...

Support Us

ޢާޝޫރާ ދުވަސް: ކޮން ދުވަހެއް؟

ﷲގެ ދުވަސްތައް

މާތް ﷲ މި ދުނިޔެއާ ދުނިޔޭގައި ވާހައި އެއްޗެއް ހެއްދެވުމާއެކު ޚާއްޞަ ދުވަސްތަކެއް ލެއްވިއެވެ. ﷲގެ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއިން ޢިބްރަތް ޙާޞިލު ކުރުމަށް ޓަކައެވެ. އެކަލާނގެ ނިޢުމަތްތަކުގެ މަތިން ހަނދުމަ ކުރުމަށް ޓަކައެވެ. އެކަލާނގެ މަންހަޖަށް ތަބާވުމަށް ޓަކައެވެ. މާތްﷲ ވަޙީ ކުރައްވަނީ ((وَذَكِّرهُم بِأَيّىٰمِ اللَّـهِ إِنَّ فى ذٰلِكَ لَـٔايـٰتٍ لِكُلِّ صَبّارٍ شَكورٍ))[1] މާނައީ "އަދި އެއުރެންނަށް اللَّه ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ! ހަމަކަށަވަރުން، މި ދުވަސްތައް ކެތްތެރިކަން ބޮޑު، شكر ވެރިވުން ގިނަ ކޮންމެ މީހަކަށް، އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

އެކަލާނގެ މަތިވެރި ޒާތުފުޅަށް މި ދުވަސްތައް ނިސްބަތް ކުރައްވާފައިވަނީ ކީއްވެގެންތޯއެވެ؟ އާދެ! ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެ ދުވަސްތައް އެކަލާނގެ ޒާތުފުޅަށް ނިސްބަތް ކުރައްވާފައި ވަނީ އެ ދުވަސްތަކުގެ މުހިއްމުކަމުންނެވެ. އެ ދުވަސްތަކުގެ ޝަރަފުވެރިކަމާއި މާތްކަމުންނެވެ.

ދެން އޮތް ސުވާލަކީ ﷲގެ ދުވަސްތަކަކީ ކޮބައިހެއްޔެވެ؟ މި ކަމާ ބެހޭގޮތުން ޢިލްމުވެރިންގެ ރައުޔުތައް ތަފާތެވެ.

  • ފުރަތަމަ ރައުޔު: އެއީ މުހިއްމު ހާދިސާތަކެއް ހިނގަފައިވާ ދުވަސްތަކެވެ. މި ދުވަސްތައް އެއީ މުސްލިމުންނަށް ނަޞްރު ދެއްވި ދުވަސްތަކެއް ކަމުގައި ވެދާނެއެވެ. އެއީ މުއުމިނުން އިމްތިޙާނު ކުރެއްވުމަށް ޓަކައި ކުރިމަތި ކުރެއްވި ހާދިސާތަކެއް ހިނގި ދުވަސްތަކެއް ކަމުގައި ވެސް ވެދާނެއެވެ. މިސާލަކަށް ބަދްރު ހަނގުރާމައަކީ މުސްލިމުންނަށް ވަރަށް މަތިވެރި ކާމިޔާބީއެއް ލިބުނު ދުވަހެކެވެ. އުޙުދު ހަނގުރާމައަކީ މުސްލިމުންނަ ވަރަށް ބޮޑު އިމްތިޙާނެއް ކުރިމަތި ކުރެއްވި ދުވަހެކެވެ. އިސްވެ ދިޔަ އާޔަތުގައިވާ ފަދައިންނެވެ.
  • ދެވަނަ ރައުޔު: ﷲގެ ދުވަސްތަކަކީ އެ ދުވަސްތަކުގައި މުއުމިނުންނަށް ޢިއްޒަތާއި ނަޞްރާއި ކާމިޔާބު ދެއްވާނެކަމަށް ވަޢުދުވެ ވޮޑިގެންފައިވާ ދުވަސްތަކެވެ. އެ ދުވަސްތަކުގެ ތެރޭގައި ޤިޔާމަތް ދުވަސް ހިމެނޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެނީ އެ ދުވަހަކީ މުއުމިނުންނަށް ކާމިޔާބާއި ޢިއްޒަތް ލިބޭނެ ދުވަހެވެ. އެއީ ކާފިރުން ނިކަމެތިވެ ބަލިކަށިވެގެންދާނެ ދުވަހެވެ.
  • ތިންވަނަ ރައުޔު: ﷲގެ ދުވަސްތަކަކީ މާތް ﷲ އެކަލާނގެއަށް އަޅުކަންކުރުމަށް އަންގަވާފައިވާ ޚާއްޞަ ދުވަސްތަކެވެ. މިސާލަކަށް ރަމަޟާން މަސް.

ޢާޝޫރާ ދުވަސް

މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި ޛިކްރާތަކާއި ޢިބްރަތްތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. ތަފްސީރު ފޮތްތައް ބުނާގޮތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ އާދަމުގެފާނުގެ ތައުބާ ޤަބޫލު ކުރެއްވީ ޢާޝޫރާ ދުވަހުގައެވެ. ނޫޙުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ޠޫފާނުން ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހުގައެވެ. ޠޫފާނު މަޑުވެ، ދުނިޔެއަށް އަމާންކަން ލިބި ނޫޙުގެފާނު އެކަލޭގެފާނުގެ ނައުކޮޅުން ބިމަށް ފައިބައިވަޑައިގަތީ ޢާޝޫރާ ދުވަހުގައެވެ. އިބްރާހީމުގެފާނު އަންދައިލާން ވެގެން ލަޢުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އެކަލޭގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހުގައެވެ. ޔޫސުފުގެފާނުގެ އަޚުންގެ ނުބައި ރޭވުންތަކުން ޔޫސުފުގެފާނު ސަލާމަތް ކުރެއްވުމަށް ފަހު އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނާ އަލުން ބައްދަލުވެވަޑައިގަތީ ޢާޝޫރާ ދުވަހުގައެވެ. ޔޫނުސުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބަ ނުދިނުމުން ކޯފާވެ، ﷲގެ އިޒްނަފުޅާ ނުލައި އެ ޤައުމުން ބޭރަށް ވަޑައިގަތުމުން މަހެއްގެ ބަނޑުތެރޭގައި ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަތެވެ. މި މަހުގެ ބަނޑު ތެރެއިން ޔޫނުސްގެފާނު ސަލާމަތްވެ ވަޑައިގަތީ ޢާޝޫރާ ދުވަހުގައެވެ. އައްޔޫބުގެފާނު އިމްތިޙާނު ކުރެއްވުމުގެ ގޮތުން އެކަލޭގެފާނަށް ޖެއްސެވި ދިގު ބޮޑު އާލާސްކަންފުޅުން، އެކަލޭގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހުގައެވެ.[2]

ޢާޝޫރާ ދުވަހަކީ ފިރްޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކޮށްދެއްވި ދުވަހެވެ. ފިރްޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވި ދުވަހެވެ. ފިރްޢައުނާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރެއްވިއެވެ. "ٱلَّذِينَ طَغَوْا۟ فِى ٱلْبِلَـٰدِ، فَأَكْثَرُوا۟ فِيهَا ٱلْفَسَادَ، فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ[3]– އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ. ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ގެ ބާވަތްތައް އޮއްސެވިއެވެ." މޫސާގެފާނު ދީނަށް ގޮވައިލެއްވުމުގައި ދެމި ހުންނެވި ނަމަވެސް ފިރްޢައުނުގެ ބޮޑާކަމާއި ޖައްބާރުކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން، މާތްﷲ މޫސާގެފާނަށް ބަނީ އިސްރާއީލު ބާގައިގެ މީހުން ގޮވައިގެން މިޞްރުން ފައިބައިވަޑައިގަތުމަށް އެންގެވިއެވެ. ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި ނުކުތުމުން ފިރްޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅިން ނައްތައިލުމަށް ޓަކައި ނުކުތެވެ. ފިރްޢައުނާއެކު މިޞްރުގެ ބޮޑުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު ނުކުތެވެ.އޭނާއަށް ދެވުނީ އިރު އަރަނިކޮށްނެވެ. މާތްﷲ ކަނޑު ހިއްކަވައި ދެއްވުމުން ބަނީ އިސްރާއީލު ބާގައިގެ ބާރަ ޤަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްޞަ ކުރެއްވިގެންވާ މަގުން ލައިފައި ކަނޑު ހުރަސްކޮށް ސީނާއަށް ދިޔައެވެ. ފިރްޢައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔައެވެ. މޫސާގެފާނުގެ ޤައުމުގެ މީހުންނަށް ސީނާއަށް ދެވުމުން މާތްﷲ އެ ކަނޑު ކުރީގެ ގޮތަށް ބަދަލު ކުރެއްވައިފިއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. "وَأَزْلَفْنَا ثَمَّ ٱلآخَرِينَ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ، ثُمَّ أَغْرَقْنَا ٱلآخَرِينَ [4]– ތިމަންރަސްކަލާނގެ فرعون އާއި އޭނާގެ ޤައުމުގެ މީހުން އެތަނަށް ކައިރި ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (ޣަރަޤުން) ސަލާމަތް ކުރެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: ކާފިރުން) ޣަރަޤު ކުރެއްވީމެވެ. "

މި ފަދަ ޙާދިސާތަކުގައި ގިނަގުނަވެގެންވާ ޢިބްރަތްތަކާއި ދަރްސުތައް ވެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުޞީބަތްތަކުންނާއި ބަލާތަކުން ސަލާމަތް ކުރައްވާ ގޮތް އެނގި އީމާންކަން ހަރުދަނާ ކުރުމަށް ޓަކައެވެ. މި ފަދަ ޙާދިސާތަކުން އެނގެނީ މި ފަދަ މުޞީބާތްތަކުން ސަލާމަތް ވެވޭނީ އީމާންކަމާއި އިސްލާމުކަމުންކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީ ކަމެވެ. މިއިން އެނގެނީ ﷲއަށް އިތުބާރުކޮށް އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެގެން މެނުވީ އެއްވެސް ދުނިޔެއެއްގައި ސަލާމަތެއް ނެތްކަމެވެ.

ޢާޝޫރާ ދުވަހު ރޯދަހިފުން

ޢާޝޫރާ ދުވަހުގައި ރޯދަ ހިފުން ކީރިތި ރަސޫލާ ﷺ ވަނީ ސުންނަތެއް ކަމުގައި ލައްވައިފައެވެ. މޫސާގެފާނާއި އެކަލޭގެފާނަށް އީމަންވީ މީހުން ފިރްޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ދެއްވި ކަމަށް ޓަކައި ޝުކްވެރިވުމުގެ ގޮތުންނެވެ. ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖްރަ ކުރެއްވިއިރު އެރަށުގެ ޔަހޫދީން ޢާޝޫރާ ދުވަހުގައި ރޯދަ ހިފާތީ އެމީހުންނާ ސުވާލު ކުރެއްވިއެވެ. އެމީހުން ރޯދަ ހިފަނީ އެ ދުވަހުގައި މާތްﷲ މޫސާގެފާނު ސަލާމަތް ކުރައްވާފައިވާތީ ކަމަށް ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "فَأنَا أحَقُّ بمُوْسَى مِنْكُمْ [5]– ތިޔަބައިމީހުންނަށް ވުރެ މޫސާގެފާނަށް ޓަކައި ރޯދަ ހިފުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ." މި ދުވަހުގައި ރޯދަ ހިފުމުގެ ސަވާބު ބަޔާންކޮށް ދެއްވަމުން ޙަދީޘް ކުރައްވަނީ "صيَامُ يَوْمِ عَاشُوْرَاءَ أحْتَسِبُ عَلَى اللهِ أَنْ يُكفِّرَ السَّنةَ التِيْ قَبْلَهُ [6] ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށް ފާފަތައް ފުއްސަވާދެއްވާނެ ކަމެކެވެ." ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އޭގެ ކުރީ ދުވަހު (އެ ބަހީ ނުވަވަނަ ދުވަހު) ނުވަތަ އެ ދުވަހާ ޖެހިގެން އަންނަ ދުވަހު (އެބަހީ އެގާރަވަނަ ދުވަހު) ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "لئِنْ بَقِيْتُ إِلَى قَابِلٍ لَأَصُوْمَنَّ التَاسِعَ [7]– މިއަންނަ އަހަރުގެ މި ދުވަހާ  ޖެހެން ދެން ތިމަންކަލޭގެފާނު ދުނިޔޭގައި ލަހައްޓަވައިފި ނަމަ ހަމަކަށަވަރުން ނުވަވަނަ ދުވަހުގައި ވެސް ރޯދަފުޅު ހިއްޕަވާ ހުށީމެވެ!"

ޢާޝޫރާ ދުވަހާ ބެހޭގޮތުން ދެކެވޭ އަސާސެއް ނެތް ވާހަކަތައް

މުޙައްރަމު މަހުގެ ތާސޫޢާ ދުވަހާއި ޢާޝޫރާ ދުވަހުގައި ﷲގެ ވަޖްހުފުޅު އަދައިގެން ރޯދަހިފުން ނޫން ދެވަނަ އިތުރު ކަމެއް ކުރާކަށް ﷲ އަންގަވައިފައެއް ނެތެވެ. ޢާޝޫރާ ދުވަހު ކަނދި ކެއްކުމާއި ކަންޖާ އަޅައި ކުޑަކުދިން ކިރުމާއި ޢާޝޫރާ ވިލޭރޭގައި "ޢާޝޫރާ ދުޢާ"ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި އެ ރެއާއި އެ ދުވަހުގައި ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރްޢު ކުރައްވައިފައެއް ނެތެވެ. ޢާޝޫރާ ރޭގައި ޢާޝޫރާ ދުޢާ ކީ މީހަކު އެ އަހަރު މަރު ނުވާނެ ކަމަށާއިއެރޭ އަޅުކަން ކުރާ އިރު މޫސާގެފާނުގެ ވާހަކަ އައިސްފައިވާ ޤުރްއާނުގެ ސޫރަތްތައް ކިޔެވުމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ﷺގެ އެއްވެސް ބަސްފުޅެއް ނެތެވެ. މިއީ ދީނުގައި ނެތް ބިދްޢަތަކެކެވެ. ޢާޝޫރާ ދުވަހު ފެންވަރައި އަނދުންއެޅި މީހާ އެ އަހަރުގެ ތެރޭގައި ލޮލު ރޯގާއެއް ނުޖެހޭނެކަމަށް ބުނާ ވާހަކައަކީ އެއްވެސް އަޞްލެއް ނެތް ވާހަކަތަކެކެވެ. އެ ދުވަހުގައި ހީނާފަތް އެޅުމާއި އެ ދުވަހު ބައްދަލުވާހައި ބަޔަކާ ސަލާންގަލާން ކުރުމުގެ މަތްކަމާ ބެހެގޮތުން އެއްވެސް ޞައްޙަ ޙަދީސްފުޅެއް ނެތެވެ.[8] މާތް الله ރުއްސުން ލެއްވި އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި "ޢާޝޫރާ ވިލޭރެއަކީ އެއްވެސް ޚާޢްޞަކަމެއް ލިބިގެންވާ ރެއެއް ނޫނެވެ. އެ ރޭގައި ވަކި ނަމާދެއް ކުރަން އަންގަވައިފައެއް ނެތެވެ."[9]

އިބްނު ތައިމިއްޔާ ލިޔުއްވާފައި ވެއެވެ. "މާތް الله ރުއްސުން ލެއްވި ޙުސައިނުގެފާނު ޝަހީދުވުމާ ވިދިގެން މީސްތަކުން ބިދްޢަތަކެއް އީޖާދު ކުރިއެވެ. އެއީ ޢާޝޫރާ ދުވަހުގައި ރޮއި ހިތާމަކުރުމާއި، ގައިގައި ތަޅައި އަމިއްލަ ނަފްސަށް އަނިޔާކުރުމާއި، ފެން ނުބޮއި ކަރުހިއްކުން މަތީގައި ހުރުމެވެ. މީހަކު މަރުވުމުން އެކަމާ މެދު ހިތާމަކުރުމުގެ ގޮތުން މިފަދަ ކަމެއް ކުރުމަކީ ކީރިތި ރަސޫލާ ﷺ ނަހީ ކުރައްވާފައިވާ ކަމެކެވެ."[10]   މީގެ ތެރެއިން ގިނަ ކަންތައްތަކަކީ ޝީޢީންނާއި ރާފިޟީންނާއި މި ދީނުގެ ދުޝްމަނުން މި ދީނުގެ އަޞްލުއުޞޫލުތައް އޮޅުވައިލުމަށް ޓަކައި ދީނީ ކަންކަން ކަމަށް ހަދައިގެން މުސްލިމުންގެ ތެރެއަށް ތަޢާރުފުކޮށްފައިވާ ކަންތައްތަކެކެވެ. މި ބިދްޢަތަކާ ދުރުހެލިވެގެން މި ދުވަހު ކީރިތި ރަސޫލާ ﷺ އެންގެވި ފަދައިން ރޯދަހިފައި اللهގެ ޙަޟްރަތާ ކުއްތަން ވެވޭތޯ މަސައްކަތް ކުރަމާތޯއެވެ! ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ أَحْدَثَ فِى أَمْرِنَا مَا لَيْسَ مِنْهُ فَهُوَ رَدٌّ) [11] މާނައީ: "މި ދީނުގައި ނުހިމެނޭ ކަމެއް މި ދީނުގެ ތެރެއަށް ވައްދައިފިމީހާ ދަންނާށެވެ. ފަހެ އެކަމެއް އެމީހަކަށް ރައްދު ވެގެންވެއެވެ."

[1]  –  إبراهيم  : 5

[2]  – މި ވާހަކަތައް الأزرقى ލިޔުއްވާފައިވެއެވެ.

[3] – الفجر: 11،،12 ، 13

[4] – الشعراء : 64-66

[5] – رواه الشيخان

[6] – أخرجه مسلمٌ

[7] – أخرجه مسلمٌ

[8]  – الفتاوى 4/512

[9]  – مطالب أولي النهى 1/581

[10]  – منهاج السنة (4/544)

[11] – متفق عليه

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.