެ.

ޚާލިދުގެފާނުގެ ކޮމާންޑްގެ ދަށުގައި ހަނގުރާމަކުރި ކޮންމެ ބައެއްގެ މައްޗަށް ކާމިޔާބު ހޯއްދެވިއެވެ. ޚާލިދު ބިން ވަލީދަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ މުސައިލިމާއާއި އޭނާގެ އަނިޔާވެރި ކަލްޓަށް ތަބާވާ މީހުންނާ ހަނގުރާމަ ކުރުމެވެ. މުސައިލިމާއާ ދެކޮޅަށް ކުރި ހަނގުރާމަ ލީޑް ކުރެއްވީ ޚާލިދުގެފާނެވެ. މުސްލިމުންނާ ދެކޮޅަށް މުސައިލިމާ 40 ހާސް ހަނގުރާމަވެރިންގެ ބޮޑު ލަޝްކަރެއް ނެރުނެވެ. އެ ލަޝްކަރާ ހަނގުރާމަކުރުމަށް މުސްލިމުން ޖެހިލުންވިއެވެ. މުސްލިމުންގެ ލަޝްކަރު ފަހަތަށް ޖެހެމުންދިޔައެވެ. އެ ވަގުތު ޚާލިދުގެފާނު ކައިރީގައި ހުރި ފަރުބަދައެއްގެ މައްޗަށް އަރުއްވައި ހާލަތު ދިރާސާ ކުރެއްވިއެވެ. ދުޝްމަނުންގެ ބަލިކަށި ތަންތަން ހޯއްދަވައި ލަޝްކަރު އަލުން އިންތިޒާމު ކުރެއްވިއެވެ. މި ހަނގުރާމައިގައި މުސައިލިމާ ޤަތުލުކޮށް އޭނާގެ ކަލްޓް ނައްތާލެއްވިއެވެ.

ސުންޒޫ ބުނެފައިވެއެވެ. "ކުރީ ޒަމާނުގެ މޮޅެތި ހަނގުރާމަވެރިން ދުޝްމިނުންނާ ކުރިމަތިލުމުގެ ކުރިން ބަލިވެދާނެ ނުވަތަ ހަމަލާއެއް އަތުވެދާނެ ހުރިހާ މަގުތަކެއް ބަންދުކޮށް ކާމިޔާބު ލިބުން ކަށަވަރު ކުރެއެވެ. އެއަށްފަހު ދުޝްމިނުންގެ ބަލިކަށިކަން ފެނިގެންދާނެ ފުރުސަތަކަށް ބަލަބަލައި ހުޝިޔާރުވެގެން ތިބެއެވެ."

ޔަރުމޫކް ހަނގުރާމަ

އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި ޢަދާވާތްތެރި ދެ ސަރަޙައްދަކާ ކުރިމަތިލާން ޖެހޭކަން ވިސްނިވަޑައިގެން ޚާލިދު ބިން ވަލީދަށް ޢިރާޤަށް (އެއިރު ފާރިސީ ސަރަޙައްދުގެ ބައެއް) ދިއުމަށް އަމުރު ކުރެއްވިއެވެ. ފާރިސީންގެ އަތްދަށުން އެ ސަރަޙައްދު މިނިވަން ކުރެއްވީ ޚާލިދު ބިން ވަލީދެވެ. އެ ދުވަސްވަރު ރޯމަނުންނާ ދެކޮޅަށް އަބޫބަކުރުފާނު ލަޝްކަރުތައް ފޮނުއްވީ އަބޫ ޢުބައިދާ ބިން އަލްޖަރާހާއި ޢަމްރު ބިން ޢާސް އެވެ.

ރޯމަނުންގެ ބިޔަ ލަޝްކަރުގެ ޚަބަރު އަބޫބަކުރުގެފާނަށް ލިބިވަޑައިގަތުމުން ޚާލިދުގެފާނަށް ދެން އަމުރު ކުރެވުނީ މުސްލިމް ލަޝްކަރުތަކާ ހަވާލުވެވަޑައިގަތުމަށް ސޫރިޔާއަށް ވަޑައިގަތުމަށެވެ. އަބޫބަކުރުފާނުގެ އެ ނިންމުމާމެދު ކުރީގެ ކޮމާންޑަރުން ހިތްހަމަ ނުޖެހިދާނެކަން ޚާލިދުގެފާނަށް ވިސްނިވަޑައިގަތެވެ. އެހެންކަމުން ޚާލިދުގެފާނުގެ ލަފާފުޅަކަށްވީ ޑިއުޓީ ބަދަލުކުރައްވާ ގޮތަށް (ރޮޓޭޝަން އުސޫލުން) ކޮމާންޑް ބަދަލުކުރެއްވުމެވެ.

އެ ހަނގުރާމައިގައި ދުޝްމަނުންގެ ޙާލަތާއި މަޤާމުތައް ދިރާސާކުރައްވައި ޚާލިދު ބިން ވަލީދު ވަނީ އިސްތިރާޖީއެއް ކަނޑައަޅުއްވާފައެވެ. މުސްލިމުންގެ ލަޝްކަރުގެ އަދަދާއި ރޯމަނުންގެ ލަޝްކަރުގެ އަދަދާއި ވަސީލަތްތަކާއި ތަޖުރިބާ ލިބިފައިވާ މީހުންނާ އަޅާ ބެއްލެވިއެވެ. މުސްލިމުންގެ ލަޝްކަރުގައި ހަނގުރާމަ ކުރަން އުޅޭ ސަރަހައްދުން އަލަށް އިސްލާމްވި ގިނަ ބަޔަކު ތިއްބެވެ. ޚާލިދުގެފާނު އެންމެ ބޮޑަށް ބިރުފުޅުގެން ވަޑައިގަތީ އެބައިމީހުން ބިރުން ފިލަން އުޅެފާނެތީއެވެ. މިކަމުން ސަލާމަތްވުމަށް ޓަކައި ޚާލިދުގެފާނުގެ އިސްތިރާޖީ ރޭވުމަކީ ތަފާތު ރޭވުމެކެވެ.

ޚާލިދުގެފާނު އަމުރުކުރެއްވީ މުސްލިމް އަންހެނުން ހަތިޔާރު އަޅައިގެން ލަޝްކަރުގެ ފަހަތުގައި މަޑުކުރުމެވެ. އެމީހުންނަށް އަމުރު ކުރެއްވީ ހަނގުރާމައިން ފިލަން މަސައްކަތް ކުރާ ކޮންމެ މީހަކު ޤަތުލުކުރެއްވުމަށެވެ. އެއަށްފަހު އެރަށަށް އަރާވަޑައިގަތުމަށް ބޭނުންކުރެއްވި ބުރިޖްތައް ހަލާކުކޮށްލެއްވިއެވެ.

ސުން ޒޫގެ ދަ އާރޓް އޮފް ވޯރ ގައި ބުނެފައިވަނީ "ކަލޭމެންގެ ސިފައިން ބޯޑަރު ހުރަސްކޮށް ނިމުމުން، ކަލޭމެންގެ ދޯނިތަކާއި ބްރިޖްތައް އަންދާލަންވީ، ގެއަށް ދިއުމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން އެންމެންނަށް ސާފުކޮށްދިނުމަށް ޓަކައި" ކަމަށެވެ.

އެ ހަނގުރާމައަކީ ވަރަށް ވަރުގަދަ ހަނގުރާމައެކެވެ. މުސްލިމުން ހަނގުރާމަކުރީ ބިރެއްނެތި ނަޞްރު ހޯދުމަށް ނުވަތަ ޝަހީދުވުމަށެވެ. އެންމެ 100 ހަނގުރާމަވެރިންގެ ބޭންޑަކާއެކު ޚާލިދުގެފާނު ކުރިމަތިލެއްވީ އެތައް ހާސް ރޯމަނުންގެ ބިޔަ ލަޝްކަރާއެވެ.

ޔަރުމޫކު ހަނގުރާމަ ކުރިއަށް ދަނިކޮށް ޚާލިދު ބިން ވަލީދަށް ސިޓީފުޅެއް ލިބިވަޑައިގެންނެވިއެވެ. އެ ސިޓީފުޅަކީ މުސްލިމުންގެ އާ ޚަލީފާ ޢުމަރުގެފާނުގެ ސިޓީފުޅެކެވެ. އެ ސިޓީފުޅުގައި ޚަލީފާ އަބޫބަކުރުގެފާނު އަވަހަރާވީ ޚަބަރާއި ޚާލިދުގެފާނު ކޮމާންޑް ކުރައްވަމުން ގެންދެވި ލަޝްކަރުގެ ވެރިކަން އަބޫ ޢުބައިދާއާ ހަވާލު ކުރެއްވުމަށް އޮތީ ޢަމުރުކުރައްވާފައެވެ. ހަނގުރާމައިގައި ކާމިޔާބު ލިބިވަޑައިގަންނަވަންދެން އަބޫބަކުރުގެފާނު އަވަހާރަވީ ޚަބަރު މުސްލިމުންގެ ލަޝްކަރަށް ޚާލިދުގެފާނު ސިއްރުކުރެއްވިއެވެ. އެއީ ހަނގުރާމައަށް ފޯކަސްކޮށްގެން ހުރި އެމަނިކުފާނުގެ ލަޝްކަރުގައި އެއްވެސް ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް ޓަކައެވެ. އެއަށްފަހު އަބޫ ޢުބައިދާއާ ކޮމާންޑް ހަވާލުކުރެއްވުމަށްފަހު އާދައިގެ ހަނގުރާމަވެރިއެއްގެ ގޮތުގައި ހުންނެވިއެވެ. ހިޖުރައިން 636 ވަނަ އަހަރު ޚާލިދުގެފާނު ޔަރުމޫކުގައި ހުރި ބްރިޖް އަންދާލެއްވީ އަމިއްލަ ލަޝްކަރުގެ ފިލައިގެން ދިއުމުގެ މަގު ބަންދުކުރެއްވުމަށެވެ. އެއީ ސުން ޒޫގެ "މާޔޫސް ބިން" ސްޓްރެޓެޖީ އެވެ. އިބްނު ޒައިދު ވެސް 711 ވަނަ އަހަރު ޖިބްރޯލްޓަރގައި ބޭނުންކުރެއްވީ ހަމަ މި އިސްތިރާޖެވެ.

ސުންޒޫ ބުނެފައިވެއެވެ. "ލަޝްކަރުގެ ސިފައިން ނުތަނަވަސްވެ، ޝައްކެއްގެ މަތީގައިވާނަމަ އަވަށްޓެރި ރަސްރަސްކަލުން ފިތުނަ އުފައްދަން މަސައްކަތްކުރާނެއެވެ. އޮޅުންބޮޅުމެއްގެ ތެރޭގައި އޮންނަ ލަޝްކަރެއްނަމަ، އެހެން ލަޝްކަރެއްގެ ކާމިޔާބީއަށް މަގުފަހިކޮށްދެޔޭ ބުނާ ބަހުގެ މުރާދަކީ މިއީއެވެ."

ޚާލިދު ބިން ވަލީދުގެ އެންމެ ފާހަގަކުރެވޭ ހަނގުރާމައިގެ ފަންނަކީ އަސްކަރީ އޮޕަރޭޝަންތަކުގެ ސްޕީޑެވެ. އެއީ ދުޝްމަނުންގެ ޑިމޮރަލައިޒް ކޮށްދޭ ހަލުވި އަދި ބުރޫއަރާ ގެރިލާ އުކުޅުތަކުގެ ބޮޑު ތަސްވީރެކެވެ. މިޒަމާނުގެ އަސްކަރީ ތިއަރީވެރިން ދެކެނީ ޚާލިދު ބިން ވަލީދަކީ އަސްކަރީ އޮޕަރޭޝަނަލް އާރޓް، (އަސްކަރީ އޮޕަރޭޝަންތަކުގެ ފަންނު) ފަރުމާކޮށް، ޕްލޭންކޮށް، ހިންގުމުގެ ހުނަރުވެރި ޤާބިލު ލީޑަރުކަމަށެވެ. ޚާއްޞަކޮށް، އިސްވެ ކުރިއަށް ނުކުމެ އަމުރުކުރުމާއި، މޯޓިވޭޓްކުރުމާއި، ލީޑްކުރުމުގެ ޤާބިލުކަމުގެ ސަބަބުން ލަޝްކަރުގެ މީހުން ޚާލިދުގެފާނަށް ލޯބިކުރެއެވެ. އަދި ދުޝްމަނުންގެ މެދުގައި ބިރުވެރިކަމާއި ޖެހިލުންވުން އުފައްދައެވެ. ޚާލިދު ބިން ވަލީދުގެ ހަޔާތްޕުޅުން ލިބޭ ފިލާވަޅަކީ ލީޑަރޝިޕަކީ ހަމައެކަނި ޝަރަފެއް ނޫންކަމެވެ. އެއީ މާތްﷲ މަތިވެރި މަޤްޞަދެއްގައި ދެއްވާ އަމާނާތެއްކަމެވެ. އެއީ އަމިއްލަ ނަފުސަށް ބެލުމެއްނެތި އެ މީހެއްގެ ޤާބިލުކަން ހުރި މިންވަރަކުން އަދާކުރަންޖެހޭ ޒިންމާއެއްކަމެވެ.

މަސްދަރު:

މުޙައްމަދު ޢައްބާސީ (2020) ސުންޒޫ އެންޑް ޚާލިދު ބިން ވަލީދު: ސްޓްރެޓަޖީ

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *