މޭގެ ހުޅުކޮޅު ލޭގެ ތިޔަދިން ހޫނުގައި ދިއްލާލަޔޭ
އޭގެ ނޫރާނީ އަލިން މާޒީގެ ފޮތް ހިއްލާލަޔޭ
***
ރޭގަނޑަށް ތަރިފިޔަޖަހާ ހިނދު މަންޒަރުން ދިލްކަޝް ވިދާ
ދޭ އުފާވެރި ވޭނަކުން ހުއްޓާ ހަތަރުދަމު ނުމެނިދާ
ލޭފަވެތި ހަރަކާތް އެރޭ ކުރި ދޭ ހަނދާން ސިއްސާލަޔޭ
ގަސް ރުކުގެ ތަސްބީހަވީ ލަހުޖާއަކުން ފަދަ މާނަވީ
މަސްރަހަށް ނުވެ ކަޝްފު އޮތް ސިއްރެއް ބުނާހެން ޖާދުވީ
މަސްތު ހިތްކުރި ބަސް އެރޭ ބުނި އަސްލު އެބަ އިއްވާލަޔޭ
ރާޅުތައް ހިނިތުން ވަމުން އިރު ތާލުތައް ފުރިހަމަކުރާ
ރާގުތައް މަޑުމޮޅި ސަމާސާ ދުނިޔެއާ އިރުގާ ކުރާ
ޗާލު ކަޅިރަވަ ލާމެހުނު ޖަޒުބާތުތައް ރޮއްވާލަޔޭ
ހަނދުވަރީ ރޭރޭތަކާ ޝަބުނަމް އޮހޭ ފަތިހުގެ ތެރޭން
ހަނދުވަމުން މާމަލުގެ ފިޔަތައް ދާލެކުން ކަރުގަނޑުތެރޭން
ހަނދުމަތައް މިލްޖުލްވި އާވާ އަސަރު ލޯ ތެންމާލަޔޭ
މާމަލުން ކުލަޔާ ވަހާ ހުރި ވަކިވަމުންދާ ފިޠުރަތުން
ބާރަކުން އެހިތާ މިހިތް ވަކިކުރި ހަޔާތުގެ ސުންނަތުން
އާލަމަށް ލޯބީގެ އަލިކުރި ނޫރު އެބަ ނިއްވާލަޔޭ