Support Us

ބަލާވެރިކަމުގެ މޭވާ

އައްޝައިޚު މުޙައްމަދުލް ޣަޒާލީ ވިދާޅުވާ ގޮތުގައި މަރަކީ އިންސާނާއަށް މާތް ﷲ ލައްވަވައިފައިވާ ދެ ޙަޔާތް ވަކިކޮށްދޭ އިން ކަމުގައިވާތީ ބަލާވެރިކަމަކީ ފުރަތަމަ ވުޖޫދުގެ ދަތުރު ފުރިހަމަވާ ދޮރޯށްޓެވެ.

ބަލާވެރިކަމަކީ މުއުމިނު އިންސާނާގެ އީމާންކަން އިމްތިޙާނު ކުރެއްވުމަށް ޓަކައި ލައްވަވައިފައިވާ ކަމެއް ކަމުގައިވާނަމަ، އެކަކަށް ވެސް މި ބަލާވެރިކަމުން ސަލާމަތެއް ނުވެވޭނެއެވެ. މާތް ﷲގެ އިރާދަފުޅާ އެއްގޮތަށް އެކަލާނގެ ބަލާވެރިކަން މެދުވެރި ކުރައްވަނީ ތަފާތު ސިފަސިފައިގައެވެ.

މީސްތަކުންނާ ކުރިމަތިކުރައްވާ ބަލާވެރިކަމުގައި ﷲގެ މެސެޖުތަކެއް ވެއެވެ. މި މެސެޖުތަކުން މީސްތަކުންނަށް ހޭލުންތެރިކަން ލިބެއެވެ. ﷲއީ أرحم الراحمين (އެންމެ އޯގާވަންތަ ފަރާތް)ކަން އެނގެއެވެ. ނަބީބޭކަލުންގެ ޙަޔާތްޕުޅުތަކަކީ ބަލާވެރިކަމުގެ ތަފާތު ނަމޫނާތަކެކެވެ. އެއީ އަޅުގަނޑުމެންނަށް ނަންގައިވައި ދެއްވައިފައިވާ ފިލާވަޅުތަކެކެވެ. އެއިން ޢިބްރަތް ޙާޞިލުކުރާން ޖެހޭ ފިލާވަޅުތަކެކެވެ.

އިބްނުލް ޖައުޒީ ވިދާޅުވިއެވެ. "ޤަދަރު ހިނގާ ގޮތް ދަންނަ މީހާ ސާބިތުވެ ހުންނާނެއެވެ." އޭނާ އެ ވިދާޅުވާ ސާބިތުކަމަކީ އެ ބަލާވެރިކަން ތަޙައްމުލުކުރުމުގައި ﷲގެ ބަސްފުޅުތަކާއި ރަސޫލާގެ ސުންނަތުގައި ހިފެހެއްޓުމެވެ. އިސްތިޣްފާރު ކުރުމާއި ކެތްތެރިވުމާއި ﷲގެ ޙަޟްރަތަށް މަޑުމޮޅިކަމާއެކު ދުޢާ ކުރުމެވެ. މި ސާބިތުކަމުގެ ސަބަބުން އޭނާއަށް ލިބޭ މޭވާތަކެއް ވެއެވެ. އޭގެތެރޭގައި މި އަންނަ ކަންތައްތައް ފާހަގަ ކުރެވެއެވެ.

  • ބަލާވެރިކަމުގެ މޭވާތަކުގެތެރޭގައި ރަނގަޅު މީހުންނާއި ނުބައި މީހުން ވަކިކުރެއްވުން: މާތް ﷲ ވަޙީ ކުރެއްވިއެވެ. (مَّا كَانَ ٱللَّـهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ [1]– ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާނދެން، اللَّه ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: مؤمنންނާއި منافقން އެކުވެ އުޅުމުގެ މައްޗަށް) مؤمنން ދުލެއް ނުކުރައްވާނެތެވެ.) ކީރިތި ރަސޫލާ ﷺ ގެ ސީރަތުން މިފަދަ އެތައް ޙާދިސާތަކެއް ވަނީ ފެނިފައެވެ. ފަސްވަނަ ސަފުގެ މީހުންގެ ނުރައްކާތެރިކަން ވަނީ އަންގަވައި ދެއްވައިފައެވެ. އުޙުދު ހަނގުރާމައާއި އިފްކުގެ ޙަދިސާއާއި ތަބޫކު ހަނގުރާމަ ފަދަ ޙާދިސާތަކަކީ އޭރުގެ އިސްލާމީ މުޖްތަމަޢުގައި އުޅުނު މުނާފިޤުންނާއި ޙަޤީޤީ މުސްލިމުން ވަކިވެގެންދިޔަ ޙާދިސާތަކެކެވެ.
  • ބަލާވެރިކަމުގެ މޭވާތަކުގެ ތެރޭގައި މީސްތަކުންގެ ހިއްމަތްތެރިކަމާއި ދިރިއުޅުމަށް ކުރާ މަސައްކަތުގެ ޙަޤީޤަތް ހާމަވުން ވެއެވެ. އަލްޙަސަނުލް ބަޞްރީ ވިދާޅުވިއެވެ. "ދުޅަހެޔޮކަމުގައި މީސްތަކުން ތިބޭނީ ވަންހަނާ ކަމެއްގައެވެ. އެމީހުންނަށް ބަލާއެއް ކުރިމަތިވެއްޖެނަމަ އެމީހުންގެ ޙަޤީޤަތް ފާޅުވެދެއެވެ."
  • ބަލާގެ މޭވާތަކުގެ ތެރޭގައި ﷲގެ ޙަޞްރަތަށް މީސްތަކުން ރުޖޫޢަކުރެއްވުން ވެއެވެ. އެއީ އިނާބަތްތެރިކަމެވެ. ޣަފްލަތްތެރިކަމާއި ޝަހްވަތްތަކުގެ ކަސްތޮޅުތަކުން މީހާ މިންޖުވަނީ އޭނާއާ ބަލާވެރިކަމެއް ކުރިމަތިވުމުންނެވެ. ﷲގެ ޙަޟްރަތަށް ރުޖުޢޫވުމުގައި މީސްތަކުންގެ ދަރަޖަ ތަފާތުވިޔަސް ބަލާވެރިކަމުގެ އަސަރު އެންމެތަކުންނަށް ވެސް ފޯރައެވެ. ބަލާވެރިކަމެއް ކުރިމަތިވުމުން ﷲގެ ޙަޟްރަތަށް ދެ އަތް އުފުލާލެވެއެވެ. އިޚްތިޔާރުގައްޔާއި ބޭއިޚްތިޔާރުގައެވެ. ﷲގެ ޙަޟްރަތަށް އިނާބަތުވުމުގެ ސަބަބުން އިންސާނާއަށް އޭނާގެ ނިކަމެތިކަމާއި ޙީލަތް މަދުކަން ވެސް އެނގެއެވެ.
  • ބަލާވެރިކަމުގެ ސަބަބުން ދޭދޭ ފަރްދުންގެ މެދުގައްޔާއި ޢާއިލާތަކުގެ މެދުގައްޔާއި މުޖްތަމަޢުގެ ފަރްދުންގެ މެދުގައި އެއްބަނޑު އެއްބަފައިކަމާއި ހެޔޮ ކަންތައް ކުރުމުގައި އެއްބާރުލުން އިތުރުވެގެން ދެއެވެ. މުސްލިމުންގެ މެދުގައި މި ގުޅުން ވަކިން ބޮޑުވާން ޖެހޭނެއެވެ.
  • ބަލާވެރިކަމުގެ މޭވާތަކުގެ ތެރޭގައި އެއީ މާތް ﷲ މީސްތަކުން އިމްތިޙާނު ކުރެއްވުމަށް ޓަކައި ކުރިމަތި ކުރައްވާ ކަމެއްކަން ޤަބޫލުކުރުން ވެއެވެ. އެހެން ކަމުން އެއީ މުސްލިމުންގެ ޢަޤީދާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (مَثَلُ المُؤْمِنِ كَمَثَلِ خامَةِ الزَّرْعِ يَفِيءُ ورَقُهُ مِن حَيْثُ أتَتْها الرِّيحُ تُكَفِّئُها، فإذا سَكَنَتِ اعْتَدَلَتْ،وكَذلك المُؤْمِنُ يُكَفَّأُ بالبَلاءِ، ومَثَلُ الكافِرِ كَمَثَلِ الأرْزَةِ صَمّاءَ مُعْتَدِلَةً حتّى يَقْصِمَها اللَّهُ إذا شاءَ[2]– މުއުމިނާގެ މިސާލީ ޅަނދޮޅު ގަހެއްގެ މިސާލެވެ. ވައިޖެހޭ ދިމާއަކަށް އެ ގަހުގެ ފަތްތައް ލެނބެއެވެ. ފަހެ ވައި މަޑުވެއްޖެނަމަ އެ ގަސް އަލުން ތެދުވެދާނެއެވެ. ބަލާވެރިކަން ކުރިމަތިވާއިރު މުއުމިނާއަކީ ވެސް އެފަދަ މީހެކެވެ. ކާފިރުގެ މިސާލީ ވަރުގަދަކޮށް ތެދަށް ހެދިފައި ހުރި ގަހެއްގެ މިސާލެވެ. ﷲ އިރާދަކުރައްވައިފިނަމަ އެ ގަސް އުފުރިގެން ހިނގައިދާނެއެވެ.) މި ބަސްފުޅުން އެނގެނީ މުސްލިމުންނަކީ ﷲގެ ޤަޟާ ޤަދަރަށް އީމާންވާ ބައެއް ކަމެވެ. އެ މީހުން ﷲގެ މިންވަރުފުޅަށް ކެތްތެރިވަނީ ﷲ ދަރުމައަށާއި ރުއްސެވުމަށް އެދިއެވެ. މުސްލިމުން ބަލާވެރިކަމުގެ ޙާލަތްތަކުގައި ކަންބޮޑުވެ ހާހެއްނުވާނެތެވެ. މާތް ﷲ އޭނާއާ ބަލާވެރިކަން ކުރިމަތި ކުރެއްވީ ޤިޔާމަތް ދުވަހު އޭނާގެ ދަރަޖަ މަތިވެރިކޮށް ދެއްވުމަށްކަން އޭނާ ޤަބޫލު ކުރެއެވެ. ކުރިމަތިވާ މުޞީބާތްތަކާއެކު އޭނާ ދިރިއުޅުން ކުރިއަށް ގެންދާނެއެވެ.
  • ކޮރޯނާ ވަބާ ފަދަ ވަބާތަކަކީ "އިންސާނިއްޔަތުގެ ދުޝްމަނެ"ކެވެ. ވިސްނުމެއް ނެތް ކުޑަކުޑަ ވައިރަހެއް ދުޝްމަނަކަށް ވާއިރު ވިސްނުން ލިބިގެންވާ އިންސާނުން ދުނިޔޭގެ އެތަންމިތާނގައި ކުރަމުންދާ ހަނގުރާމަތަކާއި ރާވާ ސިޔާސީ މުއާމަރާތަކުގެ ސަބަބުން ވިއްސިވިހާލިވެ ސަހަރާގައި ފޭލިގެތަކުގައި އުޅެންޖެހިފައިވާ މީހުންނާ ކުރިމަތިވެފައިވާ ދުޝްމަނުކަމާމެދު ބުނާނީ ކީކޭ ހެއްޔެވެ؟

[1]  – آل عمران : 179

[2]  – أخرجه البخاري (٧٤٦٦) واللفظ له، ومسلم (٢٨٠٩)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *