ހިތް ދިނަސް ލޯބިން ފުރާފައި ދެމެދުގައި ބަދަހިވެ ގުޅުން
ހިތް ކަފާ ކުދިކޮށް މިއަދު އަނބުރާ އުކީ އެތިއެތިކޮޅުން
ފޭބި ދެލޮލުން ފޫދި ޝަބުނަމް ތެމުނު ޞަފުޙާ ވީދިގޮސް
ލޯބި އިޤުރާރުން ލިޔުނު ލޭތިކިތަޅާ ކަރުދާސްކޮޅުން
ފިއްޔަކަށް ބަދަލެއް ނުގެނެވޭހައި އެކީތިބެ ލިޔެ އަތުން
އިއްޔެ ކީ ޞަފުޙާގެ މައްޗަށް ދެން އޮތީ އަދު ފަސްއެޅުން
ފާރު ނުހިކޭ ހިތުގެ ވިންދުން ސޯރުކޮށްދޭ ރާގަކުން
ބާރުބާރަށް ކޮންމެ ފަތިހަކު އާންމު ވެއްޖޭ މޭ ތެޅުން
ނާރުތަކަކުން ލޭ ހިނގާ މަޖުބޫރުކުރިޔަސް ދިރިހުރުން
ބާރު ނުހިނގާ ޙިއްޞުތަކަކަށް އާދަވެއްޖޭ ކުސްތެޅުން
ހިތުގެ ކިޑިކީ ނޭނގި ހުޅުވޭ ކޮންމެ ހިނދަކުމެ ފެންނަނީ
މިތުރުކަންކެނޑި ގޮސް ޙަޔާތެއް ބޭރުވާތީ ގާފޮޅުން
ނޭވަޔާގުޅި ލާމެހޭހައި ގާތުގައި ހުރެ ހެދިގޮތުން
ބޭވަފާތެރި ހަނދުމަތަކުގައި ބޭނުމެއްނެތް ދިރިއުޅުން