Support Us

މަހަލްދީބުގެ ޝަކުވާ

ދިރުން ހުރި ހިތެއް މޭތެރޭގައި ނެތީހޭ
ބިރުން ވިރި އަޒުމު ކަންފުޅެއް ވެސް ނެތީހޭ

ތިމާމެންގެ ދީނާ ބަހާ ތަރިކަ މުދަލާ
ދިމާއަށް އެތިބަ ލޫޓުވާތަން ފެނޭހޭ

ދެހާޖީންނަކާ ދަންޑެހެލަކާ ގޮވައިގެން
ޖިހާދެއް އެކުރި މޮޅު ހަނދާން އަދު ނުވޭހޭ

ޖަހާލެއްވި ސީދާ އެ ލޮންސީގެ ތޫނުން
ފަހާލެއްވި ގޮތް ދުޝްމިނުން ނޭނގެނީހޭ

ދެކޭށޭ ވަޔާ ވިހުރިލާ ރަމްޒު ގައުމީ
ކެކޭ ލޭގެ ހޫނެއް ކަށީގައި ނުވޭހޭ

ކުރިން ހެދުނު ގޯހެއް ފަހުން ވިސްނުނީމާ
އަލުން ހެޔޮމަގެއް ދެން ހިފަން ނޭނގެނީހޭ

ދަރީންނޭ ދަރީންނޭ މަގޭ ހެޔޮ ދަރީންނޭ
ޙަރީމަށް މަގޭ ޙުރުމަތެއް އަދު ނުވޭހޭ

ނުވާނޭ ތިހެން އަތްއުރައިގެން ތިބޭކަށް
ޒުވާންކަމުގެ ފުރުޞަތު ބޮލާލާ ޖެހީހޭ

ހެވެއް ދުޝްމިނުންހޭ ކަލޭނޭ އެދޭނޭ
ލެއެއް ދިވެހި ގައުމީ ދަރިންގައި ނެތީހޭ

ރުކުންތައް ވެފުރިހަމަ ޝަރުޠުތައް ވެފައި ހަމަ
ހުކުމްދާރު ދީބެއް ނެރޭކަށް ނުވޭހޭ

ނިދޭކަށް ނެތޭ ފައިދަމާ ތަންމަތީގައި
މިދޭހަށް ފޮނުއްވެވި ސަބަބު ފަހެ އެނގޭހޭ

ދަމާ ފޫގަޅާ ތެދުވަމާހޭ އަމާޒަށް
ޒަމާނުގެ މުލައްދަނޑިތަކަށް ވިންދު ވޭހޭ

ކުރާށޭ ނަދުރު ނަފުސު ގައުމަށް ދަރީންނޭ
ފުރާނައިގެ އަގު ހޯދުމަށް ނޭދެނީހޭ

އަމޭ ދެން ބުނާށޭ ލެޔާ ކަށި މަހާ ވެސް
ނަމޭ ދިވެހި، ދިވެހީން އެދޭނީ ދޮގެއްހޭ

ލޮލުން ކަރުނަ ފާއްދައި ނުލާނަމަ މިހާލުން
ބޮލުން އޭގެ ޒިންމާ އަދާ އެބަ ކުރޭހޭ

މަގޭ އުމުރުގައި ދެން ނެތޭ ގިނަ ޒަމާނެއް
މަގޭ ކުރި މި ޝަކުވާ ހިތަށް ޞުލްޙަ ވޭހޭ

ކިޔަން ހާދަ ބައިތެއް މިޅެމުގައި އެބޯތޭ
ލިޔަން މިވަރު އެހެނަސް ފުދޭވަރު ނުވޭހޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *