Support Us

ﷲ ތައާލާގެ އިސްމުފުޅުތަކަށް ވަކި ޢަދަދެއް ވޭތަ؟

ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅެއްގައި ވެއެވެ. ((إنَّ للهِ تسعةً وتسعينَ اسمًا ، مَن أحْصاها دخَلَ الجَنَّةَ [1]– ހަމަކަށަވަރުން ﷲއަށް އޮނަސައްތަ އިސްމުފުޅު ލިބިވޮޑިގެން ވެއެވެ. އެ ނަންފުޅުތައް ގުނާ ޢަދަދުކޮށް ދަސްކުރި މިހާ ސުވަރުގެ ވަންނާނެތެވެ."

މި ޙަދީސްފުޅުން އެނގޭ ގޮތުގައި ﷲގެ ރިވެތި އިސްމުފުޅުތަކުގެ ޢަދަދަކީ އޮންސައްތައެވެ. އެހެންނަމަވެސް ޢިލްމުވެރީންގެ ބަސްފުޅުތައް މި ކަމުގައި ވަރަށް ތަފާތެވެ. މި ކަން މި އަންނަ ޙަދީސުން އެނގެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ما أصاب أحدًا قطُّ همٌّ ولا حَزَنٌ فقال اللهمَّ إني عبدُك ابنُ عبدِك ابنُ أمَتِك ناصيَتي بيدِك ماضٍ فيَّ حُكمُك عَدْلٌ فيَّ قضاؤُك أسألُك بكلِّ اسمٍ هو لك سميتَ به نفسَك أوْ علَّمْتَه أحدًا مِنْ خلقِك أو أنزلته في كتابِك أو استأثرتَ به في علمِ الغيبِ عندَك أنْ تجعلَ القرآنَ ربيعَ قلبي ونورَ صدري وجلاءَ حُزني وذهابَ هَمِّي إلا أذهب اللهُ همَّه وحُزْنَه وأبدله مكانه فَرَجًا قال: فقيل: يا رسولَ اللهِ ألا نتعلمُها فقال: بلى ينبغي لِمَنْ سمِعها أنْ يتعلمَها [2]– މީހަކަށް ކަމެއް ބޮޑުވެއްޖެނަމަ ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ اللهمَّ إني عبدُك ابنُ عبدِك ابنُ أمَتِك ناصيَتي بيدِك ماضٍ فيَّ حُكمُك عَدْلٌ فيَّ قضاؤُك أسألُك بكلِّ اسمٍ هو لك سميتَ به نفسَك أوْ علَّمْتَه أحدًا مِنْ خلقِك أو أنزلته في كتابِك أو استأثرتَ به في علمِ الغيبِ عندَك أنْ تجعلَ القرآنَ ربيعَ قلبي ونورَ صدري وجلاءَ حُزني وذهابَ هَمِّي- މި ފަދައިން ކިޔާ ދުޢާކޮށްފިނަމަ އެ ކަންބޮޑުވުމެއް ނުވަތަ އެ ހިތާމައެއް ﷲ ނުފިއްލަވާ ކަންބޮޑުވުމެއް ނުވަތަ ހިތާމައެއް ނުވެއެވެ.)) މި ދުޢާގެ މާނައަކީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މި އަޅާއަކީ އިބަރަސްކަލާނގެ އަޅަކީމުއެވެ. އިބަރަސްކަލާނގެ އަޅު ފިރިހެނާގެ ދަރިއަކީމުއެވެ. އިބަރަސްކަލާނގެ އަޅު އަންހެނާގެ ދަރިއަކީމުއެވެ. މި އަޅާގެ ނިތްގަނޑު އިބަރަސްކަލާނގެ ޔަދުޤުދްރަތްފުޅުގެ ދަށުގައި ވެއެވެ. އިބަރަސްކަލާނގެ މިންވަރުފުޅު މި އަޅާގެ މައްޗަށް ހިނގަމުން ދެއެވެ. އިބަރަސްކަލާނގެ ނިޔާ މި އަޅާގެ މައްޗަށް އިންސާފުވެރިވެގެން ވެއެވެ. އިބަރަސްކަލާނގެއަށް މިލްކުވެގެންވާ އިބަރަސްކަލާނގެ ޒާތުފުޅަށް އެއިން ނަންފުޅަކުން ނަންދެއްވައިފައިވާ ކޮންމެ އިސްމުފުޅަކުން ނުވަތަ އިބަރަސްކަލާނގެ ޚަލްޤުތަކުން ކުރެ ޚަލްޤަކަށް އުނގަންނާ ދެއްވައިފައިވާ ކޮންމެ އިސްމުފުޅަކުން ނުވަތަ އިބަރަސްކަލާނގެ ފޮތުގައި ބާވައިލައްވައިފައިވާ ކޮންމެ އިސްމުފުޅަކުން ނުވަތަ އިބަރަސްކަލާނގެ ޣައިބުގައި ވަންހަނާކުރައްވައި އިބަރަސްކަލާނގެ ޒާތުފުޅަށް ޚާއްޞަ ކުރައްވައިފައިވާ ކޮންމެ އިސްމުފުޅަކުން މިއަޅާގެ ހިތުގެ ރަބީޢު ކަމުގައި ޤުރްއާން ލައްވާ ދެއްވުމަށް އިބަރަސްކަލާނގެއަށް ދަންނަވަމެވެ. މި އަޅާގެ ހިތް އަލިކޮށްދެއްވުމަށް އިބަރަސްކަލާނގެއަށް ދަންނަވަމެވެ. މި އަޅާގެ ހިތާމަ ފިއްލަވާދެއްވުމަށް އިބަރަސްކަލާނގެއަށް ދަންނަވަމެވެ. މިއަޅާގެ ކަންބޮޑުވުން ފިއްލަވާ ދެއްވުމަށް އިބަރަސްކަލާނގެއަށް ދަންނަވަމެވެ. މި ގޮތަށް ދުޢާ ކުރާ މީހާގެ ކަންބޮޑުވުމާއި ހިތާމަ ނުފިއްލަވާ ދޫކޮށް ނުލައްވާނެތެވެ. އަދި އޭނާ އުޅޭ ތަން ތަނަވަސް ތަނަކަށް ބަދަލު ކުރައްވާނެތެވެ. އެހިނދު ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން އެ އިސްމުފުޅުތައް ދަސްކުރާންވީ ތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ނޫނެކެވެ. އެއިން އިސްމުފުޅެއް އިވޭ މީހާގެ މައްޗަށް އެ އިސްމުފުޅެއް ދަސްކުރުން ހުށްޓެވެ.))

ޖުމްހޫރު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ﷲ ޢައްޒަ ވަ ޖައްލައަށް ލިބިވޮޑިގެން ވަނީ އޮނަސައްތަ އިސްމުފުޅެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެ ކަލާނގެ އިސްމުފުޅުތައް ހިސާބުކޮށް ޢަދަދު ކުރެވޭ ވަރަށްވުރެ މާގިނައެވެ. އަލްއިމާމުލް ބައިހަޤީ ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާގެ އިސްވެ ދިޔަ ބަސްފުޅުގައި ﷲ ޢައްޒަ ވަ ޖައްލައަށް 99 އިސްމުފުޅު ލިބިވޮޑިގެންވެޔޭ ޙަދީސްކުރެއްވި ބަސްފުޅުން އެކަލާނގެ އިސްމުފުޅުތައް އެއަށްވުރެ އިތުރުވުން މަނައެއް ނުކުރެއެވެ.

އަލްއިމާމުއްނަނަވީ ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާގެ އިސްވެ ދިޔަ ބަސްފުޅުގައި ﷲ ތަޢާލާއަށް 99 އިސްމުފުޅު ލިބިވޮޑިގެންވާ ކަމަށް ޙަދީސް ކުރެއްވުމުން އެކަލާނގެ މަތިވެރި އިސްމުފުޅުތައް 99 އަށް ވުރެ ގިނަވުން މަނައެއް ނުވެއެވެ. ފަހުން މި ދެންނެވި ޙަދީސުން އެކަމަށް ބާރު ލިބެއެވެ.

އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުތަކުގެ ޢަދަދު 99 އަށް އިތުރުވެގެން ދެއެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީސްފުޅުގައި 99 އަށް ކަމަށް ޙަދީސް ކުރައްވާ މި އިސްމުފުޅުތައް ދަސްކުރި މީހަކު ސުވަރުގެ ވައްދަވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަކީ ޚާއްޞަ ކަމެކެވެ.

އައްޚައްޠާބީ ވިދާޅުވާ ގޮތުގައި މި 99 އިސްމުފުޅަކީ އެންމެ މަޝްހޫރު އެ އިސްމުފުޅުތަކުގެ މާނަ ސާފު އިސްމުފުޅުތަކެވެ.

الله سبحانه وتعالى ގެ އިސްމުފުޅުތަކަކީ އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އެނގިގެންވާ އެއްޗެއް ނޫނެވެ. އައްތިރްމިޛީއާއި، އިބްނު މާޖާއާއި، އަލްޙާކިމްގެ ރިވާޔަތްތަކަށް ބަލާއިރު ކޮންމެ ރިވާޔަތެއްގައި އެހެން ރިވާޔަތްތަކުގައި ވާރިދުވެފައި ނުވާ އިސްމުފުޅުތަކެއް ވެއެވެ. އިބްނު މާޖާގެ ރިވާޔަތުގައި 24 އިސްމުފުޅުވެއެވެ. އަލްޙާކިމުގެ ރިވާޔަތުގައި، އައްތިރްމިޛީގެ ރިވާޔަތުގައި އައިސްފައިނުވާ 28 އިސްމުފުޅުވެއެވެ. އައްތިރްމިޛީގެ ރިވާޔަތުގައި ((الرب)) އައިސްފައެއް ނުވެއެވެ.

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިތުރު އިސްމުފުޅުތަކަކީ އެކަލާނގެ މަތިވެރި ޒާތުފުޅުގެ ސިފަފުޅުތަކެވެ. އެކަލާނގެ ސިފަފުޅުތަކަކީ ގުނާ ޢަދަދު ކުރެވޭނެ އެއްޗެއް ނޫނެވެ.

الربّ އަކީވެސް މާތްﷲގެ ރިވެތި އިސްމުފުޅުތަކުގެ ތެރޭގައި ހިމެނޭ ނަންފުޅެކެވެ.

الربّ ގެ މާނައަކީ: އެކަލާނގެއީ ހުރިހާ އެއްޗެއް ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއެވެ. ހުރިހައި އެއްޗެއްގެ ވެރި ފަރާތަކީ އެކަލާނގެއެވެ. ހުރިހާ އެއްޗެއް ރައްކައުތެރި ކަމާއެކު ބަލަހައްޓަވަނީ އެކަލާނގެއެވެ. އެކަލާނގެއީ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހައި އެއްޗަކާއި، ފަސްގަނޑުގެ ދަށުގައި ވާހައި އެއްޗެއްގެ ވެރި ރަސްކަލާނގެއެވެ.

لفظ الجلالة (ނުވަތަ ﷲ) ފިޔަވައި ކީރިތި ޤުރްއާނުގައި ދެން އެންމެ ގިނައިން ވާރިދުވެފައިވާ ނަންފުޅަކީ الربّ އެވެ. އެކަލާނގެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެއެވެ. رَبّ العالمين އެވެ.

އެކަލާނގެ އަޅުތަކުން އެކަލާނގެއަށް ޙަމްދު ތާރީފު ދެންނެވުމުގެ ކުރީން އެކަލާނގެ ވަނީ އެކަލާނގެ ޛާތުފުޅަށް ތާރީފުގެ ބަސް ވަޙީކުރައްވައިފައެވެ. ((الحمد للَّهِ ربّ العالمين)) އޭ ވަޙީކުރައްވައެވެ.

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރައްވާ ގޮތުގައި މާތްﷲގެ އަޅަކު ياربّ ތިން ފަހަރަށް ދަންނަވާއިރަށް އެކަލާނގެ لبّيك އޭ ވަޙީކުރައްވާނެއެވެ. އަދި އެމީހަކަށް އެކަލާނގެ އިދާރަކުރެއްވި ކަމެއް އަވަސް ކޮށްދެއްވާ، އިރާދަކުރެއްވި ކަމެއް ފަސްކޮށްދެއްވާނެއެވެ.

ކީރިތި ޤުރްއާނުން ފެންނަ ދުޢާތަކަށް ބަލާއިރު ގިނަ ދުޢާތައް ފެށިފައި ހުރީ رب އިންނެވެ. މިސާލަކަށް

  • އާދަމުގެފާނުގެ ދެކަނބަލުންގެ ދުޢާފުޅަކީ: رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ[3]– އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.  ‏‏
  • ނޫޙުގެފާނުގެ ދުޢާފުޅަކީ: رَبِّ إِنِّىٓ أَعُوذُ بِكَ أَنْ أَسْـَٔلَكَ مَا لَيْسَ لِى بِهِۦ عِلْمٌ ۖ وَإِلَّا تَغْفِرْ لِى وَتَرْحَمْنِىٓ أَكُن مِّنَ ٱلْخَٰسِرِينَ [4]– ތިމަންއަޅާގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަން އަޅާއަށް، އެކަމަކާމެދު އެނގުމެއްނުވާކަމަކަށް، އިބަރަސްކަލާނގެ حضرة އަށް އެދި ދެންނެވުމުން، ތިމަންއަޅާ ސަލާމަތްކުރެއްވުންއެދި، އިބަރަސްކަލާނގެ حضرة ން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބަރަސްކަލާނގެ ތިމަން އަޅާޔަށް ފާފަ ނުފުއްސަވާނަމަ، އަދި رحمة ނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިމަންއަޅާ ވެދާހުށްޓެވެ.
  • އިބްރާހީމުގެފާނުގެ ދުޢާފުޅަކީ: رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِىۚ رَبَّنَا وَتَقَبَّلْ دُعَآءِ ‎﴿٤٠﴾‏ رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ [5]– އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!
  • ޢީސާގެފާނުގެ ދުޢާފުޅަކީ: ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَءَاخِرِنَا وَءَايَةً مِّنكَۖ وَٱرْزُقْنَا وَأَنتَ خَيْرُ ٱلرَّٰزِقِينَ- އޭ ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ކާތަކެތީގެ ދޮލަނގެއް އަޅަމެންނަށް އުޑުން ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި، ފަހުގެ މީހުންނަށް عيد އެއް ކަމުގައި ވުމަށެވެ. އަދި އިބަރަސްކަލާނގެ حضرة ން އައި ހެތްކެއްގެ ގޮތުގައެވެ. އަދި އަޅަމެންނަށް رزق ދެއްވައިފާނދޭވެ! އިބަރަސްކަލާނގެއީ، رزق ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ.

المنان‏ އަކީ ވެސް ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ރިވެތި އިސްމުފުޅުތަކުގެ ތެރޭގައި ހިމެނޭ ނަންފުޅެކެވެ. އިސްވެ ދެންނެވި 99 ނަންފުޅުގެ ތެރޭގައި މި ނަންފުޅެއް ނުވެއެވެ. އެއްދުވަހަކު މީހަކު اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ ‏الْمَنَّانُ ‏بَدِيعُ السَّمَوَاتِ وَالْأَرْضِ ذُو الْجَلَالِ وَالْإِكْرَامِ މިފަދައިން ކިޔާ ދުޢާކުރި އަޑު ކީރިތި ރަސޫލާ ﷺ އަށް އިވިވަޑައިގަތުމުން ޙަދީސް ކުރެއްވިއެވެ. އޭނާ ﷲގެ އެންމެ މަތިވެރި އިސްމުފުޅުން ﷲއަށް ދަންނަވައިފިއެވެ. އެ އިސްމުފުޅުން ކަމަކަށް އެދި ދަންނަވައިފިނަމަ އެކަލާނގެ އެ ދުޢާއެއް އިޖާބަ ކުރައްވާނެތެވެ.) [6] މި ދުޢާގެ މާނައަކީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެއަށް ޙަމްދު ހުށްޓެވެ. އިބަރަސްކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެއަށް ބައިވެރިއަކު ނުވެއެވެ. އިބަރަސްކަލާނގެއީ މެދުކެނޑުމެއްނެތި ނިޢުމަތްދެއްވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެއީ އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި ބިން ހެއްދެވި ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެއެވެ." މި ބަސްފުޅުން އަލްމަންނާނު އަކީ ﷲގެ އިސްމުފުޅެއްކަން އެނގެއެވެ.

ކީރިތި ރަސޫލާ ﷺގެ ޙަދީސްފުޅުތަކުން އެނގޭގޮތުގައި އަލްވިތުރު އަކީވެސް އެކަލާނގެ އިސްމުފުޅެކެވެ. މީގެ އިތުރަށް ‏(‏سُبُّوحٌ قُدُّوسٌ އާއި ‏‏الشافي‏‏ އަކީ ވެސް ﷲގެ ރިވެތި އިސްމުފުޅުތަކުގެ ތެރޭގައި ހިމެނޭ ނަންފުޅުތަކެކެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އޅުގަނޑުމެންނަށް އަންގަވަނީ (‏وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا[7]– އެންމެރިވެތި ނަންފުޅުތައް ملك ވެގެންވަނީ، اللَّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرة އަށް دعاء ކުރާށެވެ!) މި ބަސްފުޅުން ﷲގެ އިސްމުފުޅުތަކުގެ ޢަދަދަކީ އޮނަސައްތަ ކަމެއް ނޭނގެއެވެ. ކުރުކޮށް ދަންނަވާނަމަ ދެންނެވޭނީ ﷲގެ ރިވެތި އިސްމުފުޅުތަކުގެ ޢަދަދަކީ 99 ކަމަށް ކަނޑައެޅޭކަށް ނެތެވެ. އޮނަސައްތަ އިސްމުފުޅުކަމަށް ބުނާ އައްތިރްމިޛީގެ ޙަދީސަކީ ޟަޢީފު ޙަދީސެކެވެ.

 

[1]  – صحيح البخاري  ٧٣٩٢   و صحيح ابن ماجه ٣١٢٧ و صحيح الترمذي ٣٥٠٦

[2]  – أخرجه أحمد (٣٧١٢) وابن حبان (٩٧٢)، والطبراني (١٠/٢١٠) (١٠٣٥٢)

[3]  –  الأعراف : 23

[4]  – هود‏:‏ 47

[5]  – إبراهيم : 40-41

[6]  – أخرجه أبو داود (1495)، والترمذي (3475)، وابن ماجه (3857)

[7]  – الأعراف‏:‏ 180

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *