ދުނިޔޭގެ ސިލްސިލާއިން ހުޅުވާލި ބާބެކޭމީ
މިނިވަންކަމާއެކީއޮތް އަހަރެންގެ ޙައްޤެކޭމީ
ނުބައެއްގެ ވިސްނުމެއް ނެތް، ފިކުރެއްގެ ރިވެތި ކުލައިން
ލިބިފައިވި އިޚްތިޔާރުން ކުރަހާލި ޗާޓެކޭމީ
މަގަތުން ހިނގާ ޒަމާނާ ޙާލަތުގެ ކުރިމަތީގައި
ތަޤުދީރު ކުޅުވި ފިލްމުން ލިބިފައިވި ރޯލެކޭމީ
ޚިދުމަތުގެ ދަންފަޅިން އައި މި ނަސީބު އަތުހިފީމާ
އުދުހެން ލިބުނު ވަރައިގައި ފެށިފައިވި ދަތުރެކޭމީ
ކަމުދާނެހެން ގެނެސްދިން، ފުރުސަތުތަކާއެކީގައި
އުމުރެއްގެ އުނގުތެރޭގައި ކަނޑައެޅުނު ދައުރެކޭމީ
އިންތަކުގެ ރީތި ހަމަޔާ، އެކަށޭނަވީ އުސޫލުން
ހިންމަތުގެ ކަމަރުބަނދެގެން ކުރެވޭ ޖިހާދެކޭމީ
ބާޒީގެ ކުރިމަތީގާ ފަސްމަންޒަރަށް އޮބާ ގޮސް
މާޒީގެ ފުސް ޚިޔާލަށް ގެއްލޭނެ މީހެކޭމީ
ދަނޑިވަޅު ކިތަންމެ ކުޑަޔަސް ނަޞްލެއްގެ ވާފަށާގުޅި
ކަނޑައެޅުނު ވަކި ބަހާއެއް އުފުލާލި ރަމްޒެކޭމީ