Support Us

މީސްތަކުންގެ އަގު ވަޒަންކުރައްވާ މިންގަނޑު 

މި ދިޔަ ހަފުތާގައި ބަލާލައިފައި ވާނީ ހަރު ހިތްތަކަށެވެ. އެއީ ފަރުބަދަތަކުގެ ހަރު ހިލަތަކަށްވުރެ ވެސް ހަރު ހިތްތަކެކެވެ. މިއަދު ބަލާލާނީ ﷲގެ ބިރުވެތިވާ ހިތްތަކަށެވެ. ﷲގެ ވަޖްހުފުޅު އަދައިގެން އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބޭތޯ މަސައްކަތް ކުރާ ހިތްތަކަށެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِنَّ اللَّهَ لاَ يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ [1] -މާނައީ: ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ ބުރުޞޫރައަކަށް އަދި ތިޔަބައިމީހުންގެ މުދަލަކަށް ބައްލަވައި ވޮޑިނުގަންނަވަތެވެ. އެކަމަކު އެކަލާނގެ ބައްލަވައި ވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ތިޔަބައިމީހުންގެ ޢަމަލުތަކަށެވެ."

މި ބަސްފުޅުން އެނގެނީ މީސްތަކުންގެ އަގުވަޒަން ކުރުމަށްޓަކައި މިންގަނޑުތަކެއްވާ ކަމެވެ. ދުނިޔޭގެ މީހުންގެ ގާތުގައިވާ މިންގަނޑުތަކާއި ﷲގެ ޙަޟްރަތުގައިވާ މިންގަނޑުތައް ތަފާތު ކަމެވެ. ދުނިޔޭގެ އަހްލުވެރިންގެ މިންގަނޑުތަކުގެ ތެރޭގައި ބާރުވެރިކަމާއި މުއްސަނދިކަން ހިމެނެއެވެ.  ދުނިޔޭގައި މުއްސަނދީންނަށް އިޙްތިރާމާއި ޤަދަރު ލިބެއެވެ. މެޑެލިތަކާއި ސަނާތައް އޮހެއެވެ. އެމީހުންގެ އެއްވެސް ކުށެއް ނޯންނާނެއެވެ. އެމީހުން ކުރާ ކުށްތަކަށް މާފު ލިބެން ޖެހޭނެއެވެ. އެމީހުންގެ ބަހަކީ އެންމެ ފަހު ބަހެވެ. އެމީހުންނަށް އިންސާފު ވެސް ލިބެން ޖެހޭނެއެވެ. އެމީހުން ކިތަންމެ ވަރަށް މީހުންނަށް އަނިޔާ ކުރިއަސް އެއީ އަނިޔާވެރިކަމެއް ނޫނެވެ.ހަމަ އެ ފަދައިން ބާރުވެރިންނަކީ މުޖްތަމަޢުގައި ޤަދަރު ލިބިގެންވާ މީހުންނެވެ. އެމީހުންނަށް އެމީހުން ބޭނުން ކަމެއް ބޭނުން ވަގުތަކު ކުރެވެން ވާނެއެވެ. އެމީހުން ބޭނުން ނުވާކަމެއް ނުކުރެވޭނެއެވެ. އެމީހުންނަށް ޙައްޤުތައް ހޯދާދިނުމަށްޓަކައި މަސައްކަތް ކޮށްދޭނެ މީހުން ވެސް ތިބޭނެއެވެ. ނަމަވެސް "މި ޤަދަރުވެރި އިންސާނާ"ގެ ގާތަށް މަރު އައުމުން ކުރެވޭނެ ކަމެއް، ކޮށްދެވޭނެ ކަމެއް އޮންނާނެ ހެއްޔެވެ؟

މާތްﷲ ވަޙީކުރެއްވިއެވެ. "يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ[2]އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއް ވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرة އަށް އައިމީހަކަށް މެނުވީއެވެ." ޤައުމުގެ އެންމެން  މި މުއްސަނދިމީހާގެ މުދަލުން އެއްޗެއް ލިބޭތީ އޭނާ މަތިވެރި ކުރިއަސް، އެމީހާއަށް ސަނާކިޔައި ތާރީފު ކުރިއަސް މަލަކުލް މައުތުގެފާނު އޭނާގެ ގާތަށް ވަޑައިގަތުމުން ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. ޖެހޭނީ އެ ހުރިހާ މުދާތަކެއް ދޫކޮށްލައިފާ ދާށެވެ. މުދަލަކުން، ބާރަކުން، ޖާހަކުން، ވިސްނުން ތޫނުކަމަކުން، ދޫ ހިނގުމުމަކުން، ފައިދާއެއް ނުކުރާނެތެވެ. ފައިދާ ކުރާނީ ހެޔޮ ޢަމަލުތަކުންނާއި، އިޚްލާޞްތެރި އީމާންތެރި ހިތަކުންނެވެ. އަލް ފުޟައިލު ބުނު ޢަޔާޟު ވިދާޅުވާ ގޮތުގައި "ﷲގެ ޙަޟްރަތުގައި ދެ ޝަރްޠަކާ ލައިގެން މެނުވީ އެއްވެސް ޢަމަލެއް ޤަބޫލުވެގެން ނުވާނެތެވެ. އެއީ ﷲއަށް ޚާލިޞްވެގެންވުމާއި ޝަރްޢު ޤަބޫލުކުރާ ޢަމަލެއް ކަމުގައިވުމެވެ."

އަޅުގަނޑުމެންގެ މި ދުންޔަވީ ޙަޔާތަކީ ވަރަށް ކުރު، ވަރަށް އަވަހަށް ނެތިގެން ހިނގައިދާނެ އެއްޗެކެވެ. ﷲ ސިފަކުރައްވާ ފަދައިން ދާއިމީ  ޙަޔާތަކީ އާޚިރަތުގެ ޙަޔާތެވެ.ތާއަބަދަށް ދެމި ތިބެންޖެހޭނެ ގޮވެއްޗަކީ އުޚްރަވީ ގޮވެއްޗެވެ. މާތްﷲ ވަޙީ ކުރައްވަނީ "خَالِدِينَ فِيهَا أَبَداً [3] އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ." މި ބަސްފުޅުގައިވާ ތާއަބަދަކީ އިންސާނާގެ ހިތަށް ތަޞައްވުރު ކުރެވޭނެ ޢަދަދެއް ނޫނެވެ. އެއީ މިލިޔަން، ބިލިޔަން، ޓްރިލިޔަން  އޮކްޓިލިޔަން [4] އަހަރު ހެއްޔެވެ؟ އެއީ ތާއަބަދެއް ނޫނެވެ. ތާއަބަދު އެއަށް ވުރެ އަދި މާ ދިގެވެ. އޭގެ މިންވަރެއް ނެތެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ގޮވައިލައްވަނީ ތާއަބަދުގެ ބާއްޖަވެރި ކަމަށެވެ. އުޑުތަކާއި ބިމުގެ ފުޅައުކަން ލިބިފައިވާ ސުވަރުގެއަށެވެ. ނަމަވެސް މި ގޮވައިލެއްވުމަށް އިޖާބަ ނުދިން މީހާއަށް އޮތީ ތާއަބަދުގެ ނަރަކައެވެ. އެއީ ބޮޑުވެގެންވާ އަބާއްޖަވެރިކަމެކެވެ. އެއީ ބޮޑުވެގެންވާ ގެއްލެނިވުމެކެވެ. الله عز وجل ވަޙީ ކުރައްވަނީ "إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلَا ذَلِكَ هُوَ الْخُسْرَانُ الْمُبِين [5]ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ قيامة ދުވަހުން އެއުރެންގެ އަމިއްލަ نفس ތަކާއި، އެއުރެންގެ أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ." ވީމާ، އިންސާނާ މި ދުނިޔެ މަތީގައި މުޅިން ބަގުރޫޓު ވިޔަސް އެއީ ގެއްލުންވެގެންވާ މީހެއް ނޫނެވެ. ބޮޑުވެގެންވާ ގެއްލުންވެގެންވާ މީހަކީ އާޚިރަތް ގެއްލިފައިވާ މީހާއެވެ. މި ފަދަ މީހުންނަކީ ކޮބައިކަން ބަޔާންކުރައްވައި، މާތްﷲ ވަޙީ ކުރައްވަނީ "فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّى إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُمْ بَغْتَةً فَإِذَا هُمْ مُبْلِسُونَ [6]ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާން ނައްތައިފި ހިނދު (امتحان އެއްގެ ގޮތުން) ހުރިހާ ކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާ މެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު އުއްމީދު ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވިއެވެ."

ސުވަރުގޭގެ ތާއަބަދުގެ ޙަޔާތް

ސުވަރުގޭގެ ތާއަބަދުގެ ޙަޔާތަށް ބަލައިލަމާތޯއެވެ؟ އެއީ ކޮން ކަހަލަ ތަނެއްތޯއެވެ؟ "لَهُمْ مَا يَشَاؤونَ فِيهَا [7]އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ." މާނައަކީ ތިބާ ހިތަށް އަރާ ކޮންމެ ކަމެއް ހިތަށް އެރި ގޮތަކަށް ތިބާއަށް ޙާޞިލު ވާނެތެވެ. އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ. އޯޑަރުދީފައި މަޑުކުރާކަށް ނުޖެހޭނެއެވެ. ޑެލިވަރީ ލަސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެތާނގައި އޭނާގެ ޙާލަތަކީ "فَهُوَ فِى عِيشَةٍ رَّاضِيَةٍ فِى جَنَّةٍ عَالِيَةٍ قُطُوفُهَا دَانِيَةٌ  كُلُوا وَٱشْرَبُوا هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ [8]– ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. (އަންގަވާނެތެވެ.) އަރާމު ލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުން ކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ."

ސުވަރުގޭގެ ނިޒާމަކީ މިއީއެވެ. އެއީ ސަބަބަކާ ނުލައި ދެއްވައި ދެއްވުމެވެ. ނަމަވެސް މި ދުނިޔޭގައި ލިބޭނީ މަސައްކަތް ކޮށްގެންނެވެ. މާތް ﷲ ވަޙީ ކުރައްވަނީ "يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَـٰقِيهِ [9] އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ."

ސުވަރުގެއަކީ ބޮޑު ފައިދާއެއް ކަމަށް  ބުނެވެނީ ކީއްވެގެން ހެއްޔެވެ؟ މި ސުވަރުގެ ހޯދުމަށްޓަކައި އިންސާނާ މަސައްކަތް ކުރަނީ ކިތައް އަހަރުތޯއެވެ؟ ދުވާލަކު ފަރްޟު ފަސް ނަމާދު އަދާކޮށްގެންނެވެ. ކޮންމެ އަހަރަކު ރަމަޟާން މަހުގައި ރޯދަ ހިފައިގެންނެވެ. ކުޅަދާނަކަމާއި ތަނަވަސްކަން  ލިބުނު ނަމަ އެއްފަހަރު ނުވަތަ ދެ ފަހަރު ޙައްޖުގެ ފަރީޟާ އަދާކޮށްގެންނެވެ. މަތްﷲ ތަނަވަސްކަން ދެއްވި މީހެއް ނަމަ މުދަލު  ޒަކާތާއި ފިޠުރު ޒަކާތް ދައްކައިގެންނެވެ. ދޮގު ނަހަދާ ތެދު ބުނެގެންނެވެ. މީހުންނާ އެކު ރިވެތި މުޢާމަލާތު ކޮށްގެންނެވެ. އަމާނަތްތެރިވެ، އިޚްލާޞްތެރިވެގެންނެވެ. ބޮޑެތި ފާފަތަކާ ދުރުހެލިވެގެންނެވެ. ތިބާގެ ޢުމުރު ހަމަވުމުން ނިމުނީއެވެ. ތިބާއަށް މި ލިބެނީ ސުވަރުގެއެވެ. އުޑުތަކާއި ބިމުގެ ފުޅައުކަން ލިބިގެންވާ ސުވަރުގެއެވެ. ދުނިޔޭގައި އުޅުނު ކަހަލަ ޢިމާރާތެއް ނުވަތަ ގެއެއް ނުވަތަ ފްލެޓެއް ނޫނެވެ. ތިބާއަށް މި ސުވަރުގޭގައި އެއްވެސް ކަމެއް ބަލަހައްޓާކަށް ނުޖެހޭނެއެވެ. ތިބާ އެދޭ ކޮންމެ ކަމެއް ވަގުތުން ކޮށްދޭނެ ނޯކަރުން ތިބޭނެއެވެ. އެ ނޯކަރުން ތިބާއަށް މަކަރެއް ނަހަދާނެއެވެ. މި މަތިވެރި ނިޢުމަތް ލިބުމުން އެމީހުން ދަންނަވާނެތެވެ. "لْحَمْدُ لِلَّـهِ ٱلَّذِى صَدَقَنَا وَعْدَهُ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖفَنِعْمَ أَجْرُ ٱلْعَـٰمِلِينَ [10]– حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އަޅަމެންނަށް އެކަލާނގެ ކުރެއްވި وعد ތެދުކުރެއްވި ރަސްކަލާނގެއެވެ. އަދި އަޅަމެން އެދޭ ތަނެއްގައި ސުވަރުގޭގައި ތިބުމަށް އެކަލާނގެ އަޅަމެންނަށް ސުވަރުގޭގެ ބިން ވާރުތަކުރެއްވިއެވެ. ފަހެ، ހެޔޮ عمل ކުރާމީހުންނަށް ހުރި ދަރުމައިގެ މޮޅުކަމާއެވެ!"

ސުވަރުގޭގެ ވާހަކަ ޚުޠުބާއަކުން ނުވަތަ ދީނީ ދަރްސަކުން  އަހައިލައިގެން ފުއްދާލެވޭކަށް ނެތެވެ. އެއީ އެއަށް ވުރެ މާ މުހިއްމު ތަނެކެވެ. އެއީ އަޅުގަނޑުމެންގެ އުޚްރަވީ ގޮވެއްޗެވެ. އެ ގޮވެތި  ބިނާ ކުރެވޭނީ މި ބިން މަތީގައި އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުންނެވެ. އަޅުގަނޑުމެން ބުނާ ނުވަތަ ލިޔާ ކޮންމެ ކަލިމައަކުންނެވެ. ކޮންމެ ޙަރަކާތަކުންނެވެ. ކޮންމެ ހަނުހުރުމަކާއި ބަސް ބުނުމަކުންނެވެ. ދިއްކޮށްލާ އެއްޗަކުންނާއި ނުދީ ހިފަހައްޓާ އެއްޗަކުންނެވެ. މީހުންނާ އެކު ކުރާ މުޢާމަލާތުތަކުންނާއި، ކަނޑާލައި ގުޅުންތަކުންނެވެ. ގަނެވިއްކުންތަކާއި އަޅައިލާ އަޅައިލުންތަކުންނެވެ. އިންސާނާގެ ކޮންމެ ޢަމަލެއް އާޚިރަތުގެ އެކައުންޓަށް ޖަމާވާނެއެވެ. ހެޔޮ ކަންތައްތަކުން މި އެކައުންޓް އަރަނިވަމުންދާ އިރު ނުބައި ޢަމަލުތަކުން މި އެކައުންޓް ދަރަނިވަމުން ވެސް ދާނެއެވެ.

އިންސާނާ އޭނާގެ މި ގޮވެތި ހޯދަނީ އޭނާގެ ޢަމަލުންނެވެ. ހެޔޮ ޢަމަލުތައް ގިނަކޮށްގެންނެވެ. އާޚިރަތް ދުވަހަށް އީމާންވާ މީހާއަށް އެހެން މީހެއްގެ ޙައްޤަކަށް އަރައިގަންނަން ކެރޭނެ ހެއްޔެވެ؟ އާޚިރަތް ދުވަހަށް އީމާންވާ މީހާއަށް ތިބާގެ ޙައްޤު ހޯދާން ކޯޓަށް ދާށޭ ބުނަން ކެރޭނެ ހެއްޔެވެ؟ މިއީ އާޚިރަތް ދުވަހަށް ކާފިރުވާ މީހުންގެ ސުލޫކެވެ. އެކަމަކު ތިބާއަކީ މުސްލިމެއް ހޭ އަހައިފި ނަމަ އޭނާ أعوذ بالله! أعوذ بالله! އޭ ބުނާނެތެވެ. އަހަންނަކީ އާޚިރަތް ދުވަހަށް އީމާންވާ މީހެކޭ ވެސް ބުނާނެތެވެ. ނަމަވެސް އޭނާގެ ޢަމަލުތަކުން މިކަމެއް ނުފެނެއެވެ. އޭނާގެ މުޢާމަލާތުތަކުން މި ކަމެއް ފާޅެއް ނުވެއެވެ. ކޯޓުތަކުން ގިނައިން ފެންނަނީ މަކަރާއި ޙީލަތުގެ ދަޢުވާތަކެވެ. ޙައްޤުތައް ނުލިބިގެން ކުރާ ދަޢުވާތަކެވެ. އިލާހީ ޢަދްލަށް އީމާންވާ މީހުން  ކޮބައިހެއްޔެވެ؟

ހިތަށް ބައްލަވައިވޮޑިގަތުމަކީ ކޮބާ؟

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހިތަކީ ﷲ އެއަށް ބައްލަވައިވޮޑިގަންނަވާ މަންޒަރެވެ. އެކަލާނގެ ހިތަށް ބައްލަވައި ވޮޑިގަންނަވާތީއެވެ. ޤުދްސީއްޔަ ޙަދީޘެއްގައި އައިސްފައިވަނީ "ތިމަން ރަސްކަލާނގެ ތިމަންރަސްކަލާނގެ އަޅާގެ ބުރުޞޫރަ އެތައް އަހަރަކު ރިވެތިކޮށްދެއްވީމެވެ. ފަހެ އެއަޅާ ތިމަންރަސްކަލާނގެ މަންޒަރު ގަޑިއެއްހާ އިރަށް ވިޔަސް ރިވެތިކޮށް ނުދެނީ ކީއްވެ ހެއްޔެވެ؟" މި ބަސްފުޅުގެ މާނައަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ އަޅާގެ ބުރުޞޫރައާއި ހަށިގަނޑުގެ ބައްޓަމާއި އޭނާގެ ގެދޮރާއި އޭނާގެ ފޭރާމާއި އޭނާގެ ސަވާރީއާއި އޭނާގެ ވެށި ހައްދަވާފައިވަނީ ރިވެތި ޞޫރާގައި އޭނާއާ އެންމެ އެކަށީގެންވާ ގޮތުގައެވެ. މާތްﷲ ތިބާގެ މަންޒަރު މި ގޮތަށް ރިވެތިކޮށް ދެއްވާފައިވާތީ ތިބާ އެކަލާނގެ މަންޒަރު ރިވެތި ކުރާށެވެ. އެކަލާނގެ ބައްލަވައި ވޮޑިގަންނަވަނީ ހިތަށް ކަމުގައި ވާތީ އެކަލާނގެ މަންޒަރަކީ ހިތެވެ. ﷲ ބައްލަވައި ވޮޑިގަންނަވަނީ އަޅުގަނޑުމެންގެ ހިތުގައި ވާ އެއްޗެއްސަށެވެ. އެ ހިތުގައި އެއްވެސް މީހަކަށް ނުނިޔަތް ލުމެއް ވޭތޯއެވެ؟ އެ ހިތުގައި އެއްވެސް މީހަކަށް ނީހައެއް އޮތްތޯއެވެ؟ އެ ހިތުގައި އެއްވެސް ކަހަލަ ބޮޑާކަމެއް އޮތްތޯއެވެ؟ އެ ހިތުގައި ﷲގެ އަޅުތަކުންގެ މައްޗަށް އަނިޔާވެރިކަމެއް އޮތްތޯއެވެ؟

އެންމެ ބޮޑު ރައުސްމާލު

ދުނިޔޭގައި ތިބާއަށް ލިބިފައިވާ އެންމެ ބޮޑު ރައުސްމާލަކީ ސަލާމަތްތެރި ހިތެވެ. ތިބާގެ ހިތަކީ ސަލާމަތްތެރި ހިތެއް ކަމުގައިވާ ނަމަ ތިބާ އެ ވަނީ ﷲއާ އެކުގައެވެ. ތިބާ އެވަނީ ﷲގެ ޙަޟްރަތުގައެވެ. ކީރިތި ރަސޫލާގެ ބަސްފުޅު ވަރަށް ސާފެވެ. ﷲ އަޅުގަނޑުމެންގެ ތެރެއިން މީހެއްގެ އިސްކޮޅަކަށް، ރޫފައަކަށް ލޮލުގެ ކުލައަކަށް ،ހަމުގެ އޮމާންކަމަކަށް ، ބޮލުގެ އިސްތަށިގަނޑުގެ ފަންކަމަކަށް، ރަންކަމަކަށް ނުބައްލަވާނެތެވެ.

އެއްދުވަހަކު މާތްﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ކަދުރު ރުކަކަށް އަރައިވަޑައިގަތެވެ. ކުއްލިއަކަށް އައި ގަދަ ވައި ރޯޅިއެއްގެ ސަބަބުން އެކަލޭގެފާނުގެ ފޮށާކޮޅު މައްޗަށް އުފުލުނެވެ. އެހިނދު އެކަލޭގެފާނުގެ ފައިންޕުޅު ހާމަވެ އެ ދެ ފައިންޕުޅުގެ އަނަރޫފަކަން ބައެއް ޞަހާބީންނަށް ފެނިވަޑައިގެން އެކަމާ ހިނިފުޅުވެޑުވިއެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "އިބްނު މަސްޢޫދުގެ ދެ ފައިންޕުޅު ހިކިކަމުން ތިޔަބައިމީހުން އަޖައިބުވަނީ ހެއްޔެވެ؟ މާތްﷲ ގަންދީ ޙަދީޘް ކުރައްވަމެވެ.ޤިޔާމަތް ދުވަހުން އެ ދެ ފައިންޕުޅު ﷲގެ މީޒާނުގައި އުޙުދު ފަރުބަދައަށް ވުރެ ބަރުވާނެއެވެ."

ތިޔަބޭފުޅުންނަށް ޚާލިދު ބުނުލް ވަލީދު ފެނިވަޑައިގަތް ނަމަ ވިދާޅުވާނީ ކީކޭބާވައެވެ! އެކަލޭގެފާނަކީ ހިތްވަރު ގަދަ ބާރުގަދަ ހުޝިޔާރުވެރި ފަހުލަވާނެކެވެ. ރަސޫލުﷲގެފާނު އެކަލޭގެފާނަށް ދެއްވާފައިވާ ލަޤަބުފުޅަކީ "ﷲގެ ކަނޑިކޮޅު" އެވެ. އެކަމަކު ޚާލިދުގެފާނަކީ ހިކި އަނަރޫފަ ބޭކަލެކެވެ. އަދި އިސްކޮޅުފުޅު ވެސް ކުރު ބޭކަލެކެވެ. ދެ ލޯފުޅު ވެސް ބޮޑެއް ނޫނެވެ. މީހުންގެ އަގު އޮންނަނީ އެމީހުންގެ ބުރުޞޫރައެއްގައެއް ނޫނެވެ. އެހެނަސް އެމީހެއްގެ އީމަންކަމާއި ޢިލްމާއި އަޚްލާޤުގެ މަތީގައެވެ. އެ މީހަކު ތެދު މަގުގައި ދެމި ހުންނަ ހުރުމުގެ މަތީގައެވެ. މާތްﷲ ތިޔަބައިމީހުންގެ ބުރުޞޫރައަކަށް ބައްލަވައި ވޮޑި ނުގަންނަވަތެވެ. މިއީ ﷲ ދެއްވާ އެއްޗެކެވެ. ތިބާއާ ތިބާގެ ހަށިގަނޑުގެ ބައްޓަމާ ގުޅުމެއް ނެތެވެ. އެއިން ތިބާއަށް އެއްވެސް މޮޅުކަމެއް ނެތެވެ. އަބޫ ލަހަބަކީ ކީރިތި ރަސޫލާ ﷺގެ ބޮޑުބޭބެއެއް ނޫންތޯއެވެ. އެކަމަކު މާތް ﷲ އޭނާއާ ބެހޭ ގޮތުން ވަޙީ ކުރައްވަނީ "تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ [11]– أبو لهب ގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ." މިއާ ޚިލާފަށް ފާރިސްކަރައިގެ ބޭކަލެއް ކަމުގައިވާ ސަލްމާނުލް ފާރިސީއާ ބެހޭގޮތުން ޙަދީޘް ކުރެއްވީ "سَلْمَانُ مِنَّا أَهْلَ الْبَيْتِ[12]– ސަލްމާނުގެފާނަކީ ތިމަންކަލޭގެފާނުގެ އަހްލު ބައިތުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ." ސަލްމާނުގެފާނަށް މި ޝަރަފު ލިބިވަޑައިގަތީ އެކަލޭގެފާނުގެ ހިތްޕުޅުގެ ސާފުކަމާއި ނަޒާހަތްތެރިކަމުންނެވެ. މުއްސަނދިކަމަކުން ނޫނެވެ. އެކަލޭގެފާނުގެ ޖާހުގެ ސަބަބަކުން ނޫނެވެ. ހަމަ އެ ފަދައިން ރޯމް މީހެއްގެ ގޮތުގައި މައްކާގައި އުޅުއްވައި އިސްލާންވެ ވަޑައިގެން ޞުހަބުގެފާނާ ބެހޭ ގޮތުން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވީ ކީކޭތޯއެވެ؟ ޙަދީޘް ކުރެއްވީ "نِعْمَ الْعَبْدُ صُهَيْبٌ [13] – ޞުހައިބުގެފާނު އަޅާ ކަމަށް ވުމުގައި ހުރި ފުރިހަމަ ކަމާއެވެ!" ކީރިތި ރަސޫލާ މި ގޮތަށް ޞުހައިބުގެފާނަށް ތާރީފު ކުރެއްވީ ކީއްވެގެންތޯއެވެ. އެކަލޭގެފާނު މަދީނާއަށް ހިޖްރަކުރައްވަން ވެގެން މައްކާއިން ނުކުމެވަޑައިގަންނަވަން އުޅުއްވުމުން ޤުރައިޝުން އެކަމަށް ހުރަސްއެޅިއެވެ. ތިމަންކަލޭގެފާނުގެ ހުރިހާ މުދާތަކެއް ތިޔަބައިމީހުންނަށް ދެއްވައިފި ނަމަ ދޫކޮށްލާނަންތޯ ވިދާޅުވިއެވެ.

އެކަލޭގެފާނު ހިޖްރަ ކުރެއްވީ އެ ކަލޭގެފާނުގެ ހުރިހާ މުދަލެއް ޤުރައިޝުންނަށް ދެއްވައިފައެވެ. މިހެންވެ ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވީ "رَبِحَ صُهَيْبٌ، رَبِحَ صُهَيْبٌ[14]– ޞުހައިބު ވިޔަފާރިން ފައިދާ ހޯއްދަވައިފިއެވެ. ޞުހައިބު ވިޔަފާރިން ފައިދާ ހޯއްދަވައިފިއެވެ." ﷲ ބައްލަވައި ވޮޑިގަންނަވަނީ މުދަލަކަށް ނޫނެވެ. މީހާގެ ޞާލިޙު ޢަމަލަށެވެ. ހިތަށެވެ. އީމާންކަމަށެވެ.

 

[1] – رواه مسلم والطبرانى وابن ماجه وابن حبان

[2] – سورة الشعراء : الآية:88

[3] – سورة البينة الآية: 8

[4] – އޮކްޓިލިޔަނަކީ އެކެއްގެ ކަނާތްފަރާތުގައި 28 ސުން އޮންނަ ޢަދަދެވެ.

[5] – سورة الزمر : 15

[6] – سورة الأنعام : 44

[7] – سورة ق الآية:35

[8] – سورة الحاقة الآيات : 21-24

[9] – سورة الانشقاق الآية: 6

[10] – سورة الزمر الآية:74

[11]  – سورة المسد الآية :1

[12] –  رواه الطبرانى وابن أبى شيبة

[13]  –  جامع الأحاديث  ، مسند عمر بن الخطاب : 28 / 491

[14]  – رواه ابن حبان وأحمد

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *