...

Support Us

ގައުމުގެ އަގުތަކަށް ޚިޔާނާތްތެރިނުވާށޭ

އޭ ވެރީންނޭ އޭ ދަރީންނޭ ގައުމު ދެކެ ތިބި ލޯބިވާ
ހޭވެރީން ދިވެހީންގެ އަގު ވައްޓައިނުލާށޭ ލޯބިވާ

ވައުދުތައް ހުވަޔާއި ކޮށް ވެރިކަން ހިފާ ހޯދާބަލާ
އަހުދުތައް އުވުމަށް ފަހުން ވެރިކަން ތަޚުތު ގައި ކޮށްބަލާ
ފަހުމުތައް އެހެނަސް ބިމުގެ ނެތިކޮށްނުލާށޭ ލޯބިވާ

ދޮގުތަކާ ބޭނުންވަރަށް މަކަރާ ހަދާށޭ ހީލަތާ
އޮޅުވަމުން ސިއްރުން މުދާ ގެންދޭ ތިމާ ވާހާ ހިތާ
އޮޅުމަކުން އެހެނަސް މިބިން ވިއްކައިނުލާށޭ ލޯބިވާ

ހިތްއެދޭ މަގަކުން ބަހާށޭ ގޮނޑިތަކާއި މަގާމްތަކާ
ތިން ހަތަރު ކުންފުންޏަކަށް ދޭށޭ ބަޖެޓް ފައިސާތަކާ
އިންޗިއެއް އެހެނަސް ބިމުން ދޫކޮށްނުލާށޭ ލޯބިވާ

ހައިކަމާ އެކުވެސް މިތާ އުޅެފާނަމޭ އުފަލާ އެކީ
ހައިބަތާ މިނިވަންކަމާ ދިވެހީންގެ އޮތް ގަދަރާ އެކީ
ބައިއަޅަން އެހެނަސް މިބިން ހުޅުވައިނުލާށޭ ލޯބިވާ

އަސްކަނީ ގައި ވެސް ނިދަން ގޭގޭގެ މިތިބީ ރުހިގެނޭ
ގަސް ރުކުގެ ހިޔަލުން ނިވައި ހޯދަން މިތިބެނީ ފުދިގެނޭ
ގަސްދު ގައި އެހެނަސް މިބިން ރަހުނުން ނުދޭށޭ ލޯބިވާ

އަގުބޮޑޭ މިނިވަންކަމާއި އަމިއްލަކަން މި ލެޔަށްވުރެން
އަގުބޮޑޭ ދީނާއި ގައުމިއްޔަތު ހިތާއި މެޔަށްވުރެން
އަގުތަކަށް ގައުމުގެ ޚިޔާނާތްތެރި ނުވާށޭ ލޯބިވާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *