ހިތެއް ގައުވެއްޖެ ނަމަ ކުފުރުގެ ހިލައިން މަޑުވާނެ ބޭހެއްވޭ
މުތެއް ފަދަ މާތްވި ދީނޭ ބޭހަކީ ކަށަވަރު ޔަގީން ކުރެވޭ
ފިލައިގެން ނޫރު ދާނަމައީ ހިތުން މީހާގެ އިސްލާމީ
ފިލާވަޅު ދޭ ނަސޭހަތަކުން އަލުން އަލި ނޫރު އެބަ ވިދުވޭ
ކަމާ ދުރުހެލި ވަމުން ދާނަމަ ޖަމާއީ އެންމެހައި އެދެވޭ
ނަމާދުގެ ރީތި އަޚުލާގުން އަލުން އޮފުދާރު ހިތް ކުރެވޭ
އަދާކުރުމުން ހިތާ ޢަމަލުން އިބާދާތުގެ ވިދާ އަސްލުން
ހަނދާނަށް އާވެ މާތް ޒިކުރާ ހިތުގެ ފަރުދާ އެ ކަޝްފުވެވޭ
ޣަރާމުގެ ހޫނުގައި އަނދަމުން ހިތާ ނަފުސާއި ދާނަމައީ
އަރާމީ ރޯދައިން ހުރިހާ ޣަރާމުގެ ހޫނު ފިނި ކުރެވޭ
ވަކާރަށް ތިޔަ މުދާތައް ގިނަ އެޅީމާ ހަޑި ނަޖިސް އެބަވޭ
ޒަކާތުގެ ހެޔޮއަތުން ދީލަތި މުދާ ޠާހިރު އަމާން ކުރެވޭ
ޤުލޫބުގެ ރީތި ފެހި ފޭރާން ވުމުން ހަޑި ޖާހިލީ ކިލައިން
ޢުލޫމުގެ ދޮވެލުމުން ފެނަކުން އެހިތްތައް ސާފު އެބަ އަލިވޭ
ނަހީކޮށް މުންކަރާތީ ކޮންމެ ސިފައެއް ކުލައަކާ ރަހައާ
ވަޙީ އޮތް އަމުރު މަޢުރޫފުން ހަޔާތެއް އެބަ ފަތަހަ ކުރެވޭ