...

Support Us

ނަބަވީ ހިޖްރައިން މި ޒަމާނުގެ މުހާޖިރުން ލިބިގަންނަންޖެހޭ ދަރުސްތައް

ދުވަސްތަކާއި މަސްތައް ދައުރު ވަމުންދާއިރު އަހަރުތައް ފާއިތުވަމުން ދެއެވެ. ފާއިތުވަމުންދާ ދުވަސްތަކާއި މަސްތަކުގައި ޒިކުރާތަކާއި ޢިބްރަތްތައް ވެއެވެ. ހާސާވެގަންނަން ޖެހޭ ނަފަޙާތުތައް ވެއެވެ. މި ގޮތުން ބަލާއިރު މާދަމާއަކީ މުސްލިމުންގެ އައު އަހަރު ފެށޭ ދުވަހެވެ. މުޙައްރަމު މަހުގެ މުލަ ދުވަހެވެ. ކީރިތި ރަސޫލާ ﷺ މާތްﷲގެ ރިސާލަތާއި ދަޢުވަތަށް ޓަކައި އަމިއްލަފުޅު ވަޒަން ދޫކުރައްވާ މަދީނާއަށް ހިޖްރަކުރެއްވި ހިޖްރަކުރެއްވުމުގެ ހަނދާންތައް އައުވެގެންދާ ދުވަހެވެ.

ތެދުފުޅެކެވެ. މައްކާ ފަތަޙަވެގެން ދިޔުމާއެކު މައްކާއިން މަދީނާއަށް ހިޖްރަކުރުން ނިމިއްޖެއެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ މައްކާ ފަތަޙަކުރެއްވި ދުވަހު ޙަދީސް ކުރެއްވިއެވެ. (لا هِجْرَةَ بَعْدَ الفَتْحِ، ولَكِنْ جِهادٌ ونِيَّةٌ، وإذا اسْتُنْفِرْتُمْ فانْفِرُوا [1]– މައްކާ ފަތަޙަވުމަށްފަހު ހިޖްރަކުރުމެއް ނެތެވެ. އެހެނަސް އޮތި ޖިހާދާއި ނިޔަތެވެ. އަދި ތިޔަބައިމީހުންނަށް ހަނގުރާމައަށް ނުކުތުމަށް ގޮވައިލެވިއްޖެނަމަ ފަހެ ތިޔަބައިމީހުން ހަނގުރާމައަށް ނުކުންނާށެވެ!)

އެ ގޮތަށް މި ކަން އޮތް ނަމަވެސް އެހެނިހެން ރަށްރަށަށް ހިޖްރަކުރުމުގެ ދޮރު ބަންދު ކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އެއީ ކީރިތި ރަސޫލާ ﷺ ގެ ކުރީގެ ނަބީބޭކަލުން ވެސް ކުރައްވައިފައިވާ ކަމެކެވެ. ދީނަށް ވަފާތެރި ދާޢީން ވެސް ކުރައްވައިފައިވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތުމުން ނުވަތަ މައްކާ ފަތަޙަ ކުރެއްވުމުން ހިޖްރަކުރުމަށް ހުއްޓުމެއް ނެތެވެ. ހުއްޓިގެންދިޔަ ހިޖްރައަކީ މައްކާއިން މަދީނާއަށް ކުރަމުންދިޔަ ހިޖްރައެވެ. އެއީ މައްކާ އިސްލާމްދީނުގެ ގޮވައްޗަކަށް ބަދަލުވުމުންނެވެ. މުސްލިމުންނަށް އެ ރަށުގައި ނަފްސަށާއި މުދަލަށާއި އަބުރަށާއި މުދަލަށް ރައްކައުތެރިކަން ލިބުމުންނެވެ.

މި ޒަމާނުގައި މުސްލިމުން އެމީހުންގެ ރަށްތަކުން ހުޅަނގުގެ ރަށްތަކަށް ހިޖްރަކުރަމުންދާ ތަން ފެނެއެވެ. އަނިޔާވެރިކަމުންނާއި ޚުދްމުޚްތާރުކަމުން ސަލާމަތްވުމަށް ޓަކައެވެ. އަމާންކަމާއި މިނިވަންކަން ލިބޭތޯއެވެ. އަތްމަތިދަތިކަމާއި ތަދުމަޑުކަމުން ސަލާމަތްވުމަށް ޓަކައެވެ. ކުރާނެ މަސައްކަތެއް ނުލިބިގެން ބަނޑުފުރާނަ މުއްތި ކުރެވޭނެ މަގެއް ފެނޭތޯއެވެ. އިސްލާމީ ރިސާލަތު ފެތުރުމަށް ޓަކައެވެ. އިސްލާމްދީން ކިޔަވާދިނުމަށް ޓަކައެވެ.

ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ހިޖްރަކުރެއްވީ އެކަމަށް ބޭނުންވާ ސަބަބުތަކުގައި ހިފަހައްޓަވައިގެންނެވެ. ﷲ ތަޢާލާގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެކަމަށް ވަރަށް ރަނގަޅަށް ރާއްވަވައިގެންނެވެ. ދުޝްމަނުންނަށް މި ރޭއްވެވުމަށް ހުރަސްއެޅިދާނެ އެންމެހައި ބާގަނޑުތައް ބަންދުކުރައްވައިގެންނެވެ. އެހެންކަމުން މި ޒަމާނުގައި ވަޒަން ދޫކޮށް ހުޅަނގުގެ ޤައުމުތަކަށް ހިޖްރަކުރާ މީހުން އެކަލޭގެފާނުގެ ހިޖްރަކުރެއްވުމުން ދަރުސްތަކާއި ޢިބްރަތްތައް ލިބިގަންނާން ޖެހޭނެއެވެ.

ﷲގެ މަގުގައި ކުރާ ހިޖްރައަކަށްވުން: المصطفى عليه الصلاة والسلام ކުރެއްވި ހިޖްރައަކީ ﷲގެ މަގުގައި ކުރެއްވި ބޮޑު ޖިހާދެކެވެ. އެކަލޭގެފާނު މައްކާއިން އެކަލޭގެފާނުގެ ގެކޮޅުން ނުކުމެވަޑައިގަތީ އެކަލޭގެފާނުގެ ދީނާއިގެންނެވެ. އިސްލާމީ ދައުލަތް ބިނާކުރެއްވުމަށް ޓަކައެވެ. އެކަލޭގެފާނުގެ ދަޢުވަތު ފުރިހަމަ ކުރެއްވުމަށް ޓަކައެވެ. މި ޒަމާނުގައި ބައެއް މީހުން ހިޖްރަކުރަނީ ދުނިޔަވީ ވަގުތީ އަރާމެއް ޙާޞިލު ކުރުމަށް ޓަކައެވެ. އަމިއްލަ އެދުމަކަށް ޓަކައެވެ. އެހެނަސް ބައެއް މީހުން ހިޖްރަކުރަނީ ﷲގެ ވަޖްހުފުޅު އަދައިގެންނެވެ. ﷲގެ ދީނަށް ނަޞްރު ދިނުމަށް ޓަކައެވެ. އޭނާގެ ޙަޔާތާއި ވަގުތު ދީނަށް ޓަކައި އުންމަތަށް ޓަކައި ހިބަކޮށްގެންނެވެ. އެހެންކަމުން ހިޖްރަ ކުރުމުގެ ކުރީންނާއި ފަހުން ﷲއަށް މި ޢަމަލު ޚާލިޞް ކުރާން ޖެހޭނެއެވެ.މި ގޮތަށް ހިޖްރަ ކުރާމީހާއާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

(وَمَن يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِن بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ ۗ [2]– ﷲ ގެ މަގުގައި هجرة ކުރާ މީހަކަށް، ބިމުގައި هجرة ކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ. އަދި، اللَّه އާއި، އެކަލާނގެ رسول އާއަށްޓަކައި هجرة ކުރާ حال، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ اللَّه ގެ حضرة ގައި ثابت ވެއްޖެއެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.) ﷲގެ މަގުގައި ހިޖްރަކުރާ މީހާއާ ކުރިމަތިވާ އެންމެހާ ބުރަތަކާއި ތަޙައްމުލުކުރާ އެންމެހާ ވޭންތަކާއި ބަރުދާސްތުކުރާ ކެކުޅުންތައް އޭނާ އުފުއްލާނީ ﷲގެ ޙަޟްރަތުން  ދަރުމައަށް އެދިއެވެ. އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ. ޝަކްވާއެއް ނެތިއެވެ. ކެތްތެރިކަމާއެކުގައެވެ. އެއީ އޭނާގެ ހަރުދަނާ އީމާންކަމެވެ. ބިޔަ ފަރުބަދައެއްހާ ބަރުދަން ހުރި އީމާންކަމެވެ. މިފަދަ ބުރަތައް ތަޙައްމުލު ކުރެވޭނީ މާތް ރަސޫލާގެ ތަރްބިޔަތުގެ މަތީގައި ތަރްބިޔަތު ލިބިފައިވާ މީހަކަށެވެ. އޭގެ މޭވާއަކަށް ވާނީ ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَالَّذِينَ هَاجَرُوا فِي اللَّهِ مِن بَعْدِ مَا ظُلِمُوا لَنُبَوِّئَنَّهُمْ فِي الدُّنْيَا حَسَنَةً ۖ وَلَأَجْرُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا[3] – އެއުރެންނަށް އަނިޔާ ލިބުމަށްފަހު، اللَّه އަށްޓަކައި هجرة ކުޅަ މީހުންނަށް، ހަމަކަށަވަރުން، ދުނިޔޭގައިވެސް އެއުރެން އުޅޭނޭ ރަނގަޅު ވަޒަން، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، آخرة ގެ ދަރުމަ މާބޮޑެވެ. އެއުރެން (އެކަން) ދަންނަނަމައެވެ.) މި އާޔަތުގައި ހިޖްރަކުރުމަށް ފާޅުކަން ބޮޑު ޝަރްޠެއް ކުރައްވައިފާ ވެއެވެ. އެ ޝަރްޠަކީ އެ ކަން (في الله- ﷲއަށް ޓަކައި) ކުރެވޭ ކަމަކަށް ވުމެވެ.އަދި މި އާޔަތުގައި އެކަމުގެ ސަބަބުތައް ބަޔާން ކުރައްވައިފައި ވެއެވެ. އެއީ އަނިޔާވެރިކަމާއި ފިތުނައެވެ. އެކަމުގައި ތަބާވާން ޖެހޭ މަންހަޖަކީ ކެތްތެރިކަމާއި ﷲއަށް ވަކީލުކުރުމެވެ. އެކަމުން ލިބޭ މޭވާއަކީ (لَنُبَوِّئَنَّهُمْ فِي الدُّنْيَا حَسَنَةً ۖ وَلَأَجْرُ الْآخِرَةِ أَكْبَر- އެއުރެން އުޅޭނޭ ރަނގަޅު ވަޒަން، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، آخرة ގެ ދަރުމަ މާބޮޑެވެ.)

ސަވާބިތުތަކުގައި ހިފެހެއްޓުމާއި އައު މުޖްތަމަޢުގެ ދޯދިޔާކަމުގެ ތެރެއަށް ގެނބިގެން ނުދިޔުން: ވަރަށް ގިނަ ބަޔަކު އެމީހުންގެ ރަށުން ހިޖްރަ  ކުރާއިރު އެމީހުންގެ ޢަޤީދާއަށާއި ދީނުގެ ސަވާބިތުތަކުގެ މަތީގައި ދެމިތިބުމާމެދު ވިސްނައިފައެއް ނުވެއެވެ. އެހެންކަމުން އެ މީހުން މަޑުމަޑުން މި އައު މުޖްތަމަޢުގެ ދޯދިޔާ އަގުތަކުގެ ތެރެއަށް ގިރިގެންދާތަން ފެނެއެވެ. އެމީހުންނާއި އެމީހުންގެ ދަރީންގެ އަޚްލާޤު ބަދަލުވަމުން ދެއެވެ. އާދަތައް ބަދަލުވެއެވެ. އަދި ކިއެއްތޯއެވެ. އެމީހުންގެ މާތްދީނުގެ އަސާސީ ސަވާބިތުތަކާ މަޑުމަޑުން އެކަހެރިވަމުން ދެއެވެ. އޭގެތެރޭގައި އަންހެނުންގެ ހެދުމަށް ބަދަލު އަންނަ ތަން ފެނެއެވެ. އައު މުޖްތަމަޢާ އެއްގޮތަށް ފައިހަމަކުރުމަށް ޓަކައި ޢައުރަނިވާ ނުވާގޮތަށް ހެދުންލާން ފަށާތަން އާދެއެވެ. މިއީ ޣައިރު މުސްލިމު ޤައުމަތަކަށް ހިޖްރަކުރާ މުސްލިމުން ވިސްނަންޖެހޭނެ ކަމެކެވެ.

ރަސޫލާ ﷺ ގެ ހިޖްރައިގައި ޢިބްރަތްތަކެއް ވެއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ދަޢުވަތަށް ބަދަލެއްވ ނުގެންނަވައެވެ. އެކަލޭގެފާނުގެ ގެ ރިސާލަތުގެ އަޚްލާޤިއްޔާތުގެ މަތީގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު މަދީނާވެ ވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނުގެ މިތުރު ޞަޙާބީންވެސް އެކަލޭގެފާނު ދަސްކޮށްދެއްވި ސަވާބިތުތައް މަތީގައި ދެމިތިއްބެވިއެވެ. ސަވާބިތުތައް ސަވާބތުތަކުގެ ގޮތުގައި ދެމެހެއްޓެވިއެވެ. މިޒަމާނުގައި ހިޖްރަކުރާ މީހުން ރަސޫލާގެ ހިޖްރައިން މި ދަރުސްތައް ލިބިގަންނާން ޖެހޭނެއެވެ. ދީނުގެ އަޞްލަކަށް ނުވަތަ ނައްޞަކުން ކަނޑައެޅިގެން ވާ ޙުކްމަކަށް ބަދަލެއް ނުގެނެވޭނެއެވެ. ދީނުގެ މަޤާޞިދުތަކުން މަޤްޞަދެއް ފުޑުފުޑުކޮށެއް ނުލެވޭނެއެވެ. ހިޖްރަކުރުން ހުއްދަވާނީ ދީނުގެ އުޞޫލުތަކާއި އަޚްލާޤިއްޔާތުގައި ހިފަހެއްޓުމާއެކުގައެވެ. މިއިން ކަމަކަށް ބަދަލު ގެންނާން ޖެހޭނަމަ އެ ރަށެއް ދޫކޮށް އެހެން ރަށަކަށް ބަދަލުވާން ޖެހޭނެއެވެ. ހިޖްރަކުރުމުގެ ކުރިން އެ ކަން އެނގޭނަމަ އެ ރަށަކަށް ހިޖްރަކުރުން ހުއްޓައިލާން ވާނެއެވެ. ކިތަންމެ ރަނގަޅު ވަޒީފާއެއް ލިބެން އޮތަސް ތިމާގެ އަޚްލާޤު އިތުރަށް ނުބައި ކުރުވާ މުޖްތަމާޢަކަށް ދިރިއުޅުން ބަދަލުކުރުން ހުއްދަ ނުވާނެތެވެ.

ސަބަބުތަކުގައި ހިފެހެއްޓުން: ކީރިތި ރަސޫލާ ﷺ ގެ ހިޖްރައިން އަޅުގަނޑުމެން ޙާޞިލު ކުރާންޖެހޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ސަބަބުތަކުގައި ހިފެހެއްޓުމުގެ މުހިއްމު ކަމެވެ. އެކަލޭގެފާނު ﷲގެ ރަސޫލެއް ކަމުގައި ވާތީ ﷲގެ ޢިނާޔަތާއި ރިޢާޔަތު އެކަލޭގެފާނާ އެކު އަބަދުވެސް ވާނެކަން ކަށަވަރެވެ. އެހެނަސް އެކަލޭގެފާނު މައްކާއިން މަދީނާއަށް ހިޖްރަކުރެއްވީ އެ ދަތުރުފުޅު ކާމިޔާބު ކުރެއްވުމަށް ބޭނުންފުޅުވާ ހުރިހާ ކަމެއް ކުރައްވައިގެންނެވެ. ދަތުރުފުޅަށް ބޭނުންފުޅުވާ ގަދަފަދަ ދެ ސަވާރީ ތައްޔާރުކުރެއްވިއެވެ. މަގުދައްކާދޭނެ ތަޖްރިބާކާރު އާރުކާޓީއެއް ހޯއްދެވިއެވެ. މައްކާގެ މީހުންނަށް އޮޅުވައިލެއްވުމަށް ޓަކައި ދަތުރުފުޅު ކުރެއްވީ ޔަމަނާ ދިމާއަށެވެ. މައްކާގެ މީހުން އެކަލޭގެފާނު ހިފާން މަސައްކަތް ކުރާނެތީ ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ދެތިން ދުވަހަށް މަޑުކޮށްލެއްވިއެވެ. މިތާނގައި ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ ވަފާތެރި ރަޙްމަތްތެރިޔާ އަބޫބަކްރުއް ޞިއްދީޤު ތިއްބެވި ދުވަސްތަކުގައި ފަރިއްކޮޅާއި މައްކާގެ ޚަބަރުތައް ލިބިވަޑައިގަންނަވާނެ ވަސީލަތްތައް ހަމަޖެއްސެވިއެވެ. މުޝްރިކުންނަށް އޮޅުވައިލެއްވުމަށް ޓަކައި އެ ރޭ އެކަލޭގެފާނުގެ ދާންމަތިކޮޅުގައި ޢަލީގެފާނު އަވަހާރަފުޅު ލައްޕަވަން ބޭއްވެވިއެވެ. ކުރުކޮށް ދަންނަވާނަމަ އެކަލޭގެފާނު ވަނީ މާއްދީ މާނަވީ، ފަރްދީ ޖަމާޢީ، ބަދަނީ ރޫޙާނީ، ދުނިޔަވީ އުޚްރަވީ ސަބަބުތަކުގައި ހިފަހައްޓަވައިފައެވެ.

މާއްދީ ސަބަބުތަކުގައި ހިފެހެއްޓުމުގެ މާނައަކީ އެކަމުގެ މައްޗަށް މުޅިން ބަރޯސާވުމެއް ނޫނެވެ. އެހެނަސް ނަމޫނާ ގޮތަކީ ސަބަބުތަކުގައި ހިފެހެއްޓުމާއެކު ﷲ ތަޢާލާއަށް ވަކީލުކުރުމެވެ.

އިސްލާމްދީން އަޅުގަނޑުމެންނަށް މި ގޮތަށް ޢަމަލު ކުރުމަށް އެންގެވި ނަމަވެސް މި ޒަމާނުގައި ބައެއް މީހުން ހިޖްރަކުރަނީ އެއްވެސް އަމާޒެއް ނެތިއެވެ. އެމީހުންގެ ރިސާލަތު އަދާކުރުމަށް ބޭނުންވާ ބަހާތަކާމެދު ވިސްނާނުލައެވެ. މި ކަމުގެ ސަބަބުން އެމީހުންގެ މެދުގައި އަރާރުންތައް އުފެދެއެވެ. އެމީހުން ހިޖްރަކުރި އަޞްލު ޤަޟިއްޔާ މަތިން ހަނދާން ނައްތައިލައިފައެވެ. އެކަމުގެ ސަބަބުން ދުނިޔެ ވެސް ކާމިޔާބުނުވެ، ދީނަށް ވެސް ނަޞްރެއް ނުލިބެއެވެ.

ކަނޑައެޅިފައިވާ ރޭވުމަކާއި ސާފު ތަޞައްވުރަކާ އެއްގޮތަށް ހިޖްރަކުރުން: ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ހިޖްރަކުރެއްވީ ސާފު އަމާޒުތަކަކަށް ޓަކައެވެ. ޙާޞިލު ކުރައްވަން ބޭނުންފުޅުވާ މަޤްޞަދުތައް ކުރައްސަވައި އެ ކަންކަމަށް ރާއްވަވައިގެންނެވެ. ވަގުތު ނަންގަވައެއް  ނުލައްވައެވެ. ހުރިހާ ވަގުތުތަކަކާއި ހަކަތައެއް ހުސްކޮށްލެއްވީ މި ކަންކަމަށެވެ. ﷲގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް ޓަކައެވެ. ﷲގެ ދީނަށް ނަޞްރު ދެއްވުމަށް ޓަކައެވެ. އިސްލާމީ އުންމަތެއް ޤާއިމު ކުރައްވައި މުސްލިމުން ބާރުވެރިކުރެއްވުމަށް ޓަކައެވެ. މުސްލިމުންނަށް ނަޞްރު ދެއްވާނެކަމުގެ ޖާމިނުވުން މާތްﷲ ދެއްވި ނަމަވެސް، އިސްލާމީ ރިސާލަތު ދުނިޔޭގެ އުޑުގައި ވިހުރުވޭނެކަމުގެ ހެޔޮ ޚަބަރު ދެއްވި ނަމަވެސް، މުސްލިމުން ދުރު ކުރިމަގަށް ޓަކައި (އާޚިރަތަށްޓަކައި) ޝައުޤުވެރިވިއެވެ. އެމީހުންގެ ހިތްތައް އެކަމަށް ދަހިވެތިވެ ގަދައަޅައި މަސައްކަތް ކުރިއެވެ. މިހެންވެ އެމީހުންގެ ހަށިތަކަށް ވަރުބަލިކަމެއް ނާދެތެވެ. އެމީހުންގެ ނަފުސަށް ފޫހިކަމެއް ނުލިބެތެވެ. އެމީހުންގެ އުންމީދުތަކުން މުޅި ކައުނު ފުރައިލިއެވެ.

އަމާޒުފަތްގަނޑަށް ވާޞިލުވެވެންދެން ޖިހާދު ކުރިއަށް ގެންދިޔުން: ކީރިތި ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވި ދުވަހުން ފަށައިގެން އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ނުކުރައްވަވާ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. މައްކާގައި މި މަގަށް އެޅިފައި އޮތް ހުރަސްތައް ނެތިގެން ދިޔުމުން އިސްލާމީ ރިސާލަތާއިގެން ކުރިއަށް ވަޑައިގަތެވެ. އިސްލާމީ ދައުލަތް ބިނާކުރައްވާން ފެށްޓެވިއެވެ. ނަމޫނާ އިސްލާމީ މުޖްތަމަޢެއް ޤާއިމު ކުރެއްވިއެވެ. އެއްބަނޑުއެއްބަފައިކަމުގެ މަތީގައިވާ މުޖްތަމަޢެކެވެ. އެކަކު އަނެކަކަށް އަޅައިލާ މުޖްތަމަޢެކެވެ. އިސްލާމްދީން ބާރުވެރިކޮށް އިންސާނިއްޔަތަށް އަމާންކަން ހޯދައިދިން ދައުލަތެކެވެ. އިންސާނިއްޔަތު މިނިވަން ކުރި ދައުލަތެކެވެ. އެއަށްފަހު މައްކާއަށް ވަޑައިގެންނެވީ ފާތިޙެއްގެ ގޮތުގައެވެ.

މި ޒަމާނުގެ މުހާޖިރުންނަށް އެމީހުންގެ ލަނޑުދަނޑިތައް ޙާޞިލު ކުރެވެމުންދޭ ބާވައެވެ؟ އެމީހުންގެ ކިބައިގައި ހަރުދަނާ ރޭވުމެއް ވޭ ބާވައެވެ؟ އެމީހުންގެ ހަކަތަތައް ދީނުގެ ޚިދްމަތުގައި ބޭނުންކުރޭ ބާވައެވެ؟ އެމީހުންނަށް ލިބެމުންދާ ފުރްޞަތުތައް ރަނގަޅު ގޮތުގައި ވުނަކުރަމުންދޭ ބާވައެވެ؟ މާތްﷲ އަށް ނަޞްރުދޭ ބަޔަކަށް އެކަލާނގެ ނަޞްރު ދެއްވާނެތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِن يَنصُرْكُمُ ٱللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعْدِهِۦ ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ [4]– اللَّه، ތިޔަބައިމީހުންނަށް نصر ދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއްނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް نصر ދޭނީ ފަހެ، ކާކުހެއްޔެވެ؟ އަދި، ހަމައެކަނި اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ!)

 

[1]  – صحيح البخاري ٢٧٨٣ ، صحيح الترمذي ١٥٩٠،  صحيح ابن حبان ٤٥٩٢

[2]  – النساء: 100

[3]  – النحل: 41

[4]  – آل عمران : 160

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *