Support Us

އެނގެންޖެހޭ ދަންނަންޖެހޭ

ރޭދުވާ ތަކުރާރު އެބަވޭ އޭގެ އާދަ އެނގެންޖެހޭ
ހޭދަ ވާއިރު އުމުރު ދުނިޔޭން އޭގެ އަގު ދަންނަންޖެހޭ

ދަރުމައިން ލެއްވެވި ތިމާ ޚިލްޤަތުގެ ސޫރަ އެނގެންޖެހޭ
ގަރުބަވީ މާބަނޑުގެ ހާލާ މަރުހަލާ ދަންނަންޖެހޭ

ދެމެދަކުން މިބިމަށް ދެލޯ ހުޅުވާލި ހާލު އެނގެންޖެހޭ
ހިމެނިގެންވީ ގިންތި އަށް ތަސްލީމު ވާން ދަންނަންޖެހޭ

އަމުރު މަޢުރޫފާ ނަހީއާ މުންކަރާތު އެނގެންޖެހޭ
އަމުރު ބޮލަރުވި ބޮޑު އަމާނާތް އުފުލުމަށް ދަންނަންޖެހޭ

ޖިންސު ގައި ލެއްވެވި ތަފާތާ ހިކުމަތާއި އެނގެންޖެހޭ
ހިއްސުތައް ކިޔަމަން ކުރަންވީ ނައްސުތައް ދަންނަންޖެހޭ

ދީނަކީ ބޮޑު ނިއުމަތެއް މާތް އޭގެ ރޫޙު އެނގެންޖެހޭ
ސީދަލަށް މަގުގައި ދެވޭ ނުދެވޭ ތިމާ ދަންނަންޖެހޭ

ގައުމަކަށް ނިސްބަތް ތިމާވީ ބިމުގެލޯބި އެނގެންޖެހޭ
ދައުރަކާ ހައްގެއް ތިމާއަށް އޮންނަ އެބަ ދަންނަންޖެހޭ

ވެރިޔަކަށް މީހާ ވުމުން ވެރިކަމުގެ ހައްގު އެނގެންޖެހޭ
ދެރައަކަށް އަނިޔާއަކަށް ތަންނުދިނުމަށް ދަންނަންޖެހޭ

ހުރި ތިމާގައި ފެންވަރާ އަދި ހުރި މަގާމު އެނގެންޖެހޭ
ކުރި ހުވައި ވާވުލްޤަސަމް ތާއުލްޤަސަމް ދަންނަންޖެހޭ

ޙައްދުގައި ދިރުމެއް ވެޔޭ ޚަބަރުން މި މާނަ އެނގެންޖެހޭ
ހައްގަކަށް ކުޑަވެސް ޚިލާފެއް ނުކުރުމަށް ދަންނަންޖެހޭ

ވެލިކޮޅެއް ކުޑަ، މަށިކޮޅެއް ތަތް ފެށުނު އަސްލު އެނގެންޖެހޭ
ވެލިގަނޑަށް ވަދެ ވެލިގަނޑުން ނެރެވޭނެކަން ދަންނަންޖެހޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *