...

Support Us

ސޮބާ ސްޓޫޑިއޯގައި ކީރިތި ޤުރުއާން ރެކޯޑް ކުރުމުގެ މަސައްކަތް އަބްދުއްރަޝީދު (ވ) ކުރަނީ. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު 

ލޯފަން މީހަކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން އެއްކޮށް ރެކޯޑްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން އެއްކޮށް ރެކޯޑްކޮށްފިއެވެ. ކީރިތި ޤުރުއާން އެއްކޮށް ރެކޯޑްކުރީ ލޯފަން ހާފިޒެއް ކަމުގައިވާ، ށ. ފޭދުއަށް އުފަން އަބްދުއްރަޝީދެވެ.

އެކި ރާގުރާގަށް ކީރިތި ޤުރުއާން ކިޔެވުމާއި ބަންގި ގޮވުމުގެ ހުނަރު ލިބިފައިވާ އަބްދުއްރަޝީދު ބުނީ އެ މަސައްކަތަކީ އޭނާ ބައިވެރިވާ "ބްލައިންޑް އެންޑް ވިސުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް" ނުވަތަ "ލޯފަން މީހުންގެ ޖަމިއްޔާ"ގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

"ކީރިތި ޤުރުއާން ކުރިއެރުވުމަށް އަޅުގަނޑުގެ ހިތުގައި އޮންނަ އަޒުމާއި ލޯބީގެ ދަށުން އަޅުގަނޑުގެ ގާބިލްކަން ހުރި މިންވަރަކުން މިކަން ކުރުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ގެންދާ ކަންތައްތަކުގެ ތެރެއިން ކަމެއް މިއީ،" ފޭދޫ މިސްކިތުގެ އިމާމަކަށް މަސައްކަތްކުރާ އަބްދުއްރަޝީދު، 52، ބުންޏެވެ. "މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެއްސެއްގެ އަޑުން އެއްކޮށް ޤުރުއާން ރެކޯޑުވެފައި ނެތުމާއެކު މި ކަމަށް މަގުހުޅުވައިލުން. އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑަށްވުރެ މިކަމުގައި އިލްމީ ގޮތުން ފުންނާބު އުސް، ގާބިލް ބޭފުޅުން މިކަމުގައި ކުރިއަރައިވަޑައިގަތުމަށްޓަކައި ނުކުމެވަޑައިގަތުން. ދިވެހީންގެ، ފިރިހެން އަދި އަންހެން ގާރީވެރިންގެ އަޑުފުޅުތަކުން ރީތި ގުރުއާންތަކެއް، ޚަތިމްތަކެއް މުޖުތަމައަށް ނެރެދިނުން."

އޭނާ ފާހަގަކުރާ ގޮތުން މި ރެކޯޑިންގެ ސަބަބުން، ކީރިތި ޤުރުއާން ހިތުދަސްކުރަން ބޭނުންވާ ލޯފަން ކުދީންނަށް ވެސް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ކީރިތި ޤުރުއާން ރެކޯޑް ކުރުމުގެ މަސައްކަތް އަބްދުއްރަޝީދު ކުރަނީ. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

"ވާ ގޮތަކީ ބޭރުގެ އިންޓަނޭޝަނަލް ފެންވަރުގެ ރެކޯޑިންތަކުގައި އެ ހުންނަ ކިޔެވުންތަކުގައި ހިތުދަސްކުރާ ކުދިންނަށް އެކަށޭނަ ފެންވަރަށް އަކުރު ސާފުނުވުމުގެ މައްސަލަ އުޅޭތީ، ހިތުދަސްކުރާ ކުދިންނަށް ވެސް ފަސޭހައިން ދެނެގަނެވޭ ގޮތަށް އަކުރުތައް ސާފުވާ ގޮތަށް ރެކޯޑިންއެއް މި ހަދަނީ. ޚާއްސަކޮށް ލޯފަން ކުދިންނަށް ވެސް ކީރިތި ޤުރުއާން ހިތުދަސްކުރަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ މި ކަމުގެ ސަބަބުން."

"ލޯފަން މީހުންގެ ޖަމިއްޔާ"ގެ ފަރާތުން މި މަސައްކަތް ފަށައިގަތީ 2020 ޑިސެމްބަރުގައެވެ. އެ ފަހަރު މާލެ އައިސް ހޭދަކުރި އެއް މަސް ދުވަހުގެ ތެރޭގައި 28 ފޮތް ރެކޯޑު ކުރެވުނު ކަމަށާއި ނަމަވެސް އެއްވެސް އަރާމެއްނެތި، އެއްފަހަރާ ރެކޯޑްކުރަން ޖެހުމުން އަޑު ހަލާކުވެގެން ރެކޯޑިން މެދުކެނޑުނީ ކަމަށް އަބްދުއްރަޝީދު ބުންޏެވެ.

"ބޭރު ތަންތަނުގައި މިކަން ކުރާ ގޮތަކީ، ފޮތެއް ރެކޯޑްކޮށްފިއްޔާ މަދުވެގެން ނުވަ ގަޑިއިރު ނިދާ ކަމަށް ވަނީ އެ ގާރީވެރިއަކު. ކެއުމާއި ނިދުން ވެސް ވަކި ގޮތަކަށް ބަހައްޓައިގެން މިކަން ކުރަނީ. ވަރަށް ވަގުތު ނަގައިގެން ކުރެވޭ ކަމެއް މިއީ. އަޅުގަނޑުމެން 30 ދުވަހުގެ ތެރޭގައި ގުޅަޔަކަށް މިކަން ކުރީ ވަރަށް ބާރުމިނެއްގައި. އެކަމުގެ ސަބަބުން އަޅުގަނޑުގެ އަޑު ދިޔައީ. އެހެންވެ ރެކޯޑިން ހުއްޓުމުގެ ސަބަބުން ދެ ފޮތް ރެކޯޑްނުކުރެވުނު އެފަހަރަކު،" ޓީވީއެމުން ގެނެސްދިން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި- 2014″ގެ ފަޚުރު ހޯދައިފައިވާ އަބްދުއްރަޝީދު ބުންޏެވެ." ދެން އަނެއް ދެ ފޮތް ރެކޯޑްކޮށްލީ މިދިޔަ ޖަނަވަރީތެރޭގައި އަނެއްކާ ވެސް މާލެ އައިސް."

ކީރިތި ގުރުއާނުގެ 30 ފޮތުގައި ހިމެނޭ 114 ސޫރަތް ރެކޯޑްކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު މިހާރު ކުރަމުން ދަނީ ކުށްފިލުވުމުގެ މަސައްކަތާއި އެޑިޓްކުރުމުގެ މަސައްކަތެވެ.

ކީރިތި ޤުރުއާން ރެކޯޑް ކުރުމުގެ މަސައްކަތް އަބްދުއްރަޝީދު ކުރަނީ. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

"އެކިއެކި ފޮތްތައް އަޑުއަހައި ފާސްކޮށް، ޟައީފު އަޑުތަކާއި އިތުރަށް މިސްޓޭކެއް އޮތިއްޔާ އެކަން ރަނގަޅުކުރުމާއި އަކުރެއްގެ ސިފަ ގެއްލިފައި އޮތިއްޔާ އެކަން ފާޅުވާ ގޮތަށް ރަނގަޅުކުރުމާއި އިތުރު އަޑެއް ހުރިއްޔާ އެބައި އެޑިޓްކުރުމުގެ މަސައްކަތް މި ކުރަނީ މިހާރު."

އަބްދުއްރަޝީދު ބުނީ މި ރެކޯޑިންގައި އޭނާ ކިޔަވައިފައި ވާނީ ދުނިޔޭގެ މަޝްހޫރު ގާރީން ކިޔަވައިފައިވާ އެކި ރާގުތަކަށް ކަމަށެވެ.

ވަރަށް ގިނަ ރާގުތަކަށް، ވަރަށް ގިނަ ވަތީލަތްތަކުގައި، ވަރަށް ގިނަ ލެވެލްތަކުގައި، ހައިކޮށް، ލޯކޮށް، މެދުމިނުގައި ތަފާތު ގޮތްގޮތަށް ތަފާތު ސްޕީޑުގައި މީގައި ކިޔަވައިފައި ހުންނާނެ. ވަކި އެއް ރާގަކަށް ނޫން ހުންނާނީ. -އަބްދުއްރަޝީދު

މި ޕްރޮޖެކްޓުގެ ވިލަރެސްވެރިއެއްގެ ގޮތުން މަސައްކަތްކުރާ "ލޯފަން މީހުންގެ ޖަމިއްޔާ"ގެ ނައިބު ރައީސް ހުސެއިން ޝަރީފު ބުނީ މިއީ އެ ޖަމިއްޔާއިން ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށާއި ކީރިތި ޤުރުއާން ރެކޯޑްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކި ފަރާތްތަކުގެ ދީލަތި އެހީ ލިބިގެން ކަމަށެވެ.

"ލޯފަން މީހުންގެ ޖަމިއްޔާ"ގެ ނައިބު ރައީސް ހުސެއިން ޝަރީފު -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

"އަޅުގަނޑުމެންގެ ކުދިން (ލޯފަން ކުދީން) ޤުރުއާން ކިޔަވަނީވެސް ދަސްކުރަނީ ވެސް އަޑު އަހައިގެން. އެހެންވެ އަޑު އެހުމަށް ވަރަށް ބޮޑަށް ޑިޕެންޑްވާނެ. ވަރަށް ފެންވަރު ރަނގަޅު ގާރީންގެ ވެސް ރެކޯޑިންގ ހެދިފައި ހުރި ގޮތުން ނުވަތަ މިސްކިތްތަކުން ނެގިފައި ހުރި އޯޑިއޯތައް ހުންނަ ގޮތުން އެންމެ އަކުރެއް އެންމެ ފިއްޔެއްވެސް ޝައްކެއްވާ މިންވަރަށް ހުރިއްޔާ ނުބައިކޮށް ދަސްކުރެވިދާނެ. ކިޔަވާ ކުދިންގެ ފަރާތުން ވެސް އެކަހަލަ ކަންކަން އަޅުގަނޑުމެނަށް ފާހަގަކުރެވިފައި ހުރީ. އެހެންވެ އަޅުގަނޑުމެންގެ އެއް މަގުސަދަކަށްވީ ސާފު ކިޔެވުމެއް ރެކޯޑްކުރުން. އެކަމަކު މި ދަންނަވަނީ މީގެން ވެސް އެ މައްސަލަތައް 100 ޕަސަންޓް ހައްލުވާނޭކޭ ނޫން. ނަމަވެސް ވީހާވެސް ބޮޑަކަށް އެކަން ހައްލުކޮށްދެވޭނެ،" ފ. ފީއަލީ މިސްކިތުގެ އިމާމަކަށް މަސައްކަތްކުރާ ޝަރީފު، 31، ބުންޏެވެ. އޭނާއަކީ ވެސް ލޯފަން މީހެކެވެ.

"އަނެއް މަގުސަދަކީ އަޅުގަނޑުމެން ތެރޭގައި ތިބި ހުނަރުވެރިންގެ ހުނަރުވެރިކަން މުޖުތައަމަށް ހާމަކޮށްދިނުމާއި އެންމެ އެދެވޭ ގޮތެއްގައި އެ ހުނަރުގެ ބޭނުން ހިފުން."

ޝަރީފު ބުނި ގޮތުގައި ހާފިޒު އަބްދުއްރަޝީދަކީ ދިވެހިރާއްޖޭގައި، ކީރިތި ޤުރުއާނުގެ ދާއިރާގައި ހުރި އެންމެ ފެންވަރު ރަނގަޅު އެކަކެވެ.

"އެހެންވެ އެ ބޭފުޅާގެ ހިދުމަތް އަޅުގަނޑުމެން ބޭނުންވީ ދިވެހި މުޖުތަމައަށް، އިސްލާމީ އުންމަތަށް، އަޅުގަނޑުމެންގެ ޖަމިއްޔާ މެދުވެރިކޮށް ފޯރުކޮށްދޭން،" ރެކޯޑިންގެ މަސައްކަތް ހިނގަމުންދާއިރު އަބްދުއްރަޝީދާއެކު އަބަދުވެސް ސްޓޫޑިއޯގައި އިންނަ ޝަރީފު ބުންޏެވެ.

"ލޯފަން މީހުންގެ ޖަމިއްޔާ"ގެ ނައިބު ރައީސް ހުސެއިން ޝަރީފު އަދި އަބްދުއްރަޝީދު (ވ) -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ޝަރީފު ބުނީ ކީރިތި ޤުރުއާން ރެކޯޑްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާގެ މެމްބަރުންނާއި އާންމުން ގިނަ ބައެއްގެ ދީލަތި އެހީ ލިބުނު ކަމަށެވެ.

"މިކަމުގެ އެންމެ މައިގަނޑު މަގުސަދަކީ މި ކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ދުނިޔެއާއި އާޚިރަތުގައިވެސް މަންފާކުރާނެ، ދާއިމަށް ދެމިގެންވާ ސޮދަގާތެއް އުންމަތަށް ދޫކޮށްލުން. އެހެންވެ އަޅުގަނޑުމެން ބޭނުންވީ މި ކަމުގައި ވީހާވެސް ގިނަ ބައެއްގެ ޝާމިލްވުން ހޯދަން. އެކަމަށް ހުޅުވާލުމުން މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭ ވަރަށް، އެކިއެކި ފަރާތްތަކުން އެހީތެރިކަން ވަނީ ދެއްވައިފައި."

ޝަރީފު ބުނީ ކީރިތި ޤުރުއާން ރެކޯޑްކުރުމުގެ މަސައްކަތަށް ސްޓޫޑިއެއް ކަނޑައެޅުމަށް ވަރަށް ގިނަ ސްޓޫޑިއޯތަކާ ވާހަކަ ދެކެވުނު ކަމަށާއި މިކަމުގައި ބެލީ އެކަށީގެންވާ އަގެއްގައި، އެހެނަސް ފެންވަރު ރަނގަޅުކޮށް ރެކޯޑްކޮށް، އެޑިޓްކޮށް ފައިނަލް ކުރެވޭނެ ތަނެއް ހޯދުމަށް ކަމަށެވެ. މިގޮތުން 90 ހާސް ރުފިޔާ އިން ފެށިގެން ދެ ލައްކަ ރުފިޔާއާ ހަމައަށް އަގުތަކުގެ ކޯޓޭޝަން ލިބުނު ކަމުގައި އޭނާ ބުންޏެވެ.

ރަށްރަށުގައި ހުރި ސްޓޫޑިއޯތަކުން ވެސް އަގުތައް ލިބުނު. އެކަމަކު އަޅުގަނޑުމެން ބެލީ ފަސޭހައިން އަޅުގަނޑުމެނަށް ވެސް އާދެވި، މަސައްކަތްކުރުމުގައި ބައިވެރިވެވޭނީ މާލޭގެ ސްޓޫޑިއޯއެއްގައި ރެކޯޑިން ހެދީމާ ކަމަށް. އެހެންވެ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހު ސްޓޫޑިއޯއެއް މި އިޚްތިޔާރުކުރީ. -ޝަރީފު

އަމިއްލަ ބަޔަކު، ކީރިތި ޤުރުއާން ރެކޯޑްކުރުމުގެ މަސައްކަތަކީ ރާއްޖޭގައި އަލަށް ކުރެވޭ ކަމަކަށް ވާތީ މިކަމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށް ޝަރީފު ފާހަގަކުރިއެވެ. މިގޮތުން ކުރިން ލަފާކުރި ވަރަށް ވުރެ މާ ގިނަ ވަގުތު މިކަމަށް ހޭދަކުރަން ޖެހުނު ކަމުގައި އޭނާ ބުންޏެވެ.

ޝަރީފު ބުނީ އެ ޖަމިއްޔާ އިން މަސައްކަތް ކުރަމުންދަނީ ރެކޯޑިންގެ މަސައްކަތް މި ހަފުތާތެރޭގައި އެއްކޮށް ނިމުމުން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް ފޮނުވާން ކަމަށާއި، ފައިނަލް ރެކޯޑިން ނެރޭނީ މިނިސްޓްރީން ދޭ ކޮމެންޓަށް ބަލައި، އިސްލާޙު ކުރަންޖެހޭ ކަމެއް ހުރިއްޔާ އިސްލާހުކުރުމަށްފަހު ކަމަށެވެ.

އަބްދުއްރަޝީދާއި ޝަރީފުވެސް ފާހަގަކުރި ގޮތުގައި މި ޕްރޮޖެކްޓަށް އިސްލާމިކް މިނިސްޓްރީން ވެސް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެއެވެ. މިގޮތުން، ސިވިލް ސާވިސްގައި މަސައްކަތްކުރާ އެ ދެ އިމާމުން، އެ މަސައްކަތަށް ދެ ފަހަރެއްގެ މަތީން ވީއްލައިދީފައިވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

"ފުރަތަމަ އަޅުގަނޑުމެން ރިލީޒްކުރާނީ ކީރިތި ޤުރުއާނުގެ އޯޑިއޯ. އޯޑިއޯ ޕްލޭޔަރުތަކުން އަޑުއެހޭ ގޮތަށް ސޫރަތުން ސޫރަތުން ވަކިވާ ގޮތަށް ހުންނާނީ. އެއަށްފަހު އުންމީދަކީ އިތުރު މަރުހަލާއަކަށް މީތި ދިއުން. މޯބައިލް އެޕްލިކޭޝަނެއް ވެސް ހެދުން. ބަލައިގެން ވެސް ކިޔެވޭ ގޮތަށް އެޕްލިކޭޝަން ހަދާނީ،" ޝަރީފު ބުންޏެވެ.

ސޮބާ ސްޓޫޑިއޯގައި ކީރިތި ޤުރުއާން ރެކޯޑް ކުރުމުގެ މަސައްކަތް އަބްދުއްރަޝީދު (ވ) ކުރަނީ. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން އެއްކޮށް ރެކޯޑްކުރުމުގެ މަސައްކަތް ކުރަމުންދަނީ ހުސެއިން ސޮބާހުގެ ސްޓޫޑިއޯގައެވެ. މި ކަމަށް ސޮބާހު ބަހައްޓާ ފަރުވާތެރިކަމާއި ދޭ އެހީތެރިކަން އަބްދުއްރަޝީދާއި ޝަރީފު ވެސް ވަރަށް ބޮޑަށް ފާހަގަކުރެއެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޮބާ ބުނީ މިއީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ތަފާތު އަދި އެންމެ ބުރަ މަސައްކަތް ކަމަށެވެ.

"މިއީ ސްޓޫޑިއޯ މަސައްކަތް ކުރަން ފެށިތާ 30 އަހަރުގެ ތެރޭ އެންމެ ގިނައިރު ވަންދެން، އެންމެ ބުރަކޮށް އަޅުގަނޑު ކުރި މަސައްކަތް. މިއީ ރެކޯޑެއް،" ސޮބާ ބުންޏެވެ. "މިއީ ފުރަތަމަ ހީކުރި ވަރަށްވުރެ ބޮޑު މަސައްކަތެއްކަން މަސައްކަތް ފެށީމަ އެނގިއްޖެ. ޤުރުއާނުގެ ޒާތުގައި މި ރެކޯޑިން ނެރެންޏާ އެއްވެސް ކަހަލަ މައްސަލައެއް ހުރެގެން ނުވާނެ. އެހެންވެ މި ބޭފުޅުން ބޭނުންވާ ގޮތަކަށް މި މަސައްކަތް ކުރަމުން މި ގެންދަނީ އަޅުގަނޑަށް ވެވުނު އެންމެ ރަނގަޅަކަށް، އެންމެ ގިނަ ވަގުތު ދީގެން."

ސޮބާ ސްޓޫޑިއޯގައި ކީރިތި ޤުރުއާން ރެކޯޑް ކުރުމުގެ މަސައްކަތް އަބްދުއްރަޝީދު (ވ) ކުރަނީ. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ސޮބާ ބުނީ ކީރިތި ގުރުއާނުގެ 114 ސޫރަތުގައި ހިމެނޭ 6،236 އާޔަތް ރެކޯޑްކޮށް އެޑިޓްކުރުމަށް 240 ގަޑިއިރަށްވުރެ ގިނައިރުގެ މަސައްކަތް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ.

"ރެކޯޑުކުރެވުނު 30 ފޮތުގައި ހުރި ކުށް ފިލުވުމަކީ ވެސް ވަރަށް ބުރަ މަސައްކަތެއް. ރެކޯޑިން ދިނުމުން އެ ރެކޯޑިން އެ ޖަމިއްޔާގެ ފަރާތުން އަޑުއަހައި، ކުށް ހުރި ތަންތަނުގެ މިނިޓާއި ސިކުންތާ ނޯޓުކޮށް އެ މީހުން ގެނައުމުން އެ ކަން މިހާރު މި ކުރަނީ. މިއީ ލޯފަން ބަޔަކާ ބަލައިފައި، ސަލާމަތުން ތިބި ބަޔަކަށްވުރެ މާ ރަނގަޅަށް، މާ މޮޅަށް އެ މީހުން ޗެކްކޮށް އެ ކަންތައް ކޮށްފައި ހުރީ،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ އަބްދުއްރަޝީދު ޤުރުއާން ކިޔަވައިފައި ހުރި އިރު، ހުއްޓާ ތަންތަނާއި މަޑުކޮށްލާ ތަންތަނުގައި ވެސް ވައި އަޑެއް ހުރެދާނެތީ، އެ ހުރިހާ ތަނެއް ވެސް އެޑިޓްކޮށް، ވަރަށް ފުރިހަމަ ރެކޯޑިންއެއް ހަދައިފައިވާ ކަމަށެވެ.

ސޮބާ: ކީރިތި ގުރުއާނުގެ 114 ސޫރަތުގައި ހިމެނޭ 6،236 އާޔަތް ރެކޯޑްކޮށް އެޑިޓްކުރުމަށް 240 ގަޑިއިރަށްވުރެ ގިނައިރުގެ މަސައްކަތް މިހާތަނަށް ކޮށްފައިވޭ. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

"ވަރަށް ފަސޭހައިން އަޑުއަހާލެވޭ ގޮތަކަށް މި ކަން ކުރަމުން މިދަނީ. މި ގޮތަށް މިކަން ކޮށް ނިމިއްޖެއްޔާ މި ރެކޯޑިންވާނެ ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ކޮލިޓީ އެންމެ ފުރިހަމަ އެއް ޤުރުއާން ރެކޯޑިންއަށް. ކޮލިޓީއޭ މި ދަންނަވަނީ އަޅުގަނޑުމެންގެ މަސައްކަތުން، އަޅުގަނޑުމެންނަށް އެނގިގެން މީގައި މައްސަލައެއް ނެތް ވަރަށް ރެކޯޑްކުރެވުން،" ސޮބާ ބުންޏެވެ. "މި މަސައްކަތުގައި އަޅުގަނޑު ބެލީކީ މިއަށް ދޭ އަގަކަށް ނޫން. މިއަދު މިއަށް ލިބޭ ފައިދާއަކަށް ނޫން. މީގެ އެންމެ ބޮޑު މަގުސަދަކީ މިކަހަލަ ކަމެއް ކޮށް އަޅުގަނޑުގެ ފަރާތުން ވެސް މިކަހަލަ މަސައްކަތެއް ކޮށް ދުނިޔެއަށް ނެރެދިނުން. އެއްވެސް ފޫހިކަމެއް ނެތި، ވަރަށް ކުރާ ހިތުން މި ކުރަނީ. މިތާ އިށީނުމަށްފަހު ތެދުވެގެން ނުދަން ކޮފީއެއް ބޯންވެސް. މިތާ މިގޮތަށް އެބަ އިންނަން ހަ ގަޑިއިރު ނުވަތަ އަށް ގަޑިއިރު ވަންދެން."

އަބްދުއްރަޝީދު ބުނީ ފުރަތަމަ ރެކޯޑިންއަށް 2020 ޑިސެމްބަރުގައި އޭނާ މާލެ އައުމުން، އެއް މަސް ވަންދެން ހުޅުމާލޭގައި ބަހައްޓައިދިނީ ސޮބާގެ ގެސްޓްހައުސްގައި، ހިލޭ ކަމަށާއި މި ކަމުގައި ސޮބާގެ އެހީތެރިކަމާއި ހިއްސާ ވަރަށް ބޮޑު ކަމަށެވެ."

އެއީ މިކަމުގައި ޖަމިއްޔާއަށް އެހީތެރިވެދިނުމަށާއި ވަރަށް ބޮޑު ހަރަދެއް އެ ބޭފުޅުންގެ އަތުން ސަލާމަތްކޮށްދިނުމަށް އަޅުގަނޑު ކޮށްދިން ކަމެއް،" ސޮބާ ބުންޏެވެ.

"މިއީ ނުކުޅެދުންތެރިކަން ހުންނަ ބައެއް ބައެއް ނަމަވެސް، މިއީ ވަރަށް ކެރޭ، އަޅުގަނޑުމެން ކަހަލަ އާދައިގެ މީހަކަށް އެންމެ ތަންފުކެއް ވެސް ދޫނުކުރާ ބައެއް. ފޯނާ ވެސް ކުޅޭ، ފޯނުން އެޕްތައް ވެސް ބަލާ، އަވަސް ރައިޑުން ސައިކަލް ހަމަޖައްސާލައިގެން މި ގެއަށް އައިސް، ބީ.އެމް.އެލް އިން ފައިސާ ވެސް ޓްރްނާސްފާކޮށްލާ. އަޅުގަނޑަކަށް ހަމަ އެއްވެސް ވަރަކަށް އިހުސާސެއް ނުކުރެވޭ ލޯފަން ބަޔަކާއެކު މަސައްކަތް ކުރެވޭ ކަމަކަށް. ވަރަށް މަޖާ، ނިކަން ކޫލް، ވަރަށް ކުރާ ހިތުން މަސައްކަތް ކުރާ ބައެއް. މިއީ އަޅުގަނޑަށް ވެސް ބުނަން ނޭނގޭ ކަހަލަ އިބުރަތެއް ލިބުނު ކަމެއް. -ސޮބާ

ރާއްޖޭގައި ދިވެއްސެއްގެ އަޑުން މިހާތަނަށް ކީރިތި ޤުރުއާންގެ ރެކޯޑިންއެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ދިވެހި ގާރީއެއްގެ އަޑުން ކިޔަވައިފައިވާ ކީރިތި ޤުރުއާނާއެކު ދިވެހި ތަރުޖަމާ ނެރުމުގެ މަސައްކަތް ޓީ.ވީ އެމުން ވަނީ ވަކި ވަރަކަށް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4711
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތި ކަން ބަރާބަރަށް ކުރާ ގޮތަށް ފަސްނަމާދު ވެސް ބަރާބަރަށް އަދާ ކުރާނަމަ ވަރަށްވެސް ސަޅި ވީސް..ހެޔޮ ވިސްނުން ދެއްވާށި..އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.